ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 03:18
ހަމާސްގެ ޑެޕިއުޓީ ލީޑަރު ސަލާހް އަލް އަރޫރީ (ވ) އަދި ފަތަޙްގެ އައްޒާމް އަލް އަހުމަދު (ކ) ގުޅުން އިޢާދަކުރުމުގެ އެއްބަސްވުމުގައި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މިސްރުގެ ގާހިރާގައި ސޮއި ކުރައްވަނީ
ހަމާސްގެ ޑެޕިއުޓީ ލީޑަރު ސަލާހް އަލް އަރޫރީ (ވ) އަދި ފަތަޙްގެ އައްޒާމް އަލް އަހުމަދު (ކ) ގުޅުން އިޢާދަކުރުމުގެ އެއްބަސްވުމުގައި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މިސްރުގެ ގާހިރާގައި ސޮއި ކުރައްވަނީ
ރޮއިޓަރސް
ފަލަސްތީނުގެ މައްސަލަ
ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ
 
ހަމާސް އިން ވަނީ އެމެރިކާގެ ބަޔާނަށް ފާޑުކިޔާފަ
 
އިޒްރޭލުންވެސް ވަނީ ފަލަސްތީނުގެ ސަރުކާރަށް 6 ޝަރުތެއް ކުރިމަތިކުރުވާފަ
 
ހަމާސް އިން ހަތިޔާރު ބަހައްޓައި، އިޒްރޭލުގެ ދައުލަތް ބަލައިގަންނަންޖެހޭ: އެމެރިކާ

ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވުމަށް، ޣާޒާގައި ވެރިކަން ކުރާ ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޣާޒާގައި ވެރިކަން ކުރާ ހަމާސް އަދި ވާދަވެރި ފަތަޙް ޖަމާއަތުން ވަނީ، ޒަމާންވީ ހަތުރުވެރިކަން ނިމުމަކަށް ގެނެސް، ގުޅުން އިޢާދަކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމާއި ގުޅޭ ތަފްޞީލީ މަޢުލޫމާތު އާއްމުކޮށްފައިނުވި ނަމަވެސް، ފަލަސްތީނުގެ ޣާޒާގައި އޮތް ހަމާސްގެ ސަރުކާރު އުވާލައި، އައު އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ އިތުރުން، ހަމާސް އާއި ފަތަހް ގުޅިގެން ފަލަސްތީނުގައި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާއި ގުޅޭ ގޮތުން މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

2007 ވަނަ އަހަރު ހަމާސް އާއި ފަތަހް ޖަމާއަތާއި ދެމެދު އުފެދުނު ދެބަސްވުމަށްފަހު، ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣާޒާގައި ހިނގަމުންދަނީ ވަކި ވެރިކަމެކެވެ. ފަލަސްތީނުގެ މައި ސަރުކާރުގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމައު ދެކޭ ފަތަޙް ޖަމާއަތުގެ ސަރުކާރުން ހުޅަނގު އައްސޭރީގައި ގާއިމްވެފައިވާއިރު، ފަލަސްތީނުގެ މައި ސަރުކާރާއި ވަކިން ޣާޒާގައި ވެރިކަން ކުރަނީ ހަމާސް ޖަމާއަތުންނެވެ.

އެހެންނަމަވެސް 10 އަހަރުގެ ދެކޮޅުވެރިކަމަށްފަހު، ދެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޣާޒާގެ އިދާރީ ހިންގުމާއި، މިސްރާއި ޣާޒާ ގުޅޭ ރަފާ ބޯޑަރު ފަތަޙް ޖަމާއަތުގެ ސަރުކާރު، ޕަލަސްޓިނިއަން އޮތޯރިޓީ (ޕީއޭ) އާއި ހަވާލު ކުރުމަށް އެއްބަސްވެފައެވެ.

މިއެއްބަސްވުމުގެ ދަށުން ދެ ޖަމާއަތުގެ މެމްބަރުން ހިމެނޭ ގޮތަށް ޣާޒާގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ޚަބަރުތައް ފެތުރުނު ނަމަވެސް، ޕީއޭގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާ އިން ވަނީ ހަމާސް ޖަމާއަތުގެ މެމްބަރުން ފަލަސްތީނުގެ މައި ސަރުކާރުގެ މަގާމްތަކަށް އައްޔަން ކުރުމުގެ ރޭވުމެއް ނެތް ކަމަށް ރިޕޯޓްކޮށްފައެވެ.

މިއެއްބަސްވުމުގެ ދަށުން ފަތަހް ޖަމާއަތުގެ ސަލާމަތީ ބާރުތަކުގެ 3000 އެއްހާ ފުލުހުން ޣާޒާގެ ފުލުހުންގެ ފައުޖާއި ގުޅުމަށް ހަމަޖެހިފައިވާއިރު، މިހާރު ޣާޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 25 ހާހެއްހާ މީހުންގެ ދައުރާއި ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައެއްނުވެ އެވެ.

ފަތަޙް އަދި ހަމާސް ޖަމާއަތުގެ ޞުލްޙައިގެ އެއްބަސްވުމާއި ގުޅޭ ގޮތުން، ބައިނަލްއަޤްވާމީ މަޝްވަރާތަކާއި ބެހޭ އެމެރިކާގެ ހާއްސަ މަންދޫބު ޖޭސަން ގްރީންބްލެޓް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ފަލަސްތީނުގެ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކުން އިޒްރޭލުގެ ދައުލަތް ބަލައިގަނެ، "ޓެރަރިސްޓުން" ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށެވެ.

އެބަޔާނުގައި ވަނީ، ފަލަސްތީނުގެ ކޮންމެ ސަރުކާރަކުންވެސް ސާފު ސާދާކޮށް ހަމަޖެހުމަށް ތާއީދުކުރަން ޖެހޭނެ ކަމަށާއި، އަދި އިޒްރޭލުގެ ދައުލަތް ބަލައިގަންނަން ޖެހޭނެ ކަމަށާއި، ފަލަސްތީނާއި އިޒްރޭލާއި ދެމެދު މީގެ ކުރިން ވެފައިވާ އަޙުދުތަކާއި އެއްބަސްވުންތައް ގަބޫލުކުރަން ޖެހޭނެ ކަމަށާއި، ސުލްހައިގެ މަޝްވަރާތަކަށް އެއްބާރުލުންދޭން ޖެހޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ޓެރަރިސްޓުން ހަތިޔާރު ބަހައްޓަން ޖެހޭނެ ކަމަށް އެބަޔާނުގައިވެއެވެ.

އަދި ފަލަސްތީނުގެ ސަރުކާރެއްގައި ހަމާސްގެ ދައުރެއް އޮންނަން ބޭނުން ނަމަ، ހަމާސް އިން އެކަންކަމަށް އެއްބަސްވާން ޖެހޭނެ ކަމަށް އެބަޔާނުގައި ވެއެވެ.

ހަމާސް ޖަމާއަތުން އިޒްރޭލުގެ ދައުލަތް ގަބޫލުކޮށްފައެއްނުވެއެވެ. އަދި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާ އަދި އިޒްރޭލުން ދެކެއެވެ.

އެމެރިކާގެ މިބަޔާނަށް ހަމާސްގެ އިސް އޮފިޝަލަކު ވަނީ ފާޑު ވިދާޅުވެފައެވެ.

އެބަޔާނަށް ރައްދު ދެއްވަމުން ހަމާސްގެ އޮފިޝަލް ބައްސެމް ނައީމް ވަނީ، ފަލަސްތީނުގެ ސަރުކާރެއް އެކުލަވާލުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ކަމަށާއި، އެމެރިކާގެ މިހުށަހެޅުމަކީ އެކަމުގެ ތެރެއަށް "ލަދެއްނެތި ވަދެގަތުމަށް މަސައްކަތް ކުރުން" ކަމަށް ސިފަކުރައްވާފައެވެ.

އަދި މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފިއްތުންތަކަށް އެމެރިކާ އިން ނެރުނު ބަޔާނެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އިޒްރޭލުން ވެސް ވަނީ، އިޒްރޭލުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެއްބަސްނުވާނަމަ، ހަމާސް އަށް ބަރޯސާވާ ފަލަސްތީނުގެ ސަރުކާރާއެކު ޚާރިޖީ މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ހާމަކޮށްފައެވެ. އިޒްރޭލުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ހަމާސް އިން އިޒްރޭލުގެ ދައުލަތް ބަލައިގަތުމާއި، "ޓެރަރިޒަމް ހުއްޓާލައި" ހަތިޔާރު ބެހެއްޓުން
  • ހަމާސް އިން ބަންދުކޮށްފައިވާ އިޒްރޭލުގެ ސިފައިންނާއި އިޒްރޭލު ރައްޔިތުން އެގައުމާއި ހަވާލުކުރުން
  • ފަލަސްތީނުގެ ޣާޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ކޮންޓްރޯލް ޕީއޭ އާ ހަވާލުކުރުން
  • ހުޅަނގު އައްސޭރީގައި ހުރި ކަމަށް ބުނާ ހަމާސްގެ "ޓެރަރ އިންފްރާސްޓްރަކްޗަރ" އާއި ދެކޮޅަށް ޕީއޭ އިން ފިޔަވަޅު އެޅުން
  • ހަމާސް އިން އީރާނާއެކު އޮތް ގުޅުން ކަނޑާލުން
  • ޣާޒާ އަށް ބޭނުންވާ މާލީ އަދި އިންސާނީ އެހީ އާއިގުޅޭ ސާމާނު ހަމައެކަނި ޕީއޭ މެދުވެރިކޮށް ޣާޒާ އަށް އެތެރެކުރުން

އިޒްރޭލުގެ މިޝަރުތުތަކާއި ގުޅޭ ގޮތުން ޕީއޭގެ ރަސްމީ ބަހެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ވަނީ އިޒްރޭލުގެ ޝަރުތުތަކުގެ ސަބަބުން، ހަމާސް އާއެކު ޞުލްޙަ ގާއިމް ކުރުމަށް ކުރާ މަސައްކަތައިގެން ކުރިއަށް ދިއުމަށް ފަލަސްތީނުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް