ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!
25 ނޮވެމްބަރު 2026 | ބުދަ 06:03ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ޔޫކްރެއިނުން ދޭ ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ ތެޔޮ އުފައްދާ މިންވަރު 45 އިންސައްތަ ދަށްވެ، ބާޒާރުގައި ތެލުގެ ދަތިކަން ވަނީ ބޮޑުވެފައި. މި ހަމަލާތަކާ ގުޅިގެން ރަޝިއާއިން ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ހަނގުރާމަ އިތުރު ސަރަހައްދުތަކަށް ފުޅާވެ، އާންމުންނަށް ލިބޭ ގެއްލުންތައް ވެސް ދަނީ އިތުރުވަމުން

ރަޝިއާގެ ތެޔޮ ކާރުހާނާއަށް ޔޫކްރެއިނުން ދިން ކަމަށް ބުނާ ހަމަލާއެއްގައި އެ ތަނުގައި ރޯވެ އަނދަމުންދާ މަންޒަރު | އެކްސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްޓާލުމަށް އެދިވަޑައިގަންނަވާފައި ވަނިކޮށް، ރަޝިއާގެ ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވެ، އެ ކަމުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ދެއްވައިފި އެވެ.
ޕުޓިން މި އިންޒާރު ދެއްވީ އަންގާރަ ދުވަހު އެވެ. އޭގެ ކުރިން ކީވްއިން ބުނީ ރަޝިއާގެ ހަކަތައިގެ އަމާޒުތަކަށް ހަމަލާދިނުން ޔޫކްރެއިނުން ހުއްޓާލާނީ، މޮސްކޯއިން ވެސް އެ ފަދަ ހަމަލާތައް ދިނުން ހުއްޓާލުމުން ކަމަށެވެ.
މިއާ ވަކިން، ހޮނިހިރު ދުވަހު ފިންލެންޑް ކަނޑުގައި އޮތް ރަޝިއާގެ އާގުބޯޓަކަށް ދިން ޑްރޯން ހަމަލާގެ ޒިންމާ ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވަނީ އުފުއްލަވާފަ އެވެ. އެ ހަމަލާގައި ބޯޓުގެ ފަޅުވެރިއަކު ޒަހަމުވި އެވެ. 'ސްޕާޓާ 2' ނަމަކަށް ކިޔާ އެ ބޯޓުގައި ހަތިޔާރު އުފުލަމުން ދިޔުމުގެ ސަބަބުން، އެއީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ހަމަލާދިނުން ހުއްދަ އަމާޒެއް ކަމަށް، ބްލޫމްބަރގް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.
ހަކަތައިގެ މަރުކަޒުތަކަށް ދޭ ހަމަލާތަކާއި ބާޒާރަށް ކުރާ އަސަރު
2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމާއެކު ފެށުނު ހަނގުރާމައިގައި، ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް ޓްރަމްޕް އޮކްޓޫބަރު މަހުގެ މެދުތެރޭގައި އިއުލާނުކުރެއްވި އެވެ. އެ އިއުލާނާ ގުޅިގެން ޔޫކްރެއިނުން ތެޔޮ މަރުކަޒުތަކަށް ދެމުންދިޔަ ހަމަލާތައް މަޑުޖެހުނު ނަމަވެސް، އޮކްޓޫބަރު މަހުގެ ފަހުކޮޅު އެ ހަމަލާތައް ވަނީ އަލުން އިތުރުވެފަ އެވެ.
"އެމެރިކާގެ ރައީސް އިލްތިމާސްކުރައްވައި، އެ ފަދަ ހަމަލާތަކުން ދުރުހެލިވުމަށް ސީދާ އެދިވަޑައިގަންނަވާފައި ވަނިކޮށް ވެސް، ކީވްގެ ސަރުކާރުން އަޅުގަނޑުމެންގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ހަމަލާދިނުން ކުރިއަށް ގެންދާ ތަން އެބަ ފެނޭ. އެކަމަކު ކީވްގެ އިދާރާތަކުން ދަނީ މި ނަސޭހަތަށް ބީރުކަންފަތެއް ދެމުން،" ކްރެމްލިންގައި ސަރުކާރުގެ އޮފިޝަލުންނާއި ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވި އެވެ. "މި ކަމާ ގުޅިގެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ފަރާތުން ބަދަލުހިފުމުގެ ފިޔަވަޅުތައް އެޅުމަކީ ނުވެ ނުދާނެ ކަމެއް ކަން."
ހަކަތައިގެ މަރުކަޒުތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ބޭނުންފުޅުވާ ކަމަށް ވެސް އެ ބައްދަލުވުމުގައި ޕުޓިން ވިދާޅުވި އެވެ.
އޮކްޓޫބަރު މަހުގެ ފަހުކޮޅުން ފެށިގެން ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން، ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކުން ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ ސާފުކުރާ ޖުމުލަ މިންވަރު %45 ދަށްވެފައިވާ ކަމަށް، ތެލުގެ ސިނާއަތުގެ ދެ މަސްދަރަކުން ބުންޏެވެ.
ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ޔޫކްރެއިނުން އަލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން، ރަޝިއާގެ އެކި ސަރަހައްދުތަކުގައި އާންމުންނަށް ޕެޓްރޯލާއި ޑީސަލް ވިއްކުމުގައި ހިފެހެއްޓުންތަކެއް ކަނޑައަޅާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކާއި ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. އެތެރޭގެ ތެލުގެ ބާޒާރުގެ ހާލަތު އަދިވެސް ދަތިކޮށް އޮތް ނަމަވެސް، އޮކްޓޫބަރު މަހު އެންމެ މައްޗަށް ދިޔުމަށްފަހު ޕެޓްރޯލްގެ އަގުތައް މިހާރު ހަމައަކަށް އެޅިފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ.
ހަނގުރާމަ އިތުރު ސަރަހައްދުތަކަށް ފުޅާވުމުގެ ބިރު
ރަޝިއާގެ ޖާސޫސީ ޑްރޯނެއް ކުޑަ ވަގުތުކޮޅަކަށް ސަރަހައްދީ ރޮނގު ހުރަސްކޮށް، ޕޮލެންޑުގެ ވައިގެ ސަރަހައްދަށް ގަސްދުގައި ވަދެފައިވާ ކަމަށް ބުނެ އެ ގައުމުން ވަނީ އަންގާރަ ދުވަހު މޮސްކޯއަށް ތުހުމަތުކޮށްފަ އެވެ. ވައިގެ ސަރަހައްދަށް ވަނުމުގެ މި ހާދިސާއަކީ "މި ހަނގުރާމައާއި މި ކުރިމަތިލުންތައް އިތުރަށް ފުޅާވަމުންދާ ކަމުގެ ނިޝާނަކަށް ވެދާނެ" ކަމަށް، ކީވްއިން ރިޕޯޓުކުރާ މުރާސިލެއް ކަމަށްވާ ޢަބްދުލްޢަޒީޒް މުޖާހިދު ބުންޏެވެ.
ހުޅަނގުގެ ދިފާއީ އިއްތިހާދާއި (ނޭޓޯ) ވިލާތުގެ އިއްތިހާދުގެ (އީޔޫ) މެންބަރު ގައުމެއް ކަމަށްވާ އެސްޓޯނިއާއިން އެ ގައުމުގެ އެއްގަމު ސަރަހައްދީ ރޮނގު ބަންދުކުރިކަން އިއުލާނުކުރުމާ ގުޅިގެން، މޮސްކޯއިން ވަނީ ހޯމަ ދުވަހު އެ ގައުމަށް ހަރުކަށި ތުހުމަތުތަކެއް ކޮށްފަ އެވެ. އެސްޓޯނިއާއިން ހިންގަނީ "ފާޅުކަން ބޮޑު ހަނގުރާމައެއް ފެށުމުގެ ތުންފަތްމައްޗަށް ގެނުވާ ފަދަ" އަދާވާތްތެރި އަމަލުތަކެއް ކަމަށް މޮސްކޯއިން ބުނެ އެވެ.
އެހެން ހާދިސާތަކަށް ބަލާއިރު، ހުކުރު ދުވަހު ރަޝިއާގެ ތިން 'ކޭއެޗް-101' މަރުކާގެ މިސައިލް ޕޮލެންޑަށް ވެއްޓިފައިވާ ކަމަށް ވޯސޯއިން ބުނެ އެވެ. ހަމަމިއާއެކު، ހޮނިހިރު ދުވަހު ބޯލްޓިކް ކަނޑުގައި ރަޝިއާގެ އަސްކަރިއްޔާއާ ގުޅުންހުރި އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވެ އަލިފާން ރޯވި ހާދިސާގެ ޒިންމާ ޔޫކްރެއިނުން ވަނީ އުފުލާފަ އެވެ.
އާދީއްތަ ދުވަހު ކަނޑުގައި ދުއްވާ ޑްރޯންތައް ބޭނުންކޮށްގެން ލީބިޔާގެ ބަނދަރެއްގައި އޮތް ރަޝިއާގެ ކަނޑުގެ ސިފައިންގެ 'ކޯވެޓް' މަރުކާގެ މަނަވަރެއް ޔޫކްރެއިނުން ވަނީ ފައްތައިލާފަ އެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޓްރިޕޮލީގައި އޮންނަ ލީބިޔާގެ ސަރުކާރުގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، އެ ޑްރޯން ހަމަލާއަކީ އަމިއްލަ ނަފްސުގެ ދިފާއުގައި އެޅި ހުއްދަ ފިޔަވަޅެއް ކަމަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރީ ސައިބިހާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ އަސްކަރިއްޔާއަށް "މާއްދީ އެހީތެރިކަން" ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުނިތަކުން، ރަޝިއާއިން ދީފާނެ 'ސެބޮޓާޖް' ނުވަތަ ގެއްލުންދިނުމުގެ ހަމަލާތަކަށް ތައްޔާރުވެ ތިބުމަށް އިނގިރޭސިވިލާތުގެ ސަލާމަތީ އޮފިޝަލުން އަންގާރަ ދުވަހު ވަނީ އިންޒާރު ދެއްވާފަ އެވެ.
އާންމު ރައްޔިތުންނަށް ލިބުނު ގެއްލުންތައް
ރޭގަނޑުގެ ވަގުތުގައި ރަޝިއާއިން ޔޫކްރެއިންގެ ޒަޕޮރީޜިއާއަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު މިޚައިލޯ ސެމީކިން އަންގާރަ ދުވަހު ވިދާޅުވި އެވެ. އެ ހަމަލާގައި ހަތަރު ކުޑަކުދިން ހިމެނޭހެން 40 މީހުން ޒަހަމުވެފައިވާ ކަމަށް ވެސް ސެމީކިން ވިދާޅުވި އެވެ. އޭނާގެ ޓެލެގްރާމް އެކައުންޓުގައި އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯއަކުން، ކުޑަދޮރުތައް ވެއްޓި، ބިންމައްޗަށް ގަލާއި ވެލި ފައިބާފައިވާ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެޕާޓްމަންޓް އިމާރާތެއް ފެނެ އެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ ސޫމީ ސަރަހައްދުގައި ހުރި ޑްރޯން ކޮންޓުރޯލު ކުރާ މަރުކަޒުތަކަށާއި، ސްޓާލިންކް ސެޓެލައިޓް ޓާމިނަލްތަކުގެ އިތުރުން އަސްކަރީ އެހެނިހެން ވަސީލަތްތަކަށް ހަމަލާދީ، ޔޫކްރެއިންގެ ގިނަ އަދަދެއްގެ ސިފައިން މަރާލާފައިވާ ކަމަށް، ރަޝިއާގެ ދިފާއީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ އިންޓަރފެކްސް ނޫސް އޭޖެންސީން އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވެ އެވެ.
މަސްދަރު: އަލް ޖަޒީރާ











