Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް31

ކޮޕް31 މޫސުމީ ސަމިޓް - ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބީއަކާއެކު ނިންމާލައިފި

23 ނޮވެމްބަރު 2026 | ހޯމަ 06:03

ތުރުކީގައި ބޭއްވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުނީ، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމާއި މާލީ އެހީތެރިކަމާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކާ ގުޅިގެން. މިއީ 2009 ވަނަ އަހަރަށް ފަހު މިފަދަ ސަމިޓެއް ނާކާމިޔާބުވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މޫސުމީ ކާރިސާތަކުން ދުނިޔެ ސަލާމަތްކުރުމަށް ލީޑަރުންނަށް ނުކުޅެދިފައިވާ ކަމަށް ބުނެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2026 | ހޯމަ 06:03
އދ. ގެ ކްލައިމެޓް ޗޭންޖް އެގްޒެކެޓިވް ސެކްރެޓަރީ ސައިމަން ސްޓީލް (މެދުގައި)، ކޮޕް31 (COP31) ގެ ރައީސް އަދި ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖް މުރާތު ކުރުމްއާ ވާހަކަދައްކަވަނީ

އދ. ގެ ކްލައިމެޓް ޗޭންޖް އެގްޒެކެޓިވް ސެކްރެޓަރީ ސައިމަން ސްޓީލް (މެދުގައި)، ކޮޕް31 (COP31) ގެ ރައީސް އަދި ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އާބަނައިޒޭޝަން އެންޑް ކްލައިމެޓް ޗޭންޖް މުރާތު ކުރުމްއާ ވާހަކަދައްކަވަނީ | ގެޓީ އިމޭޖަސް

ތުރުކީވިލާތުގެ އަންޓަލްޔާގައި ކުރިއަށްދިޔަ ކޮޕް31 މޫސުމީ ސަމިޓް، ތެލާއި ގޭސް ފަދަ ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމާ މެދު ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި، އާދީއްތަ ދުވަހު ނާކާމިޔާބީއަކާއެކު ނިންމާލައިފި އެވެ. ދެ ހަފުތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ މި ހޫނު ބަހުސްތައް ނާކާމިޔާބުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސްލު ސަބަބު ކަމަށްވާ ފޮސިލް ފިއުލްއާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދިއެވެ.

އދ. އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މި ސަމިޓް، ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް ބަންދު ދުވަސްތަކުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިއީ ކޮޕްގެ ތާރީޚުގައި އެންމެ ދިގުލައިގެންދިޔަ ސަމިޓެވެ. އަދި މިއީ 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ކޮޕް15 އަށް ފަހު، މިފަދަ ބޮޑު ސަމިޓެއް އެއްބަސްވުމަކަށް ނާދެވި ނިމުނު ފުރަތަމަ ފަހަރެވެ.

Advertisement - worldAdvertisement

މޫސުމީ ކާރިސާތައް އިތުރުވެ، އޭގެ ނުރައްކާތެރި އަސަރުތައް ދުނިޔެއަށް ކުރަމުންދާ ދަނޑިވަޅެއްގައި، މި ސަމިޓަކީ ލީޑަޝިޕްގެ ވަރަށް ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި މާހިރުން ވަނީ ސިފަކޮށްފަ އެވެ. ހަކަތައާ ބެހޭ ތިންކް ޓޭންކެއް ކަމަށްވާ 'ޕަވަރ ޝިފްޓް އެފްރިކާ' ގެ ޑައިރެކްޓަރު މުހައްމަދު އަޑޯ ވިދާޅުވީ، މިއީ މިހާތަނަށް ބޭއްވި އެންމެ ނާކާމިޔާބު ކޮޕް ސަމިޓް ކަމަށާއި، މިއީ މުޅި ދުނިޔެއަށް ލިބުނު އިންޒާރެއް ކަމަށެވެ.

'އަންޓަލްޔާ ޕެކްޓް' ގެ ނަމުން ނަންދެވިފައިވާ އެއްބަސްވުން ފާސްކުރުމަށް އާދީއްތަ ދުވަހު ބޭއްވި ފަހު ބައްދަލުވުމުގައި، ބައިވެރިވި 190 އަށްވުރެ ގިނަ ގައުމުގެ މެދުގައި މި އެއްބަސްވުން ބަލައިގަތުމަށް ބޭނުންވާ އިއްތިފާގެއް ނެތްކަން ވަނީ ސާފުވެފަ އެވެ. މި މަޝްވަރާތަކުގައި އެމެރިކާ ބައިވެރިވެފައެއް ނުވެ އެވެ. އެއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުން ވަކިވެފައިވާތީ އެވެ.

މުހިންމު ކަންކަމުގައި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތައް ނައްތާލުމަކީ ކުރެވޭވަރުގެ ކަމަކަށް ނުވި އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު މައްސަލައަކަށްވީ، ދުނިޔެއިން ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލަން ޖެހޭނެ ކަމަށް ބުނާ އިބާރާތް އެއްބަސްވުމުގައި ހިމެނުމާއި، މޫސުމީ ކާރިސާތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ގައުމުތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމެވެ. ސައުދީ އަރަބިއްޔާ ފަދަ ތެޔޮ އުފައްދާ ގައުމުތަކުން ވަނީ ފޮސިލް ފިއުލްއާ ގުޅޭ އެއްވެސް ވާހަކައެއް އެއްބަސްވުމުގައި ހިމެނުމާ ދެކޮޅު ހަދާފަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޕެނަމާ، މާޝަލް އައިލެންޑްސް އަދި ނޯވޭ ފަދަ ގައުމުތަކުން ވަނީ އެއްބަސްވުމުގެ ދެލިކޮޕީ ބަލައިގަންނަން އިންކާރުކޮށްފަ އެވެ. އީޔޫގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި އަޔަލޭންޑްގެ ކްލައިމެޓް މިނިސްޓަރު ޑަރާ އޯބްރަޔަން ވިދާޅުވީ، ފޮސިލް ފިއުލްގެ ނަންވެސް ނެތް އެއްބަސްވުމަކަށް އެ އިއްތިހާދުން ތާއީދު ނުކުރާނެ ކަމަށެވެ.

އޭނާ ފަހުން ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ފަހަރުގެ ކޮޕް ސަމިޓް ބައެއް ތެޔޮ އުފައްދާ ގައުމުތަކުގެ ނުފޫޒުގެ ދަށަށް ގޮސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮޕް31 ގެ ރައީސް މުރާތު ކުރުމް ވިދާޅުވީ، އެއްބަސްވުން ފާސްކުރުމަށް ބޭނުންވާ ތާއީދު ނެތްކަން ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ނަމަވެސް، މި ހޯލުގައި ތިއްބެވި ބައެއް ފަރާތްތަކުން މި ލިޔުމާ ދެކޮޅު ހަދާކަން ސާފުވާ ކަމަށާއި، މި ލިޔުމަށް ހުރިހާ ގައުމެއްގެ އިއްތިފާގެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ، ނަމަވެސް އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޗައިނާއިން ވަނީ، އެއްބަސްވުމަކަށް ނާދެވުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށް ބުނެފަ އެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ވަފުދުގެ އިސްވެރިޔާ ލީ ގާއޯ ވިދާޅުވީ، މި ނަތީޖާގެ ސަބަބުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އޮތް އިތުބާރު ގެއްލިގެން ނުވާނެ ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށް މިދިޔައީ ދުނިޔެއަށް ވަރަށް ނާޒުކު ދަނޑިވަޅެއްގަ އެވެ. އީރާނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، މޫސުމީ ކާރިސާތައް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ.

އދ. އިން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ދުނިޔޭގެ ހޫނުމިން ސިނާއީ އިންގިލާބުގެ ކުރިން ހުރި މިންވަރަށްވުރެ 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވިޔަނުދީ ހިފެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށްވުރެ ހޫނުމިން މަތިވާނެ އެވެ. މިހާރު ހުރި ސިޔާސަތުތަކަށް ބަލާއިރު، ދުނިޔޭގެ ހޫނުމިން 2.8 ޑިގްރީއަށް އުފުލިދާނެ ކަމަށް ބެލެވޭއިރު، މިއީ ބޮޑު ކާރިސާއަކަށް ވެދާނެ ކަމެކެވެ. މިހާރުވެސް ދުނިޔޭގެ ހޫނުމިން ވަނީ 1.4 ޑިގްރީއަށް އުފުލިފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި، ޔޫރަޕަށް ކުރިމަތިވި ފުރާނައަށް ނުރައްކާވާ ފަދަ ގަދަ ހޫނުގެ އަސަރުތައް ވަނީ ވަރަށް ސާފުކޮށް ފެނިފަ އެވެ.

އެހެންނަމަވެސް، ކޮޕް31 އިން ހާމަވެގެންދިޔައީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ބޭނުންވާ ގައުމުތަކާއި، ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތަކާ ދެމެދު އޮތް ބޮޑު ފަރަގެވެ.

ކުރީގެ ކޮޕް ސަމިޓްތަކެކޭވެސް އެއްފަދައިން، މިފަހަރުވެސް އެންމެ ބޮޑު ހުރަހަކަށްވީ "ފޮސިލް ފިއުލް" ނުވަތަ ބިމުން ނަގާ ތެލާއި ގޭހުގެ ވާހަކައެވެ.

2023 ވަނަ އަހަރު ދުބާއީގައި ބޭއްވި ކޮޕް28 ގައި، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމަށް (ޓްރާންސިޝަން އަވޭ) ގައުމުތަކުން ފުރަތަމަ ފަހަރަށް އެއްބަސްވިއެވެ. ނަމަވެސް، އޭގެ ފަހުން ތެޔޮ އުފައްދާ ގައުމުތަކުން މި ވާހަކަ އެއްބަސްވުންތަކުގައި ހިމެނުމަށް ދެކޮޅު ހަދަމުންދާތީ، އެ ނިންމުމަށް އިތުރު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކޮޕް31 ގެ މައިގަނޑު އެއްބަސްވުމުގެ ފުރަތަމަ ދެލިކޮޕީ ހޯމަ ދުވަހު އާންމުކުރިއިރު، އޭގައި ހަކަތަ އުފައްދާ ނިޒާމުތަކުގައި ފޮސިލް ފިއުލް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.

ނަމަވެސް، 100 އަށްވުރެ ގައުމުން އެ އިބާރާތް ބާއްވަން ބޭނުންވި ނަމަވެސް، އޭގެ ފަހުން ނެރުނު ހުރިހާ ދެލިކޮޕީއަކުން ފޮސިލް ފިއުލްއާ ގުޅޭ ހުރިހާ ވާހަކައެއް ވަނީ އުނިކޮށްފައެވެ. މޫސުމީ މަޝްވަރާތަކުގެ ތަޖުރިބާކާރެއް ކަމަށްވާ ހަރްޖީތު ސިންގް ވިދާޅުވީ، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލަން ނުޖެހޭ ކަމަށް ހެދިގެން ތިބެ، ފޮސިލް ފިއުލްގެ ސަބަބުން ކުރިމަތިވާ މޫސުމީ ކާރިސާތައް ހައްލެއް ނުކުރެވޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ އިސް މޫސުމީ މަންދޫބު ކޭޓް ހިއުސް ވިދާޅުވީ، ހުށަހެޅުނު އެއްބަސްވުމުގެ ސަބަބުން އަޅުގަނޑުމެން މިދަނީ ފަހަތަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ މޫސުމީ މަސައްކަތްތަކުގައި ހިތްވަރުގަދަ އަމާޒުތަކެއް ކަނޑައެޅުމުގެ ބަދަލުގައި، އެންމެ ދަށް ފެންވަރުގެ ކަންތައްތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ އެއްބަސްވުމެކެވެ.

މީގެއިތުރުން، އެމްނެސްޓީ އިންޓަނޭޝަނަލްގެ ކްލައިމެޓް ޖަސްޓިސް އެޑްވައިޒަރު އޭން ހެރިސަން ވިދާޅުވީ، ބޮޑެތި ކުންފުނިތަކުގެ ފައިދާ ހިމާޔަތްކުރުމަށް ތައްޔާރުކޮށްފައިވާ މި އެއްބަސްވުން ގައުމުތަކުން ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ކާބަން ކެޕްޗާ އަދި މާލީ އެހީތެރިކަން

ޖައްވަށް ބޭރުވާ ވިހަ ގޭސްތައް ހިފެހެއްޓުމަށް ބޭނުންކުރާ 'ކާބަން ކެޕްޗާ' ޓެކްނޮލޮޖީ އިތުރުކުރުމަށް އެއްބަސްވުމުގައި ބާރުއަޅާފައިވާތީ، ގައުމުތަކާއި ތިމާވެށި ރައްކާތެރިކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ޓެކްނޮލޮޖީގެ ސަބަބުން، ޖައްވަށް ވިހަ ގޭސް ބޭރުވުމުގެ ކުރިން އެ ގޭސްތައް ހިފެހެއްޓޭނެ ކަމަށް ބުނެ، ފޮސިލް ފިއުލް އުފެއްދުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދެއެވެ.

ގިނަ ސައިންސްވެރިން ބުނާ ގޮތުގައި ޖައްވު ތަޣައްޔަރުވެފައިވާ މިންވަރުން މި ޓެކްނޮލޮޖީ ކޮންމެވެސް މިންވަރަކަށް ބޭނުންވާނެ އެވެ. ނަމަވެސް މިއީ އަގުބޮޑު، އަދި ބޮޑު ފެންވަރެއްގައި ކާމިޔާބުވާނެކަން ސާބިތުވެފައި ނުވާ ކަމެކެވެ. އަދި މިއީ މޫސުމީ ބަދަލުތަކުގެ އަސްލު ސަބަބަށް ހައްލު ހޯދުމުގެ ބަދަލުގައި، ސަމާލުކަން އަނބުރާލުމަށް ކުރާ ކަމެއްގެ ގޮތުގައި ފާޑުކިޔުންތެރިން ސިފަކުރެ އެވެ.

ތިމާވެށީގެ ތިންކް ޓޭންކެއް ކަމަށްވާ އީ3ޖީގެ މެޓް ވެބް ވިދާޅުވީ، ފޮސިލް ފިއުލް ބޭނުންކުރުން މަދުނުކޮށް ކާބަން ކެޕްޗާއަށް ބަރޯސާވުމަކީ، ސިނގިރޭޓް ބުއިން ހުއްޓާނުލައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އުޅުން ފަދަ ކަމެއް ކަމަށެވެ.

މަޝްވަރާތަކުގައި ދެން އެންމެ ބޮޑު މައްސަލައަކަށްވީ ފައިސާގެ މައްސަލައެވެ. މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ފަގީރު ގައުމުތަކުން ދަނީ، އެ ގައުމުތަކުން ހިއްސާނުވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް އެދެމުންނެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުން ވަނީ، 2035 ވަނަ އަހަރާ ހަމައަށް މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ ފައިސާ މަދުވެގެން ތިން ގުނަ އިތުރުކުރުމަށް ދެލިކޮޕީގައި ބުނެފައިވީ ނަމަވެސް، އެކަން ކުރާނެ ވަކި އަދަދުތަކެއް ނެތުމުން މާޔޫސްކަން ފާޅުކޮށްފަ އެވެ.

ހަރްޖީތު ސިންގް ވިދާޅުވީ، މުއްސަނދި ގައުމުތަކުން ވަނީ ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ދިނުމަށް އިންކާރުކޮށް، ތިމާވެށި ތަޣައްޔަރުކުރާ ފަރާތްތަކަށް މިނިވަންކަން ދީފައި ކަމަށެވެ. އަދި ނާކާމިޔާބީއެއްގައި ތާށިވާނެ އެއްބަސްވުމަކަށްވުރެ، އެއްބަސްވުމަކަށް ނާދެވުންވެސް މާ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްވަރާތަކުގެ ރައީސް ކްރިސް ބޯވެން ވިދާޅުވީ، ނަތީޖާއާ މެދު ވަރަށް ބޮޑަށް މާޔޫސްވާ ކަމަށެވެ. ނަމަވެސް މި މަޝްވަރާތަކުން ރަނގަޅު ކަންތައްތަކެއް ވެސް ހާސިލުވި ކަމަށާއި، އޭގެ ތެރޭގައި 90 އަށްވުރެ ގިނަ ގައުމުން އިގްތިސާދުތައް ކަރަންޓަށް ބަދަލުކުރުމުގެ ވައުދުގައި ސޮއިކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދެން އޮތް ގޮތަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އަންނަ އަހަރު އިތިއޯޕިއާގައި ބާއްވާ ސަމިޓުގައި ބައްދަލުކޮށް ކުރިއެރުމެއް ހޯދޭތޯ ބެލުން ކަމަށެވެ.

އެހެންނަމަވެސް، މޫސުމީ ކާރިސާގެ އަވަސް ހައްލަކަށް ދުނިޔެ ނުކުޅެދުމުން ގިނަ މާހިރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަޔަލޭންޑްގެ ކުރީގެ ރައީސް އަދި މޫސުމީ ދާއިރާގެ ތަޖުރިބާކާރު މޭރީ ރޮބިންސަން ވިދާޅުވީ، ހޫނުމިން މަތިވުމުގެ ނުރައްކާތައް އެނގި ތިބެ، ލީޑަރުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، ނަމަވެސް ކޮޕް31 އިން ފެނިގެންދިޔައީ ލީޑަޝިޕް ނެތްކަމުގެ ލަދުވެތި މަންޒަރެއް ކަމަށެވެ.

ކޮޕް31ތުރުކީކްލައިމެޓް ޗޭންޖްފޮސިލް ފިއުލްކާބަން ކެޕްޗާ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2026

ރަސްގެފާނު ޗާލްސް ތިންވަނަ ކޮޕް31 ގައި މޫސުމީ އިލްތިޒާމްތައް އަމަލީކުރަން ގޮވާލައްވައިފި

21 ނޮވެމްބަރު 2026
ރަސްގެފާނު ޗާލްސް ތިންވަނަ ކޮޕް31 ގައި މޫސުމީ އިލްތިޒާމްތައް އަމަލީކުރަން ގޮވާލައްވައިފި
16 ނޮވެމްބަރު 2026

ކޮޕް31 ސަމިޓް: ދުނިޔޭގެ މުސްތަގުބަލާ މެދު ނުރައްކާތެރި އިންޒާރުތަކެއް ދިން ނަމަވެސް ބޮޑެތި ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރިވެވަޑައެއް ނުގެންނެވި

16 ނޮވެމްބަރު 2026
ކޮޕް31 ސަމިޓް: ދުނިޔޭގެ މުސްތަގުބަލާ މެދު ނުރައްކާތެރި އިންޒާރުތަކެއް ދިން ނަމަވެސް ބޮޑެތި ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރިވެވަޑައެއް ނުގެންނެވި
14 ނޮވެމްބަރު 2026

މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 ނޮވެމްބަރު 2026
މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
10 ނޮވެމްބަރު 2026

ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

10 ނޮވެމްބަރު 2026
ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
05 ނޮވެމްބަރު 2026

ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުން: ނައިބު ރައީސް

05 ނޮވެމްބަރު 2026
ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުން: ނައިބު ރައީސް
01 ނޮވެމްބަރު 2026

އޮކްޓޫބަރުގައި އެކަނި 173 މަރު: ހަތަރު ވައްތަރެއްގެ ޑެންގީ ވައިރަސް ފެތުރެމުންދާއިރު ބަންގްލަދޭޝްގެ ހަސްފަތާލުތަކަށް ބާރުބޮޑުވެއްޖެ

01 ނޮވެމްބަރު 2026
އޮކްޓޫބަރުގައި އެކަނި 173 މަރު: ހަތަރު ވައްތަރެއްގެ ޑެންގީ ވައިރަސް ފެތުރެމުންދާއިރު ބަންގްލަދޭޝްގެ ހަސްފަތާލުތަކަށް ބާރުބޮޑުވެއްޖެ
31 އޮކްޓޯބަރު 2026

ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އައި.އެލް.އޯ އިން ބުނެފި

31 އޮކްޓޯބަރު 2026
ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އައި.އެލް.އޯ އިން ބުނެފި
28 އޮކްޓޯބަރު 2026

ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި

28 އޮކްޓޯބަރު 2026
ސައުދީގެ ދިފާޢުގައި މިޞްރުން ތެދުވެ، ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ފަށައިފި
26 އޮކްޓޯބަރު 2026

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ

26 އޮކްޓޯބަރު 2026
ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން އީރާނުގެ ވެރިންނާ ބައްދަލުކުރައްވަނީ
25 އޮކްޓޯބަރު 2026

ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ

25 އޮކްޓޯބަރު 2026
ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް