ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އެޕާޓީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވައިފި
5 ނޮވެމްބަރު 2018 | ހޯމަ 04:33ޖޭޕީއަށް މެންބަރުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި


ޖޭޕީގެ ލީޑަރ ގާސިމް އެޕާޓީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވަނީ: ފޮޓޯ: ޓްވިޓާރ
ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލު ކުރައްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ މ.ކުނޫޒުގައި ބޭއްވި މިބައްދަލުވުމާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މިބައްދަލުވުމުގައި ގިނަ ކަންކަމާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ޕާޓީ ހަރުދަނާކޮށް ކުރިއަރުވާނެ ގޮތްތަކާ މެންބަރުން އިތުރުކުރުމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަން ފާހަގަކުރައްވައި އަލީ ސޯލިހު ވިދާޅުވީ ޖޭޕީ ކުރިއަރުވައި ކަންކަން ކުރާނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށާއި، ޕާޓީ އެންމެ އިސްކަމެއްދޭނީ ރައްޔިތުންގެ އަޑު އެހުމަށް ކަމަށެވެ.
ޖޭޕީގެ އިސްބޭފުޅުންނާއި ހަވާލާދީ އަލީ ސޯލިހު ވިދާޅުވީ އިންތިޚާބު ކުރެވިފައިވާ އައު ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމުގައި ޖޭޕީން އަބަދުވެސް އިސްވެ އޮންނާނެ ކަމަށާއި، ގައުމުގެ މަސްލަހަތު ގާއިމް ކުރުމަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މިބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމްގެ އިތުރަށް އިންތިޚާބީ ނާއިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި، އެޕާޓީގެ ރައީސް އަލީ ވަހީދާއި، ޑެޕިއުޓީ ލީޑަރުންނާއި، ލީޑަރުގެ އެޑްވައިޒަރުންނާއި، ޖޭޕީ ތަމްސީލު ކުރައްވާ މަޖިލީސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
މިބައްދަލުވުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހީމް އައު ދައުރަކަށް އިންތިޚާބު ކުރެވުނު ފަހުން ބޭއްވުނު މިފަދަ ފުރަތަމަ ބައްދަލުވުމެވެ.





