ރައީސް ޔާމީންގެ ރަހްމަތްތެރިންގެ ގޮތުގައި ތިއްބެވި ކޮރަޕްޓް ވެރިންގެ ވެރިކަން ނިމިއްޖެ
10 މެއި 2018 | ބުރާސްފަތި 10:08މިހާރު މިފެންނަނީ ރައީސް ޔާމިންގެ ވެރިކަން ނިމޭ ކަމުގެ ހެކިތައް

ކުރީގެ ނައިބް ރައީސް ޑރ ޖަމީލު
މެލޭޝިއާގެ އާންމު އިންތިހާބުގައި ޑރ. މަހާތިރު މުހައްމަދު ހޯއްދެވި ކާމިޔާބާއެކު ރައީސް ޔާމީންގެ ރަހްމަތްތެރިންގެ ގޮތުގައި ތިއްބެވި ކޮރަޕްޓް ވެރިންގެ ވެރިކަން ނިމިއްޖެ ކަމަށް ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާގެ އިދިކޮޅު ފަރާތްތަކަށް މަރުހަބާ ދަންނަވާ ޑރ ޖަމީލު ކުރެއްވި ޓްވީޓުތަކެއްތަކެއްގައި ވިދާޅުވީ މެލޭޝިއާގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެގައުމުގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ގޮތަށް ރާއްޖޭގެ ބައިތުލް މާލަށް ތާރީހީ ގެއްލުމެއް ރައީސް ޔާމީން ދީފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މިފެންނަނީ ﷲގެ އިރާދަފުޅާއެކު ރައީސް ޔާމިންގެ ވެރިކަން ނިމޭނެ ކަމުގެ ހެކި ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސްކަން ވެސް ކުރައްވާފައިވާ ޑރ ޖަމީލު ވިދާޅުވީ މެލޭޝިޔާގެ އިންތިހާބުން ހުދުމުހުތާރުވެރިން ތިބި މުސްލިމު ގައުމުތަކަށް މެސެޖެއް ލިބޭ ކަމަށެވެ. ނަމަވެސް އަމިއްލަ އެދުން އިސްކޮށް، ކޮރަޕްޓްވެފައި ތިބި ބަޔަކަށް ނުވިސްނޭ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ ވެރިކަމުގެ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށާއި، ވެރިކަން އަންނަނީ ވެސް އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ފަރާތުން ކަމަށެވެ.
މެލޭޝިއާގެ އިންތިހާބުގައި ނަޖީބަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވައިފިނަމަ ލިބިވަޑައިގަންނަވާނެ ނަތީޖާ ކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.









