ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި
23 ނޮވެމްބަރު 2026 | ހޯމަ 07:17ސަޢުދީގެ ރާބިޣުގައި ހުންނަ ތެޔޮ ސާފުކުރާ މަރުކަޒަށް އަމާޒުކޮށް ކާމިޔާބު ހަމަލާއެއް ދީފައިވާނެ ކަމަށް ޙޫޘީން ބުނި ނަމަވެސް، ސަޢުދީ ސަރުކާރުން މި ކަން ކަށަވަރުކޮށްދީފައެއް ނުވޭ. ފާއިތުވި މަސްތަކުގައި ސަޢުދީގެ ހަކަތައާ ބެހޭ އުމްރާނީ ވަސީލަތްތަކަށް ޙޫޘީން ދޭ ހަމަލާތައް އިތުރުކޮށްފައިވާއިރު، ރައްދުގައި ސަޢުދީ އިސްވެ އޮންނަ އިއްތިހާދުން ވެސް ދަނީ ޔަމަނަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކުރަމުން


ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ރަށްބޭރުގައި ހުންނަ ސަޢުދީ އަރަމްކޯ ތެޔޮ ކުންފުނީގެ ކާރުޚާނާއަކަށް ދިން ހަމަލާއަކާ ގުޅިގެން ރޯވި އަލިފާންގަނޑު ނިއްވައިލަން މަސައްކަތް ކުރަނީ | ގެޓީ އިމޭޖަސް
ސަޢުދީ ޢަރަބިއްޔާގެ ހުޅަނގު ފަރާތުން ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ރާބިޣު ތެޔޮ ސާފުކުރާ ކާރުޚާނާއަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށް އީރާނުގެ ވާގިވެރިކަން ލިބޭ ޔަމަނުގެ ޙޫޘީން އާދީއްތަ ދުވަހު ބުނެފި އެވެ. މިއީ، ސަޢުދީ ޢަރަބިއްޔާގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭ ކަމަށް އެ ޖަމާއަތުން ކުރަމުންދާ ދައުވާތަކުގެ ސިލްސިލާގެ ތެރެއިން ހިންގި ކަމެއް ކަމަށް ބުނާ އޮޕަރޭޝަނެކެވެ.
މި ހަމަލާ ސީދާ އަމާޒަށް ވާސިލުވެފައިވާ ކަމަށް ޙޫޘީން ބުންޏެވެ. ނަމަވެސް، މި ހަމަލާގައި ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ސާފެއް ނުވެ އެވެ. އަދި، ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން މި ކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާބިޣަކީ ސަޢުދީ އަރަމްކޯ ތެޔޮ ކުންފުންޏާއި ޖަޕާނުގެ ސުމިޓޯމޯ ކެމިކަލް ކުންފުނި ގުޅިގެން ތަރައްގީކޮށްފައިވާ، ތެޔޮ ސާފުކުރުމާއި ޕެޓްރޯކެމިކަލް އުފެއްދުމުގެ ބޮޑު މަރުކަޒެއް ކަމަށްވާ ޕެޓްރޯ ރާބިޣު ގާއިމުކޮށްފައިވާ ސަރަހައްދެވެ. ރަތް ކަނޑުގެ އައްސޭރީގައި އޮންނަ މި މަރުކަޒު ހުންނަނީ ޖިއްދާގެ އުތުރުން ގާތްގަނޑަކަށް 165 ކިލޯމީޓަރު ދުރުގަ އެވެ. އަދި، ފުން ކަނޑުގެ ސަރަހައްދުން ތެޔޮ ބޭރުކުރުމުގެ ވަސީލަތްތައް ވެސް އެ ތަނަށް ލިބިފައިވެ އެވެ.
ފާއިތުވި މަސްތަކުގައި ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިން ކަމަށް ތަކުރާރުކޮށް ދައުވާކޮށްފަ އެވެ. މީގެ ތެރޭގައި 'އީސްޓް-ވެސްޓް' ހޮޅިލައިނާއި، ދެކުނުގެ ޖާޒާން އަދި އިރުމަތީ ޕްރޮވިންސްގެ ރާސް ތަނޫރާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިން ކަމަށް ބުނާ ހަމަލާތައް ހިމެނެ އެވެ. ނަމަވެސް، ތެޔޮ ސާފުކުރާ އެއްވެސް ކާރުޚާނާއަކަށް ހަމަލާއެއް އަމާޒުވި ކަމަށް ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައިގެ ތެރެއިން، މިދިޔަ ޖުލައި މަހު އަލުން ފެށުނު ހަމަނުޖެހުންތަކުގައި، ޙޫޘީން ވަނީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ބައެއް ސަރަހައްދުތައް އަތުލައިގަނެފަ އެވެ. މީގެ އިތުރުން، ސަޢުދީ ޢަރަބިއްޔާގެ ވައިގެ ބަނދަރުތަކަށާއި ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ދޭ މިސައިލާއި ޑްރޯން ހަމަލާތައް ވެސް އެ ޖަމާއަތުން ވަނީ އިތުރުކޮށްފަ އެވެ.
ހަމަމިއާއެކު، ޔަމަނުގައި ތިބި އެ ގައުމުގެ ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން، ސަޢުދީ ޢަރަބިއްޔާއިން ވެސް ވަނީ ޙޫޘީންގެ އަމާޒުތަކަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.
މަސްދަރު: ރޮއިޓަރސް











