ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
23 ނޮވެމްބަރު 2026 | ހޯމަ 06:48އީރާނުގެ މަދަދާއެކު އެމެރިކާގެ ސިޔާސީ އިސްވެރިން އަވަހާރަކޮށްލަން ރޭވި މައްސަލައިގައި ޕާކިސްތާނުގެ ވިޔަފާރިވެރިޔާ އާސިފް މާޗަންޓް 30 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. އެފްބީއައިގެ އެޖެންޓުން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ޓްރަމްޕާއި ބައިޑަން ފަދަ ބޭފުޅުން މަރާލަން "ހިޓްމަނުން" ހޯދައި ފައިސާ ދީފައިވަނިކޮށެވެ. އާއިލާގެ ރައްކާތެރިކަމަށްޓަކައި އީރާނުގެ އޮފިސަރެއްގެ އިރުޝާދަށް މިކަން ކުރިކަމަށް އޭނާ އިއުތިރާފުވެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށް ސާބިތުވި ޕާކިސްތާނު މީހަކު 27 އަހަރަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފި | ޔޫއެސް ޖަސްޓިސް ޑިޕާޓްމަންޓް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ރޭވިކަމަށް އިއުތިރާފުވެ، އެކަމަށް ބާރުއެޅީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ކަމަށް ބުނި މީހަކު، ގާތްގަނޑަކަށް 30 އަހަރަށް ޖަލަށްލުމަށް އަންގާރަ ދުވަހު އެމެރިކާގައި ހުކުމްކޮށްފި އެވެ.
ޕާކިސްތާނުގެ ވިޔަފާރިވެރިއެއް ކަމަށްވާ އާސިފް މާޗަންޓްގެ މައްޗަށް އުމުރަށް ޖަލަށްލުމުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް ނަމަވެސް، ފަނޑިޔާރު ވިދާޅުވީ މިއީ އާދަޔާ ހިލާފު ސީރިއަސް ކުށެއް ކަމަށެވެ.
ޝަރީއަތުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، އަވަހާރަކޮށްލަން އޭނާ ރޭވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އޭރުގެ ރައީސް ޖޯ ބައިޑަންގެ އިތުރުން، އޭރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި އދ. އަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ނިކީ ހޭލީ ހިމެނެ އެވެ.
މާޗަންޓްގެ ވަކީލުންގެ ތެރޭގައި ހިމެނޭ އަވްރަހަމް މޮސްކޮވިޓްޒް ބުނީ، މި ހުކުމް އިސްތިއުނާފު ކުރަން ގަސްދުކުރާ ކަމަށެވެ. ނަމަވެސް، ޕްރޮސެކިއުޓަރުން އެދުނު ގޮތަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ފަނޑިޔާރު ދެކޮޅު ހެއްދެވުމުން އެކަމާ އުފާކުރާ ކަމަށް އޭނާ ބުންޏެވެ. "މީގެއިން އެނގެނީ އަދިވެސް އަޅުގަނޑުމެންގެ ޝަރުއީ ނިޒާމަކީ މިނިވަން ނިޒާމެއްކަން،" މޮސްކޮވިޓްޒް ބުންޏެވެ.
އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާޗަންޓަށް އިއްވީ "އިންސާފުވެރި ހުކުމެއް" ކަމަށެވެ.
މި ހުކުމަކީ 2024 ވަނަ އަހަރުގެ އިންތިޚާބީ ކެމްޕޭން ފޯރިއާއެކު ކުރިއަށް ދިޔަ ދުވަސްވަރު، އެމެރިކާގެ ސިޔާސީ އިސް ބޭފުޅަކު އަވަހާރަކޮށްލުމަށް އީރާނުގެ އެހީތެރިކަމާއެކު ރޭވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށްފަހު އިއްވި ހުކުމެކެވެ.
އީރާނު ސަރުކާރުން ވަނީ އެމެރިކާގެ އޮފިޝަލުން މަރާލަން މަސައްކަތްކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.
މި އަހަރުގެ ކުރީކޮޅު މީހަކު މަރަން ރޭވުމާއި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މާޗަންޓް، ހުކުމް އިއްވި މަޖިލީހުގައި ވާހަކަދައްކަން އިންކާރުކުރި އެވެ. ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ޓްރަމްޕްގެ ކެމްޕޭން އެއްވުންތައް ބާއްވާ ތަންތަން ދިރާސާކުރި ކަމަށާއި، ސިޔާސީ އެއްވުމެއްގެ ތެރެއިން މީހަކު މަރާލާނެ ގޮތުގެ ތަފްސީލު އޭނާ ދަންނަ މީހަކަށް ކިޔައިދިން ކަމަށް ސާފުކޮށް ބުނެފަ އެވެ.
އޭގެ ފަހުން މާޗަންޓް ވަނީ މީހުން މަރާ "ހިޓްމަނުން" ކަމަށް ހީކޮށް ބަޔަކު ހޯދައި، އޭނާގެ ތިމާގެ މީހެއްގެ އަތުން ދަރަންޏަށް ނެގި 5،000 ޑޮލަރު އެމީހުންނަށް ނަގުދު ފައިސާއިން ދީފަ އެވެ.
ޝަރީއަތުގައި އޭނާ ހެކިބަސް ދެމުން ބުނީ، އީރާނުގައި ތިބި އޭނާގެ އާއިލާގެ މީހުން ހިމާޔަތްކުރުމަށްޓަކައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ އިންޓެލިޖެންސް އޮފިސަރަކު ދިން އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރީ ކަމަށެވެ.
މާޗަންޓް ބުނި ގޮތުގައި، އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް މި ރޭވުން ފަޅާއަރާނެ ކަމަށާއި، އޭނާ އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުން އޭގެ ބަދަލެއްގެ ގޮތުން އިމިގްރޭޝަންގެ ކަންކަމުގައި އެހީތެރިކަން ލިބޭނެ ކަމަށް އޭނާ އުއްމީދުކުރި އެވެ.
ހަގީގަތުގައި ވެސް އެމެރިކާގެ ތަހުގީގީ އިދާރާތަކުން ދިޔައީ އޭނާއަށް ފާރަލަމުންނެވެ. މާޗަންޓް މީހުން މަރަން ހަވާލުކުރި މީހުންނަކީ އެފް.ބީ.އައިގެ އަންޑަކަވަރު އެޖެންޓުންނެވެ. އެމީހުންނަށް މިކަމުގެ މައުލޫމާތު ދިނީ މާޗަންޓް އޭނާގެ ރޭވުން ކިޔައިދިން އޭނާގެ ރަހުމަތްތެރިޔާ އެވެ. މާޗަންޓް ހައްޔަރުކުރީ 12 ޖުލައި 2024 ގައި ޓެކްސަސްއިން ޕާކިސްތާނަށް ދާން ފުރަން ތައްޔާރުވަމުން ދަނިކޮށެވެ. މިއީ ޕެންސިލްވޭނިއާގެ ބަޓްލަރގައި ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާގެ އެއް ދުވަސް ކުރި އެވެ.
"މި ރޭވުމަކީ ފެށުނީއްސުރެ ވެސް އެއްވެސް ބުރަދަނެއް ނެތް ރޭވުމެއް،" ދިފާއީ ވަކީލު ކްރިސްޓޮފާ ނެފް އަންގާރަ ދުވަހު ކޯޓުގައި ބުންޏެވެ. "މާޗަންޓް މިކަމުގައި ބައިވެރިވީ މާ ބޮޑު ޝައުގުވެރިކަމެއް އޮވެގެންނެއް ނޫން."
މާޗަންޓަކީ އެތައް އަހަރެއް ވަންދެން ޕާކިސްތާނުގެ ބޭންކުތަކުގައި މަސައްކަތްކުރުމަށްފަހު، ކާރު ވިއްކުމާއި ފަތްކެޔޮ އެކްސްޕޯޓް ކުރުން ފަދަ ތަފާތު ވިޔަފާރިތަކުގައި އުޅުނު މީހެކެވެ. އަދި އޭނާ ދޭތެރެ ދޭތެރެއިން ވިޔަފާރި ކަންކަމުގައާއި އާއިލާގެ މީހުންނާ ބައްދަލުކުރަން އެމެރިކާއަށް ދަތުރުކުރެ އެވެ.
މީގެ އިތުރުން، ޝީޢީ މުސްލިމުންގެ ދީނީ ޒިޔާރަތްތަކަށާއި އާއިލާގެ މީހުންނާ ބައްދަލުކުރަން އޭނާ އީރާނަށް ވެސް ދަތުރުކުރެ އެވެ.
ދިފާއީ ވަކީލުން ބުނާ ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ރިވޮލިއުޝަނަރީ ގާޑްގެ އޮފިސަރަކާ ބައްދަލުވުމަށްފަހު، އިންޓެލިޖެންސް މަސައްކަތަކީ ވަރަށް ޝައުގުވެރި އަދި ފައިދާހުރި ކަމެއް ކަމަށް މާޗަންޓަށް ހީވީ އެވެ.
"އަޅުގަނޑުގެ އާއިލާއަށް ނުރައްކާ އޮތުމުން މިކަން ކުރަން މަޖުބޫރުވީ،" މާޗަންޓް މާޗް މަހު ހެކިބަސް ދެމުން ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާއަށް އިރުޝާދު ދިން މީހާ ވަނީ ބައިޑަން، ޓްރަމްޕް އަދި ހޭލީ އަވަހާރަކޮށްލަން ޖެހޭ މީހުންގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
ނަމަވެސް، މަޖުބޫރުވެގެން ކުރި ކަމެއް ކަމަށް ބުނެ މާޗަންޓް ދެއްކި ވާހަކަތަކަށް ޕްރޮސެކިއުޓަރުން ވަނީ ގޮންޖަހާފަ އެވެ.
އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، 2020 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން، މާޗަންޓް ވަނީ އެމެރިކާއާއި ޓްރަމްޕާ ދެކޮޅު ޕޯސްޓްތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
މާޗަންޓްގެ ދިފާއީ ވަކީލު ނެފް ވިދާޅުވީ އެ ޕޯސްޓްތަކަކީ ހަމައެކަނި ޝުއޫރު ފާޅުކުރުމެއް ކަމަށާއި، އޭނާގެ މުވައްކިލަކީ ހަރުކަށި ފިކުރުގެ މީހެއް ނޫން ކަމަށެވެ. ނަމަވެސް އެސިސްޓަންޓް ޔޫއެސް އެޓާނީ ސާރާ ވިނިކް ވިދާޅުވީ، މާޗަންޓް ކުރީ "މީހަކަށް ކުރެވޭނެ އެންމެ ނުރައްކާތެރި ކަންތައް" ކަމަށާއި، އެއީ ސަރުކާރުގެ އިސް އޮފިޝަލަކު އަވަހާރަކޮށްލަން ރޭވުން ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ މާޗަންޓްގެ އާއިލާއާ މެދު އޭނާ ކަންބޮޑުވުންތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ ނަމަވެސް، އޭނާ ހުރީ "މި ގައުމަށް (އެމެރިކާއަށް) ގެއްލުން ދިނުމަށް ވަރަށް ބޮޑަށް އަޒުމް ކަނޑައަޅައިގެން" ކަމަށެވެ.











