ޑަބްލިއުޑީސީ ބައި-އިލެކްޝަން: ވަށަފަރުން ވެސް ސަރުކާރު ބަލިވެއްޖެ
28 ނޮވެމްބަރު 2026 | ހޮނިހިރު 14:08ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކޮށްފި. މި އިންތިޚާބުގެ ހުރިހާ ފޮށްޓަކުންވެސް ރިޝްމާ ކުރި ހޯދާފައިވާއިރު، ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުން ވެސް އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބީ ހޯދާފައި


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2026 ގެ ތެރެއިން ހއ. ވަށަފަރު، ވަށަފަރު ސްކޫލް، ހޯލުގައި ގާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދަނީ | އިލެކްޝަންސް ކޮމިޝަން
ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ކުރިއަށް ދިޔަ ބައި-އިލެކްޝަން، ސަރުކާރު ހިންގާ ޕީއެންސީ އަށް ނާކާމިޔާބުވެއްޖެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ހއ. ވަށަފަރު، ވ. ތިނަދޫ، އަދި އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ހޮނިހިރު ދުވަހު ވަނީ ބައި-އިލެކްޝަން ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީއާއެކު މަސައްކަތް ކުރި އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް އެ އިންތިޚާބު ކާމިޔާބު ކުރީ ޖުމްލަ 278 ވޯޓު ހޯދައިގެންނެވެ. ޕީއެންސީ ކެންޑިޑޭޓް ޒައިނާޒް އަހްމަދު އަށް ލިބިފައި ވަނީ 221 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ޝީޓުތަކުގައިވާ ގޮތުން މާލޭގައި ބެހެއްޓި ފޮށިން ރިޝްމާ އަށް 107 ވޯޓު ލިބިފައިވާއިރު ޕީއެންސީގެ ކެންޑިޑޭޓު ޒައިނާ އަށް ލިބިފައި ވަނީ 66 ވޯޓެވެ. ހުޅުމާލޭގައި ބެހެއްޓި ފޮށިން ރިޝްމާ އަށް 45 ވޯޓު ލިބުނު އިރު ޒައިނާ އަށް ލިބިފައި ވަނީ 31 ވޯޓެވެ. އަދި ވަށަފަރުގައި ބެހެއްޓި ފޮށިން ރިޝްމާ އަށް 126 ވޯޓު ލިބުނު އިރު ޒައިނާ އަށް ލިބުނީ 124 ވޯޓެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕަ ނިސްބަވްވެވަޑައިގަންނަވާ ރަށް ވަށަފަރުން ވެސް ޕީއެންސީ ބަލިވިއިރު، ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މީހަކު ހޮވުމަށްޓަކައި ކުރިއަށް ދިޔަ އިންތިޚާބު، ސަރުކާރު ހިންގާ ޕީއެންސީ ކެންޑިޑޭޓް ބަލިކޮށް، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ޝުޖާއު އަލީ ވަނީ ކާމިޔާބުކޮށްފަ އެވެ.











