އެންމެ އީމެއިލަކުން ވިލާތުގެ އެތައް ހާސް މަދަރުސާއަކަށް ސިހުން، ބޮމުގެ އިންޒާރުތަކުގެ ފަހަތުގައި ވަނީ ކޮން ބައެއް؟
12 ނޮވެމްބަރު 2026 | ބުރާސްފަތި 08:37އިޓަލީވިލާތާއި ސްކޮޓްލެންޑްގެ ގިނަ އަދަދެއްގެ މަދަރުސާތަކަށް ބޮމުގެ ދޮގު އިންޒާރުތަކެއް ލިބުމާ ގުޅިގެން، އެއީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ރާވައިގެން ހިންގާ ސައިބަރ ހަމަލާތަކެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައި. މި ހާދިސާތަކުގައި ހަގީގީ ނުރައްކަލެއް ނެތްކަން ކަށަވަރުވުމާއެކު، ކިޔަވައިދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަންގައި، މި މެސެޖުތައް ފޮނުވި ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން


އިޓަލީވިލާތުގެ ރަށެއްގައި ހުރި މަދަރުސާއެއް ކައިރިއަށް ގިނަ އަދަދެއްގެ ބެލެނިވެރިން ޖަމާވެފައި | ޝަޓާ ސްޓޮކް
އިޓަލީވިލާތުގެ އެކި ކަންކޮޅުތަކުގައި ހުންނަ ގާތްގަނޑަކަށް 6,300 މަދަރުސާއަކާއި، ސްކޮޓްލެންޑާއި އުތުރު އަޔަލެންޑްގެ 700 އަށްވުރެ ގިނަ މަދަރުސާއަށް ބޮމުގެ އިންޒާރު ލިބިފައިވާ ކަމަށް ސަރަހައްދީ އިދާރާތަކުން ހާމަކޮށްފި އެވެ.
މި އިންޒާރުތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީވިލާތުގެ ގިނަ އަދަދެއްގެ މަދަރުސާތަކުން ދަރިވަރުންނާއި މުވައްޒަފުން ހުސްކުރި ނަމަވެސް، މިހާތަނަށް ބެލި ބެލުމުން "ހަގީގީ ނުރައްކަލެއް" އޮތް ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޖޯރޖާ މެލޯނީ ވިދާޅުވި އެވެ. "މި ރިޕޯޓުތަކަކީ އާންމުންގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެއްދުމުގެ ބޭނުމުގައި ރާވައިގެން ހިންގާ ސްޓްރެޓެޖީއަކާ ގުޅިފައިވާ ކަންކަން ކަމަށް ބެލެވޭ،" މެލޯނީ ވިދާޅުވި އެވެ.
ސްކޮޓްލެންޑާއި އުތުރު އަޔަލެންޑްގެ ހާލަތު
މި ހާދިސާތަކުގައި އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، މި މެސެޖުތައް ފޮނުވި ފަރާތް ދެނެގަތުމަށް ސައިބަރ ކުށްތަކާ ބެހޭ ޚާއްސަ އޮފިސަރުން މަސައްކަތް ކުރަމުންދާ ކަމަށް ސްކޮޓްލެންޑްގެ ތަޢުލީމާ ބެހޭ ވަޒީރު މާރީ މެކެލަން ވިދާޅުވި އެވެ. މިއާއެކު، ފުލުހުން އެހެން ގޮތަކަށް އިރުޝާދު ނުދޭހާ ހިނދަކު މަދަރުސާތައް ހުޅުވައިގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް އުތުރު އަޔަލެންޑްގެ ތަޢުލީމީ އިދާރާތަކުން އަންގާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
މި ހާދިސާތަކަކީ އެއްބަޔަކު ގުޅިގެން ހިންގާފައިވާ ކަމެއް ކަން އަދި ސާފު ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެ އެވެ.
"ބެލެނިވެރިއެއްގެ ހައިސިއްޔަތުންނާއި ދާއިރާއެއް ތަމްސީލުކުރައްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، މި ކަމުގެ ސަބަބުން ބެލެނިވެރިންނަށާއި ދަރިވަރުންނަށާއި ކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މަދަރުސާތަކުގެ މުވައްޒަފުންނަށް ކުރާނެ ކަންބޮޑުވުން އަޅުގަނޑަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ،" މާރީ މެކެލަން ވިދާޅުވި އެވެ.
މި އިންޒާރުތަކަކީ އޮޅުވާލައިގެން ފޮނުވާފައިވާ ދޮގު މެސެޖުތަކެއްގެ ގޮތުގައި ވަގުތުން ވަޒަންކުރެވުނު ކަމަށް ސްކޮޓްލެންޑްގެ ފުލުހުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް، ބައެއް މަދަރުސާތައް ހުސްކުރިކަން ސަރަހައްދީ ބައެއް އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
"ހަމައެކަނި މި އީމެއިލްތަކުގައި ހުރި އިބާރާތްތަކަށް ބިނާކޮށް މަދަރުސާތައް ހުސްކުރާކަށް ނުވަތަ ކުދިން ކިޔެވުމާ ދުރުގައި ބައިތިއްބާކަށް ނުޖެހޭ ކަމަށް އަޅުގަނޑުމެން ލަފާދެން،" ސްކޮޓްލެންޑްގެ ފުލުހުން ބުންޏެވެ.
އީމެއިލްގެ އިބާރާތްތަކާއި ސައިބަރ ހަމަލާގެ ތުހުމަތު
ބުދަ ދުވަހު އިޓަލީވިލާތުގެ 7,476 ސަރުކާރު މަދަރުސާގެ ތެރެއިން 6,300 މަދަރުސާއެއްގެ އީމެއިލް އިންބޮކްސްއަށް އެއް އީމެއިލެއް ފޮނުވާފައިވާ ކަމަށް ބެލެވޭ ކަމަށާއި، އަމިއްލަ މަދަރުސާތަކަށް މި ކަމުގެ އަސަރު ކޮށްފައި ނުވާ ކަމަށް އިޓަލީވިލާތުގެ އޮފިޝަލުން މަޢުލޫމާތު ދެ އެވެ. 'ވިލާޔަތު ޑި މިޒޮޖިނިސްތާންގެ ލީޑަރު މިޚާއީލް އަންޑްރޯޕޮފް' ކިޔާ މީހެއްގެ ނަމުގައި ފޮނުވާފައިވާ ކަމަށް ބުނާ މި މެސެޖުގެ ސަބަބުން ގިނަ މަދަރުސާތަކެެއްގައި ބިރުވެރިކަން އުފެދުނު ކަމަށް އިދާރާތަކުން ބުނެ އެވެ.
ސްކޮޓްލެންޑްގެ މަދަރުސާތަކަށް ފޮނުވާފައިވާ އީމެއިލްގައި ވެސް ހުރީ ދާދި އެއްގޮތް އިބާރާތްތަކެއް ކަމަށާއި، އޭގައިވެސް 'ރެޑް އައުލް' މަޝްރޫޢެއްގެ ލީޑަރުގެ ގޮތުގައި މިޚާއީލް އަންޑްރޯޕޮފްގެ ނަން ބޭނުންކޮށްފައިވާ ކަމަށް އެ ލިޔުންތަކުން ދައްކަ އެވެ.
އިޓަލީވިލާތުގެ މަދަރުސާތަކަށް ކުރިމަތިވި މި ހާދިސާތަކަކީ ހަގީގީ ނުރައްކަލަކަށްވުރެ ބޮޑަށް "ސައިބަރ ހަމަލާއެއް" ކަމަށް ބެލެވޭ ކަމަށް އެ ޤައުމުގެ ތަޢުލީމާ ބެހޭ ވަޒީރު ޖުސެއްޕެ ވަލްދިޓާރާ ވިދާޅުވި އެވެ. ހަމަމިއާއެކު، ވިލާތުގެ އެކި ކަންކޮޅުތަކުގައި މަތިންދާބޯޓުތަކަށާއި ސުޕަމާކެޓްތަކުގެ އިތުރުން ހަސްފަތާލުތަކަށް އަމާޒުކޮށް ފަހަކަށް އައިސް ދެމުންދާ މި ފަދަ އިންޒާރުތަކުގެ ފަހަތުގައި ސާފު ސްޓްރެޓެޖީއެއް އޮތް ކަމަށް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އިޓަލީވިލާތުގެ ވައިގެ ބަނދަރުތަކަށާއި ވިލާތުގެ އެހެން ޤައުމުތަކުގެ އެއާލައިންތަކަށް ވެސް ބޮމުގެ ދޮގު އިންޒާރުތަކެއް ލިބި، ބިރުވެރިކަން އުފެދި، ތަންތަން ހުސްކޮށް ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އެރި ކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި އިންޒާރުތަކުގެ ތެރެއިން ބައެއް ކަންކަމުގެ ޒިންމާ އަންހެނުންނާ ދެކޮޅު ހަރުކަށި ޖަމާޢަތަކުން ފުރަތަމަ އުފުލި ނަމަވެސް، މި ދޮގު އިންޒާރުތަކާ އެ ޖަމާޢަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފަހުން އެ ފަރާތުން އިންކާރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަދަރުސާތަކުގެ ވެރިންގެ ތަޖުރިބާއާއި ފަހުގެ ހާލަތު
އީމެއިލް ފޮނުވި އެޑްރެސް އޮންލައިންކޮށް ބަލައި ޗެކްކުރި ކަމަށް، މިލާންގެ މަދަރުސާއެއްގެ ޕްރިންސިޕަލެއް ކަމަށްވާ އަނާ ބެރްތާތޯ ބުދަ ދުވަހު ވިދާޅުވި އެވެ. "އެ އެޑްރެހަކީ ޓައިވާންގެ ޔުނިވަރސިޓީއެއްގެ ދަރިވަރަކު ކުރިންވެސް 'ސްޕޭމް' އެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އެޑްރެހެއް،" ބެރްތާތޯ ވިދާޅުވި އެވެ.
ބުދަ ދުވަހު ހެނދުނު އިޓަލީވިލާތުގެ ގަޑިން 08:59 ގައި އިންބޮކްސްއަށް އެ އީމެއިލް ލިބުމާއެކު އެއީ ސްޕޭމް މެސެޖެއް ކަން ވަގުތުން ދެނެގަނެވުނު ކަމަށާއި، މަދަރުސާ ހުސްނުކޮށް ފޯނުން ގުޅި ބެލެނިވެރިންނަށް ހިތްހަމަޖެހުން ދިން ކަމަށް މިލާންގެ އެހެން މަދަރުސާއެއްގެ ޕްރިންސިޕަލެއް ކަމަށްވާ މައްސިމޯ ނުންޓްސިއޯ ބައްރެއްލާ ވިދާޅުވި އެވެ.
"އޭގައި އޮތް އިބާރާތްތައް ހުރީ މަޖާ ގޮތަކަށް. އެއީ، މާސްގެ މީހުން ފޮނުވާފައިވާ މެސެޖެއް ފަދަ: 'އަހަރެމެން މި އައީ ކަލޭމެން ނައްތާލަން.' އަޅުގަނޑަށް ކޮންމެ ވެސް ވަރަކަށް ހެވުނު،" ބައްރެއްލާ ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ކުރީކޮޅު ގިނަ މަދަރުސާތަކެއް ހުސްކުރި ނަމަވެސް، ވަރަށް އަވަހަށް އިންޒާރު އުވާލައި ދަރިވަރުންނަށް އަލުން ކިލާސްތަކަށް ވަނުމުގެ ހުއްދަ ދިން ކަމަށާއި، ބައެއް ބެލެނިވެރިން އެ ދުވަހު ދަރިވަރުން ގެއަށް ގެންދިޔަ ނަމަވެސް މިލާންގެ ގިނަ ސްކޫލްތަކުން ދަރިވަރުން ގެއަށް ނުފޮނުވާ ކަމަށް އޮފިޝަލުން ހާމަކުރެ އެވެ. ފާއިތުވި ދުވަސްތަކުގައި ވެސް ގާތްގަނޑަކަށް 280 މަދަރުސާއެއްގެ ޕްރިންސިޕަލުންނަށް މި ފަދަ އިންޒާރުތައް ލިބިފައިވާ ކަމަށް އިޓަލީވިލާތުގެ ރިޕޯޓުތަކުން ދައްކަ އެވެ.
މި ގޮތުން، މެދުތެރޭގެ ސަރަހައްދެއް ކަމަށްވާ އުމްބްރިޔާގެ ސްކޫލްތަކުގައި މިހާތަނަށް ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަންތަކުން އެއްވެސް ނުރައްކަލެއް ފެނިފައި ނުވާ ކަމަށާއި، ކޮންމެ ރިޕޯޓެއް ވަކިވަކިން ކަށަވަރުކުރުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ހަލުވިކަމާއެކު ފަރުވާތެރިވެ މަސައްކަތް ކުރަމުންދާ ކަމަށް އުމްބްރިޔާ ސަރަހައްދުގެ ވެރިޔާ ސްޓެފާނިޔާ ޕްރޮޔެއްތީ ވިދާޅުވި އެވެ.
މަސްދަރު: ބީބީސީ











