ޗައިނާއާއި އީޔޫއާ ދެކޮޅަށް ޓްރަމްޕްގެ އައު ޓެރިފްތަކެއް: އެމެރިކާގެ ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓި، ބައިނަލްއަގުވާމީ އިގުތިސާދީ ހާލަތު ހޫނުވެއްޖެ
26 ނޮވެމްބަރު 2026 | ބުރާސްފަތި 03:56އެމެރިކާގެ ވިޔަފާރީގެ އުސޫލުތަކާ ބެހޭ ގޮތުން ކުރި ތަހުގީގަކަށް ފަހު، ޗައިނާއާއި އީޔޫ ހިމެނޭހެން 14 ބައިވެރިއެއްގެ މުދަލުން އާ ޓެރިފްތަކެއް ނެގުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައި. މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ނުތަނަވަސްކަން އުފެދި، އެމެރިކާގެ ހިއްސާގެ ބާޒާރަށާއި ރަނުގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައި

!['މޭކް އެމެރިކާ ވެލްތީ އަގެއިން' ގެ ނަމުގައި ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި އެކި ގައުމުތަކުގެ މުދަލުން ނަގާ ޓެކުހުގެ އަގުތައް ދައްކުވައިދޭ ބޯޑެއް ހިއްޕަވައިގެން ރަައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/455b2c26-ebe8-4fdd-acd7-05953f50b2c9.webp)
'މޭކް އެމެރިކާ ވެލްތީ އަގެއިން' ގެ ނަމުގައި ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި އެކި ގައުމުތަކުގެ މުދަލުން ނަގާ ޓެކުހުގެ އަގުތައް ދައްކުވައިދޭ ބޯޑެއް ހިއްޕަވައިގެން ރަައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ [ފައިލް] | ގެޓީ އިމޭޖަސް
އުފެއްދުންތެރިކަން ބޭނުންވާ މިންވަރަށްވުރެ އިތުރުކޮށްގެން ވިޔަފާރީގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ބުނެ، ޗައިނާއާއި ވިލާތުގެ އިއްތިހާދު (އީޔޫ) ހިމެނޭހެން އެމެރިކާގެ ވިޔަފާރީގެ މައިގަނޑު 14 ބައިވެރިންގެ މައްޗަށް އައު ޓެރިފްތަކެއް ނުވަތަ އިންޕޯޓުޑިއުޓީތަކެއް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފި އެވެ. މި ނިންމުމާއެކު ދުނިޔޭގެ ގައުމުތަކުން ވަރުގަދަ ރައްދުތަކެއް ދޭން ފަށާފައިވާއިރު، އެމެރިކާގެ ހިއްސާގެ ބާޒާރުތައް ވަނީ ވެއްޓިފަ އެވެ.
ފެބުރުވަރީ މަހު އެމެރިކާގެ ސުޕްރީމް ކޯޓުން ޓްރަމްޕްގެ ބައިނަލްއަގުވާމީ ޓެރިފްތައް ބާތިލު ކުރުމާ ގުޅިގެން، 12 ގައުމަކާއި، 27 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ އީޔޫގެ އިތުރުން އަމިއްލަ ވެރިކަމެއް ކުރާ ޓައިވާނުގެ ވިޔަފާރީގެ އުސޫލުތައް އެމެރިކާއިން ވަނީ ތަހުގީގު ކޮށްފަ އެވެ. މި އައު ޓެރިފްތައް ހުށަހަޅާފައި ވަނީ މަސްތަކަކަށް ދެމިގެންދިޔަ އެ ތަހުގީގުތަކަށް ފަހު އެވެ.
ބުދަ ދުވަހު އިއުލާނުކުރި އެންމެ މަތީ ޓެރިފް ރޭޓު އަމާޒުވެފައި ވަނީ ޗައިނާއަށެވެ. ޗައިނާގެ މުދަލުން %20 ގެ ޓެރިފެއް ނެގުމަށް ހުށަހަޅާފައިވާއިރު، މިއީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޗައިނާގެ މައްޗަށް ކަނޑައެޅުއްވި ގާތްގަނޑަކަށް %25 ގެ އިންޕޯޓުޑިއުޓީގެ އިތުރުން ނަގާނެ ޓެރިފެކެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮންނަ 'ބޯޑް އޮފް ޓްރޭޑް' ނިޒާމުގެ ދަށުން ޓެރިފް ކުޑަކުރުމަށް މަޝްވަރާ ކުރަމުންދާ، ޗައިނާގެ ގާތްގަނޑަކަށް 30 ބިލިޔަން ޑޮލަރުގެ އިމްޕޯޓް މުދަލުން މި އައު ޓެރިފްތައް އިސްތިސްނާ ވާނެ އެވެ.
ސިނާއަތްތަކަށް ސަބްސިޑީ ދީގެން، ދަގަނޑުން ފެށިގެން އިލެކްޓްރިކް އުޅަނދުތަކާއި ސޯލާ އުފެއްދުންތަކާ ހަމައަށް އަގުހެޔޮ މުދާ ދުނިޔޭގެ ބާޒާރަށް ގިނަ އަދަދަކަށް ނެރޭ ކަމަށް ވޮޝިންގޓަނުން ޗައިނާގެ މައްޗަށް ތުހުމަތު ކުރާތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. ބެއިޖިންގއިން ވަނީ މި ތުހުމަތުތައް އަނެއްކާ ވެސް ދޮގުކޮށްފަ އެވެ.
"އެ ބުނާ 'އޯވަރކެޕޭސިޓީ' ނުވަތަ އުފެއްދުންތެރިކަން އިތުރުވުމަކީ ދޮގު މައްސަލައެއް. އަދި، ސިޔާސީ ބޭނުމަށް ނުފޫޒު ފޯރުވުމުގެ ބަހަނާއެއްގެ ގޮތުގައި އެ ކަން ބޭނުން ކުރުމާ ޗައިނާއިން ދެކޮޅު ހަދާ،" ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވި އެވެ. މިއާއެކު، ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދުގެ ދެމެދުގައި އޮތް ގުޅުން ހަމަޖެހޭ ގޮތެއްގައި ދެމެހެއްޓުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އައު ޓެރިފްތައް ކުރިމަތިވާ އެމެރިކާގެ ވިޔަފާރީގެ އެހެން ބައިވެރިންގެ ތެރޭގައި އިންޑިއާ، ޖަޕާން، ދެކުނު ކޮރެއާ، އިންޑޮނޭޝިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، މެލޭޝިއާ، ސިންގަޕޫރު، ސްވިޓްޒަލެންޑް، ޓައިވާން، ތައިލެންޑް އަދި ވިއެޓްނާމް ހިމެނެ އެވެ. މެކްސިކޯއާއި ނޯވޭ ވެސް މި ތަހުގީގުގައި ހިމެނުނު ނަމަވެސް، އެ ދެ ގައުމުގެ ވިޔަފާރީގެ އުސޫލުތައް އަދިވެސް ތަހުގީގު ކުރަމުންދާތީ، މި ފަހަރުގެ އައު ޓެރިފްތަކުން އެ ދެ ގައުމު ވަނީ އިސްތިސްނާ ކޮށްފަ އެވެ.
ސެކްޝަން 301 ގެ ބޭނުން ހިފުމާމެދު ފާޑުކިޔުން
މި ޓެރިފްތައް އިއުލާނު ކޮށްފައި ވަނީ 1974 ވަނަ އަހަރުގެ އެމެރިކާގެ ޓްރޭޑް އެކްޓު ނުވަތަ ވިޔަފާރިއާބެހޭ ގާނޫނުގެ 301 ވަނަ މާއްދާގެ ދަށުން އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖޭމީސަން ގްރިއާ ފެށްޓެވި އަށް މަސް ދުވަހުގެ ތަހުގީގަކަށް ފަހު އެވެ. އެ ގާނޫނުގެ ދަށުން، އެކަށީގެންނުވާ ނުވަތަ ތަފާތުކުރުން ގެންގުޅޭ ވިޔަފާރީގެ އުސޫލުތައް ގެންގުޅޭ ގައުމުތަކާ ދެކޮޅަށް އިމްޕޯޓް ޓެކުހާއި އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބާރު ރައީސަށް ލިބިދެ އެވެ.
"ސަރުކާރުން ސެކްޝަން 301 ގެ ބޭނުން ހިފާފައި ވަނީ ނުބައި ނިޔަތެއްގައި،" ޖޯޖްޓައުން ޔުނިވަރސިޓީ ލޯ ސެންޓަރުގެ ބައިނަލްއަގުވާމީ ގާނޫނާ ބެހޭ ޕްރޮފެސަރު ގްރެގަރީ ޝެފަރ ވިދާޅުވި އެވެ. "މި ތަހުގީގުތައް ފަށާފައި ވަނީ މުޅި ދުނިޔެއަށް ޓެރިފް ކަނޑައެޅުމަށާއި، ރައީސް [ޓްރަމްޕް] ބޭނުންފުޅުވާ ކޮންމެ ވަގުތަކު އެ ޓެރިފްތަކަށް ބަދަލު ގެނައުމަށް ރައީސް ގެންގުޅުއްވާ އަމާޒަށް ވާގިވެރިވުމަށް. އަދި، އޭގެ ސަބަބުން ގާނޫނުއަސާސީން ކޮންގްރެސްއަށް ލިބިދީފައިވާ ޓެކުސް ނެގުމުގެ ބާރުގެ ދަށުން ޓެރިފް ރޭޓުތައް ކަނޑައެޅުމުގެ އިހުތިޔާރު ކޮންގްރެސްގެ އަތުން ނިގުޅައިގަނެވޭ."
ވަކިން ނެރުނު އިއުލާނެއްގައި ވައިޓް ހައުސްއިން ވަނީ ބްރެޒިލްގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެމްބްރައާއިން އުފައްދައި ނިންމާފައިވާ މަތިންދާބޯޓުތަކުން %10 ގެ ޓެރިފެއް ނެގުމަށް ވެސް ހުށަހަޅާފަ އެވެ. އެ ކުންފުނީގެ ޖެޓުތަކަކީ އެމެރިކާގެ ސަރަހައްދީ އެއާލައިންތައް ކަމަށްވާ ޔުނައިޓެޑް އެކްސްޕްރެސް، ޑެލްޓާ ކަނެކްޝަން އަދި އެމެރިކަން އީގަލް ފަދަ ބްރޭންޑްތަކުގެ ދަށުން ބޭނުންކުރާ ބޯޓުތަކެކެވެ. އުފައްދައި ނިންމާފައިވާ މަތިންދާބޯޓުތަކަކީ ބްރެޒިލުން އެމެރިކާއަށް އެކްސްޕޯޓް ކުރާ ހަތަރުވަނައަށް އެންމެ ބޮޑު ބާވަތެވެ.
ހަމަމިއާއެކު، ނާއިންސާފު ވިޔަފާރީގެ އުސޫލުތައް ކަމަށް ބުނާ ކަންކަން އިސްލާހު ކުރުމަށް ބްރެޒިލް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން، ކަނޑައެޅިފައިވާ ކޯޓާއަށްވުރެ އިތުރަށް އެމެރިކާއަށް އެތެރެކުރާ ބްރެޒިލްގެ ހަކުރުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ވެސް އެމެރިކާއިން ރާވާފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ރައްދުގައި އޮތީ ނުރުހުން
އައު ޓެރިފް އިއުލާނާ ގުޅިގެން ގިނަ ސަރުކާރުތަކަކުންނާއި އީޔޫއިން ވަނީ ރައްދު ދީފަ އެވެ.
"ސިނާއީ އޮނިގަނޑުގެ ތެރެއިން އުފެއްދުންތެރިކަން އިތުރުވެފައިވާ މައްސަލައާ ގުޅޭގޮތުން އެމެރިކާއިން ސެކްޝަން 301 ގެ ދަށުން ކުރިއަށްގެންދިޔަ ތަހުގީގުގެ ފުރަތަމަ ހޯދުންތައް އާންމުކުރި ކަން ވިލާތުގެ އިއްތިހާދުން ނޯޓުކުރަން." ވިލާތުގެ ކޮމިޝަނުގެ ތަރުޖަމާނު އޮލޮފް ގިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ހޯދުންތައް ދިރާސާ ކުރާނަން. ހަމަ އެ ވަގުތު، ވިލާތަކީ އޮނިގަނޑުގެ ތެރެއިން އުފެއްދުންތެރިކަން އިތުރުވެފައިވާ މަސްދަރެއް ކަމަށް ބުނާ ވާހަކަ އަޅުގަނޑުމެން ހަރުކަށި އިބާރާތުން ދޮގުކުރަން. އޭގެ ބަދަލުގައި، އުފެއްދުންތެރިކަން އިތުރުވުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކުގެ ތެރޭގައި ވިލާތު ހިމެނޭ." ގިލް ވިދާޅުވި އެވެ.
ސްވިޓްޒަލެންޑްގެ ސަރުކާރުން ވެސް ވަނީ މި ތަހުގީގުތަކުން އުފެދުނު ތުހުމަތުތައް ދޮގުކުރާ ކަމަށް ބުނެ ރައްދު ދީފަ އެވެ. "ޑިސެންބަރު މަހުގެ މެދުތެރޭގައި ބާއްވާ ޖީ-20 ބައްދަލުވުންތަކުގެ ކުޑަ ދުވަސްކޮޅެއް ކުރިން މި ކަން އިއުލާނު ކުރުމަކީ އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރުމަށް ފުރުސަތު ހުޅުވޭ ކަމެއް. އަދި، އޭގެ ސަބަބުން 2027 ވަނަ އަހަރު އިންފްލޭޝަންގެ ޕްރެޝަރުތަކާއި މެކްރޯ އިގުތިސާދީ ލޮޅުންތަކުގެ ނުރައްކާ އިތުރުވެ، ތެލުގެ އަގު ހެޔޮވުމުން ލިބޭ ބައެއް ފައިދާތައް ކުޑަވެގެންދާނެ،" ސެންޓަރ ފޯ އަ ނިއު އެމެރިކަން ސެކިއުރިޓީގެ އެޖަންކްޓް ސީނިއަރ ފެލޯ ރޭޗަލް ޒިއެމްބާ ވިދާޅުވި އެވެ.
ނޯވޭއިން ވަނީ އެމެރިކާގެ މި ނިންމުމަށް ތައުރީފު ކޮށްފަ އެވެ. "އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވާ ފަދަ ސިޔާސަތުތަކެއް ނޯވޭގައި ނެތް ކަން މުޅި މި މަރުހަލާގައި ވެސް އަޅުގަނޑުމެން ވަނީ ސާފުކޮށްދީފައި. ނޯވޭގެ ކުންފުނިތަކުން މުދާ އުފައްދަނީ ބާޒާރުގެ ޑިމާންޑަށް ބަލައިގެން،" ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާތު އައިޑާ ވިދާޅުވި އެވެ.
މާލީ ބާޒާރުތަކަށް އައި ލޮޅުން
އައު ޓެރިފްތަކުގެ ޚަބަރާއެކު އެމެރިކާގެ މާލީ ބާޒާރުތަކުގެ އަގުތައް ވަނީ ވެއްޓިފަ އެވެ. ވިޔަފާރި ފެށުނު ވަގުތު %4 އަށްވުރެ ބޮޑަށް ވެއްޓުމަށްފަހު، ޓެކްނޮލޮޖީ ކުންފުނިތައް ގިނަ ނަސްޑެކް ކޮމްޕޮޒިޓް ބާޒާރު ބަންދުވިއިރު ހުރީ %0.6 ދަށުގަ އެވެ. އަދި، އެސް އެންޑް ޕީ 500 ބަންދުވީ %0.25 ދަށުގަ އެވެ. ނަމަވެސް، ކުރިން ލިބުނު ގެއްލުންތަކުން އަރައިގަނެ ޑައު ޖޯންސް އިންޑަސްޓްރިއަލް އެވްރެޖް ވަނީ %0.3 މައްޗަށް ޖެހިލާފަ އެވެ.
އިގުތިސާދީ ނުތަނަވަސްކަމުގެ ދަނޑިވަޅުތަކުގައި ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލެވޭ ރަނުގެ އަގު ވަނީ %3 އަށްވުރެ ބޮޑަށް ވެއްޓި، ފާއިތުވި އަހަރަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެންމެ ދަށް މިންވަރަށް ގޮސްފަ އެވެ. ޓެރިފްތަކުގެ އިތުރުން، ބުދަ ދުވަހު އާންމުކުރި އިންފްލޭޝަންގެ ތަފާސްހިސާބުތަކުން ވެސް ރަނުގެ އަގަށް ވަނީ އަސަރުކޮށްފަ އެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންފްލޭޝަންގެ މިންވަރު ވަޒަންކުރުމަށް އެމެރިކާގެ ފެޑެރަލް ރިޒާވުން ބޭނުންކުރާ މައިގަނޑު އެއް މިންގަނޑު ވަނީ %0.3 އުފުލިފަ އެވެ. އިންފްލޭޝަން މަތިވުމަކީ އިންޓަރެސްޓް ރޭޓުތައް މަތިކުރުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވާއިރު، އޭގެ ސަބަބުން ރަނުގެ އަގަށް ނޭދެވޭ އަސަރު ކުރެ އެވެ.
ހަމަމިއާއެކު، ބުދަ ދުވަހު އެމެރިކާއާއި ވިލާތުގެ ބޮންޑް ޔީލްޑްތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. ޔޫރޯޒޯންގެ މިންގަނޑު ކަމަށްވާ ޖަރުމަނުވިލާތުގެ 10 އަހަރުގެ ބޮންޑް ޔީލްޑް 4.5 ބޭސިސް ޕޮއިންޓް ދަށަށް ގޮސް %3.2 އަށް ތިރިވިއިރު، އެމެރިކާގެ 10 އަހަރުގެ ޓްރެޜަރީ ނޯޓް ޔީލްޑް ވަނީ 6.8 ބޭސިސް ޕޮއިންޓް ދަށަށް ގޮސް %4.834 އަށް ވެއްޓިފަ އެވެ. އަދި، އެ ޔީލްޑް ދަށަށް ދިއުން މި ވަނީ ފާއިތުވި އަށް ސެޝަންގެ ތެރެއިން ހަތްވަނަ ދުވަހަށް ދެމިގެންގޮސްފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











