"ޙޫޘީންގެ ހަމަލާތައް ބަލައެއް ނުގަނެވޭނެ": ސަޢުދީގެ ދިފާއުގައި މައްކާ އިއްތިހާދުގެ ބާރުތައް އެއްގަލަކަށް
28 ނޮވެމްބަރު 2026 | ހޮނިހިރު 05:41ސަޢުދީގެ ދިފާއުގައި ޕާކިސްތާނާއި ތުރުކީވިލާތުން ބައިވެރިވާ 'މައްކާ މުއާހަދާ' ވަރުގަދަކޮށް، އަސްކަރީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިސްލާމްއާބާދުގައި ބޭއްވި ބައްދަލުވުމުގައި ވަނީ އިގުރާރުވެފައި. މި އިއްތިހާދު ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ސަޢުދީގެ އިސްތިގުލާލު ހިމާޔަތްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ތިން ގައުމުން ވަނީ ދީފައި


ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި 'މައްކާ ދިފާއީ މުއާހަދާ' ގެ މެންބަރު ގައުމުތަކުގެ ހާރިޖީ އަދި ދިފާއީ ވަޒީރުންގެ އިތުރުން އަސްކަރިއްޔާގެ އިސް އޮފިޝަލުން | ރޮއިޓަރސް
ޔަމަނުގެ ޙޫޘީ ޖަމާއަތުން ސަޢުދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ގައުމުގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ދެމުންދާ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް ޕާކިސްތާނާއި ތުރުކީވިލާތުން އަލުން އަހުދުވެއްޖެ އެވެ.
މި ތިން ގައުމުގެ ސަރުކާރާއި ދިފާއީ ދާއިރާގެ އިސްވެރިން މި ކަން ހާމަކުރެއްވީ، މައްކާ ދިފާއީ މުއަހަދާގައި ބައިވެރިވާ ގައުމުތަކުގެ ސްޓްރެޓެޖިކް ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީއިން (އެސްޕީޑީސީ) އިން ހުކުރު ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ބައްދަލުވުމަށް ފަހު ނެރުއްވި ބަޔާނެއްގަ އެވެ.
އޮގަސްޓު 7 ވަނަ ދުވަހު މި ތިން ގައުމުން ސޮއިކުރި މައްކާ ގުޅިފައިވާ ދިފާއީ އެއްބަސްވުމުގެ ދަށުން، އިއްތިހާދުގެ އެއްވެސް މެންބަރު ގައުމަކަށް ދެވޭ އަސްކަރީ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވެ އެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ ތިން ގައުމުގެ ހާރިޖީ ވަޒީރުންނާއި، ދިފާއީ ވަޒީރުންގެ އިތުރުން އަސްކަރިއްޔާގެ އެންމެ އިސް ވެރިންނެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރާއި ބަޔަށް ދެމިގެންދިޔަ މި ބައްދަލުވުމަށް ފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު އިސްޙާޤު ދާރު ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
"އެސްޕީޑީސީގެ ބައްދަލުވުމުގައި ސަރަހައްދީ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތައް މުރާޖާކޮށް، ސަރަހައްދީ ސުލްހައާއި، ސަލާމަތާއި، ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގައި ތިން ގައުމުން ދެމިތިބޭނެކަމުގެ ޔަގީންކަން އަލުން ކަށަވަރުކޮށްދީފިން،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ދާރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އާންމު ރައްޔިތުންނާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޙޫޘީން ދެމުންދާ ހަމަލާތަކާ މެދު ތިން ގައުމުން ކަންބޮޑުވުން ފާޅުކުރިކަން ދާރު ފާހަގަކުރެއްވި އެވެ.
"ސަޢުދީ ޢަރަބިއްޔާގެ އާންމު ރައްޔިތުންނާއި މަދަނީ ބިނާރަށް އަމާޒުކޮށް ޙޫޘީ ހަނގުރާމަވެރިން މެދުނުކެނޑި ދެމުންދާ 'ނުބައި' ހަމަލާތައް ތިން ފަރާތުން ވެސް ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި،" އޭނާ ވިދާޅުވި އެވެ. "މައްކާ ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ޖަމާއީ ދިފާއީ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަޢުދީ ޢަރަބިއްޔާގެ ސަލާމަތާއި، އިސްތިގުލާލާއި، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރުކޮށް، އެކުގައި ދެމިތިބުމުގެ އުޒުމު ތިން ގައުމުން ވަނީ އައުކޮށްފައި."
ޙޫޘީންގެ ހަމަލާތައް މެދުނުކެނޑި ކުރިއަށް
މި މަތީ ފަންތީގެ މަޝްވަރާތައް ބާއްވާފައި މި ވަނީ، ޖުލައި މަހު ޔަމަނުގެ އަހުލީހަނގުރާމަ ހޫނުވި ފަހުން އީރާނުގެ މަދަދު ލިބޭ ޙޫޘީން ސަޢުދީ ޢަރަބިއްޔާގެ ރަށްތަކާއި، ތެލުގެ މަރުކަޒުތަކަށާއި، އާގުބޯޓުފަހަރަށް ތަކުރާރުކޮށް ހަމަލާ ދެމުންދާ ދަނޑިވަޅެއްގަ އެވެ.
ސެޕްޓެންބަރު 23 ވަނަ ދުވަހުން ފެށިގެން ޙޫޘީންގެ ކަމަށް ޝައްކުކުރެވޭ ޑްރޯން އަދި މިސައިލް ހަމަލާތަކުގައި ސަޢުދީ ޢަރަބިއްޔާއިން ގާތްގަނޑަކަށް 26 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. މީގެ ތެރެއިން 23 މީހުން މަރުވެފައި ވަނީ އެއާޕޯޓުތަކަށް ދިން ހަމަލާތަކުގަ އެވެ.
ހުކުރު ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި މި ހަމަލާތަކުގެ މައްސަލަ އޮންނާނެ ކަމަށް ބެލެވުނު ނަމަވެސް، މި ކަމާ ގުޅިގެން އަޅާނެ ވަކި ފިޔަވަޅުތަކެއްގެ ތަފުސީލެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
މި އިއްތިހާދުގެ މެންބަރު ގައުމުތަކުން އޮކްޓޫބަރު 5 ވަނަ ދުވަހު ރިޔާޟުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ސަޢުދީ ޢަރަބިއްޔާއަށް ބޭނުންވާ އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް ފޯރުކޮށްދީ، އަވަސް ފިޔަވަޅެއްގެ ގޮތުގައި އެ ގައުމުގައި ގާއިމުކުރުމަށް ވަނީ އެއްބަސްވެފަ އެވެ.
ޕާކިސްތާނުން މީގެ ކުރިން ވެސް ވަނީ ސަޢުދީ ޢަރަބިއްޔާގެ ބިން ދިފާއުކޮށްދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، ޔަމަނަށް ދިފައިން ފޮނުވައި ޙޫޘީންނަށް ހަމަލާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެ ގައުމުން ވަނީ ސާފުކޮށްދީފަ އެވެ.
އަންކަރާގެ މިހާރުގެ ސިޔާސަތު އަމާޒުކޮށްފައި ވަނީ ސަޢުދީ ޢަރަބިއްޔާ ދިފާއުކުރުމަށް ކަމަށް، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން މިދިޔަ ހަފުތާގައި އެ ގައުމުގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި އެވެ.
"ޔަމަނަށް ސިފައިން ފޮނުވުމާމެދު އެއްވެސް ނިންމުމެއް ނިންމާފައެއް ނުވޭ. ނަމަވެސް، ސަޢުދީ ޢަރަބިއްޔާ ދިފާއުކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަން ދަނީ ފޯރުކޮށްދެމުން،" ފިދާން ވިދާޅުވި އެވެ.
ދިފާއީ ސިނާއަތުގެ އެއްބާރުލުމާއި އިއްތިހާދު ފުޅާކުރުން
ހުކުރު ދުވަހުގެ މަޝްވަރާތަކުގައި އިއްތިހާދުގެ ކުރީގެ ބައްދަލުވުންތަކުގައި ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހާއްސަ އިސްކަމެއް ދެވުނު ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ދާރު ވިދާޅުވި އެވެ.
"ދިފާއީ ސިނާއަތްތަކާއި، ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން ކުރާ ތަރައްގީގެ މަސައްކަތްތަކާއި، ތަމްރީނާއި ގާބިލުކަން އިތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށް ބައިވެރިން ވަނީ އަލުން އަހުދުވެފައި. މީގެ މަގުސަދަކީ ދެ ފަރާތުގެ ސަލާމަތީ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ސަރަހައްދީ ސުލްހައާއި ސަލާމަތަށް ހިއްސާވުމަށް ޓަކައި އަސްކަރީ ބާރުތަކުގެ ގުޅުމާއި ގާބިލުކަން އިތުރުކުރުން،" ދާރު ވިދާޅުވި އެވެ.
މި ފަދަ ވިލަރެސްކުރުމަކީ މައްކާ އިއްތިހާދުގެ އިސްތިރާޖުގެ މައިގަނޑު އަސާސް ކަން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ފިދާން ފާހަގަކުރެއްވި އެވެ.
"މި އިއްތިހާދުގެ އެންމެ ބޮޑު އަމާޒަކީ، މެންބަރު ގައުމުތަކުގެ އަސްކަރީ ގާބިލުކަމުގެ އިތުރުން ދިފާއީ ސިނާއަތުގެ ގާބިލުކަން ވެސް އެއްކޮށްލައިގެން ބޮޑު ބާރެއް އުފެއްދުމާއި، ވަރުގަދަ ނުފޫޒެއް ފޯރުވުމާއި، ސުލްހައާއި ހަމަޖެހުމަށް ލާބަހުރި ބޮޑު ހިއްސާއެއް އަދާކުރުން،" ބައްދަލުވުމަށް ފަހު ފިދާން ވިދާޅުވި އެވެ.
ހަމަމިއާއެކު، އެމެރިކާއާއި އީރާނާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށް ފިދާން ވިދާޅުވި އެވެ. އަދި، މި އިއްތިހާދާ އަލަށް ގުޅެން އެދޭ އެހެން ގައުމުތަކަށް މެންބަރުކަން ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި މަގުޗާޓާ ގުޅޭ ގޮތުން އުސޫލީ ގޮތުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.
ސަރަހައްދުގެ ގިނަ ގައުމުތަކަކުން މިހާރު ވެސް ވަނީ މި މުއާހަދާގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މި ގޮތުން، މިޞްރުން މި އިއްތިހާދާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އޮގަސްޓު މަހު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވި އެވެ.
މީގެ އިތުރުން، ބަންގްލަދޭޝްއިން ވެސް މި އެއްބަސްވުމުގައި ބައިވެރިވުމާމެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް ބުނެފައިވާއިރު، މައްކާ އިއްތިހާދުގެ ތެރެއަށް ވަނުމާ މެދު ދިމިޝްޤުން ދިރާސާކުރަމުންދާ ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްޢަދު އައްޝައިބާނީ ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











