Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފ. އަތޮޅު ވިއްކާލުން

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ސިޔާދަތު މުހިއްމުވާ އެންމެ މައިގަނޑު ސަބަބަކީ ދައުލަތެއްގެ ދަރަޖަ ލިބިގަނެ، އެގޮތުގައި ދެމިއޮތުމަށް

ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 08:24
ފ. ހިމިތި

ފ. ހިމިތި

އަޅުގަނޑުމެންގެ ތެރޭގައި މިދުވަސްވަރު އެންމެ ހަރުއަޑުން ދެކެވެމުން އަންނަ ވާހަކައަކީ ދިވެހި ސަރުކާރުން ފާފު އަތޮޅު ސައޫދީ އަރަބިޔާއަށް ނުވަތަ އެޤައުމުގެ ޝާހީ އާއިލާއަށް ވިއްކާން އުޅޭ ވާހަކައެވެ. މި މުޢާމަލާތާ ގުޅިގެން ދިވެހި ދައުލަތު ސިޔާދަތު ގެއްލިދިޔުމުގެ ބިރު ކުރިމަތިވެފައިވާކަމަށް ބުނެ އެކިފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުން ވަކީން ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ. މިއީ ޙަޤީޤަތުގައި ވަރަށް ޚައްސާސް މައްސަލައެކެވެ. އެކަމަކާމެދު ބަހުސްކުރެވި، އޭގެ ތެދުދޮގު ޤާއިމްކުރާންޖެހޭ މައްސަލައެކެވެ. ޤައުމެއްގެ އަސާސީ ސިފަޔަކީ ސިޔާދަތުކަމަށް ވާތީއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ކުރިމަތީގައި އެއްދައުލަތާ އަނެއް ދައުލަތް ހަމަހަމަކޮށްދޭ އަސާސަށްވާތީއެވެ. ޤައުމުގެ މިނިވަންކަމާ ސިޔާދަތާ ގުޅިފައިވާތީވެސްމެއެވެ.

ސިޔާދަތަކީ ކޮބާ؟

ސިޔާދަތުގެ މަފުހޫމް އެކުލެވިގެންވަނީ ގިނަ ފަށަލަތަކެއްގެ މައްޗަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުގައި ޢާއްމުކޮށް ސިޔާދަތަކީ ކޮބައިކަން ސިފަކުރެވޭ ގޮތަށް ބަލާއިރު ސިޔާދަތަކީ ދައުލަތުގެ ސަރަޙައްދުގެ މައްޗަށް އެދައުލަތުގެ ބާރު މުޠުލަޤުގޮތުގައި އޮތުމެވެ. ސިޔާދަތުގެ އަސާސަކީ ދައުލަތުގެ ސަރަޙައްދުގެ މައްޗަށް ޤާނޫނު ހަދައި، ހިންގުމުގެ ބާރު ދައުލަތުގެ ކިބައިގައި ދެމިއޮތުމެވެ. އެގޮތުން ސިޔާދަތަކީ ދައުލަތުގެ ސަރަޙައްދާ ގުޅިލާމެހިފައިވާ ސިފައެކެވެ. އަދި ސިޔާދަތުގެ އަސްލަކީ ރައްޔިތުންނެވެ.

ސިޔާދަތު މުހިއްމުވަނީ ކީއްވެ؟

ސިޔާދަތު މުހިއްމުވާ އެންމެ މައިގަނޑު ސަބަބަކީ ދައުލަތެއްގެ ދަރަޖަ ލިބިގަނެ، އެގޮތުގައި ދެމިއޮތުމަށެވެ. ސިޔާދަތަކީ އަސާސީ ސިފައެއްކަމުގައިވުމެވެ. މިގޮތުން ބަލާއިރު، ދައުލަތެއްގެ ދަރަޖަ ލިބިގަނެވެނީ ރައްޔިތެއް އޮތުމާއި، އެރައްޔިތަކާ ގުޅިފައިވާ ވަކި ސަރަޙައްދެއް އޮތުމާއި، އެސަރަޙައްދުގެ މައްޗަށް ޙުކޫމަތު ހިނގާ ސިޔާސީ ބާރުވެރިކަމެއް އޮތުމާއި އަދި ސިޔާދަތު އޮތުމެވެ. މިސިފަތަކަށް ބަލާއިރު، މީގެ ތެރެއިން އެހެނިހެން ޖަމާޢަތްތަކާ ފުރިހަމަ ދައުލަތަކާ ތަފާތުކުރާ ސިފައަކީ ސިޔާދަތުކަމަށް ގިނަ ޢިލްމުވެރިން ދެކެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ ކުރިމަތީގައި އެއް ދައުލަތް އަނެއް ދައުލަތާ ހަމަހަމަކޮށްދޭ ސިފައަކީ ސިޔާދަތެވެ.

ފާފު އަތޮޅު ވިއްކުމުން ދިވެހި ދައުލަތުގެ ސިޔާދަތަށް ނުރައްކާވަނީ ކީއްވެ؟

ދުނިޔޭގެ ތާރީޚަށް ބަލާއިރު ބިންގަނެގެން އެކިއެކި ދައުލަތްތަކުގެ ސަރަޙައްދު ބޮޑުކުރެވިފައިވެއެވެ. އެގޮތުން 1803 ވަނަ އަހަރު އެމެރިކާއާއި ފްރާންސްއާ ދެމެދު ކުރެވުނު 'ލޫސިއާނާ ޕަރޗެސް' ގެ މުޢާމަލާތާއި އަދި 1867 ވަނަ އަހަރު އެމެރިކާއާއި ރޫސީ ވިލާތާ ދެމެދު ކުރެވުނު 'އެލަސްކާ ޕަރޗެސް' ގެ މުޢާމަލާތް ފާހަގަކުރެވެއެވެ. ނަމަވެސް މިޒަމާނަށް އެޅުނު އިރު މިބާވަތުގެ މުޢާމަލާތްތަކުގެ ޒަރީޢާއިން ދައުލަތުގެ 'ސަވަރިން ޓެރިޓަރީ' ނުވަތަ ސިޔާދަތު ހިނގާ ސަރަޙައްދު އިތުރުކުރުން ހުއްޓުމަކަށް އައިސްފައިވެއެވެ. ކަން މިހެންއޮއްވާ މީގެ އަހަރުތަކެއް ކުރީން އަނެއްކާވެސް ތަފާތު ސިފައެއްގައި ބިދޭސީ ދައުލަތްތަކުން ނުވަތަ ބިދޭސީ ދައުލަތްތަކުގެ މަސްލަޙަތު އޮންނަ ކުންފުނިތަކުން އެހެނިހެން ދައުލަތްތަކުގެ ސަރަޙައްދުން ބިން ހޯދުން ވުޖޫދުވެފައިވެއެވެ. މިގޮތުން ފައިސާވެރި ޤައުމުތަކުން ފަޤީރު ޤައުމުތަކާއި އަދި ކުދި ޤައުމުތަކުން ބިޔަ ސަރަޙައްދުތައް ގަނެ، ނުވަތަ ދިގު މުއްދަތަށް ކުއްޔަށް ހިފާ، އެ ދައުލަތްތަކުގެ މުހިއްމު މަޞްލަޙަތުތައް ހިމާޔަތްކޮށް ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. މިބާވަތުގެ މުޢާމަލާތްތައް އަމާޒުވާ ޤައުމުތަކުގެ ރައްޔިތުންނަށް އެ މުޢާމަލާތްތައް 'ވިޔަފާރި' ނުވަތަ 'ތަރައްޤީ' ގެ ބަހުރުވައިން ސިފަކޮށްދޭން މަސައްކަތްކުރެވުނުނަމަވެސް މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހޫނުކޮށް ބަހުސް ކުރެވެމުންދާ، އަދި ޚުދު މިބާވަތުގެ މުޢާމަލާތްތަކުގެ އަމާޒަށްވާ މުޖުތަމަޢުތަކުގައި ގިނަ ބަޔަކު ހަރު އަޑުން ދެކޮޅުހަދަމުންދާ ކަމެއްކަން ފާހަގަކުރެވެއެވެ. އަދި މިބާވަތުގެ މުޢާމަލާތްތައް 'ލޭންޑް ގްރެބިންގ' (ބިން ޖަހައިގަތުން) ގެ ގޮތުގައި ސިފަކުރެވި، މިއީ އާދައިގެ ވިޔަފާރި ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކާ ޚިލާފަށް، އޭގައި އެތައް ފަށަލައެއް އެކުލެވޭ ކަމެއްކަމާއި އެގޮތުން މިބާވަތުގެ މުޢާމަލާތްތަކުން ޤައުމުގެ ސިޔާސީ މަސްރަހަށް ނޭދެވޭ ނުފޫޒު ފޯރާނޭކަމާއި، ޤައުމުގެ ސިޔާދަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭނޭކަމާއި އަދި ޚުދު އިންސާނީ ޙައްޤުތަކަށް ނޭދެވޭ އަސަރު ފޯރާނޭކަމަށް ނުހަނު ގިނަ ފަރާތްތަކުން ދެކެއެވެ.

ފާފު އަތޮޅު ވިއްކާލުމާގުޅޭގޮތުން ދިވެހި ސަރުކާރާއި ސައޫދީ އަރަބިޔާ ނުވަތަ އެޤައުމުގެ ޝާހީ އާއިލާއާދެމެދު އެކުލަވާލަންއުޅޭކަމަށް ބުނެވޭ މުޢާމަލާތަށް ޤާނޫނީ ނަޒަރިއްޔާތުން ބަލާއިރު، ބޭރުގެ ދައުލަތަކަށް ނުވަތަ އެދައުލަތުގެ މަސްލަހަތުއޮތް ފަރާތަކަށް ތާއަބަދަށް ދެމިގެންދާ މުޢާމަލާތަކުން ދިވެހިރާއްޖެއިން ސަރަޙައްދެއް ވިއްކާ، ހިބަކޮށްދިނުމުން އެ ސަރަޙައްދުގެ މައްޗަށް ދައުލަތުގެ ބާރާއި ކޮންޓްރޯލް ހަނިވެގެންދާނެއެވެ. އަދި އެ ސަރަޙައްދުގެ ވަސީލަތްތައް ބޭނުންކުރުމާއި އެއިން މުޢާމަލާތުކޮށް މަންފާ ލިބިގަތުމުގެ މަގުވެސް ތާއަބަދަށް ބަންދުވެގެންދާނެއެވެ. ފާފުއަތޮޅު ވިއްކާލުމުން ދައުލަތުގެ ސިޔާދަތަށް ގެއްލުންވާނޭތޯ، މިސުވާލަށް ސީދާ ބަލާއިރު، ދާދި އިހަކަށްދުވަހު ލީކުވި ޕީ.ޕީ.އެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަޙުމަދު ނިހާންގެ އޯޑިއޯއިން އެނގޭގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ބަދަލުގެނެސް އެބަދަލާއެކު ދިވެހި ތާރީޚްގައި ފުރަތަމަ ފަހަރަށް ބިދޭސީންނަށް ބިން ވިއްކާ މިލްކުކޮށްދިނުމުގެ ދޮރު ހުޅުވާދެވުނީ ސަޢޫދީ ޝާހީ އާއިލާގެ ބޭފުޅެއްގެ އެދިވަޑައިގަތުމަށެވެ. ކަށަވަރުވީކަމަކީ ބާރުވެރި ބިދޭސީ ފަރާތަކުން ބޭނުންވީ ބަދަލު، އެފަރާތުން ބޭނުންވީ ގޮތަށް ދިވެހި ރާއްޖޭގެ އެންމެ އަސާސީ ޤާނޫނަށް ގެނެވުނުކަމެވެ. ދިވެހި ރާއްޖޭގެ ޤާނޫނީ ތާރީޚްގައި ބިންވަޅުނެގި ދެމިގެންއައިސްފައިވާ އަސާސެއް އިސާހިތަކުން ފުރޮޅާލެވުނުކަމެވެ. ދިވެހީންގެ ބަހެއް އަދި ރުހުމެއް ހޯދުމެއް ނެތިމެއެވެ. މިމޭރުމުން ވިސްނާއިރު، ސިޔާދަތަކީ ޤައުމުގެ ސަރަޙައްދުގެ މައްޗަށް ޤާނޫނު ހަދައި، ތަންފީޛުކުރުމުގެ މުޠުލަގު ބާރުކަމުގައިވީހިނދު، ދިވެހީންގެ ބަހެއް އަދި ރުހުމެއް ހޯދުމެއް ނެތި، ބިދޭސީ ބާރުވެރި ފަރާތެއް އެދުނު ބަދަލު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު ހިނދުން ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބިއްޖެމެއެވެ.

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް ލެވިއްޖެމެއެވެ. ޙަޤީޤަތުގައި ގެއްލުން ލިބުނީ ސިޔާދަތަށް އެކަންޏެއްނޫނެވެ. ސިޔާދަތަށް ލިބުނު ގެއްލުމާއެކު ބައެއް އަސާސީ އިންސާނީ ޙައްޤުތަކަށް އުނިކަން ލިބި އަނެއް ބައި ޙައްޤުތަކަށް އުނިކަންލިބުމުގެ މަގަށް ހުށަހެޅިއްޖެކަމުގައި ފާހަގަކުރާންޖެހެއެވެ. މިގޮތުން ބައިނަލްއަޤްވާމީ މައި މުޢާހަދާތަކުން ކަށަވަރުކޮށްދޭ ރައްޔިތުންގެ ކަލެކްޓިވް ޙައްޤުއްކަމަށްވާ ޤައުމުގެ ކަންކަން އަމިއްލައަށް ނިންމުމުގެ ޙައްޤު (ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން) އާއި އަދި ޤުދްރަތީ ވަސީލަތްތަކުގެ މައްޗަށް އޮތް ރައްޔިތުންގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށް ފާހަގަކުރެވެއެވެ. އަދި ފާފު އަތުޅު ވިއްކުމުގެ މުޢާމަލާތް ކުރިއަށް ގެންދަނީނަމަ، ވަކީން ޚާއްޞަކޮށް އެސަރަޙައްދުން އެހެން ސަރަޙައްދަކަށް ބަޔަކު ބަދަލުކުރެވޭނަމަ ބޯހިޔާވަހިކަމުގެ ޙައްޤާއި ސާފު ބޯފެނާއި ކާބޯތަކެތީގެ މައްޗަށް އޮތް ޙައްޤާއި ސަޤާފަތާއި އިޖުތިމާޢީ ގުޅުން ދެމެހެއްޓުމުގެ ޙައްޤަށް ނުރައްކާކުރިމަތިވުމުގެ އިހުތިމާލު ބޮޑުކަމުގައި ފާހަގަކުރެވެއެވެ. އެހެނީ، ދިވެހީންނަކީ މަސްވެރިކަމާއި ދަނޑުގޮވާންކުރުމުން ކައިބޮއި އުޅޭ ބަޔަކަށްވުމާއި އަދި ފާފު އަތޮޅަކީ ދިގު ތާރީޚަކާއި އެ އަތޮޅަށް ޚާއްޞަވާ ސަޤާފަތެއް އޮތް ސަރަޙައްދަކަށްވާކަން ހަނދުމަކުރުމާއެކުމެއެވެ.

ކޮންމެއަކަސް، މިއަދު ކޮންމެ ނަޒަރިއްޔާތަކުން ބެލިނަމަވެސް ކަށަވަރުވަނީ ފާފު އަތޮޅު ވިއްކާލުމުގެ މުޢާމަލާތުގެ ސަބަބުން ދިވެހި ދައުލަތުގެ ސިޔާދަތުގެ ފޭރާމުގައި ނިޒާމީ ބާގަނޑެއް ހެދިއްޖެކަމެވެ. އަދި ލަހެއް ފަހެއް ނެތި ޤައުމީ މަޞްލަޙަތު އިސްކޮށް މިބާގަނޑު ބައްދާ، އިހު އޮތްގޮތަށް ވާސިލުކުރާންޖެހޭކަމެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުންތެރިޔާ އެނގެން ބޭނުންވަނީ "ދުނި"ގެ ނަމުންނެވެ. ލިޔުންތެރިޔާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައި ހުންނެވި، އަދި ދައުލަތުގެ އިސް މަގާމުތަކުގެ ފުރިއްވި ބޭފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު