ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިން ބޭނުންވޭ: ޚުތުބާ
11 އޯގަސްޓު 2019 | އާދީއްތަ 04:45އިސްމާއީލުގެފާނުގެ ކިޔަމަންތެރިކަމުގެ ނަމޫނާއިން ޒުވާނުން އިބްރަތް ހާސިލްކުރަން ޖެހޭ


އީދު ނަމާދު ކުރަނީ
އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިން ބޭނުންވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް މިއަދު އިއްވި އަޟްހާ އީދު ދުވަހުގެ ޚުތުބާގައި ބުނީ މިއަދަކީ ގުރުބާނީ ދުވަސް ކަމަށާއި، މިއަދަކީ މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވި އިބްރާހިމްގެފާނައި އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން އިސްމާއީލުގެފާނާ ކުރިމަތު ކުރެއްވި ބޮޑު އިމްތިހާނުން އެދެބޭކަލުން ފާސްވެ ވަޑައިގަތުމުން އެކަމަށް މާތްﷲ އެދެބަފައިކަލުންނަށް ތައްރީފްގެ ބަސް ވަޙީކުރެއްވި ދުވަސް ކަމަށެވެ.
ޚުތުބާގައި ބުނީ އިބްރާހީމުގެފާނުގެ މިއިމްތިހާނުގައި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލުގެފާނު ބޮޑު ދައުރެއް އަދާކުރެއްވި ކަމަށާއި، އިސްމާއީލުގެފާނުގެ ކިޔަމަންތެރިކަމުގެ ނަމޫނާ އަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށެވެ. އަދި އިސްލާމީ އުއްމަތަށް މިއަދު މި ގުރުބާނީން އިބްރަތް ހާސިލުކުރަންޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އިބްރާހިމުގެފާނުގެ ދަރިކަލުންގެ ވާހަކައިން އިތުރު ފިލާވަޅުތައް ދަސްކުރަންޖެހޭ ކަމަށާއި، ނަމަވެސް މިހާރަކަށް އައިސް ފެންނަމުން ދަނި އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަތަން ކަމަށެވެ.
އެގޮތުން ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތައި، މިދީނުގެ ނަބިއްޔާއަށް ފުރައްސާރަކޮށް، މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި އެތަންތަން ފޭރިގަންނެ، މުސްލިމުންގެ ވެރީންގެ އަބުރަށް ދަނީ އަރައިގަންނަމުންދާ ކަމަށެވެ. އަދި އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރްމަތް ދަނީ ކަނޑާލައި މުސްލިމް އިލްމުވެރިންގެ ގަދަރުދަނީ ވައްޓާލައި، އިސްލާމީ ޔުނިވަސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުން ކަމަށެވެ.
އީދު ވާންވާނީ ނަފްސުތައް ޝަހަވާތްތަކުން މިނިވަންކޮށްދޭ އީދަކަށް ފަހަގަކުރައްވައި ޚުތުބާގައި ބުނީ އީދު ވާންވާނީ ހަވާނަފްސުގެ ދަހިވެތިކަމުން މިނިވަންކޮށްދޭ އީދަކަށާއި، ސަދަވެރިކަމުންނާއި ރުޅިވެރިކަމުން ހިތްތައް ތާހިރުކޮށްދޭ އީދަކަށް ކަމަށެވެ. އަދި ދެބައޮޑުވުމާއި ނެތިމޮށުމާއި ފުރައްސާރަކުރުމުން ދޫތައް ރައްކާތެރިކޮށްދޭ އީދަކަށް ކަމަށެވެ.
ޚުތުބާގައި ބުނީ އީދަކީ އަބާއްޖަވެރިކަމެއް ނެތް ބާއްޖަވެރިކަމެއް ކަމަށާއި، އަރާރުމެއް ނެތް އެއްބައިވުމެއް ކަމަށެވެ. އަދި އެއްބަޔަކު އަނެއްބަޔަކާ ސަލާމްކޮށް ހިތްސާފުކޮށް އެއްބަޔަކު އަނެއް ބަޔަކަށް މާފު ކުރުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.




