ޕީއެންސީގެ މަޖިލިސް މެންބަރުން ކޮރަޕްޝަނުގެ އަވައިގައި ޖެހުމުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް މިދަނީ ނުރައްކާވަމުން: މެންބަރު މައުރޫފް
28 ނޮވެމްބަރު 2026 | ހޮނިހިރު 06:28މަޖިލިސް މެންބަރުން އަމިއްލަ މާލީ މަންފާ އިސްކޮށް، ރިޝްވަތާއި ކޮރަޕްޝަނުގެ އަވާގައި ޖެހުމުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ނުރައްކާވަމުންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި. މީގެ އިތުރުން ރަސްމާލެ މަޝްރޫއަށް ފާޑުވިދާޅުވަމުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ނުބެލެހެއްޓި ދައުލަތުގެ ނިޒާމުތައް ބަލިކަށިވެފައިވާކަން އޭނާ ފާހަގަކުރެއްވި


ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ | ރައްޔިތުންގެ މަޖިލިސް
ސަރުކާރަށް ތާއީދުކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރަން ދަތިވެ ނުކުޅެދިގެން އުޅެނީ އަމިއްލަ މާލީ މަންފާއެއް ހޯދުމުގައި އަވަދިނެތި އުޅޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ރާއްޖެ ފެންނަނީ ކޮރަޕްޝަން އިންޑެކްސްގައި ވަރަށް މަތީގައި އުޅޭ ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިލި ނަމަވެސް، މަޖިލިސް މެންބަރުން އަމިއްލަ މާލީ މަންފާގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ 50,000 ރުފިޔާ ހޯދުމާއި، ބޮޑެތި ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމުގައި އަވަދިނެތި އުޅޭ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ނުފޫޒު އޮތް މިންވަރު ސާފުވާ ކަމަށާއި، މިހާރު އެ ތަން ބަދަލުވެފައި ވަނީ ރައްޔިތެއްގެ މަޖިލީހަށް" ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ.
މިއީ ހަގީގަތް އަޅުގަނޑު ދެއްކީމައެއް ނޫން މި ވާހަކަ ގަބޫލުކުރަންވީ. އިންތިޚާބުތަކަކީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ބަހާރު މޫސުން. ހަމަ ފައިސާ ފޮއްޗަކަށް ވޯޓު ވިއްކާ ގައުމެއް މިއީ. އެހެންވީމާ، އެފަދަ ހާލަތެއް އޮންނައިރުގައި ފައިސާގެ އަވާގައި ޖެހި، އަޅުގަނޑުމެންގެ ގާނޫނުތައް ބަދަލުކުރެވި، މި ދަންނަވާ ފަރާތްތަކަށް އަޅުގަނޑުމެންގެ މި ސަގާފަތާ މި ދީނާ ނުގުޅޭ ކަންކަން ފަހިވާނެ ގޮތަކަށް ގާނޫނުތައް ބަދަލުކުރެވި އެ ފުރުސަތުތައް ދެވިއްޖެނަމަ، އަޅުގަނޑުމެން މި ގަބޫލުކުރާ ހަމަޖެހުމާއި މިނިވަންކަމެއް ނުހިފެހެއްޓޭނެމައުރޫފް ޒާކިރު
މީގެ އިތުރުން މެންބަރު މައުރޫފް ވަނީ މިހާރުގެ ހާލަތުގައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކާ މައްސަލަތަކަށް ހައްލު ނުލިބޭނެކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް ރަސްމާލެ މަޝްރޫއަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
ގައުމުގެ ބެލެހެއްޓުންތެރިކަމުގެ ނިޒާމަށް އަލިއަޅުއްވާލައްވައި މެންބަރު މައުރޫފް ވިދާޅުވީ، ރާއްޖޭގައި ގާތްގަނޑަކަށް ދެ ލައްކައެއްހާ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އެ މީހުން ގައުމުގައި އުޅޭ ގޮތް ވެސް ނުބެލެހެއްޓިގެން އުޅޭ ކަމަށެވެ. އަދި އެ މީހުންނަކީ ވަކި ސްޕޮންސަރެއްގެ ދަށުން، ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ ދައްކައިގެން ކަނޑައެޅޭ މުއްދަތެއްގައި ގެންގުޅޭ ބަޔަކަށް ވާއިރު، އެފަދަ ކަންކަން ވެސް މޮނިޓާކޮށް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.











