އެމެރިކާގެ %55 ރައްޔިތުން ގޮވައިލީ "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލަން"
25 ނޮވެމްބަރު 2026 | ބުދަ 08:16އެމެރިކާގެ ގިނަ ރައްޔިތުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަގުތުން ހުއްޓާލަން ބޭނުންވާ ކަން ދިރާސާއަކުން ދައްކާފައިވާއިރު، މި ކަމަށް ޓަކައި އަސްކަރީ ފަންޑު ކަނޑާލުމަށް ވެސް ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު ތާއީދުކުރޭ. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި ރިޕަބްލިކަން ޕާޓީއަށް އިންތިޚާބީ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައިވާއިރު، ހަނގުރާމަ ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އާންމުން ދަނީ ބާރުއަޅަމުން


އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށާއި ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް ގޮވައިލާ އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން ޝުއޫރު ފާޅުކުރަނީ | އޭޕީ
އެމެރިކާއަށް މާ ފައިދާހުރި ނޫން ޝަރުތުތަކެއް ގަބޫލުކޮށްގެން ނަމަވެސް، އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެމެރިކާގެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ބޭނުންވާކަމަށް ޚިޔާލު ހޯދުމުގެ އައު ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާގައި ބައިވެރިވި މީހުންގެ ޖުމްލަ %55 މީހުން ވަނީ "ކޮންމެ ޝަރުތެއްގައި ނަމަވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް" ތާއީދުކޮށްފަ އެވެ. ސިޔާސީ ޕާޓީތަކުގެ ނިސްބަތަށް ބަލާއިރު، ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ މީހުންގެ %80 އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ވޯޓުލާ މީހުންގެ %59 މީހުން ވަނީ މި ހުށަހެޅުމަށް އެއްބަސްވެފަ އެވެ. މީގެ އިތުރުން، ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ މީހުންގެ ތެރެއިން ވެސް ގާތްގަނޑަކަށް %25 މީހުން ވަނީ ހަމަ މި ގޮތަށް ޚިޔާލު ފާޅުކޮށްފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްގެން ނަމަވެސް މި ހަމަނުޖެހުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކަށް ޑިމޮކްރެޓިކް ޕާޓީގެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ތާއީދުކުރެ އެވެ. މި ގޮތުން، އަސްކަރީ އޮޕަރޭޝަންތަކަށް ކޮންގްރެސްއިން ދޭ ފަންޑު ހިފެހެއްޓުމަށް އެ ޕާޓީގެ މެންބަރުންގެ %53 މީހުން ތާއީދުކުރާއިރު، ކުރިއަށް އޮތް ބަޖެޓު މަޝްވަރާތަކުގައި "އީރާން ހަނގުރާމައަށް ދޭ ފަންޑު ކަނޑާލުމަށް" %51 މީހުން ރުހެ އެވެ. އެ ފިޔަވަޅުގެ ސަބަބުން ސަރުކާރު ހުއްޓުމަކަށް އައުމުގެ ބިރު އޮތް ނަމަވެސް، އެ ކަމަށް ތާއީދުކުރާކަމަށް އެ މީހުން ބުންޏެވެ.
ޔުނިވަރސިޓީ އޮފް މެރީލެންޑާއި ދިރާސާކުރާ ކުންފުނި އިޕްސޮސް ގުޅިގެން ކުރިއަށްގެންދާ 'ކްރިޓިކަލް އިޝޫޒް ޕޯލް' ގެ އެންމެ ފަހުގެ ނަތީޖާގެ ގޮތުގައި މި އަދަދުތައް އާންމުކުރީ އަންގާރަ ދުވަހު އެވެ. ކޮންމެ ޝަރުތެއްގައި ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް އޮތް ތާއީދުގެ ބޮޑުކަމުން ހައިރާންވެވަޑައިގެންނެވި ކަން މި ދިރާސާގެ އިސް ދާރިސް ޝިބްލީ ތެލްހާމީ ފާހަގަކުރެއްވި އެވެ. "އާންމުން މި ހަނގުރާމައާ ވަރަށް ބޮޑަށް ދެކޮޅުކަމާއި، ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުންވާ ކަން އަޅުގަނޑުމެންނަށް ކުރިން ވެސް އެނގޭ،" ތެލްހާމީ ވިދާޅުވި އެވެ. "ނަމަވެސް އެ ކަން ހާސިލުކުރުމަށް ޓަކައި ކޮން ކަހަލަ ކަންތައްތަކެއް ގަބޫލުކުރަން ރައްޔިތުން ތައްޔާރަށް ތިބި ކަމެއް އަޅުގަނޑުމެންނަށް ޔަގީންވެފައެއް ނެތް."
އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 1,022 މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ސާވޭގައި، ހަނގުރާމައާމެދު ދެކޭ ގޮތް ދެނެގަތުމަށް ތިން އިޚުތިޔާރެއް ހުށަހެޅި އެވެ. އެއީ، ހަމަނުޖެހުން ވަގުތުން ހުއްޓާލުން، އަސްކަރީ ގޮތުން ހަނގުރާމަ އިތުރަށް ވަރުގަދަކުރުން، ނުވަތަ އީރާނުގެ ފަރާތުން ދޫތަކެއް ހޯދުމަށް މިހާރު ހިނގަމުންދާ މަގުން ކުރިއަށް ދިއުމެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން މިހާރު އޮތް ގޮތަށް ކުރިއަށް ދިއުމަށް ތާއީދުކުރީ އެންމެ %21 މީހުންނެވެ. އަދި، އަސްކަރީ ގޮތުން ހަނގުރާމަ ވަރުގަދަކުރުމަށް ތާއީދުކުރީ %18 މީހުންނެވެ. "ވަރަށް ސާފުކޮށް އެނގޭ ގޮތުގައި އާންމުންގެ ވިސްނުން ހުރީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މިހާރު ހަނގުރާމަ ނިންމާލުމަށް،" ތެލްހާމީ ވިދާޅުވި އެވެ.
ހަނގުރާމައިގެ މަގުސަދާ މެދު އުފެދިފައިވާ ސުވާލުތައް
އީރާނުގެ ނިއުކްލިއަރ ޕުރޮގުރާމު ނައްތައިލުން ފަދަ ހުއްޖަތުތައް ދައްކައިގެން އެމެރިކާ ސަރުކާރުން މި ހަނގުރާމަ ދިފާއުކުރާތީ، އެ ވާހަކަތަކާ މެދު ވެސް ވޯޓުލާ މީހުންގެ މެދުގައި ވަނީ ޝައްކު އުފެދިފަ އެވެ. ކްރިޓިކަލް އިޝޫޒް ޕޯލުން ދައްކާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގައި އީރާން "ކުރިއަށްވުރެ ދެރަ ހާލަތަކަށް" ވެއްޓިފައިވާ ކަމަށް ގަބޫލުކުރަނީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ %28 މީހުންނެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ކޮށްފާނެކަމުގެ ކަންބޮޑުވުން އެމެރިކާއިން ދިގު މުއްދަތަކަށް ފާޅުކުރަމުން އައި ނަމަވެސް، 2003 ވަނަ އަހަރު އެ ގައުމުގެ ނިއުކްލިއަރ ހަތިޔާރުގެ ޕުރޮގުރާމު ހުއްޓާލި ފަހުން އެ ފަދަ ފިޔަވަޅެއް އެޅުމަށް ތެހެރާނުން ހުއްދަ ދީފައިވާކަމުގެ އެއްވެސް ހެއްކެއް ޖާސޫސީ އިދާރާތަކުގެ ވަޒަންކުރުންތަކުން ފެނިފައެއް ނުވެ އެވެ.
ހަމަމިއާއެކު، ހަނގުރާމައިގެ ކުރީކޮޅު ވިޔަފާރި ދަތުރުފަތުރަށް އީރާނުން ބަންދުކުރި ހުރްމުޒް ކަނޑުއޮޅީގެ މައްސަލަ ވެސް ވަނީ މުހިންމު ބަހުސަކަށް ވެފަ އެވެ. އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ޓްރަމްޕްގެ ސަރުކާރުން ވަނީ ކަނޑުގެ ސިފައިން މެދުވެރިކޮށް އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %20 އުފުލާ މި މުހިންމު ކަނޑުގެ މަގު ބަންދުވުމާއި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ. އަންގާރަ ދުވަހު އާންމުކުރި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ގާތްގަނޑަކަށް %35 މީހުން ގަބޫލުކުރަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު މިހާރު އޮތީ އީރާނުގެ އަތްމަތީގައިކަމަށެވެ. އެ ކަނޑުއޮޅީގެ ކޮންޓުރޯލު އޮތީ އެމެރިކާގެ އަތުގައިކަމަށް ދެކެނީ އެންމެ %12.7 މީހުންނެވެ.
ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކާއި އިންތިޚާބުގެ ނަތީޖާ
މި ދިރާސާ އާންމުވެފައި މި ވަނީ، މަގުބޫލުކަން ގެއްލިފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޑިމޮކްރެޓިކް ޕާޓީން ދާންވީ ކިހާ ދުރަކަށްކަމާމެދު އެ ޕާޓީގެ އެތެރޭގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ. ދާދިފަހުން ބޭއްވި މިޑްޓަރމް އިންތިޚާބުގައި ހަނގުރާމައާ ދެކޮޅަށް އުފެދުނު ނުރުހުމާއި، ތެލުގެ އަގު އުފުލުން ފަދަ ގުޅުންހުރި މައްސަލަތަކުގެ ސަބަބުން ޑިމޮކްރެޓިކް ޕާޓީއަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފަ އެވެ. މިއާއެކު، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް އެމެރިކާގެ ޒަމާނީ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު އެއް ނާކާމިޔާބީއާ އެކު، ކޮންގްރެސްގެ ދެ މަޖިލީހުގެ ކޮންޓުރޯލު ވަނީ އެ ޕާޓީއަށް ގެއްލިފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ހަނގުރާމައާ ދެކޮޅު ވާތުފިޔައިގެ މެންބަރުން ފާހަގަކުރަނީ، އިންތިޚާބުގެ ނަތީޖާއިން ސާބިތު ވަނީ ހަނގުރާމަ ހުއްޓާލުމަށާއި ޔަހޫދީންނަށް އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓާލުމަށް ވޯޓުލާ މީހުން ބޭނުންވާކަމެވެ. ނަމަވެސް، މި ސްޓޭންޑުގެ ސަބަބުން، ހަނގުރާމަވެރި ވިސްނުން ގެންގުޅޭ އެ ޕާޓީގެ އިސް ފަރާތްތަކާއެކު ވަނީ ޚިޔާލުތަފާތުވުން އުފެދިފަ އެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރު ހަކީމް ޖެފްރީޒްއާއި ސެނެޓަރު ޗަކް ޝޫމަރ ފަދަ ޕާޓީގެ އިސްވާރުން ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރައްވާ ކަން ހާމަކުރައްވާފައިވީ ނަމަވެސް، އެ ލަނޑުދަނޑިއަށް ވާސިލުވުމަށް ހަރުކަށި އިސްތިރާޖުތަކެއް ގެންގުޅުމަށް އަދި އެއްބަސްވެވަޑައިގަންނަވާފައެއް ނުވެ އެވެ. އޭގެ ތެރޭގައި އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ދޭ ފަންޑު ކަނޑައިލުމާއި، ޑިސެންބަރު މަހު އޮންނަ ބަޖެޓު ފާސްކުރުމުގެ މަރުހަލާގެ ބޭނުންހިފައިގެން ހަނގުރާމަ ހުއްޓާލުމަށް ވައިޓް ހައުސަށް ޝަރުތުކުރުން ހިމެނެ އެވެ. "ޑިމޮކްރެޓިކް ޕާޓީގެ ގިނަ އިސްފަރާތްތަކުން ދަނީ މި މައްސަލައިގައި އާންމުންގެ އިހުސާސްތައް ހުރި ބާރުމިނަށް އަޅާނުލައްވައި ދޫކޮށްލައްވަމުން،" ތެލްހާމީ ވިދާޅުވި އެވެ. "އެ ބޭފުޅުން މި ބަދަލާ އެއްގޮތަށް އަމަލުތައް ބައްޓަން ނުކުރައްވައިފި ނަމަ، އެ ބޭފުޅުން ފަހަތަށް ދޫވެގެންދާނެ."
ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅުއްވާ ބޭފުޅުންގެ ތެރޭގައި ސެނެޓަރު ބަރނީ ސެންޑަރސްއާއި ސެނެޓަރު ކްރިސް ވެން ހޮލެން ފަދަ ޕްރޮގްރެސިވް ލީޑަރުން ހިމެނިވަޑައިގަންނަވާ ކަން ތެލްހާމީ އިތުރަށް ފާހަގަކުރެއްވި އެވެ. އެމެރިކާގެ ސެނެޓުގެ ޑިމޮކްރެޓިކް އަޣުލަބިއްޔަތުގެ ލީޑަރުކަމަށް ޝޫމަރއާ ވާދަކުރައްވާ ވެން ހޮލެން ގެންދަވަނީ، ޕާޓީގެ މެދުމިނުގެ ލީޑަރޝިޕް އޮތީ ވޯޓުލާ މީހުންގެ ވިންދާ ދުރުގައި ކަން ދެއްކުމަށް މި ހަނގުރާމައިގެ މައްސަލަ ބޭނުންކުރައްވަމުންނެވެ. ޚިޔާލު ހޯދުމުގެ މި ދިރާސާއިން ދައްކާ ގޮތުގައި، ޑިމޮކްރެޓިކް ޕާޓީގެ ވޯޓުލާ މީހުން ޝޫމަރއަށް ވުރެ ބޮޑަށް ވެން ހޮލެނަށް ތާއީދުކުރަނީ ގާތްގަނޑަކަށް ތިނެއް އެކެއްގެ ނިސްބަތުން، ނުވަތަ ކޮންމެ ތިން މީހަކުން އެކަކެވެ.
މަސްދަރު: އަލް ޖަޒީރާ











