މާލޭގެ ފަހާ ތަނަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
31 އޮކްޓޯބަރު 2026 | ހޮނިހިރު 16:01މާލޭގެ ފަހާ ތަނަކަށް ހެދުން ފަހަން ދިޔަ 19 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. މި ހާދިސާ ހިނގާފައިވަނީ ހެދުމުގެ މިން ނެގުމަށް އެ އަންހެން މީހާ ޗޭންޖިން ރޫމަށް ވެއްދުމަށްފަހު ކަމަށް މައުލޫމާތު ލިބޭއިރު، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން


ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ | ސޯޝަލް މީޑިއާ
މާލޭގައި ހުންނަ ފަހާ ތަނަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފަހާތަނެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަފްސީލު ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ މާލޭގައި ހުންނަ ފަހާ ތަނެއްގެ ތެރޭގަ އެވެ. އެގޮތުން ހެދުމެއް ފަހަން ދިޔަ 19 އަހަރުގެ ޒުވާން އަންހެނަކު، ހެދުމުގެ މިން ނެގުމަށްޓަކައި އެ ތަނުގެ ޗޭންޖިން ރޫމަށް ވެއްދުމަށް ފަހު، އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީ މީހާ އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










