ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވައިލައްވައި، ރައީސް ޢައުން އީރާނުގެ ނުފޫޒު ކުށްވެރިކުރައްވައިފި
22 ނޮވެމްބަރު 2026 | އާދީއްތަ 08:49ލުބުނާނުގެ މިނިވަންކަމަށް ހުރަސްއަޅާ ބޭރުގެ ނުފޫޒުތަކާއި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ރައީސް ޔޫސުފް ޢައުން ވަނީ ވަރުގަދަ އިންޒާރެއް ދެއްވައި، ހުރިހާ ހަތިޔާރެއް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ގޮވާލައްވާފައި. އިސްރާއީލުން ދެކުނު ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލަމުންދާއިރު، ޙިޒްބުﷲ ގެ ހަތިޔާރު އަތުލުމާއި ސިފައިން ފޭބުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރުން ވަނީ މަޑުޖެހިފައި


ލުބުނާނުގެ ރައީސް ޔޫސުފް ޢައުން އަދި އަނބިކަނބަލުން ވެރިރަށް ބައިރޫތުގައި ޢާންމުންނާ ބައްދަލުކުރައްވަނީ | ގެޓީ އިމޭޖަސް
ލުބުނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނުން އަތްބާނަމުންދާ ދިއުން ލުބުނާނުގެ ރައީސް ޔޫސުފް ޢައުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކުން ޔަހޫދީ ސިފައިން ވަގުތުން ފޭބުމަށް ގޮވާލައްވައިފި އެވެ.
ލުބުނާނުގެ 83 ވަނަ މިނިވަން ދުވަހުގެ ކުރީ ދުވަސް ކަމަށްވާ ނޮވެންބަރު 21 ވަނަ ދުވަހު ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ތަޤުރީރުގައި ޢައުން ވިދާޅުވީ، އެ ޤައުމަށް މި ވަގުތު ކުރިމަތިވެފައި ވަނީ އެއްކަމެއް އަނެއްކަމަކާ ގުޅިފައިވާ ނުރައްކާތެރި ދެ އިމްތިޙާނެއް ކަމަށެވެ. އެ ދެ ކަންތަކަކީ ލުބުނާނުގެ ބިމުގެ ބައެއް ސަރަހައްދުތަކަށް ޔަހޫދީ އިސްރާއީލުން އަތްގަދަކޮށްފައި އޮތުމާއި، ދައުލަތުގެ ބާރުގެ ބޭރުން ހަތިޔާރު ގެންގުޅުމާއި ނިންމުންތައް ނިންމުން މެދުވެރިކޮށް އީރާނުގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ތިބި ނުފޫޒުގަދަ ބައެއް ފަރާތްތަކުން ކުރިމަތިކުރާ ބޭރުގެ ނުފޫޒު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ވަކިނުކުރެވޭނެހެން ގުޅިލާމެހިފައިވާ މި ދެ އަސާސީ ހުރަހުގެ ސަބަބުން، ލުބުނާނުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ފާހަގަކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައި،" ޢައުން ވިދާޅުވި އެވެ.
ޔަހޫދީންނަށް ދެއްވި ވަރުގަދަ މެސެޖާއި އަސީރުންގެ މައްސަލަ
ޔަހޫދީ އިސްރާއީލާ މުޚާޠަބުކުރައްވައި ޢައުން ވިދާޅުވީ، ލުބުނާނުގެ ބިމުގެ "ހުރިހާ އިންޗިއަކުން" ޔަހޫދީ ސިފައިން ފައިބަން ޖެހޭނެ ކަމަށެވެ. "ލުބުނާނުގެ ބިމުގެ ހުރިހާ އިންޗިއަކުން ފައިބާ. ތިޔަ ދެމުންދާ ހަމަލާތައް ހުއްޓާލާ. އަދި، އަޅުގަނޑުމެންގެ އަސީރުން އަނބުރާ ހަވާލުކުރޭ،" އޭނާ ޑިމާންޑުކުރެއްވި އެވެ. ދެކުނު ލުބުނާނުގައި ހިނގި ހަނގުރާމައިގެ ތެރެއިން އަތުލައިގަތް ޙިޒްބުﷲ ޖަމާޢަތުގެ މުޖާހިދުންނާއި އާންމު ރައްޔިތުން ހިމެނޭހެން، ލުބުނާނުގެ އެތައް ސަތޭކަ ރައްޔިތުންނެއް އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ކަމަށް ބެލެވެ އެވެ.
ހަތިޔާރުތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގެ އަޒުމު
ހަމަމިއާއެކު، ޤައުމުގައި ހުރި ހުރިހާ ހަތިޔާރެއް ދައުލަތުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫއު ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ޢައުން ދެއްވި އެވެ. ބޭރުގެ ބާރުތަކުގެ އަމުރަށް ކިޔަމަންވާ ނުވަތަ ބޭރުގެ މަސްލަހަތުތަކަށް ޚިދުމަތްކުރާ އެއްވެސް ހަތިޔާރެއް ދައުލަތުގެ ބާރުގެ ބޭރުގައި ނޯންނާނެ ކަމަށް އޭނާ އިއުލާންކުރެއްވި އެވެ. "ތިޔަބައިމީހުންގެ ހަތިޔާރުތައް ހަވާލުކުރަން ޖެހޭނެ،" ޢައުން ވިދާޅުވި އެވެ.
ލުބުނާނުގެ ޤައުމީ އަސްކަރިއްޔާއަށްވުރެ ބޮޑު ހަތިޔާރުގެ ޚަޒާނާއެއް ގެންގުޅޭ، އީރާނުގެ މަދަދު ލިބޭ ޙިޒްބުﷲ ޖަމާޢަތުގެ ހަތިޔާރުތައް އަތުލުމަށް ލުބުނާނު ސަރުކާރުން ވަނީ ވަޢުދުވެފަ އެވެ. އެ ޖަމާޢަތުން ބުނަމުން އަންނަނީ ހަތިޔާރު ގެންގުޅެނީ ޔަހޫދީ އިސްރާއީލުގެ އުދުވާންތަކާ ދެކޮޅަށް ދިފާޢުވުމަށް ކަމަށެވެ. އެމެރިކާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށްފަހު، ޖޫން މަހު ލުބުނާނާއި އިސްރާއީލުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި ޙިޒްބުﷲ އިން ހަތިޔާރުތައް ބެހެއްޓުމާއި، ދެކުނު ލުބުނާނުގެ ސަރަހައްދުތަކުން ޔަހޫދީ ސިފައިން މަޑުމަޑުން ފޭބުމުގެ އިތުރުން، އެ ސަރަހައްދުތަކުގައި ލުބުނާނުގެ އަސްކަރިއްޔާ ރުކުރުވާލުން ހިމެނެ އެވެ. ނަމަވެސް، ޙިޒްބުﷲ އިން ހަތިޔާރު ހަވާލުކުރުމަށް ދެކޮޅު ހެދުމާއި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދިއުމުގެ ސަބަބުން އެއްބަސްވުން ތަންފީޒުކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ދެކުނު ލުބުނާނަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކާއި ގެއްލުންތައް
ހޮނިހިރު ދުވަހު ވެސް ޔަހޫދީ އިސްރާއީލުގެ ސިފައިން ވަނީ ދެކުނު ލުބުނާނުގެ ނަބަތިއްޔާ، ބިންތު ޖުބައިލް އަދި މަރްޖައޫން ޑިސްޓްރިކްޓްތަކަށް ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ. ބިންތު ޖުބައިލްގެ އަވަށެއް ކަމަށްވާ ބަރާޝީތުގެ ބޭރު ސަރަހައްދަށް ވައިގެ ހަމަލާއެއް އަމާޒުވި ކަމަށް އެ ސަރަހައްދުން ރިޕޯޓު ކުރަމުންދާ މުރާސިލުން ބުނެ އެވެ. މިއާއެކު، ފަތިހުގެ ވަގުތުގައި ބަރާޝީތަށް ޔަހޫދީ ސިފައިން ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށާއި، އެ އަވަށުގެ ބޭރުގައި ޔަހޫދީ އަސްކަރީ އުޅަނދުތައް ހަރަކާތްތެރިވި މަންޒަރު ފެނިފައިވާ ކަމަށް ވެސް މުރާސިލުން ބުންޏެވެ.
ނަބަތިއްޔާގެ ކަފަރު ތިބްނީތު އަވަށަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ފޮނުވާލި ފުރަތަމަ މިސައިލް ނުގޮވުމާ ގުޅިގެން، ދެވަނަ މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ލުބުނާނުގެ ޤައުމީ ނޫސް އެޖެންސީ އެންއެންއޭއިން ރިޕޯޓުކޮށްފައިވެ އެވެ. އަދި މަރްޖައޫން ޑިސްޓްރިކްޓްގެ ވާދީ އަލް-ޚިޔާމްގައި ޔަހޫދީ ސިފައިން ތިން ގޮއްވުމެއް ގޮއްވާލާފައިވާ ކަމަށް އެންއެންއޭއިން ބުނި ނަމަވެސް، އެ ކަމުގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ޙިޒްބުﷲ އާއި ޔަހޫދީ ސިފައިންނާ ދެމެދު އެންމެ ފަހުން ފެށުނު ހަނގުރާމަ މާރިޗު 2 ވަނަ ދުވަހު ފެށުނު ފަހުން، ދެކުނު ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި 4,386 މީހުން ޝަހީދުކޮށްލައި، އިތުރު 12,407 މީހުން ވަނީ ޒަޚަމުކޮށްލާފަ އެވެ. 2023 އޮކްޓޫބަރު މަހު ޔަހޫދީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޤަތުލުޢާންމެއް ފެށި ފަހުން ލުބުނާނަށް ދިން ހަމަލާތަކުގައި ޖުމުލަ 8,953 މީހުން ޝަހީދުކޮށްލައި، 30,643 މީހުން ޒަޚަމުކޮށްލާފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ











