Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ކުވެއިތުގެ ޑްރޯން ހަމަލާގެ ތުހުމަތުތަކާއެކު، އީރާނާއި އީޔޫގެ ގުޅުން އިތުރަށް ގޯސްވުމުގެ ބިރު ބޮޑުވެއްޖެ

29 ނޮވެމްބަރު 2026 | އާދީއްތަ 06:57

ކުވެއިތުގެ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި އިޓަލީގެ ދެ މުވައްޒަފުން މަރުވުމާ ގުޅިގެން، އީރާނާއި ވިލާތުގެ އިއްތިހާދުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް މާހިރުން ލަފާކުރޭ. މި ހަމަލާގެ ޒިންމާ އީރާނުން ދޮގުކުރި ނަމަވެސް، މިއީ އެ ސަރަހައްދުގައި ތިބި ވިލާތުގެ ފަންނީ މީހުންނަށް އޮތް ނުރައްކަލެއް ކަމަށާއި، މީގެ ސަބަބުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިވުން އެކަށީގެންވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 29 ނޮވެމްބަރު 2026 | އާދީއްތަ 06:57
ކުވައިތުގެ ވެރިރަށް ކުވައިތު ސިޓީގައި ހުންނަ ލިބަރޭޝަން ޓަވަރު ކައިރީގައި އެ ގައުމުގެ ދިދަ ވިހުރުވެމުންދާ މަންޒަރު

ކުވައިތުގެ ވެރިރަށް ކުވައިތު ސިޓީގައި ހުންނަ ލިބަރޭޝަން ޓަވަރު ކައިރީގައި އެ ގައުމުގެ ދިދަ ވިހުރުވެމުންދާ މަންޒަރު | އޭޕީ ފޮޓޯ

ކުވެއިތުގެ އަސްކަރީ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި އިޓަލީވިލާތުގެ ދެ ރައްޔިތުން މަރުވުމާ ގުޅިގެން، އީރާނާއި ވިލާތުގެ އިއްތިހާދުގެ (އީޔޫ) ގުޅުން އިތުރަށް ހީނަރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މާހިރުން ދީފި އެވެ.

ބުރާސްފަތި ދުވަހު ކުވެއިތުގެ އަސްކަރީ މަރުކަޒަކަށް ދިން މި ހަމަލާގައި މަރުވެފައި ވަނީ ވިލާތުގެ ދިފާއީ ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 65 އަހަރުގެ އެންޓޯނިއޯ ސަކޯޗިއޯއާއި، 36 އަހަރުގެ އެމަނުއެލޭ ލޯ ރޫސޯ އެވެ. އީރާނުން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ މި ހާދިސާގެ އެއްވެސް ޒިންމާއެއް ނަގަން ތެހެރާނުން ވަނީ ރަސްމީކޮށް ދެކޮޅު ހަދާފަ އެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތުން އީރާނަށް ދެމުންދާ ހަމަލާތަކުގައި ރަސްމީކޮށް ބައިވެރިވެފައި ނުވާ ވިލާތުގެ ގައުމުތައް މި ހަނގުރާމައިގެ ތެރެއަށް އިތުރަށް ވެއްދުމަށް ޓަކައި، މިއީ އޮޅުވައިލައިގެން ހިންގި "ފޯލްސް ފްލެގް" އޮޕަރޭޝަނެއް ކަމަށް އީރާނުން ސިފަކުރެ އެވެ.

Advertisement - worldAdvertisement

މި ހަމަލާގެ ޒިންމާ އީރާނުން ދޮގުކުރާ ސަބަބުތައް އަދިވެސް ސާފުނުވާ ކަމަށް، ރޯމްގައި ހުންނަ އިސްތިތޫތޯ އައްފާރީ އިންޓަނޭޒިއޮނާލީގެ (އައިއޭއައި) ރިސަރޗް ކޯޑިނޭޓަރު އަދި ގްލޯބަލް ކޮމްޕެޓިޝަން އެންޑް ޕޮލިޓިކަލް ރިސްކް ޕުރޮގުރާމުގެ އިސްވާރު ރިކާޑޯ އަލްކާރޯ ވިދާޅުވި އެވެ.

"އެ ޑްރޯން ފޮނުވާލީ ޢިރާޤުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތަކުން ކަމަށް ބަލާނަމަ، އޭގެ މަގުސަދަކަށް ވާނީ އެމެރިކާއާއެކު އަލުން ކުރިމަތިލުމަކަށް ދިއުމުގެ ކުރިން ކުވެއިތުގެ ދިފާއީ ގާބިލުކަން ބަލިކަށިކޮށްލުން. ތެހެރާނުން ދެކެނީ އެ ފަދަ ކުރިމަތިލުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއްގެ ގޮތުގައި. އަދި މި ފަދަ އަމަލުތަކުން އެ ކަން ހުއްޓުވިދާނެ ކަމަށް އީރާނުން އުންމީދު ކުރޭ،" އަލްކާރޯ ވިދާޅުވި އެވެ. "ޒިންމާ ނެގުމަށް އެ މީހުން ދެކޮޅު ހަދަނީ ދެ މަގުސަދެއް ހާސިލުކުރުމަށް. އެއީ، ހަމަލާދޭ ބައެއްގެ ގޮތުގައި ނުފެނުމާއި، މިއީ އޮޅުވައިލައިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ދައްކާ ވާހަކައަށް ބާރުދީގެން، ކުރިމަގުގައި އެމެރިކާއާއި ޔަހޫދީ ދައުލަތުން ދީފާނެ ހަމަލާއެއްގެ ހުއްޖަތާ ދެކޮޅަށް ވަކާލާތު ކުރަން ފަސޭހަކުރުން."

ވިލާތުގެ އެތެރޭގެ ނުތަނަވަސްކަމާއި ހަކަތައިގެ ވިޔަފާރީގެ ބިރު

ސިޔާސީ ގޮތުން ބަލާއިރު، އިޓަލީވިލާތުގެ ދެ ރައްޔިތުން މަރުވި މައްސަލައަކީ ވިލާތުގެ އާންމުންގެ މެދުގައި ވަރަށް ނާޒުކު މައްސަލައަކަށް ވެގެން ހިނގައިދާނެ އެވެ. ހާއްސަކޮށް ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ފެށި މަގުބޫލުކަން ކުޑަ އަދި ޣައިރުގާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި، ގޭހާއި ޕެޓްރޯލްގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި، މި ފަދަ ހާދިސާތަކަކީ އެ ހަނގުރާމައާ ގުޅުންހުރި ކަންކަމުގެ ގޮތުގައި ވިލާތުގެ ރައްޔިތުން ދެކެން ފަށައިފިނަމަ ސިޔާސީ ޕްރެޝަރު ބޮޑުވާނެ އެވެ.

ސަރަހައްދުގެ ގައުމުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރުން އިޓަލީވިލާތާއި އީޔޫއިން ކުރިއަށް ގެންދާނެ ކަމަށް އަލްކާރޯ ލަފާކުރައްވަ އެވެ. ހަމަމިއާއެކު، ފާއިތުވި ހަފުތާތަކުގައި އީރާނުގެ ގިނަ ހަމަލާތަކެއް އަމާޒުވެފައިވާ ކުވެއިތުގެ އަސްކަރީ މަރުކަޒުތަކުގައި ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ކުންފުނިތައް ނިސްބަތްވާ ގައުމުތަކުން، ނާޒުކު ސަރަހައްދުތަކުގައި އުޅޭ މުވައްޒަފުންގެ ސަލާމަތީ އުސޫލުތައް އަލުން މުރާޖާ ކުރަން ޖެހޭނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އިޓަލީވިލާތުގެ ދެ ރައްޔިތުން މަރާމާތު ކުރަމުންދިޔަ ރާޑަރު ފަދަ ހަތިޔާރުގެ ނިޒާމުތަކަކީ ވަރަށް ކޮމްޕްލެކްސް ނިޒާމުތަކެއް. އެ ތަކެއްޗަށް މެދުނުކެނޑި ފަންނީ އެހީތެރިކަން ބޭނުންވޭ. އިޓަލީވިލާތުގެ 'ރައިންމެޓަލް' ކުންފުނީގެ މުވައްޒަފުންގެ ހާދިސާއިން އެނގޭ ގޮތުގައި، އެ ފަދަ އެހީތެރިކަން ފޯރުކޮށްދެވޭނީ ހާއްސަ ތަމްރީނު ލިބިފައިވާ ފަންނީ މީހުންނަށް އެކަނި. މީގެ ސަބަބުން އެ މުވައްޒަފުންނަށް މި ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހޭ،" އަލްކާރޯ ވިދާޅުވި އެވެ.

އިޓަލީވިލާތާއި ކުވެއިތުން އީރާނަށް ތުހުމަތު ކުރަމުންދިޔަ ނަމަވެސް، ތެހެރާނުގެ ދައުލަތާ ގުޅުންހުރި ފަރާތްތަކާއި މީޑިއާތަކުން އަންނަނީ މި ހަމަލާގައި ޔޫކްރެއިންގެ އަތެއްވާ ކަމަށް ބުނެ، ހަނގުރާމައިގައި ވިލާތުން އަދާކުރާ ދައުރަށް ސަމާލުކަން އަނބުރަމުންނެވެ. އާދީއްތަ ދުވަހު ލީބިޔާގައި އޮތް ރަޝިއާގެ ދެ އުޅަނދަކަށް ޔޫކްރެއިނުން ހަމަލާދިނުމާ ގުޅިގެން، މޮސްކޯއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މެދުއިރުމަތީގެ މައިދާނަށް ދަމައިގަންނަން އުޅޭ ކަމަށް ބުނެ ކީވްއާމެދު ވަނީ ބޮޑެތި ނުރުހުންތަކެއް އުފެދިފަ އެވެ.

އޮޅުވައިލައިގެން ހިންގި މި އޮޕަރޭޝަންގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށް، ތެހެރާނުގައި ދިރިއުޅުއްވާ ކޮންޒަރވެޓިވް ސިޔާސީ ދާރިސެއް ކަމަށްވާ ފުއާދު އީޒަދީ ވިދާޅުވި އެވެ. އެމެރިކާގެ މަތިންދާބޯޓުތަކަށާއި އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ވިލާތުގެ އިސްވާރުންގެ އަތުގައި ވަނީ "އީރާނުގެ ރައްޔިތުންގެ ލޭ" ހޭކިފައި ކަމަށް، ޔުނިވަރސިޓީ އޮފް ތެހެރާންގެ ފެކަލްޓީ އޮފް ވަރލްޑް ސްޓަޑީޒްގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ އީޒަދީ ތުހުމަތު ކުރެއްވި އެވެ.

މި ގޮތުން، ފެބުރުވަރީ 28 އިން ފެށިގެން އެޕްރީލު މަހުގެ މެދުތެރެއާ ހަމައަށް 'އޮޕަރޭޝަން އެޕިކް ފިއުރީ' އަށް އެހީވުމަށް ވިލާތުގެ އަސްކަރީ މަރުކަޒުތަކުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގެ 5,000 އާ ހަމައަށް އުދުހުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ހުޅަނގުގެ ދިފާއީ އިއްތިހާދުގެ (ނޭޓޯ) ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ކަށަވަރުކޮށްދެއްވާފައިވާ ބަޔާންތަކަށް އީޒަދީ އިޝާރާތް ކުރެއްވި އެވެ. އެ އޮޕަރޭޝަނަށް އެހީތެރިވުމަށް އިޓަލީވިލާތުގެ މަރުކަޒުތަކުން އެކަނި ވެސް އެމެރިކާގެ ގާތްގަނޑަކަށް 500 އަސްކަރީ މަތިންދާބޯޓު އުދުހިފައިވާ ކަމަށް ޖޫން މަހުގެ ފަހުކޮޅު ރުތޭ ވިދާޅުވެފައި ވެ އެވެ. ނަމަވެސް، ހުއްދަ ދީފައި ވަނީ ހަމައެކަނި އާންމު ލޮޖިސްޓިކަލް އަދި ފަންނީ އޮޕަރޭޝަންތަކަށް ކަމަށާއި، ހަނގުރާމަވެރި މިޝަންތަކަށް ނޫން ކަމަށް އިޓަލީވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

އީރާނުގެ ނިއުކްލިއަރ ޕުރޮގުރާމާއި ސަރަހައްދީ ނުފޫޒާ ގުޅޭ މައްސަލަތަކުގައި ފާއިތުވި އަހަރުތަކުގައި އީރާނާއި އީޔޫގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އީޔޫއިން ވަނީ އީރާނާ ދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައި، އީރާނުގެ ސިޔާސީ އަދި އަސްކަރީ ނިޒާމުގެ މުހިންމު ބައެއް ކަމަށްވާ އިސްލާމީ އިންގިލާބީ ލަޝްކަރަކީ (އައިއާރްޖީސީ) "ނިރުބަވެރި" ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ކުރިއަށް އޮތް އަހަރުތަކުގައި މި ގުޅުން ރަނގަޅުވާނެ ކަމަށް ނުދެކޭ ކަމަށް ވިދާޅުވަމުން އީޒަދީ ފާހަގަކުރެއްވީ، ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ގެއްލުން ވާނީ ފިނިމޫސުމަށް ގޭހާއި އެހެނިހެން ހަކަތައިގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ވިލާތުގެ އާންމު ރައްޔިތުންނަށް ކަމަށެވެ.

"ރަޝިއާ ނުވަތަ އީރާނާއެކު ދިގުދެމިގެންދާ ހަކަތައިގެ ހަނގުރާމަތަކެއްގައި ބަނދެވިފައި އޮތުމަކީ ވިލާތަށް އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރަސްމީ ރައްދުތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިންޒާރު

ކުވެއިތުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށާއި، 'ސްކައިގާޑް' ވައިގެ ދިފާއީ ނިޒާމުގެ ޑިޓެކްޝަން އެންޓެނާތައް މަރާމާތު ކުރަން ތިބި ދެ "ޓެކްނީޝަނުން" މަރުވީ ވައިގެ ތެރެއިން ހުއްޓުވި ޑްރޯނެއްގެ އެތިކޮޅުތަކުން ޖެހިގެން ކަމަށް އިޓަލީވިލާތުގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ތަޔާނީ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ އޮފިޝަލުންގެ ރަސްމީ ބަޔާންތައް އަންނަނީ އެހެން ފަރާތްތަކަށް ތުހުމަތު ކުރުމާއި ޒިންމާއިން ބަރީއަވުމާ ދެމެދު ބަދަލުވަމުންނެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ ވަގުތުން މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

"މި ހާދިސާއަކީ ޝައްކު އުފެދޭ، އަދި ހަނގުރާމައަކަށް މަގުފަހިކުރުމަށް ކުރީބައިގައި ރާވައިގެން ތައްޔާރުކޮށްފައިވާ ކަމެއް ފަދަ ހާދިސާއެއް،" އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވި  އެވެ. މިއާއެކު، އިޓަލީވިލާތާއި ކުވެއިތުގެ ހާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައިވާ ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.

އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އަނަދޮލު އޭޖެންސީ

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަބުލްފަޟްލު ޝިކާރްޗީ ވެސް ވަނީ މި ތުހުމަތުތައް ހަރުކަށި އިބާރާތުން ދޮގުކުރައްވައި، އީރާނާ ގުޅުންހުރި މަގުސަދުތައް ހާސިލުކުރުމަށް އެމެރިކާއާއި ޔަހޫދީ ދައުލަތުން މީގެ ކުރިން ވެސް އޮޅުވައިލައިގެން އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، އީރާނާ ދެކޮޅަށް ކުރާ މި އައު ތުހުމަތުތަކަކީ "އަދާވާތްތެރިކަން ދެމެހެއްޓުމަށް އަޅާ ފަރުދާއެއް އަދި ސަރަހައްދުގެ ނާމާންކަން އިތުރުކުރުމަށް ކުރާ މަސައްކަތެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އީރާނުގެ ދައުލަތާ ގުޅުންހުރި މީޑިއާތަކުން ވެސް ބޮޑަށް ފަތުރާފައި ވަނީ ބޭރުގެ ފަރާތްތަކުން ސިއްރު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނާ ރަސްމީ ވާހަކަތަކެވެ. "ހަނގުރާމައެއް ނެތް، އަދި ސުލްހައެއް ވެސް ނެތް ހާލަތެއްގައި ހިންގި 'ފޯލްސް ފްލެގް' އޮޕަރޭޝަނެއް،" އިސްލާހީ ފިކުރުގެ ނޫހެއް ކަމަށްވާ 'މަރްދުމް ސާލާރީ' ގައި ލިޔެފައި ވެ އެވެ.

ނަމަވެސް، މި ފަދަ ހާދިސާތަކުގެ ސަބަބުން ފުރިހަމަ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ތެހެރާނުގެ ހަރުކަށި ފިކުރުގެ ފަރާތްތަކަށް ބައެއް މީޑިއާތަކުން ވަނީ ދީފަ އެވެ. އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމަށް އެމެރިކާއާއި ޔަހޫދީ ދައުލަތުގެ ޖާސޫސީ އިދާރާތަކުން "ބަހަނާއެއް" ހޯދަމުންދާ ކަމަށާއި، އެހެންކަމުން އިސްވެ ހަމަލާދިނުމުން ތެހެރާން އެއްކިބާވާން ޖެހޭ ކަމަށް ދައުލަތާ ގުޅުންހުރި 'ޖުމްހޫރީއެ އިސްލާމީ' ނޫހުން ބުންޏެވެ.

"ބުރާސްފަތި ދުވަހު ކުވެއިތުގައި ހިނގި ހާދިސާއިން ދައްކުވައިދެނީ، އީރާނުން އިސްވެ ހަމަލާދިނުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކައި ލިޔާ ދާރިސުން ކުޅެމުންދަނީ ދުޝްމަނުންގެ ކޯޓުގައި ކަން،" އީރާނުގެ ހަފުތާގެ ފުރަތަމަ ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު އެ ނޫހުގެ އެޑިޓޯރިއަލްގައި ބުނެފައި ވެ އެވެ.

މި ހަމަލާ ދީފައި ވަނީ އީރާނުގައި އުފައްދާފައިވާ ޑްރޯންތަކަކުން ކަމަށް ރޯމުން ބުނި ނަމަވެސް، އެހެން ގައުމުތަކުގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން އެ ޑްރޯންތައް ފޮނުވާލާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިޓަލީވިލާތުގެ ހާރިޖީ ވަޒީރު ތަޔާނީ ވަނީ ގަބޫލުކުރައްވާފަ އެވެ. އީރާނާ ދެކޮޅަށް އަސްކަރީ ރައްދެއް ދިނުމަށް ނުވަތަ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އިޓަލީވިލާތުގެ ސަރުކާރުން އަދި ނިންމާފައެއް ނުވެ އެވެ.

އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ކުވެއިތާއި އީޔޫގެ އެކުވެރި ޢަރަބި ގައުމުތަކަށް ދެމުންދާ "ބަލައިނުގަނެވޭ ފަދަ ހަމަލާތައް ހުއްޓުވުމަށް އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް އިއްތިހާދުން އިތުރުކުރަން ޖެހޭ" ކަމަށް ވިލާތުގެ އިއްތިހާދުގެ ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑެ ލަޔަން ވިދާޅުވި އެވެ.

އީރާނުން މި ހަމަލާ ދޮގުކުރާ ކުރުމުގައި އެއްވެސް އިތުބާރެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށް، ބްރަސެލްސްގައި ހުންނަ ސެންޓަރ ފޯ ޔޫރަޕިއަން ޕޮލިސީ ސްޓަޑީޒްގެ އެސޯސިއޭޓް ސީނިއަރ ފެލޯ ޖޭމްސް މޮރާން ވިދާޅުވި އެވެ. ފިއްތުންތައް އިތުރުކުރުމަށް ފޮން ޑެ ލަޔަން ގޮވާލެއްވުމުގެ މާނައަކީ އީރާނާ ދެކޮޅަށް އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުން ކަމަށް ބެލެވޭ ކަމަށް ވެސް، އީޔޫގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ މޮރާން ވިދާޅުވި އެވެ.

ކުވެއިތުގެ ހަމަލާގެ ސަބަބުން "ވިލާތުގެ އިއްތިހާދާއި އީރާނުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަން ޔަގީން، ނަމަވެސް އީޔޫއިން ނުވަތަ އިޓަލީވިލާތުން އަސްކަރީ ރައްދެއްގައި ބައިވެރިވާނެ ކަމަކަށް އެކަކު ވެސް އުންމީދެއް ނުކުރޭ،" މޮރާން ވިދާޅުވި އެވެ. "ވިލާތުގެ އިއްތިހާދުގެ މައިގަނޑު ސިޔާސަތަކީ އެމެރިކާއާއި ޔަހޫދީ ދައުލަތުން ކުރާ ހަނގުރާމައާ ދެކޮޅުވުން. ވިލާތުން ދެކެނީ އެއީ ޣައިރުގާނޫނީ އަދި ނަތީޖާއެއް ނުނިކުންނާނެ ހަނގުރާމައެއްގެ ގޮތުގައި. ހާއްސަކޮށް ވިލާތުގެ ހަކަތައިގެ ސަޕްލައިއަށް އޭގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުގެ އަގު ވިލާތުން މިއަދު ވަރަށް ބޮޑަށް ދައްކަމުންދާތީ."

މަސްދަރު: އަލް ޖަޒީރާ

ކުވައިތުއީރާންއިޓަލީވިލާތްއީޔޫއީރާން-އީޔޫއީރާން-އެމެރިކާ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވައިފި!

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ޓޭންކަރެއްގައި ރޯވެ އަނދަމުންދާއިރު، އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަނީ

29 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ޓޭންކަރެއްގައި ރޯވެ އަނދަމުންދާއިރު، އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަނީ
28 ނޮވެމްބަރު 2026

ޖަނަވަރީ މަހުގެ ނިޔަލަށް އީރާން ހަނގުރާމަ ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެމެރިކާގައި އެބަހުރި: ޓްރަމްޕް

28 ނޮވެމްބަރު 2026
ޖަނަވަރީ މަހުގެ ނިޔަލަށް އީރާން ހަނގުރާމަ ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެމެރިކާގައި އެބަހުރި: ޓްރަމްޕް
28 ނޮވެމްބަރު 2026

ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ

28 ނޮވެމްބަރު 2026
ތެޔޮ ޓޭންކަރުތަކާއި މަނަވަރަށް ހަމަލާދިން ކަމަށް އީރާނުން ކުރާ ދައުވާގައި އަސްލެއް ނެތް: އެމެރިކާ
27 ނޮވެމްބަރު 2026

ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟

27 ނޮވެމްބަރު 2026
ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟
27 ނޮވެމްބަރު 2026

"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ

27 ނޮވެމްބަރު 2026
"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ
23 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި

23 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި
23 ނޮވެމްބަރު 2026

ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި

23 ނޮވެމްބަރު 2026
ސަޢުދީ ޢަރަބިއްޔާގެ ރާބިޣު ތެޔޮ ކާރުޚާނާއަށް ހަމަލާދިން ކަމަށް ޔަމަނުގެ ޙޫޘީން ބުނެފި
22 ނޮވެމްބަރު 2026

ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި

22 ނޮވެމްބަރު 2026
ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި
22 ނޮވެމްބަރު 2026

"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ

22 ނޮވެމްބަރު 2026
"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ
22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް