އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފި
14 ޖޫން 2019 | ހުކުރު 06:33އަދީބު ވަޑައިގެންނެވީ ފުލުހުންނާއި، ކަރެކްޝަންސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން


އަދީބު އަނބަކަބަލުން ނަޝްވާއާއެކު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ހުކުރު ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދީބު ފުރާވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެކުއެވެ.
އޭނާ އެގައުމަށް ވަޑައިގަންނަވަނީ ކަރެކްޝަންސްގެ ތިން އޮފިޝަލުންނާއި ފުލުހުންގެ ތިން އޮފިޝަލުންގެ ބެލުމުގެ ދަށުންނެވެ.
ރާއްޖެއިން ބޭރުން އަދީބު ފަރުވާ ހޯއްދެވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަލް ސާވިސްގެ މެޑިކަލް ބޯޑުން ދިނުމުގެ ކުރިން، ރާއްޖެއިން ލޮލުގެ ހާއްސަ ޑޮކްޓަރުން ގެނެސްގެން އެ މަނިކުފާނު ލޮލުގެ ހާލަތު ބެއްލެވި އެވެ. އެ ޑޮކްޓަރުން ވެސް ލަފާ ދެއްވީ ރާއްޖޭން ބޭރުން ލޮލުގެ އޮޕަރޭޝަން ކުރުމަށެވެ.
ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދަ އަދީބަށް ދިނުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ކަރެކްޝަނަށާ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. މިފާޑުކިޔުންތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަދީބަށް ގައުމުން ފިއްލެވުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި، ފިއްލަވާފިނަމަ އެކަމުގެ ޒިންމާ ނަންގަވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ އަދީބްގެ މައްސަލަ ދައުވާ އުފުލައި ތިން މައްސަލައެއް ސާބިތުކޮށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ. ނަމަވެސް އެ ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައެވެ.






