330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި
23 ނޮވެމްބަރު 2026 | ހޯމަ 08:44އުތުރު ކެރޮލައިނާގެ ގޮނޑި ޑިމޮކްރެޓުން ކާމިޔާބުކުރުމާއެކު، އެމެރިކާގެ ކޮންގްރެސްގެ ދެ ގޭގެ އަޣުލަބިއްޔަތު އެ ޕާޓީއަށް މި ވަނީ ކަށަވަރުވެފައި. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުންތަކާއެކު ރިޕަބްލިކަން ޕާޓީގެ ގިނަ ދާއިރާތަކެއް ޑިމޮކްރެޓުން ފުރޮޅާލާފައިވާއިރު، މިއީ ރައީސް ޓްރަމްޕް ޖަވާބުދާރީ ކުރުވުމަށް އެ ޕާޓީއަށް ލިބުނު ބޮޑު ބާރެއް. ނަމަވެސް، ގާނޫނުތައް ފާސްކުރުމުގައި ރައީސްގެ ވީޓޯ ކުރުމުގެ ބާރު އޮތުމުން ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮންޖެހުންތަކެއް ކުރިމަތިވާނެ

![އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ މައި އިދާރާ، ކެޕިޓަލް އިމާރާތް [ފައިލް]](https://dyncz33htw1ec.cloudfront.net/posts/7d289fd1-c180-489d-8530-5d4443038a9f.webp)
އެމެރިކާގެ ގާނޫނުހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގެ މައި އިދާރާ، ކެޕިޓަލް އިމާރާތް [ފައިލް] | އެކްސް
އުތުރު ކެރޮލައިނާގެ ރިޕަބްލިކަން މެންބަރު ވަރޖީނިއާ ފޮކްސް ބަލިކުރައްވައި، ޑިމޮކްރެޓިކް ކެންޑިޑޭޓް ޗަކް ހަބަރޑް އެ ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، 1992 ވަނަ އަހަރަށް ފަހު އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އެންމެ ބޮޑު އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކަށަވަރުކޮށްފި އެވެ.
އާދީއްތަ ދުވަހު ރަސްމީކޮށް އިއުލާނުކުރި މި ނަތީޖާގައި، ވޯޓުގެ %99 ގުނައި ނިމުނުއިރު ހަބަރޑް ކުރި ހޯއްދެވީ 330 ވޯޓުގެ ތަފާތަކުންނެވެ. މިއީ، މި ފަހުން ބޭއްވި މިޑްޓަރމް އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ދިޔަ އެއް ދާއިރާ އެވެ. މި އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނެޓްގެ އަޣުލަބިއްޔަތު ވެސް ހޯދާފަ އެވެ. އުތުރު ކެރޮލައިނާގެ މި ކާމިޔާބީއާއެކު، ހައުސްއިން ޑިމޮކްރެޓުންނަށް މިހާތަނަށް 258 ގޮނޑި ކަށަވަރުވެފައިވާއިރު، ރިޕަބްލިކަން ޕާޓީއަށް ލިބިފައިވަނީ 173 ގޮނޑި އެވެ. އަދި، ހަތަރު ދާއިރާއެއްގެ ނަތީޖާ އަދި އިއުލާނެއް ނުކުރެ އެވެ. މިއީ، ކުރީގެ ރައީސް ބިލް ކްލިންޓަން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ޑިމޮކްރެޓުން ޖުމުލަ 258 ގޮނޑި ހޯދި 1992 ވަނަ އަހަރުގެ އިންތިހާބަށް ފަހު، އެމެރިކާގެ އެއްވެސް ޕާޓީއަކަށް ހައުސްއިން މިހާ ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ވޯޓު އަލުން ގުނުމާއި ކެންޑިޑޭޓުންގެ ބަސް
އާދީއްތަ ދުވަހު މި ނަތީޖާ ނުކުތީ، 2005 ވަނަ އަހަރުން ފެށިގެން އުތުރު ކެރޮލައިނާގެ ފަސްވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލު ކުރައްވަމުން ގެންދެވި ފޮކްސް، ވޯޓު އަލުން ގުނުމަށް އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ. އިންތިޚާބުގައި މޮޅުވާ ތަފާތު އެއް އިންސައްތައަށްވުރެ ކުޑަ ނަމަ، ވޯޓު އަލުން ގުނުމަށް އެދުމުގެ ހައްގު އެ ސްޓޭޓްގެ ގާނޫނުގެ ދަށުން ލިބިދެ އެވެ.
މި ކާމިޔާބީއަށް ފަހު ހަބަރޑް ވިދާޅުވީ، އެމެރިކާގެ ރައްޔިތުން ތިބީ މިހާރު ހިނގަމުންދާ ކަންކަމާމެދު ވަރަށް ބޮޑަށް ފޫހިވެ، ބަދަލަކަށް ބޭނުންވެފައި ކަމަށެވެ. "އެ މީހުން ވޯޓު ދިނީ ބަދަލަކަށް،" ހަބަރޑް ވިދާޅުވި އެވެ. މިއާއެކު، ގާނޫނުހަދާ މަޖިލީހުގެ އެހެން މެންބަރުންނާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރެއްވުމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.
އޭގެ ކުރިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހަބަރޑް ވިދާޅުވީ، ވޯޓު އަލުން ގުނުމުގެ މަރުހަލާގެ ނަތީޖާއަށް ފަހު ފޮކްސް އޭނާއަށް ގުޅުއްވައި، ވަރަށް ރީތި ގޮތުގައި ބަލި ގަބޫލުކުރައްވާފައިވާ ކަމަށެވެ. "އޮފީހުގެ މަސައްކަތްތަކާއި ދާއިރާގެ ރައްޔިތުންގެ ކަންކަން އޮމާންކަމާއެކު ބަދަލުކުރުމަށް އޭނާ ދެއްވާ އެއްބާރުލުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ މެދުގައި އަބަދު އެއްބަސްނުވެވޭ ކަންކަން ހުރި ނަމަވެސް، އަޅުގަނޑުމެން ދެ މީހުން ވެސް އުތުރު ކެރޮލައިނާއާއި ފަސްވަނަ ޑިސްޓްރިކްޓްގެ ރައްޔިތުން ދެކެ ލޯބިވަން،" ހަބަރޑް ލިޔުއްވާފައިވެ އެވެ.
ފޮކްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބުއްދިވެރި ހައްލުތަކާއި ކޮންޒަވެޓިވް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކުރެއްވި ކެންޕޭނަށް އުތުރު ކެރޮލައިނާގެ ގިނަ އަދަދެއްގެ ވޯޓުލާ މީހުން ތާއީދުކުރިކަމަށް ޓަކައި ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑުމެންނަށް މަދުވީ އެންމެ މަދު ވޯޓުކޮޅެއް ކަމުގައި ވިޔަސް، އެހާ ގިނަ ބަޔަކު އަޅުގަނޑުގެ ކެންޑިޑެސީއަށް ތާއީދުކޮށް އިޖާބަދިނުމަކީ އަޅުގަނޑު ނުހަނު ހިތްތިރިކަމާއެކު ޝުކުރުވެރިވާ ކަމެއް،" ފޮކްސް ވިދާޅުވި އެވެ.
ރިޕަބްލިކަން ދާއިރާތައް ފުރޮޅާލުމާއި އިގުތިސާދީ ކަންބޮޑުވުންތައް
2024 ވަނަ އަހަރުގެ މިޑްޓަރމް އިންތިޚާބުގައި %9 ޕޮއިންޓުގެ ތަފާތަކުން ފޮކްސް އަތުން ބަލިވެވަޑައިގެންނެވުމަށްފަހު ހަބަރޑް ހޯއްދެވި މި ކާމިޔާބީ އައިސްފައި ވަނީ، ރިޕަބްލިކަން ޕާޓީގެ ވަރުގަދަ ބާރު އޮންނަ ގިނަ ދާއިރާތަކެއް ޑިމޮކްރެޓުން ކާމިޔާބު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި ގޮތުން ދެކުނު ކެރޮލައިނާ، ޓެކްސަސް، އަލަސްކާ އަދި އަޔޯވާ ފަދަ ސްޓޭޓްތަކުގެ ރިޕަބްލިކަން ދާއިރާތައް ވެސް ޑިމޮކްރެޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.
މި އިންތިޚާބުގައި ވާދަކުރެއްވި އެހެން ގިނަ ޑިމޮކްރެޓުންނެކޭ އެއްފަދައިން، ހަބަރޑްގެ ކެންޕޭނުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވީ އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައިގެ ތެރޭގައި އެމެރިކާގައި ދިރިއުޅުމުގެ ހަރަދުތައް އުފުލެމުންދާ މައްސަލައަށެވެ. މިއީ ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި މި ނާކާމިޔާބީގެ ފަހަތުގައި އޮތީ އީރާން ހަނގުރާމައިގެ ސަބަބުން އުފެދުނު އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުން ކަމަށް ޚުދު ރައީސް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ އިޝާރާތް ކުރައްވާފަ އެވެ. އޭނާގެ ވެބްސައިޓުގައި ބުނެފައި ވަނީ، މަސައްކަތްތެރި އާއިލާތަކާއި ކުދި ވިޔަފާރިތަކަށް އިސްކަންދެއްވުމާއި، އާންމު ތައުލީމީ ނިޒާމަށް އެހީތެރިވުމުގެ އިތުރުން، އަތްފޯރާ އަގެއްގައި ސިއްހީ ފަރުވާ ލިބޭނެ މަގު ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
ނަތީޖާ ނުނިމޭ ދާއިރާތަކާއި ކޮންގްރެސްގެ ބާރުގެ ބެލެންސް
ހައުސްގެ ގޮނޑިތަކުގެ ތެރެއިން ނަތީޖާ އިއުލާނު ނުކުރެވި ބާކީ އޮތީ ޓެނެސީއާއި މިނެސޯޓާގެ ދާއިރާތަކެވެ. މީގެ އިތުރުން ލުއީޒިއާނާގެ ދެ އިންތިހާބެއް ޑިސެންބަރު މަހު ދެވަނަ ބުރަކަށް ދާނެ އެވެ. ޓެނެސީގެ ހަތަރުވަނަ ޑިސްޓްރިކްޓްގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ވިކްޓޯރިއާ ބްރޯޑެރިކް 300 އަށްވުރެ މަދު ވޯޓުގެ ތަފާތަކުން ކުރީގައި އުޅުއްވާއިރު، މިނެސޯޓާގެ ފުރަތަމަ ޑިސްޓްރިކްޓްގައި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޭކް ޖޮންސަން ކުރި ހޯއްދަވަމުން ގެންދަވަނީ 500 އަށްވުރެ މަދު ވޯޓުގެ ތަފާތަކުންނެވެ.
ކުރިއަށް އޮތް ތަނުގައި ހައުސްގެ އަޣުލަބިއްޔަތާއި ސެނެޓްގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބުމާއެކު، ރައީސް ޓްރަމްޕާއި އޭނާގެ އަރިސް ބޭފުޅުންގެ މަސްލަހަތު ފުށުއަރާ ކަންކަމާއި އެހެނިހެން އަމަލުތައް ތަހުގީގު ކުރުމަށް އެ ޕާޓީން މި ބާރުގެ ބޭނުން ހިފުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަމިއާއެކު، ރައީސްގެ ކެބިނެޓަށާއި ޝަރުއީ ދާއިރާގެ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންނަށް ރުހުން ދިނުމާއި ނުވަތަ އެ ނަންތައް ހުއްޓުވުމުގެ ބާރު ސެނެޓަށް ލިބިގެންވެ އެވެ.
މީގެ އިތުރުން، ކޮންގްރެސް މެދުވެރިކޮށް ފަސޭހަކަމާއެކު ގާނޫނުތައް ފާސްކުރުމުގެ ފުރުސަތު ޑިމޮކްރެޓުންނަށް ލިބުނު ނަމަވެސް، އެ ބިލުތައް ގާނޫނަކަށް ވުމަށް ޓަކައި ޓްރަމްޕްގެ އެންމެ ފަހުގެ ސޮއި ބޭނުންވާނެ އެވެ. އެހެންކަމުން، ކޮންގްރެސްގެ ދެ ގެ ކޮންޓުރޯލު ޑިމޮކްރެޓުންނަށް ލިބުނު ކަމުގައި ވިޔަސް، ފާސްކުރާ ގާނޫނުތައް ވީޓޯ ކުރުމުގެ ބާރު ޓްރަމްޕަށް އޮތުމާއެކު، ޑިމޮކްރެޓުންގެ ބާރުތަކަށް ވަކި ހުދޫދުތަކެއް އޮންނާނެ އެވެ.
މަސްދަރު: ބީބީސީ











