ދުރު ރާސްތާގެ ހަމަލާތައް ވަރުގަދަކޮށް، ރަޝިއާގެ އަސްކަރީ މަރުކަޒެއްގައި އޮތް ފަސް މަތިންދާބޯޓަކަށް ޔޫކްރެއިނުން ގެއްލުންދީފި
26 ނޮވެމްބަރު 2026 | ބުރާސްފަތި 07:05ރަޝިއާގެ އަސްކަރީ ބާރު ކުޑަކުރުމަށް ޔޫކްރެއިނުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، ރަޝިއާގެ ތެޔޮ ސާފުކުރާ މިންވަރު %45 ދަށްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ އިތުރުން، ކްރައިމިއާ ބުރިޖާއި ރަޝިއާގެ މިސައިލް ލޯންޗަރުތަކަށް އަމާޒުކޮށް ޔޫކްރެއިނުން ދަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުން. ކީވްއިން ބުނާގޮތުގައި ރަޝިއާގެ ހަކަތައިގެ ނިޒާމަށް ހަމަލާދިނުން ހުއްޓާލާނީ މޮސްކޯއިން ވެސް އެ ފަދަ ހަމަލާތައް ހުއްޓާލުމުން

![ރަޝިއާގެ އަސްކަރިއްޔާގެ 'ޓީޔޫ-22އެމް3' މަރުކާގެ ބޮންއަޅާ މަތިންދާބޯޓެއް އެއާޕޯޓަކުން ފުރާ މަންޒަރު [ފައިލް]](https://dyncz33htw1ec.cloudfront.net/posts/242171f9-bd8a-4e64-8784-642b78e34520.webp)
ރަޝިއާގެ އަސްކަރިއްޔާގެ 'ޓީޔޫ-22އެމް3' މަރުކާގެ ބޮންއަޅާ މަތިންދާބޯޓެއް އެއާޕޯޓަކުން ފުރާ މަންޒަރު [ފައިލް] | ރޮއިޓަރސް
މޮސްކޯގެ އިރުމަތީގައި އޮންނަ ރަޝިއާގެ މުހިންމު އަސްކަރީ ވައިގެ މަރުކަޒަކަށް ހަމަލާދީ، މިސައިލާއި ބޮމުގެ ހަމަލާތައް ދިނުމުގައި ބޭނުންކުރާ ފަސް އަސްކަރީ މަތިންދާބޯޓަކަށް ގެއްލުންދީފައިވާ ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ބުނެފި އެވެ.
ރަޝިއާގެ ނިޒްނީ ނޮވްގޮރޮދް ސަރަހައްދުގައި އޮންނަ ސަވަސްލޭއިކާ ވައިގެ މަރުކަޒަށް ދިން އެ ހަމަލާގައި، ހައިޕަރސޮނިކް މިސައިލް ހަމަލާތައް ދިނުމުގައި ބޭނުންކުރާ 'މިގް-31' މަރުކާގެ ތިން ޖެޓަށާއި 'އެސްޔޫ-34' މަރުކާގެ ދެ މަތިންދާބޯޓަށް ގެއްލުން ލިބިފައިވާ ކަމަށް ޔޫކްރެއިންގެ ޖެނެރަލް ސްޓާފުން ބުދަ ދުވަހު ބުންޏެވެ. މޮސްކޯގެ ހަނގުރާމައިގެ ބާރު ކަނޑުވައިލުމަށް އަމާޒުކޮށް ދެމުންދާ ދުރު ރާސްތާގެ އެންމެ ފަހުގެ ހަމަލާތަކުގެ ތެރެއިން އެ މަރުކަޒަށް ހަމަލާދީފައިވާ ކަމަށް ވެސް ޖެނެރަލް ސްޓާފުން ބުނެފައިވެ އެވެ. ނަމަވެސް، މި ރިޕޯޓާ ގުޅޭގޮތުން ރަޝިއާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ، ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިންގެ ސިފައިން ދިން ފާހަގަކޮށްލެވޭ ހަމަލާތަކެއްގެ ފަހުންނެވެ. މި ގޮތުން، ލީބިޔާގެ ކަނޑުގެ ސަރަހައްދުގައި ރަޝިއާގެ ދެ އުޅަނދަކަށް ހަމަލާދިންއިރު، ފިންލެންޑް ކަނޑުގައި އޮތް ރަޝިއާގެ ބޯޓަކަށް ވެސް ވަނީ ހަމަލާ އަމާޒުކޮށްފަ އެވެ. ހަމަމިއާއެކު، ފާއިތުވި ހަފުތާގައި ވިދިވިދިގެން ދިން ހަމަލާތަކަކަށްފަހު، ކްރައިމިއާ ޕެނިންސިއުލާއަށް ދިއުމަށް ރަޝިއާއިން ބޭނުންކުރާ މުހިންމު ބުރިޖުގެ ބަޔެއް ޔޫކްރެއިނުން ވަނީ ހަލާކުކޮށްލާފަ އެވެ.
ރަޝިއާއިން 2022 ފެބުރުވަރީ މަހު ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވިލާތުގައި ހިނގާ އެންމެ ނުރައްކާތެރި މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އެމެރިކާގެ އެހީތެރިކަމާއެކު އަލުން މަސައްކަތްތަކެއް ފަށާފައިވީ ނަމަވެސް، ހަނގުރާމައަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ. ޔޫކްރެއިންގެ ހަކަތައިގެ ނިޒާމަށް އަލުން ދޭންފެށި ހަމަލާތަކާއި، ހަނގުރާމައިގެ ކުރީ ސަފުގައި އޮތް ސިޓީތަކަށް ރަޝިއާއިން ދެމުންދާ ހަމަލާތައް އިތުރުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، ކީވްއިން ދަނީ މޮސްކޯގެ އަސްކަރީ ބާރު ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް ދިނުމަށް ބޭނުންކުރާ ރަޝިއާގެ ބެލިސްޓިކް މިސައިލް ލޯންޗަރުތައް ހޯދައި ނައްތާލުމަށް ޔޫކްރެއިންގެ ސިފައިން މަސައްކަތް ކުރަމުންދާއިރު، ފާއިތުވި މަސްތަކުގެ ތެރޭގައި އެ ފަދަ 16 ލޯންޗަރަކަށް ހަމަލާދީފައިވާ ކަމަށް ދިފާއީ ވަޒީރު ޔެވްހެނީ ޚްމާރާ މި ހަފުތާގައި ވިދާޅުވި އެވެ. މިއާއެކު، ޔޫކްރެއިނުން އަލުން ފެށި ޑްރޯން ހަމަލާތަކުގެ ސަބަބުން، އޮކްޓޫބަރު މަހުގެ ފަހުކޮޅުން ފެށިގެން ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކުން ތެޔޮ ސާފުކުރާ މިންވަރު %45 ދަށްވެފައިވާ ކަމަށް ސިނާއީ މަސްދަރުތަކުން މި މަހު ބުންޏެވެ. ރަޝިއާގެ ހަކަތައިގެ އަމާޒުތަކަށް ހަމަލާދިނުން ހުއްޓާލާނީ މޮސްކޯއިން ވެސް އެ ކަން ހުއްޓާލުމުން އެކަނި ކަމަށް ކީވްއިން ވަނީ ބުނެފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











