Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ބަޖެޓުގެ ފިއްތުންތަކާއެކު ވެސް އީރާން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބާރު ޓްރަމްޕަށް އެބައޮތްތަ؟

27 ނޮވެމްބަރު 2026 | ހުކުރު 07:46

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ޑިމޮކްރެޓުން ބަޖެޓުގެ ބާރު ބޭނުންކުރަން ފަށާފައިވާއިރު، މީގެ ސަބަބުން ސަރުކާރު ހުއްޓުމަކަށް އައުމުގެ ބިރު ވަނީ ބޮޑުވެފައި. މި ހަނގުރާމައަށް އެމެރިކާގެ %71 ރައްޔިތުން ދެކޮޅު ހެދި ނަމަވެސް، ޓްރަމްޕަށް ލިބިވަޑައިގަންނަވާ ވީޓޯ ކުރުމުގެ ބާރާއި އަސްކަރީ ގާބިލުކަމުގެ ސަބަބުން ހަނގުރާމަ ވަގުތުން ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި

ނިއުސް ޓީމް
ނިއުސް ޓީމް | 27 ނޮވެމްބަރު 2026 | ހުކުރު 07:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި، އޭނާގެ އައު ޗީފް އޮފް ސްޓާފް ސްޓީވަން މިލަރއާއެކު ބައިވެރިވެވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި، އޭނާގެ އައު ޗީފް އޮފް ސްޓާފް ސްޓީވަން މިލަރއާއެކު ބައިވެރިވެވަޑައިގަންނަވަނީ | ރޮއިޓަރސް

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ޑިމޮކްރެޓުން ހޯދި ކާމިޔާބީއަށްފަހު، 2027 ޖަނަވަރީ މަހު ކޮންގްރެސްގެ ދެ މަޖިލީހުގެ ކޮންޓުރޯލު އެ ޕާޓީން ނެގުމަށް ތައްޔާރުވަމުންދާއިރު، އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މައްސަލަ އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ކާބޯތަކެއްޗާއި ތެލުގެ އަގުތައް އިންތިހާއަށް އުފުލުމަށް މަގުފަހިވި މި ނުވަ މަސް ދުވަހުގެ ހަނގުރާމަ ހުއްޓުވުމަށް ޑިމޮކްރެޓުން މިހާތަނަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ. ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއާއި އީރާން ކުރިމަތިލައި ހުއްޓިފައި އޮތް މި ދަނޑިވަޅުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަލުން ހަމަލާތައް ދޭން ފަށާފާނެ ކަމަށާއި، އޭގެ ސަބަބުން ގަލްފުގެ އެކި ސަރަހައްދުތަކަށް ބަދަލުހިފުމުގެ ހަމަލާތައް އަމާޒުވެދާނެ ކަމުގެ ބިރު ޑިމޮކްރެޓުންނަށް ވަނީ އުފެދިފަ އެވެ.

Advertisement - worldAdvertisement

މި ހަނގުރާމައަށް ކުރާ ހޭދަ ހަނިކުރާ ގޮތަށް އެކުލަވާލަމުންދާ އައު ބަޖެޓު ބިލަކީ ޓްރަމްޕަށް ފިއްތުންތައް ކުރިމަތިކުރުމަށް ބޭނުންކުރެވިދާނެ ހަތިޔާރެކެވެ. ނަމަވެސް، މި ހާލަތުގައި ޓްރަމްޕަށް ހުރި އިހުތިޔާރުތަކަކީ ކޮބައިތޯ ސުވާލު އުފެދެ އެވެ.

ޑިސެންބަރު 11 ގެ ބަޖެޓު ސުންގަޑިއާއި ޑިމޮކްރެޓުންގެ ޕްރެޝަރު

ފެޑެރަލް ސަރުކާރުގެ ބަޖެޓުގެ މުއްދަތު ޑިސެންބަރު 11 އަށް ހަމަވާތީ، ކުރިއަށް އޮތް ބުރަށް ފައިސާ ހަމަޖެއްސުމަށް ގާނޫނުހަދާ މަޖިލީހުގެ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް މެންބަރުން ދަނީ ދެ ޕާޓީ އެއްބަސްވާ ފަދަ ނިންމުމަކަށް އައުމަށް މަޝްވަރާ ކުރަމުންނެވެ. ސަރުކާރު ހުއްޓުމަކަށް އައުން ހުއްޓުވައި، ފެޑެރަލް އިދާރާތަކާއި ހިދުމަތްތަކުގެ އިތުރުން އީރާން ހަނގުރާމައިގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ޓަކައި މި އެއްބަސްވުމަށް އައުން މަޖުބޫރެވެ.

މި ސުންގަޑީގެ ބޭނުން ހިފައިގެން ހަނގުރާމަ ނިންމުމަށް ވައިޓް ހައުސްއަށް ފިއްތުންތައް ކުރިމަތިކުރުމަށް، ކޮންގްރެސްގެ މެންބަރުން ކަމަށްވާ ޔާސަމީން އަންސާރީއާއި ރޯ ކަންނާ ވަނީ ޑިމޮކްރެޓިކް އެހެން މެންބަރުންނަށް ހުސްވި ހަފުތާގައި ގޮވައިލައްވާފަ އެވެ.

"ޑިސެންބަރު 11 ގެ ސަރުކާރުގެ ބަޖެޓު ސުންގަޑީގެ ކުރިން، ސަރުކާރުގެ ހިންގުން ދެމެހެއްޓުމަށް ޓަކައި ފައިސާގެ ޕެކޭޖެއް ފާސްކުރުމުގެ މަސްއޫލިއްޔަތު ކޮންގްރެސްއާ ވަނީ މަތިވެފައި. މި ހަނގުރާމަ ދިގުދެންމުމަށް ޓެކުސް ދައްކާ ރައްޔިތުންގެ ފައިސާއިން އިތުރު އެންމެ ސެންޓެއް ވެސް ޚަރަދު ނުކުރެވޭނެކަން ކަށަވަރުކުރުމަށް، ގާނޫނުއަސާސީން ކޮންގްރެސްއަށް ލިބިދީފައިވާ މާލީ ބާރުގެ ބޭނުން ހިފަންޖެހޭ،" އެ ދެ ބޭފުޅުން ނެރުއްވި ބަޔާނުގައިވެ އެވެ.

"އީރާނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ފައިސާ ބޭނުންކުރުން ސާފުކޮށް މަނާނުކުރާ އެއްވެސް ބަޖެޓު ޕެކޭޖަކާ އަޅުގަނޑުމެން ދެކޮޅު ހަދާނަން. އެ ފަދަ ބިލެއް ފާސްކުރުމަކީ މި ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް އެދޭ އެމެރިކާގެ ރައްޔިތުންގެ އެދުމާ ހިލާފުވުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރޮއިޓަރސްއާއި އިޕްސޮސްއިން އެންމެ ފަހުން ނެގި ހިޔާލު ހޯދުމުގެ ސާވޭއިން ދައްކާ ގޮތުގައި، އެމެރިކާގެ %71 ރައްޔިތުން ބޭނުންވަނީ އައު ކޮންގްރެސްއިން އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.

މި ބިލަކީ އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަށް ޓްރަމްޕަށް އޮތް މިނިވަންކަމަށް މުއައްސަސާއެއްގެ ތެރެއިން ކުރިމަތިވާނެ އެންމެ ފުރަތަމަ ސީރިއަސް ހުރަސް ކަމަށް، ކިންގްސް ކޮލެޖް ލަންޑަންގެ އެސޯސިއޭޓް ޕްރޮފެސަރ އަންދްރެއަސް ކްރީގް ވިދާޅުވި އެވެ.

"މިހާތަނަށް ވޮޝިންގޓަންގެ އަސްކަރީ އިސްތިރާޖު އޮތީ ކޮންގްރެސްގެ ދެކޮޅުހެދުންތަކުން ވަރަށް ބޮޑަށް ރައްކާތެރިވެފައި. ޑިމޮކްރެޓުން މަސައްކަތް ކުރަނީ ހަމަލާދިނުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ކޮންގްރެސްގެ ހުއްދައަށް ބަރޯސާވާ ކަމަކަށް ހަދައިގެން އެ ހާލަތު ބަދަލުކުރަން،" ކްރީގް ވިދާޅުވި އެވެ.

ސަރުކާރު ހުއްޓުމަކަށް އައުމުގެ ބިރާއި ސިޔާސީ ހުރަސްތައް

މިހާރު ހަނގުރާމަ ހުއްޓައިލުމަށް މަސައްކަތް ކުރުމަކީ ސަރުކާރު ހުއްޓުމަކަށް އައުމުގެ ނުރައްކާ ކުރިމަތިކުރުވަން ޖެހޭ ވަރުގެ ކަމެއްތޯ ނުވަތަ ނޫންތޯ ސިޔާސީ ބޭފުޅުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. 2026 ވަނަ އަހަރުގެ ބަޖެޓު ފާސްކުރުމުގައި ކޮންގްރެސް ނާކާމިޔާބުވުމުގެ ސަބަބުން، 2025 އޮކްޓޫބަރު 1 އިން 2025 ނޮވެންބަރު 12 އަށް، 43 ދުވަސް ވަންދެން އެމެރިކާ ސަރުކާރު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

"އެމެރިކާގެ ރައްޔިތުންނަށް އިތުރު ސަރުކާރު ހުއްޓުމެއް ބޭނުމެއް ނުވޭ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު ގޯހަކަށް ވާނެ، އަދި މި ގައުމުގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ،" ސެނެޓްގެ މެޖޯރިޓީ ލީޑަރު ޖޯން ތޫން ވިދާޅުވި އެވެ.

ހަނގުރާމައަށް ފައިސާ ދޭން ބޭނުން ނުވާއިރު، ސަރުކާރު ހުއްޓުމަކަށް ގެންނަން ވެސް ބޭނުން ނުވުމަކީ އޮތް އެންމެ ބޮޑު ހުރަސް ކަމަށް، ވަރމޮންޓްގެ ޑިމޮކްރެޓިކް ސެނެޓަރ ޕީޓަރ ވެލްޗް ވިދާޅުވި އެވެ.

100 ގޮނޑި ހިމެނޭ ސެނެޓުން ދެ ޕާޓީ އެއްބަސްވާ ފަދަ އައު ބަޖެޓު ޕެކޭޖެއް ފާސްކުރުމަށް 60 ވޯޓު ބޭނުންވެ އެވެ. ޖަނަވަރީ މަހާ ހަމައަށް ސެނެޓްގައި ތިބޭނީ ރިޕަބްލިކަން 53 މެންބަރުންނާއި ޑިމޮކްރެޓިކް 45 މެންބަރުންނެވެ. ނަމަވެސް، ޖަނަވަރީ މަހު އައު ސެނެޓަރުން ހުވާކުރުމުން، މި އަދަދު 44 ރިޕަބްލިކަން މެންބަރުންނާއި 54 ޑިމޮކްރެޓިކް މެންބަރުންނަށް ބަދަލުވާނެ އެވެ.

އަނެއް މައްސަލައަކީ، ފައިސާގެ މައްސަލައަށް ކޮންމެ ގޮތެއް ވީނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ ކަމެވެ.

"އަސްކަރީ ހަރަދުތައް ހަނިކުރިޔަސް ހަނގުރާމައެއް ނުނިމޭނެ. އެމެރިކާއިން އަޅާފައިވާ ހިސާރު ދެމިއޮންނާނެ، އީރާނުން ދަނީ ކަނޑު ދަތުރުފަތުރަށް ގޮންޖަހަމުން، އަދި، ނިއުކްލިއަރ އިންސްޕެކްޝަންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި ހުރްމުޒް ކަނޑުއޮޅީގެ އަސާސީ މައްސަލަތަކަށް ދެ ފަރާތުން ވެސް ހައްލެއް ހޯދިފައެއް ނުވޭ. މި ގާނޫނަކީ އަދި ހުށަހެޅުމެއް، އަދި އޭގެ ނަތީޖާ ބިނާވާނީ ފަހުގެ އިބާރާތްތަކާއި ޓްރަމްޕް އެ ބިލުގައި ސޮއިކުރައްވާނެކަމާ މެދު،" ކްރީގް ވިދާޅުވި އެވެ.

ރިޔާސީ ވީޓޯގެ ބާރާއި އޭގެ ދެ ފަރާތް

މިޑްޓަރމް އިންތިޚާބުގައި ޑިމޮކްރެޓުން ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް، ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާ ވެރިކަން ހިންގުމުގެ ބާރު ޓްރަމްޕްގެ އަތްޕުޅުގައި އަދިވެސް އެބައޮތެވެ. އެ ގާނޫނު ބުނާ ގޮތުން، ކޮންގްރެސްއިން ފާސްކުރާ ގާނޫނުތައް ރައީސަށް ރައްދުކުރެވިދާނެ އެވެ.

ރިޔާސީ ވީޓޯއެއް ބާތިލުކުރެވޭނީ ކޮންގްރެސްގެ ދެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ، ރިޕަބްލިކަން މެންބަރުންގެ ބޮޑު އެހީތެރިކަމަކާ ނުލައި ޑިމޮކްރެޓުންނަށް ހަމަކުރެވޭނެ އަދަދެއް ނޫނެވެ.

އަސްކަރީ ބަޖެޓާ ގުޅޭ ބިލެއް ވީޓޯ ކުރުމަކީ ޓްރަމްޕަށް ވެސް "މިޔައިގެ ދެ ފަރާތް ވެސް ބޭނުންކުރެވޭ  ކަނޑިއަކަށް" ވެދާނެ އެވެ. ހަނގުރާމައަށް ފައިސާ ނުދޭ ބިލެއް ހުއްޓުވުމަށް އޭނާ ވީޓޯގެ ބޭނުން ކުރައްވައިފިނަމަ، ސަރުކާރު ހުއްޓުމަކަށް އައުމުގެ ސަބަބުން އަސްކަރީ މުވައްޒަފުންގެ މުސާރަތައް ވެސް ހުއްޓުމަކަށް އަންނާނެ އެވެ.

އަނެއް ހާލަތަކީ ދިފާއީ ބޭނުންތަކަށް އަސްކަރިއްޔާއަށް ފައިސާ ލިބޭ ގޮތަށް ބިލް ފާސްވުމެވެ. މި ގޮތަށް ކަންތައް ވެއްޖެނަމަ، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައިވާ ކަނޑުގެ ހިސާރާއެކު ހަނގުރާމަ އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

50 ބިލިޔަން ޑޮލަރުގެ ހޭދައާއި އަސްކަރީ ގާބިލުކަން

އައު މާލީ ބިލަކުން އީރާން ހަނގުރާމައަށް އިތުރު ފައިސާ ދިނުން ހުއްޓުވި ނަމަވެސް، މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން "ކޮންމެވެސް މުއްދަތަކަށް" އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ޓްރަމްޕަށް އެބައޮތް ކަމަށް ކްރީގް ވިދާޅުވި އެވެ.

"ޕެންޓަގަންގައި އެ ސަރަހައްދުގައި އޮޕަރޭޝަންތައް ހިންގުމުގެ އެކަށީގެންވާ ގާބިލުކަން އެބަހުރި. އިތުރު ފައިސާ ނެތުމަކީ އައު ހަމަލާތަކެއް ދިނުމަށް އަމުރުކުރުމަށް ރައީސަށް ވަގުތުން އޮތް ހުރަހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ހަމަނުޖެހުން އިތުރަށް ފުޅާކުރުމުގެ އަސްކަރީ ގާބިލުކަން ހުރުމާއި، ދިގުދެމިގެންދާ ހަނގުރާމައެއް ދެމެހެއްޓުމުގެ މާލީ ތަނަވަސްކަން ހުރުމާ ދެމެދު ބޮޑު ތަފާތެއް އެބަހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެމެރިކާގެ ހަރަދު މިހާރު ވެސް 50 ބިލިޔަން ޑޮލަރާ ގާތްކުރާއިރު، ޒަމާނީ ހަތިޔާރާއި ވައިގެ ދިފާއީ އިންޓަސެޕްޓަރުތަކުގެ ދަތިކަން ދަނީ ސީރިއަސް މައްސަލައަކަށް ވަމުން. އެންމެ މުހިންމު ސުވާލަކީ ކޮންގްރެސްއިން ހަމައެކަނި އިތުރު ފައިސާ ދިނުމަށް ދެކޮޅު ހަދަނީތޯ ނުވަތަ މިހާރު ހަމަޖެހިފައިވާ ފައިސާ ބޭނުންކޮށްގެން ހަމަލާދިނުމުގެ އޮޕަރޭޝަންތައް ހިންގުން ސާފުކޮށް މަނާކުރަނީތޯ،" ކްރީގް ވިދާޅުވި އެވެ.

ތާރީހީ މިސާލުތަކާއި މަޝްވަރާގެ ހައްލު

މާޒީގައި ވެސް ކޮންގްރެސްއިން ބަޖެޓުގެ ބާރު ބޭނުންކޮށްގެން ހަނގުރާމަތައް ހުއްޓުވަން މަސައްކަތް ކޮށްފައިވެ އެވެ. ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު، 1964 ވަނަ އަހަރު ކޮންގްރެސްއިން ފާސްކުރި ގަރާރަކުން، ހަނގުރާމަ އިއުލާނު ކުރުމަކާ ނުލައި އިރުދެކުނު އޭޝިއާއަށް ސިފައިން ފޮނުވުމުގެ ބާރު އޭރުގެ ރައީސް ލިންޑަން ބީ ޖޯންސަންއަށް ދިނެވެ. ނަމަވެސް، ހަނގުރާމަ ދިގުލައިގެން ގޮސް ސިފައިންގެ ހިތްވަރު ދަށްވެ، ހަނގުރާމައާ މެދު އާންމުންގެ ނުރުހުން ބޮޑުވުމުން، 1973 ވަނަ އަހަރު ކޮންގްރެސްއިން އެ ގަރާރު އުވައިލައި ވިއެޓްނާމުން ސިފައިން ބޭލުމަށް އަމުރުކުރި އެވެ.

މިއާ ހިލާފަށް، 2007 ވަނަ އަހަރު ޢިރާޤު ހަނގުރާމަ ނިންމުމަށް ޑިމޮކްރެޓުން ތަކުރާރުކޮށް މަސައްކަތްކޮށް، ސިފައިން ބާލާނެ ތާވަލެއް ބަޖެޓު ބިލަކާ ގުޅުވި އެވެ. ނަމަވެސް، އޭރުގެ ރައީސް ޖޯޖް ބުޝް އެ ބިލް ވީޓޯ ކުރެއްވުމުން، ދެ ޕާޓީގެ މެދުގައި ބޮޑު ކޯޅުމެއް އުފެދި، އެންމެ ފަހުން ޑިމޮކްރެޓުން ފަހަތަށް ޖެހި ބިލުން އެ ޝަރުތު އުނިކުރި އެވެ.

އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޑިމޮކްރެޓުންގެ އަތުގައި މިހާރު އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ ފައިސާ ހިފެހެއްޓުމުގެ ބާރު ކަމަށް ކްރީގް ވިދާޅުވި އެވެ.

"ޑިސެންބަރު 11 ގެ ބަޖެޓް ސުންގަޑިއަކީ، ޖަނަވަރީ މަހު ކޮންގްރެސްގެ ކޮންޓުރޯލު ނެގުމުގެ ކުރިން ހަނގުރާމައަށް ހުރަސްތަކެއް އެޅުމަށް މަޝްވަރާ ކުރުމަށް ޑިމޮކްރެޓުންނަށް ލިބޭ ބާރެއް. ހަމަލާދިނުމުގެ އޮޕަރޭޝަންތަކަށް ހުރަސްތަކެއް އެޅުމުގެ ބަދަލުގައި އެމެރިކާގެ ހަތިޔާރު ގުދަންތައް އަލުން މުއްސަނދިކުރުމާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ވަރަށް މުހިންމު ވާހަކަތަކެއް،" އޭނާ ވިދާޅުވި އެވެ.

"ނަމަވެސް، ޓްރަމްޕްގެ އަތްޕުޅުގައި ވީޓޯ ކުރުމުގެ ބާރު އޮތުމުން، ހަމައެކަނި ޑިމޮކްރެޓުންގެ އަޣުލަބިއްޔަތަކުން އައު ހުރަސްތަކެއް ގާނޫނަކަށް ވާނެ ކަމުގެ ޔަގީންކަމެއް ނެތް. އެންމެ ފަހުން އަޅުގަނޑު ދެކޭ ގޮތުގައި، ކޮންގްރެސްގެ މި ތަދައްޚުލުވުމުގެ އެންމެ ބޮޑު ނަތީޖާއަކަށް ވާނީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމުގެ މަސައްކަތް އަވަސްވުން،" ކްރީގް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްޑިމޮކްރެޓިކް ޕާޓީ - އެމެރިކާކޮންގްރެސްހުރްމުޒް ކަނޑުއޮޅިވިއެޓްނާމް ހަނގުރާމައީރާން-އެމެރިކާ

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2026

ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި

27 ނޮވެމްބަރު 2026
ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި
27 ނޮވެމްބަރު 2026

"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ

27 ނޮވެމްބަރު 2026
"އިޓަލީގެ ދެ ރައްޔިތުން މަރުވި ހަމަލާގައި އީރާނުގެ އަތެއް ނެތް": ހަގީގަތް ހޯދަން ކުވައިތާއި އިޓަލީވިލާތާ ގުޅިގެން މަސައްކަތްކުރަން ތައްޔާރު: ޢަރާޤްޗީ
26 ނޮވެމްބަރު 2026

ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ

26 ނޮވެމްބަރު 2026
ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ
25 ނޮވެމްބަރު 2026

އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"

25 ނޮވެމްބަރު 2026
އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
25 ނޮވެމްބަރު 2026

ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!

25 ނޮވެމްބަރު 2026
ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!
24 ނޮވެމްބަރު 2026

ވެރިކަމުގެ ފަހު ދެ އަހަރު ޓްރަމްޕަށް ކުރިމަތިވާނީ ކޮން ގޮންޖެހުންތަކެއް؟

24 ނޮވެމްބަރު 2026
ވެރިކަމުގެ ފަހު ދެ އަހަރު ޓްރަމްޕަށް ކުރިމަތިވާނީ ކޮން ގޮންޖެހުންތަކެއް؟
23 ނޮވެމްބަރު 2026

އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި

23 ނޮވެމްބަރު 2026
އެމެރިކާގެ ކަނޑުގެ ހިސާރާ ދެކޮޅަށް "ހުރިހާ ވަސީލަތެއް" ބޭނުންކުރާނެ ކަމަށް އީރާނުން ބުނެފި
23 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި

23 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ދޭ ހަމަލާތައް ހަނގުރާމަ ފެށުނު ފަހުން އެންމެ މައްޗަށް: އޮކްޓޫބަރު މަހު 30 އަށްވުރެ ގިނަ ހަމަލާ ރިޕޯޓުކޮށްފި
23 ނޮވެމްބަރު 2026

330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި

23 ނޮވެމްބަރު 2026
330 ވޯޓުގެ ތަފާތުން އުތުރު ކެރޮލައިނާގެ ގޮނޑި ފުރޮޅައިލާ، 1992 އަށް ފަހު އެންމެ ވަރުގަދަ އަޣުލަބިއްޔަތެއް ޑިމޮކްރެޓުން ކަށަވަރުކޮށްފި
23 ނޮވެމްބަރު 2026

ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

23 ނޮވެމްބަރު 2026
ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް