ފުލުހުންގެ އޮޕަރޭޝަން: 06 ގެއެއްގެ ބަލާ ފާސްކޮށް ގިނަ ހެކިތަކެއް ހޯދައިފި
18 ޑިސެމްބަރު 2019 | ބުދަ 19:20އޮޕަރޭޝަންގައި ދޯންޏެއް ވެސް ބަލާފާސްކޮށްފައިވޭ


މަޑުއްވަރީގައި ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން
ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން ރ. މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 06 ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ހެކި ހޯދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއޮޕަރޭޝަންއާ ގުޅޭ ގޮތުން ހެޑް އޮފް ސީރިއެސް އެންޑް އޯގަނައިޒްޑް ކްރައިމް ވިންގްގެ ޗީފް ސްޕްރިޓެންޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ 2019 ޑިސެންބަރު މަހު 18 ވަނަ ދުވަހުގެ ހެނދުނު 8:00 ހާއިރުން ފެށިގެން މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަންއަކީ އެރަށުގައި ހަރުކަށި ފިކުރުގެ ބަޔަކު އެމީހުންގެ އެފިކުރުތައް ވަރަށް ފުޅާ ދާއިރާއެއްގައި ފަތުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގޭ އޮޕަރޭޝަނެއް ކަމަށެވެ.
ބަޝީރު ވިދާޅުވީ މިހަރުކަށި ފިކުރުގެ މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށާއި، މިމީހުން ގަބޫލުކުރާ ގޮތުގަ އެމީހުންގެ ހަރުކަށި ފިކުރު ގަބޫލުނުކުރާ މީހުންގެ މުދަލާއި ނަފްސު އަދި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއް ކަމަށެވެ. ބަޝީރު ވިދާޅުވީ އެމީހުން ގަބޫލުކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އަދި އެމީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ހުއްދަކަމެއް ކަމަށެވެ. އަދި ކުޑަ ކުދިންނަށް އަންހެންނުނަށް ލިބިދޭންޖެހޭ ހައްގުތައް މަހުރޫމްކޮށްގެން ގެންގުޅުމަކީ އެމީހުންގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކުޑަ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުގެ ތެރޭގައި ވެކްސިން ދިނުމާއި ކިޔެވުމުގެ ހައްގުން ކުދިން މަހުރޫމްކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޝީރު ވިދާޅުވިއެވެ. މިހުރިހާ ސަބަބުތަކާ ހުރެ ފުލުހުންނާއި ސިފައިން އޮޕަރޭޝަން މިހިންގަނީ މިފަދަ ނުބައި ކަންތައްތަކުން މުޖުތަމައުގައި ފެތުރުން ހުއްޓުވައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަޝީރު ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ މިއޮޕަރޭޝަންގައި މަޑުއްވަރީގެ 06 ގެއެއް އަދި ދޯންޏެއް ވެސް ބަލާ ފާސް ކުރެވިފައިވާ ކަމަށެވެ. އަދި ފާސް ކުރެވުނު ގެތަކާއި ދޯނިން މިމައްސަލައާ ގުޅުން ހުރި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލަތްތައް ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ. އޭގެ އިތުރުން ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ފުލުހުންނަށް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ބަޝީރު ވިދާޅުވީ މިހާތަނަށް މިއޮޕަރޭޝަންގައި ލިބިފައި ހުރި މައުލޫމާތުގެ އަލީގަ ކުޑަ ކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއޮޕަރޭޝަންގައި މިހާތަނަށް ތިން ފިރިހެނަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
މިއޮޕަރޭޝަންއަކީ މިހާރު ވެސް ކުރިއަށްދާ ކުރިއަށް އޮތް ހަފްތާއަށް ދެމިގެންދާ އޮޕަރޭޝަންއަކަށްވާތީ މިއޮޕްރޭޝަންއާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.





