އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ އަމަލު ހުއްޓުވައި ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި
29 ނޮވެމްބަރު 2026 | އާދީއްތަ 08:26ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިތާބުގައި، ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށާއި މިނިވަން ދައުލަތެއް ބަލައިގަތުމަށް ގޮވާލެއްވި. މީގެއިތުރުން، އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުވައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އަމަލީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ބާރުއެޅުއްވި


އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ އަމަލު ހުއްޓުވައި ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި | ރައީސް އޮފީސް
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލު، މިހާރުން މިހާރަށް ހުއްޓުވައި، ޣައިރުޤާނޫނީ ވަޒަންވެރިވުންތަކާއި ނަސްލީ އިމްތިޔާޒު ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވީ، މި ދުވަހަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ބަޔާންކުރަން ދަތި ވޭނާއި ކެކުޅުންތައް ދުނިޔެއަށް ހަނދާންކޮށްދޭ ދުވަހެއް ކަމުގަ އެވެ.
އެހެންކަމުން، ހަމައެކަނި ބަޔާންތައް ނެރުމުގެ ބަދަލުގައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ. މިގޮތުން، 1967 ގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
މީގެއިތުރުން، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގައި ފަލަސްތީނަށް މިހާރު ވާހަކަދެއްކުމުގެ ފުރުސަތު އޮތް ނަމަވެސް، ހަޤީޤީ ތަމްސީލުވުމެއް ހާސިލުވާނީ، ވޯޓުލުމުގެ ހައްޤު ލިބިގެން ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި، އެ ޖަމްއިއްޔާގެ ހުރިހާ ގުނަންތަކެއްގައި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ހައްޤު ފަލަސްތީނަށް ކަށަވަރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.
ފަލަސްތީނުގެ ހައްޤުގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއިން އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި އެ ޤައުމުގެ ހައްޤުގައި ކުރަމުންދާ ވަކާލާތު ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްޚުލް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޚިތާބު ނިންމަވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން އަމާންކަމުގެ އަސާސީ ހައްޤު ނިގުޅައިގަނެވިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށާއި، ބޭސްފަރުވާއާއި، ކާބޯތަކެތި ފަދަ އިންސާނީއެހީ، އެއްވެސް ހުރަހެއްނެތި ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރައީސް މުއިއްޒު ގޮވާލައްވާފައިވެ އެވެ.
މި ޝުއޫރުތައް ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ވެސް ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.










