މައްކާގެ ދިފާއީ މުއާހަދާގެ ދަށުން ސަޢުދީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕާކިސްތާނުގެ އަސްކަރީ ފައުޖެއް ފޮނުވައިފި
29 ނޮވެމްބަރު 2026 | އާދީއްތަ 08:08ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ވެފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، ސައުދީގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ޕާކިސްތާނުގެ އަސްކަރީ ފައުޖެއް އެ ގައުމަށް ފޮނުވައިފި. މި ފައުޖު ފޮނުވާފައިވަނީ ސައުދީގެ ދިފާއީ ގާބިލުކަން ވަރުގަދަކުރުމަށާއި ދެ ހަރަމްފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕާކިސްތާނުން ދޭ އަހައްމިއްޔަތު ހާމަކުރުމުގެ ގޮތުން


ސަޢުދީ ޢަރަބިއްޔާއަށް ފޮނުވާ ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރު ފުރުމުގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތު | އެކްސް
ޔަމަނުގެ ޙޫޘީ ޖަމާއަތުން ސަޢުދީ ޢަރަބިއްޔާގެ ތެލާއި އިގުތިސާދީ މުހިންމު ބިނާތަކަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ދިފާއީ އެއްބަސްވުންތަކުގެ ދަށުން ޕާކިސްތާނުން އެ ގައުމަށް ސިފައިން ފޮނުވައިފި އެވެ.
މި ސިފައިން ފޮނުވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ގާއިމުކޮށްފައިވާ ދިފާއީ އެއްބާރުލުމުގެ އޮނިގަނޑުގެ ތެރެއިން ކަމަށް ޕާކިސްތާނުގެ ސަރުކާރުން އާދީއްތަ ދުވަހު ހާމަކުރި އެވެ.
ސަޢުދީ ޢަރަބިއްޔާއަށް ފުރި ޕާކިސްތާނުގެ ސިފައިންނަށް އަލްވަދާއު ކިޔުމަށް ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފާއި، ޕާކިސްތާނުގައި ހުންނަވާ ސަޢުދީ ޢަރަބިއްޔާގެ ސަފީރު ރާޖިޙް ތާމީ އަލްބުޤަމީ ބައިވެރިވެވަޑައިގެންނެވި ކަމަށް ޕާކިސްތާނު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. މީގެ އިތުރުން، ޕާކިސްތާނު ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އުމަރު އަޙްމަދު ބުޚާރީއާއި ޕާކިސްތާނު ސިފައިންގެ ލާހޯރު ކޯގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މުޙައްމަދު އުމަރު ބަޝީރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި އަސްކަރީ ފައުޖު ސަޢުދީ ޢަރަބިއްޔާއަށް ފޮނުވާފައި މި ވަނީ، ތިން ގައުމު ހިމެނޭ މައްކާގެ ދިފާއީ މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ ދިފާއީ ވަޒީރުންނާއި ހާރިޖީ ވަޒީރުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބައްދަލުކުރައްވައި، ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަޢުދީ ޢަރަބިއްޔާ ދިފާއުކުރުމުގައި ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން އަލުން ދެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
"މި ފައުޖު ފޮނުވުމުން ދައްކުވައި ދެނީ، އުޚުއްވަތްތެރި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިސްތިރާޖީ ބައިވެރިވުމާއި އަޚުވަންތަ ގުޅުމުގެ މައްޗަށް ބިނާވެ، ސަޢުދީ ޢަރަބިއްޔާގެ ސަލާމަތާއި، އިސްތިގުލާލާއި، ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް ޕާކިސްތާނުން ދޭ ގުޑުމެއް ނެތް އަހައްމިއްޔަތުކަން،" ޕާކިސްތާނު އަސްކަރިއްޔާގެ ބަޔާނުގައި ބުންޏެވެ.

ސަޢުދީ ޢަރަބިއްޔާއަށް ފޮނުވާ ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރު ފުރުމުގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން | އެކްސް
ހަމަމިއާއެކު، ސަޢުދީ ޢަރަބިއްޔާގެ ސަލާމަތާއި، މައްކާއާއި މަދީނާގެ ދެ ހަރަމްފުޅުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޕާކިސްތާނުން އަބަދު ވެސް ސާބިތުވެ އޮންނާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ސަޢުދީ ޢަރަބިއްޔާގެ ބިމުގައި މި ސިފައިން އަދާކުރާނީ އެއްބަސްވެފައިވާ ކަންކަމާއި ދިފާއީ އެއްބާރުލުމުގެ އޮނިގަނޑުގެ ދަށުން ހަވާލުކުރާ ޒިންމާތައް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އުފެދެމުންދާ ސަލާމަތީ ނުރައްކާތަކުގެ ތެރޭގައި، ސަޢުދީ ޢަރަބިއްޔާގެ ދިފާއީ ގާބިލުކަން އިތުރަށް ވަރުގަދަކުރުމަށް މި ފައުޖުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،" އަސްކަރިއްޔާގެ ބަޔާނުގައި އިތުރަށް ބުންޏެވެ.
ތިންވަނަ ގައުމަކުން ހަމަލާއެއް ދީފި ހާލަތެއްގައި އެއް ގައުމު އަނެއް ގައުމުގެ ދިފާއުގައި ނުކުތުމަށް ޕާކިސްތާނާއި ސަޢުދީ ޢަރަބިއްޔާއިން ވަނީ މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ތެރެއިން، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ އޮގަސްޓު މަހު މައްކާގައި ތިން ގައުމުގެ ދިފާއީ މުއާހަދާއެއްގައި ސޮއިކުރައްވައިފަ އެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ގުޅިގެން ދިފާއުވުމާއި ނުރައްކާތަކުން ރައްކާތެރިވުމުގެ ނިޒާމެއްގެ ތެރެއިން ތިން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











