ކ. މާލެ
|
31 ޖެނުއަރީ 2017 | އަންގާރަ 14:12
މޫނު ބުރުގާ އަޅާފައިވާ ކަނބަލުންތަކެއް
މޫނު ބުރުގާ އަޅާފައިވާ ކަނބަލުންތަކެއް
މުހައްމަދު ފަޒީން
މޫނު ބުރުގާ
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
 
ރާއްޖެއިން ފެންނަމުންދަނީ ނިވާކަން ކުޑަކޮށް ހެދުން އަޅާ މީހުންނަށް އަޅާނުލާ، ނިވާކަން ބޮޑުކޮށް ހެދުން އަޅާ މީހުންނަށް ހުރަސްއަޅާ މަންޒަރު
 
ސިވިލް ސާރވިސް މުވައްޒަފުންނަށް އޮފީހުގައި މޫނު ބުރުގާ ނޭޅޭ ގޮތަށް ގަވާއިދުގަވޭ

ރާއްޖޭގެ ރައްޔިތުން އެންމެ ފަހުރުވެރި ކަމާއެކު ބުނަމުންދާ އެއްވާހަކައަކީ މިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ރައްޔިތެއް ދިރިއުޅޭ ގައުމެއް ކަމަށާއި އިސްލާމް ދީން ނޫން އެހެންދީނަކަށް މިގައުމުގައި ޖާގަ ނެތް ވާހަކަ އެވެ. އެވާހަކަތައް އެންމެ ގިނައިން ދައްކާ އުޅޭ ބޭފުޅުންނަކީ ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ބަސް ބުނުމަށް ތިއްބެވި ވެރިންންނެވެ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަލިޔުލްއަމުރު ޕޯޑިއަމަކަށް ވާހަކަ ދައްކަވަން އަރާވަޑައިގެންފި ނަމަ އެވާހަކަ އެއީ ވިދާޅުނުވެ، އެ ޕޯޑިއަމް ދޫކޮށްދެވޭ ވަރުގެ ވާހަކައަކަށް ވެސް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ކޮންމެ ބިލަކަށް ބަހުސް ކުރެއްވި ނަމަވެސް އެވާހަކަ ވިދާޅުނުވެ އިށީންނެވޭ ކަމަކަށް ނުވެއެވެ. ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް އެވާހަކަ ވިދާޅުނުވެ ހުކުމެއް ކޮށްލެވޭ ވަރު ވެސް ގިނަ ފަހަރަށް އޮންނަނީ ނުވެފަ އެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންގެ ވެސް އަނގަމަތީ ބަހަކަށް އެބަސް އޮންނަނީ ވެފަ އެވެ.

 

ތިމަންނާމެންނަކީ ސައްތައިންސައްތަ މުސްލިމް ގައުމެއް ކަމަށް ދައުވާ ކުރާއިރު، ރާއްޖޭގައި ކަންކަން ހިނގަމުންދަނީ އެގޮތަށްތޯ ގިނަ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ރަނގަޅެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެވާހަކަ ބަޔާންކޮށްފައި ވެއެވެ. ރާއްޖޭގައި އޮންނާނީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނާއި އިސްލާމީ ޝަރީއަތާ އެއްގޮތަށް ނޫން ގޮތަކަށް ނުވަތަ ފުށުއަރާ ގޮތަށް ވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނުހެދެ އެވެ. އެފަދަ ގާނޫނެއް ނުވަތަ ގަވާއިދެއް ހެދި ނަމަވެސް އެވާނީ ވެސް ބާޠިލް އެއްޗަކަށް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެއެވެ.

 

ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކަކީ އަޅުގަނޑުމެން އަމިއްލައަށް ތައްޔާރުކުރާ، ދެއިރު ދެދަޅައަށް ބަދަލު ކުރެވިދާނެ އެއްޗެކެވެ. ނަމަވެސް އިލާހީ ގާނޫނަކީ އަޅުގަނޑުމެންނަށް ބަދަލު ނުކުރެވޭ އެންމެހާ މުސްލިމުންނަށް އެއަށް އަމަލު ކުރުން ލާޒިމް އީލާހީ ގާނޫނެވެ.

 

ރާއްޖޭގައި މިވަގުތު އެންމެބޮޑަށް ބަހުސް ކުރެވެމުން ދަނީ ޓީޗަރުން ނުވަތަ ސިވިލް ސާރވިސް މުވައްޒަފުން މޫނު ބުރުގާ އެޅުން މަނާކޮށް ދިވެހި ސިވިލް ސާރވިސް ގައިވާދު އެކުލަވާލާފައި ވުމުންނެވެ. މޫނު ބުރުގާ އަޅައިގެން އުޅޭ ދިވެހި ކަނބަލުންނަށް ހިތްދަތި ދިރިއުޅުން މިވަނީ ތަހައްމަލު ކުރަންޖެހިފަ އެވެ.

 

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް” ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ “ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައެވެ."

 

އެ ގަވާއިދުގެ 144 ވަނަ މާއްދާގައި އޮފީހުގެ ރަސްމީގަޑީގައި ހުއްދަނޫން ހެދުންގެ ގޮތުގައި ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުމެއް ނުލެވެއެވެ.

 

އެ ދެ މާއްދާއަށް ބަލާއިރު، ރާއްޖޭގައި ބޮޑަށް އަމަލު ކުރާތަން މިފެންނަނީ ނިވާކަށް ކުޑަ ހެނދުން އަޅާ ކަނބަލުންނަށް އެފުރުސަތު ދެވިފައި، ނިވާކަން ބޮޑު ކަނބަލުން ވަޒީފާ ދޫކޮށް ގެއަށްދާންޖެހޭ މަންޒަރެވެ.

 

އައުރަ ނިވާނުކޮށް ހެދުން އަޅައިގެން އޮފީސްތަކަށް ދާއިރު މައްސަލައަކަށް ނުވެފަ، ނިވާކޮށްގެން ސްކޫލްތަކަށް ދަރިވަރުންނަށް ކިޔަވައިދޭންދާ ޓީޗަރަށް ހުރަސް އެޅުމަކީ ބޮޑު މައްސަލަ ނޫންތޯއެވެ. ދަރިވަރުންނަށް ފުތަރަމަ ދަސްކޮށްދޭންޖެހެނީ ރިވެތި އަހުލާގެވެ. އިސްލާމީ ރިވެތި އުސޫލްތަކެވެ.

 

ރަނގަޅެވެ. އަންހެނާގެ އައުރައަކީ މޫނާ ދެއަތްތިލަ ފިޔަވާ ދެންހުރި ހުރިހާ ގުނަވަނެވެ. ނަމަވެސް މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ ޝިއާރެއް ކަމަށާއި މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ ބައެއް އިލްމުވެރިން ދެކިލައްވާ ގޮތުގައި ވާޖިބު ކަމެކެވެ.

 

މަގުމަތިންނާއި އާއްމުން ގޮސްއުޅޭ ތަންތަނުން ވަރަށް ގިނައިން ނިވާކަން ކުޑަ ހެދުންއަޅާ ކަނބަލުން އުޅޭތަން ފެންނަކަމީ މި އިސްލާމީ މުޖުތަމައުއެއްގަ ބަލައިގަނެވޭ ކަމެއް ނޫނެވެ.

 

ރާއްޖެއަކީ މުޅި މިސަރަހައްދުގައި ވެސް ކޮރަޕްޝަން އިންތިހާއަށް އޮތް ގައުމެއް ކަމަށްވާއިރު، އެކަންކަން ހުއްޓުވޭނީ އިސްލާމީ ރިވެތި އުސޫލުތަގައި ހިފަހައްޓައިގެންނެވެ.

 

މިސާލަކަށް: ހިދްމަތް ފޯރުކޮށްދޭ ސަރުކާރު އޮފީހެއްގެ ކައުންޓަރުގައި މޫނު ބުރުގާ އަޅައިގެން ހުރި ކަނބަލަކާއި ނިވާކަން ކުޑަ ކަނބަލެއް ހުރިނަމަ ހިދްމަތް ލިބިގަންނަންދާ މީހާއަށް އެންމެ ބޮޑަށް ކޮރަޕްޝަންގެ ތެރެއިން ކަމެއް ކުރެވޭނީ އެތަނުން ކޮން ކައުންޓަރަކުންތޯ އެވެ. އޮފީހުގެ އެހެން މުވައްޒަފުންނަށް އަދި އޮފީހުގެ ވެރިންނަށް ވެސް ނިވާކަން ކުޑަ ކަނބަލުން އެނގޭ ފަދައިން މޫނު ބުރުގާ އަޅައިގެން އުޅޭ ކަނބަލުން ވެސް އެނގޭނެ އެވެ. ކޮންމެހެން ހިދްމަތް ލިބިގަންނަން ދާ މީހާއަށް ކައުންޓަރުގައި އިންނަނީ ކޮން ކަނބަލެއްތޯ އެނގެން ޖެހޭތޯ އެވެ. ހިދްމަތްދޭ މުވައްޒަފުގެ ނަމާއި މަގާމު އެނގޭނެ އެވެ. ހިދްމަތް ހޯދަންދާ މީހާ ދަނީ ހިދްމަތް ފޯރުކޮށްދޭ މީހަކީ ކާކުތޯ ބަލާކަށް ނޫނެވެ. ހިދްމަތެއް ހޯދާށެވެ. ދެން އެހިދްމަތެއް ފޯރުކޮށްދިނުމުގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި އެކައުންޓަރުގައި ނުވަތަ އެހިދްމަތް ފޮރުކޮށްދިން މުވައްޒަފު، މިޒާމާނުގެ ޓެކްނޮލޮޖީ ބޭނުންކުރާ އޮފީސްތަކުން އެނގޭނެ އެވެ. އެފަދަ ޓެކްނޮލޮޖީއެއް ނެތް އޮފީހެއް މިރާއްޖޭގައި ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ.

 

ސަރުކާރުގެ ހުރިހާ އޮފީސްތަކެއްހެން ހުރީ މި ކުޑަކުޑަ މާލޭގަ އެވެ. އިއްޔެ އޮފީހަކަށް ހިދްމަތް ހޯދަން ދިޔަ މީހާ މިއަދު އިންނާނީ އެ އޮފީހުގައި އޭނާއަށް ހިދްމަތް ފޯރުކޮށްދިން މީހާއާއެކު ކޮފީއެއްގަ އެވެ. ދެން ދުވަސް ކޮޅަކުން ފެންމަތިވަނީ ކޮރަޕްޝަންގެ ބޮޑު މައްސަލަ އެކެވެ. ރާއްޖޭގައި ކަންކަން ހިނގަނީ އެގޮތަށް ނޫންތޯ އެވެ.

 

އިންސާނާގެ ޝައުގުވެރިކަން އިތުރުވަނީ ފޮރުވިފަ އޮތް އެއްޗަށްކަށް ވުރެ ހާމައަށް ފެންނަން އޮތް އެއްޗަކަށް ނޫންތޯ އެވެ. އަޅުގަނޑުމެން އިންސާނުގެ ތޮބީއަތުގަ ހުންނަ ކަންކަމޭ ކިޔައި އުޅޭނީ މިފަދަ ކަންކަމަށް ނޫންތޯ އެވެ. ކޮރަޕްޝަނާއި ހިޔާނާތާއި ވައްކަން ކުރުމާއި ހަރާމެއް ހަލާލެއް ނުބަލާ އުޅުމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަންކަމޭ ބުނުމަކީ އެއީ ހަމަޖެހޭ ވާހަކައެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
50%
0%
50%
ކޮމެންޓް