"ބޮޑުހިލަ އެބަ ގެންނަން": 2024 އިން 2026 އަށް ބަދަލުނުވި މި ސަރުކާރުގެ ހަމައެކަނި ޖުމްލަ!
25 ނޮވެމްބަރު 2026 | ބުދަ 12:33ރާއްޖޭގެ އުމްރާނީ މަޝްރޫއުތައް ހުއްޓިފައިވަނީ ބޮޑުހިލަ ނުލިބިގެން ކަމަށް ބުނެ ސަރުކާރުން ތަކުރާރުކޮށް ބަހަނާ ދައްކަމުންދާ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައި. އިންޑިއާއިން ހިލަ އެތެރެކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ފައިސާގެ ދަތިކަމާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހިލަ ނުލިބޭ ކަމަށް ބުނެ ސަރުކާރުން ދަނީ މަސައްކަތްތައް ލަސްވާ ސަބަބު ދިފާއުކުރަމުން. ތިން އަހަރުވީއިރު ވެސް މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބި، މަޝްރޫއުތައް އޮތީ ހުއްޓިފައި


ބޮޑުހިލައިގެ ޝިޕްމަންޓެއް | އެމްޓީސީސީ
ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި އެ މަޝްރޫއުތައް ލަސްވުމުގެ ސަބަބެއްގެ ގޮތުގައި ސަރުކާރުގެ އިސްވެރިން 2024 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް، އެންމެ ގިނައިން ދައްކާފައިވާ އެއް ވާހަކައަކީ "ބޮޑުހިލަ ލިބުމުގެ ދަތިކަން" ކަމަށް ބުނެ ދައްކާފައިވާ ބަހަނާތަކެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެއް ވާހަކައެއް ތަފާތު ސިފަސިފައިގައި ތަކުރާރު ކުރަމުންދާއިރު، ހަގީގީ މައްސަލައަކީ ބޮޑު ހިލަ ނޫން ކަމަށް ބުނެވިދާނެ އެވެ. އޭގެ ބަދަލުގައި އެއްވެސް މަޝްރޫއެއް ނުހިނގަނީ، މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރާއި ބޮޑު ހިލައިގެ ސިލްސިލާ އަށް ބަލާއިރު، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ރައީސް މުއިއްޒު ފ. ފީއައްޔަށް ވަޑައިގެން އެ ރަށަށް ބޮޑުހިލަ ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް، އޭގެ ދޮޅު އަހަރު ފަހުން ވެސް އެކަން ހަމަޖެހިފައެއް ނުވެ އެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ވެސް ސަރުކާރުން ވަނީ ވަރަށް އަވަހަށް ބޮޑުހިލަ ލިބި މަސައްކަތްތައް ފެށޭނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރު ނިމި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ދިޔައިރު، ވާހަކަފުޅުގެ ރާގު ބަދަލުވެ، އޭރު ރައީސް މުއިއްޒު ވިދާޅުވީ ހިލަ ނުލިބިގެން އުޅެނީ ފައިސާގެ ތާށިކަމާއި އެފަދަ އެހެން ސަބަބުތަކާ ހުރެ ކަމަށެވެ. އެފަހަރު ވެސް ރައީސް މުއިއްޒު ވަނީ ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުންހަ މަޖައްސާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ވާހަކަފުޅަށް ފަހު 2025 ވަނަ އަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަހު ވެސް އެކި ރަށްރަށުގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ބޮޑުހިލަ ޝިޕްމަންޓް ނުލިބޭތީ ކަމަށް ސަރުކާރުން ބުނަމުން ދިޔަ އެވެ. އޭގެ ފަހުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު، އެމްޓީސީސީ މެދުވެރިކޮށް ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓްގެ ގޮތުގައި 56،450 ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނައިކަން ސަރުކާރުން އިއުލާންކުރި އެވެ. އަދި އެ އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެ ގެންނާނެ ކަމަށް އެމްޓީސީސީން ބުނި ނަމަވެސް، އޭގެ ފަހުން ވެސް ރަށްރަށުގެ މަޝްރޫއުތަކަށް ބޭނުންވާ ހިލައިގެ ދަތިކަން ހައްލުވެފައެއް ނުވެ އެވެ.
މި ހިނގާ 2026 ވަނަ އަހަރަށް ބަލާއިރު، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާއި، އެ ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުވުމަކީ ސަރުކާރުގެ ބަހަނާތަކަށް އިތުރުވި އައު ބޮޅެކެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލުނު ނަމަވެސް، ރާއްޖެއަށް ބޮޑުހިލަ ނުލިބުމުގެ މައިގަނޑު ސަބަބަކީ ވެސް އެ ހަނގުރާމަ ކަމަށް ސަރުކާރުން ދައްކަން ފެށި އެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖޫން މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ގިނަ ރަށްރަށުގެ މަސައްކަތްތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ ހެދި ކަމަށާއި، އެ މަހުން ފެށިގެން ހިލަ ގެނައުމުގައި ފަސޭހަތަކެއް ލިބި މަޝްރޫއުތައް ނިންމާލެވޭނެ ކަމަށެވެ. އެހެންނަމަވެސް، އޭގެ ފަހުން އޮކްޓޫބަރު 2026 ގައި އަދި ނޮވެމްބަރު 23 އާއި 24 ގައި ވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބަނދަރު ހެދުމާއި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓިފައި ވަނީ ހަނގުރާމަތަކާ ގުޅިގެން ހިލަ ލިބުން ތާށިވުމުގެ ސަބަބުން ކަމަށެވެ.
ރައީސް މުއިއްޒު އާއި މިނިސްޓަރު މުއްތަލިބު އެހެން ވިދާޅުވި ނަމަވެސް ރާއްޖެއަށް އެންމެ ގިނައިން ހިލައާއި ވެލި ފޯރުކޮށްދޭ ގައުމަކީ އަވަށްޓެރި އިންޑިއާ އެވެ. ސަރުކާރުގެ ވެރިން މީގެ ކުރިން އިންޑިއާއާ މެދު އަމަލުކުރި ގޮތަށް ފަހު ވެސް، އިންޑިއާއިން ވަނީ ރާއްޖެއަށް ދުނިޔޭގެ އެހެން ގައުމަކަށް ނުދޭހާ ބޮޑު ކޯޓާއެއް ހިލައާއި ވެލި އެތެރެކުރުމަށް ދީފަ އެވެ. އެހެންކަމުން، އިންޑިއާއިން ހިލަ ގެނައުމުގެ މަގު ތަނަވަސްވެފައި އޮއްވައި، މެދުއިރުމަތީގެ ހަނގުރާމައަކާއި ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ވާހަކަ ދައްކައިގެން މަޝްރޫއުތައް ހުއްޓިފައި އޮތް އޮތުން ދިފާއުކުރުމަކީ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދައްކާ ބަހަނާއެއްކަން މިއީ މިއަދު އެތައް ބަޔަކު ގަބޫލު ކުރާ ހަގީގަތެކެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު އެންމެ ހެއްވާ، އަދި އާންމުންގެ މަލާމާތް ރައްދުވާ ކަމަކީ، 2024 ވަނަ އަހަރު "ވަރަށް އަވަހަށް ހިލަ ލިބޭނެ" ކަމަށް ވިދާޅުވި ވާހަކައާއި، 2025 ވަނަ އަހަރު "ފައިސާ ހަމަޖައްސައިފިން، ބަލްކުކޮށް ހިލަ އެބަ ގެންނަން" ވިދާޅުވި ވާހަކައަށް ފަހު، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް މިނިސްޓަރު މުއްތަލިބް ހަމަ އެއް އިބާރާތަކުން "ހިލަ ލިބުން ވަރަށް އަވަހަށް ހައްލުވާނެ އަންނަ އަހަރު ތެރޭގައި" ކަމަށް ވިދާޅުވުމެވެ. ތިން އަހަރު ވެގެން ދިޔައިރު، ފައިސާގެ ދަތިކަމުން ފެށިގެން މެދުއިރުމަތީގެ ހަނގުރާމައާ ހަމައަށް ސަބަބުތައް ބަދަލުވަމުން ދިޔަ ނަމަވެސް، ސަރުކާރުގެ ރަސްމީ ޖަވާބުގައި ބަދަލުނުވެ އޮތް ހަމައެކަނި ކަމަކީ މަޝްރޫއުތައް ނުހިނގަނީ ބޮޑުހިލަ ނުލިބިގެން ކަމަށް ބުނާ ބުނުމާއި، "އަންނަ އަހަރު" އެކަން ހައްލުވާނެ ކަމަށް ދޭ ޔަގީންކަމެވެ.









