ރަހުމަތްތެރިންގެ ސޫރަ ބޭނުންކޮށްގެން ދަންތުރަ ޖަހައި، އުތުރު ކޮރެއާގެ ހެކަރުން 400 މިލިޔަން ޑޮލަރު ފޭރިގަނެފި
13 ނޮވެމްބަރު 2026 | ހުކުރު 07:49އުތުރު ކޮރެއާގެ ހެކަރުން ވީޑިއޯ ކޮންފަރެންސް ޕްލެޓްފޯމްތައް މެދުވެރިކޮށް މީހުންގެ ސޫރަ ސިއްރުން ރެކޯޑުކޮށް، އޮޅުވާލައިގެން ސައިބަރ ހަމަލާތައް ދެމުންދާކަމަށް އެފްބީއައިއިން ވަނީ ހާމަކޮށްފައި. މި ހަމަލާތަކުގައި އޭއައި ބޭނުންކޮށްގެން 'ޑީޕްފޭކް' ވީޑިއޯތައް އުފައްދައި، ކޮމްޕިއުޓަރުތަކަށް ވައިރަސް ފޮނުވައިގެން އެކައުންޓްތަކުގެ ކޮންޓުރޯލު ހޯދަމުންދާ ކަމަށް އެ އިދާރާއިން ބުނޭ


އުތުރު ކޮރެއާގެ ދިދައިގެ ނިޝާނާއި ހެކަރެއް ދައްކުވައިދޭ ގޮތަށް ކުރަހާފައިވާ ކުރެހުމެއް. | ޝަޓާ ސްޓޮކް
މީހުންނަށް ނޭނގި ސިއްރުން ރެކޯޑުކޮށްފައިވާ އެ މީހުންގެ ވީޑިއޯ މަންޒަރުތައް ބޭނުންކޮށްގެން، އެ މީހުންނާ މުއާމަލާތުކުރާ އެހެން ފަރާތްތަކަށް އަމާޒުކޮށްދިން ސައިބަރ ހަމަލާތަކެއްގައި އުތުރު ކޮރެއާގެ ދައުލަތުގެ އެހީތެރިކަން ލިބޭ ހެކަރުން ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި 400 މިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާ ކަމަށް، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއިން (އެފްބީއައި) ބުރާސްފަތި ދުވަހު ބުނެފި އެވެ.
'ފޭސްސްޓީލަރ' ގެ ނަމުން އެފްބީއައިއިން ނަންދީފައިވާ މި ސޯޝަލް އިންޖިނިއަރިންގ ރޭވުމުގެ ދަށުން، ޒޫމް، މައިކްރޯސޮފްޓް ޓީމްސް އަދި ގޫގަލް މީޓް ފަދަ ވީޑިއޯ ކޮންފަރެންސް ސޮފްޓްވެއަރތަކުގެ ނަކަލުކޮށްފައިވާ ވަގު ޕްލެޓްފޯމްތަކުގައި ބާއްވާ ވީޑިއޯ ކޯލްތަކަށް ޝިކާރައަކަށްވާ ފަރާތްތައް ގެންދެ އެވެ. މި ފަދަ ވީޑިއޯ ކޯލްތަކަށް ދަޢުވަތު ފޮނުވަނީ، އަމާޒުކުރެވޭ ފަރާތްތަކުން މީގެ ކުރިން މުއާމަލާތްކޮށްފައިވާ އަސްލު ރަހުމަތްތެރިން ނުވަތަ ގުޅުންހުރި ފަރާތްތަކުގެ އެކައުންޓްތަކުންނެވެ. ނަމަވެސް، އެއީ ސޯޝަލް މީޑިއާއާއި މުއާމަލާތުކުރާ އެކައުންޓުތައް ހެކްކޮށް، އެ މީހުންގެ ސޫރަ ސިއްރުން ރެކޯޑުކޮށްފައިވާ ފަރާތްތަކެކެވެ.
މި ގޮތުން، ވީޑިއޯ ކޯލާ ގުޅުމާއެކު ޝިކާރައަކަށްވާ މީހުންގެ މަންޒަރުތައް ވެސް ސިއްރުން ރެކޯޑުކުރަމުންދާއިރު، ފަންނީ މައްސަލައެއް ދިމާވެފައިވާ ކަމަށް ދައްކާ ވަގު ނޯޓިފިކޭޝަނެއް ފެނެ އެވެ. އެ މައްސަލަ ހައްލުކުރުމަށް ޓަކައި ވަކި ލިންކަކަށް ފިތާލުމަށް އެދޭއިރު، އެ ލިންކަށް ފިތާލުމާއެކު އެ މީހެއްގެ ކޮމްޕިއުޓަރާއި ސޯޝަލް މީޑިއާ އެކައުންޓްތައް ތަޣައްޔަރުވެ، އެކައުންޓްތަކުގެ ބާރު ހެކަރުންގެ އަތްމައްޗަށް ދެ އެވެ. އެއަށް ފަހު، އަލަށް ޝިކާރައަކަށްވި މީހާގެ ކޮންޓެކްޓު ލިސްޓުގައި ހިމެނޭ އިތުރު ފަރާތްތަކަށް އަމާޒުކޮށް މި އުކުޅު ތަކުރާރުކުރަމުންދާ ކަމަށް އެފްބީއައިއިން ހާމަކުރި އެވެ.
މި ހަމަލާތަކުގެ ޝިކާރައަކަށްވި މީހުންގެ ވެބްކެމްތަކުން ސިއްރުން ރެކޯޑުކޮށްފައިވާ 900 އަށްވުރެ ގިނަ ވީޑިއޯ ދެނެގަނެ، އެ ތަކެތި އަތުލައިގަނެފައިވާ ކަމަށް ބުދަ ދުވަހު އެ އިދާރާއިން ނެރުނު ރައްކާތެރިކަމުގެ އިރުޝާދުގައި ބަޔާންކޮށްފައިވެ އެވެ. މިއާއެކު، ކްރިޕްޓޯކަރަންސީއާއި ބްލޮކްޗެއިން ދާއިރާގެ މަޝްހޫރު އަދި ނުފޫޒުގަދަ ޝަހުސިއްޔަތުންގެ 'ޑީޕްފޭކް' ވީޑިއޯތައް އުފެއްދުމަށް ޓަކައި ހެކަރުން މިހާރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށާފައިވާ ކަމަށް ވެސް އެފްބީއައިއިން ބުންޏެވެ.
މި އަމަލުތަކުގެ ފަހަތުގައި ވަނީ 'ސެފަޔާ ސްލީޓް' ނުވަތަ 'ޔޫއެންސީ1069' ގެ ނަމުން މަޝްހޫރުވެފައިވާ އުތުރު ކޮރެއާގެ ހެކަރުންގެ ޖަމާޢަތެއް ކަމަށް އެފްބީއައިއިން ތުހުމަތުކުރެ އެވެ. މި ޖަމާޢަތަކީ، ކްރިޕްޓޯކަރަންސީ އެކްސްޗޭންޖެއް ކަމަށްވާ ބައިނޭންސްއިން ދާދި ފަހުން 6.3 ބިލިޔަން ޑޮލަރު ވަގަށް ނެގި ހާދިސާއާ ގުޅުންހުރި ކަމަށް އެފްބީއައިއާއި އަމިއްލަ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ އުތުރު ކޮރެއާގެ ހެކަރުންގެ ޖަމާޢަތާ މުޅިން ވަކި ބައެއް ކަމަށް އެ އިދާރާއިން ފާހަގަކުރި އެވެ.
މަސްދަރު: ރޮއިޓަރސް











