އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާ ގާނޫނުތަކުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުން: މެންބަރު ޒިޔާދު
17 ނޮވެމްބަރު 2026 | އަންގާރަ 06:06އަބުރު ރައްކާތެރިކުރުމުގެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ކުރި ބަހުސްގައި، މިފަދަ ގާނޫނުތަކަކީ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެންނުވާނެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވެއްޖެ. ބޮޑެތި ޖޫރިމަނާތަކެއް ހިމެނޭ މި ބިލުގެ ސަބަބުން މީޑިއާތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެތީ އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރާއްޖެ ޓީވީ
އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާ ގާނޫނުތަކުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަން ފޮރުވުންކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލާ ގުޅޭގޮތުން ބަހުސް ކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެހެންނަމަވެސް މީގެ ކުރިންވެސް އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި އެކި ގާނޫނުތައް ހަދާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގިނަ ފަހަރު މިފަދަ ގާނޫނުތަކުގެ މައިގަނޑު މަގްސަދަކަށް ވެފައި އޮންނަނީ ސަރުކާރުތަކުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތައް ފޮރުވުން ކަމަށެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ކޮންމެ ފަހަރަކު އަބުރު ގެއްލެނީ މީހަކު އެއްޗެއް ބުނެގެން ނުވަތަ ލިޔެގެން ނޫން ކަމަށެވެ. ބައެއް ފަހަރު އެއްވެސް މީހަކު އެއްޗެއް ނުބުނެ އޮއްވައި ވެސް، ސަރުކާރުން އަމަލުކުރާ ގޮތުގެ ސަބަބުން މީހުންގެ އަބުރު ގެއްލިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިގޮތުން މި ސަރުކާރުން ކުއްލި ގޮތަކަށް ވަޒީރުން މަގާމުން ވަކިކުރުމާއި، މަޖިލިސް މެންބަރުންނާ މެދު ފިޔަވަޅު އެޅުން ފަދަ ކަންކަމަކީ އެ ބޭފުޅުންގެ އަބުރަށް އުނިކަން އަންނަ ފަދަ ކަންކަން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މެންބަރު ޒިޔާދު އިތުރަށް ވިދާޅުވީ، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހުށަހަޅާ ބިލުތަކަކީ ހަގީގަތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ސަރުކާރުގެ ނުބައި އަމަލުތައް ރައްޔިތުންނަށް ސިއްރުކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ގާނޫނުތައް ފަރުމާކުރަންވާނީ ހަމައެކަނި ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި، މުޅި މުޖުތަމައުގެ ހައްގުތަކަށް އިސްކަންދީގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ބިލާ ގުޅޭގޮތުން ވާހަކަދެއްކެވި އިދިކޮޅު އެހެން މެންބަރުން ވެސް ވަނީ، ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ނިޔަތާމެދު ސުވާލު އުފައްދާފަ އެވެ.
އަބުރުގެ ދައުވާކުރެވޭނެ ހާލަތްތަކެއް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަދަން ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައިވާއިރު، ވެރިކަންކުރާ ޕީއެންސީ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށާއި އޮންލައިން ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ބްރޯޑްކާސްޓުކުރާ މީޑިއާތަކަށް ވެސް މި ޤާނޫނު ހިނގާނެ އެވެ.











