އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!
23 އޮކްޓޯބަރު 2026 | ހުކުރު 04:49ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށް، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި. ނަމަވެސް، އެމެރިކާއިން މި ދައުވާތައް ދޮގުކުރާއިރު، މި ކުރިމަތިލުންތަކާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފައި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް އައިއާރްޖީސީން ދިން ހަމަލާތަކެއްގައި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނާ އާގުބޯޓެއް | އާރުޓީ
ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށި ފަހުން، ހުރްމުޒް ކަނޑުއޮޅިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އުޅަނދުތަކަށް ގެއްލުންވި ހާދިސާގައި، ތެޔޮ އުފުލާ ހަތް ޓޭންކަރަކަށް ހަމަލާ އަރައި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުން ބުނެފި އެވެ.
ހަމަލާ އަމާޒުވި އުޅަނދުތަކުގެ ތެރެއިން ހަތަރު އުޅަނދަކަށް ހަމަލާދީ ރޭގަނޑުގެ ވަގުތެއްގައި އަލިފާން ރޯވީ ތެޔޮ ބަދަލުކުރުމުގެ މަސައްކަތުގައި އޮއްވައި ކަމަށާއި، އަނެއް ތިން އުޅަނދު ދަތުރު ނުކުރެވޭ ވަރަށް ހުއްޓުނީ ކަނޑުއަޑީގެ މައިންތަކުގައި ޖެހިގެން ކަމަށް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއިން (އައިއާރްޖީސީ) ބުންޏެވެ. ނަމަވެސް، މި ދައުވާތައް މިނިވަން ފަރާތަކުން ކަށަވަރު ކުރެވިފައި ނުވާއިރު، އެއްވެސް މީހަކު މަރުވި ނުވަތަ ޒަޚަމުވި ކަމެއް، އަދި އެ ޓޭންކަރުތައް ނިސްބަތްވާ ޤައުމުތަކުގެ އެއްވެސް ތަފުސީލެއް އެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެ އެވެ.
ހުރްމުޒް ކަނޑުއޮޅީގެ އެހެން ސަރަހައްދުތަކުން ޓޭންކަރުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވޮޝިންގޓަނުން އެހީތެރިވާން ފަށައިފި ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ވެސް އައިއާރްޖީސީން ވަނީ ދީފަ އެވެ. "މި ގޮތަށް ކަންކަން ކުރިއަށްދާ ނަމަ، މި ކުރިމަތިލުން ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ހަމައަށް ފުޅާވެގެންދާނެކަން އެމެރިކާގެ އަސްކަރިއްޔާއަށް އެނގެންޖެހޭނެ. މިއީ، ވަރުގަދަ އިންޒާރެއް،" އައިއާރްޖީސީން ނެރުނު ބަޔާނެއްގައި އިންޒާރު ދިނެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދައުރުވަމުންދިޔަ އިސްތިރާޖީ ކަނޑުއޮޅި ކަމަށްވާ ހުރްމުޒްގެ ފުރިހަމަ ކޮންޓުރޯލު އޮތީ އެ ޤައުމުގެ ބާރުގެ ދަށުގައި ކަމަށް އީރާނުން ދައުވާ ކުރެ އެވެ. އަދި، އެ ޤައުމުގެ ހުއްދައަކާ ނުލައި އެ ކަނޑުއޮޅިން ދަތުރުކުރަން އުޅޭ އުޅަނދުތަކަށް އީރާނުން އަންނަނީ ތަކުރާރުކޮށް ހަމަލާ ދެމުންނެވެ. ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އެ ކަނޑުއޮޅިން އުޅަނދުތަކަށް ސަލާމަތީ ރައްކާތެރިކަން ދީގެން ދަތުރުކުރުވަމުންނެވެ. އަދި، އީރާނުން އޭގެ ރައްދުގައި ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
"އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ކުރިން ތެލުގެ އަގު މައްޗަށް ޖެއްސުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އީރާނުން ދަނީ ކުރަމުން،" ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ. "ކުރިމަތިލުންތައް ފެށުމުގެ ކުރިން ދަތުރުކުރި ވަރަށްވުރެ ވެސް ގިނައިން މިހާރު ހުރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރަމުންދާތީ، އެ މީހުން އުޅެނީ ދޮގު ހަމަލާތަކާއި މައިންތަކުގެ ވާހަކަތަކާއި އެހެނިހެން ކަންކަން ހަދަހަދައިގެން،" ޓްރުތު ސޯޝަލް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ޢޮމާންގެ ވެރިރަށް މަސްޤަތުގެ ޤަބޫސް ބަނދަރުގައި އައްސޭރިފަށުގައި އަޅާފައިވާ ތެޔޮ ޓޭންކަރުތަކާއި އާގުބޯޓުފަހަރު | ގެޓީ އިމޭޖަސް
މައިންތަކާ ގުޅޭ ގޮތުން އީރާނުން ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް އަލް ޖަޒީރާއަށް މައުލޫމާތު ދެއްވި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ވިދާޅުވި އެވެ. ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ މަގުތަކުގައި އަޅާފައިވާ މައިންތައް އެމެރިކާގެ އަސްކަރިއްޔާއިން ސާފުކޮށްފައިވާ ކަމަށާއި، އީރާނުން ބޭނުންކުރަނީ މިސައިލާއި ޑްރޯން ކަމަށް އެ ތަރުޖަމާނު ވިދާޅުވި އެވެ. އަދި، ކަނޑުއޮޅި އަދިވެސް އޮތީ ހުޅުވާލެވިފައި ކަމަށާއި، ދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން %95 އުޅަނދު އެއްވެސް ހުރަހެއް ނެތި ދަތުރުކުރަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އެމެރިކާއިން ހަލާކުކޮށްލި ކަމަށް ބުނާ އަސްކަރީ ގާބިލުކަން އަލުން ބިނާކުރުމަށް ބޭނުންވާ ވަސީލަތްތަކުން އީރާން މަހުރޫމްކޮށްލާފައިވާ އެމެރިކާގެ ކަނޑުގެ ބަންދުގެ ސަބަބުން، މި ހަމަލާތަކުން ދައްކުވައިދެނީ ތެހެރާން "މާޔޫސްވެފައިވާ" މިންވަރު ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ހަނގުރާމައިގެ ޚަރަދުތަކަށް އެމެރިކާގެ ރައްޔިތުން އެދެނީ ލުޔަކަށް
"ކޮންމެ ދުވަހަކު ވެސް ހަމަލާ އަމާޒުވާ އުޅަނދުތަކާއި ޓޭންކަރުތަކުގެ އަދަދު ދަނީ އިތުރުވަމުން، އަދި އީރާނުން ބުނަމުން ދަނީ މި ހާލަތަށް އެއްވެސް ބަދަލެއް އައުމަށް އެ މީހުން ފުރުސަތު ނުދޭނެތީ މި ކަން މި ގޮތަށް ކުރިއަށް ގެންދާނެ ކަމަށް. އެ މީހުން ބުނާ ގޮތުގައި މި ވަގުތު ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓުރޯލު އޮތީ އެ މީހުންގެ އަތްމަތީގައި،" މަސްރަހު ދިރާސާކުރާ އަލް ޖަޒީރާގެ ނޫސްވެރިޔާ މުޙައްމަދު ވަލަދު ބުންޏެވެ.
ނޮވެންބަރުގެ ކުރީކޮޅު އޮންނަ އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ކުރިން ވެސް އެމެރިކާއިން ހަމަލާދީފާނެ ކަމަށް އީރާނުން އިންތިޒާރު ކުރަމުންދާއިރު، ހަނގުރާމަ ވަރަށް އަވަހަށް އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ ކަމުގެ އަޑުތައް ތެހެރާނުގައި ފެތުރިފައިވާ ކަމަށް ވަލަދު ބުންޏެވެ. "އީރާން ކުރިއަށްވުރެ މާ ބޮޑަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި، އެމެރިކާއާ ދެކޮޅަށް ދެމެހެއްޓެނިވިކޮށް ހަނގުރާމައެއް ކުރުމަށް ފުދޭ ވަރަށް ހަތިޔާރާއި ވަސީލަތްތައް އުފައްދާފައިވާ ކަމަށް އައިއާރްޖީސީގެ އަސްކަރީ ވެރިޔާ ވަނީ ފަޚުރުވެރިކަމާއެކު ވިދާޅުވެފައި،" ވަލަދު ބުންޏެވެ.
އިންތިޚާބުގެ ކުރިން ނަގާފައިވާ ޚިޔާލުހޯދުންތަކުން ޓްރަމްޕްގެ ސިޔާސީ ޕާޓީއަށް ވެސް މި މަންޒަރު ފެންނަމުންދާއިރު، "އީރާނަށް ހަމަލާދިނުމަކީ ރިޕަބްލިކަން ޕާޓީގެ އެއްވެސް މަސްލަހަތަކަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ،" އަލް ޖަޒީރާގެ އެހެން ނޫސްވެރިއެއް ކަމަށްވާ ކިމްބަރލީ ހޮލްކެޓް ބުންޏެވެ. "ފަހުގެ ސާވޭތަކާއި މިއަދާ ހަމައަށް ވެސް ޚިޔާލުހޯދުންތަކުން ފެންނަން އޮތް ހަގީގަތަކީ، އީރާނާ ދެކޮޅަށް ފުޅާވެގެންދާ އެއްވެސް ހަނގުރާމައަކަށް އެ މީހުން ދައްކާ ޓެކުސް ފައިސާ ޚަރަދުވުމުގެ ބަދަލުގައި، އެމެރިކާގެ ގިނަ ރައްޔިތުން އެދެނީ އެ ކަމުން ލުޔެއް ލިބުމަށް،" ހޮލްކެޓް ބުންޏެވެ.
"މި ކުރިމަތިލުންތަކުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެން، އާންމު އެމެރިކާ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ހަގީގީ މާޔޫސްކަމެއް އެބައޮތް... މީގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ ރައީސަށް މި ކަމުގައި ސަބަބުތައް ބަޔާންކޮށްދެއްވަން މި ވަނީ މަޖުބޫރުވެފައި. ރައީސަށް މި ޕްރެޝަރު އޮތީ ހަމައެކަނި އިދިކޮޅު ޕާޓީގެ ފަރާތަކުން ނޫން. އަދި، ރިޕަބްލިކަން ޕާޓީގެ އެތެރެއިން ވެސް މި ޕްރެޝަރު އެބައޮތް،" ހޮލްކެޓް ބުންޏެވެ.
މަސްދަރު: އަލް ޖަޒީރާ











