Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ފިންލެންޑް ކަނޑުއޮޅީގައި ރަޝިއާގެ އާގުބޯޓަކަށް ޑްރޯން ހަމަލާތަކެއް، ބޯލްޓިކް ކަނޑަށް ރަޝިއާ-ޔޫކްރެއިން ހަނގުރާނަ ފެތުރެނީ

22 ނޮވެމްބަރު 2026 | އާދީއްތަ 08:05

ފިންލެންޑް ކަނޑުއޮޅިން ދަތުރުކުރި ރަޝިއާގެ 'ސްޕާޓާ 2' ބޯޓަށް ޔޫކްރެއިނުން ދިން ކަމަށް ބެލެވޭ ޑްރޯން ހަމަލާތަކަކާ ގުޅިގެން، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ފިންލެންޑުން ވަރުގަދަކޮށްފި. މި ހާދިސާއާއެކު ރަޝިއާގެ ހެލިކޮޕްޓަރެއް ފިންލެންޑްގެ ވައިގެ ސަރަހައްދަށް ވަދެފައިވާއިރު، މިއީ ބޯލްޓިކް ކަނޑުގެ ތިމާވެށްޓަށާއި ދަތުރުފަތުރަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 22 ނޮވެމްބަރު 2026 | އާދީއްތަ 08:05

ފިންލެންޑް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ޔޫކްރެއިނުން ޑްރޯން ހަމަލާތަކެއްދިން ކަަމަށް ބުނާ ރަޝިއާގެ 'ސްޕާޓާ 2' ގެ ނަންކިޔާ އާގުބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލަން ފިންލެންޑުގެ އިދާރާތަކުން މަސައްކަތް ކުރަނީ | އެކްސް

ފިންލެންޑް ކަނޑުއޮޅީގައި ދަތުރުކުރަމުންދިޔަ ރަޝިއާގެ އާގުބޯޓަކަށް ޔޫކްރެއިނުން ދިން ކަމަށް ބެލެވޭ ޑްރޯން ހަމަލާތަކެއްގައި ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން، އޭގައި ތިބި ހުރިހާ ފަޅުވެރިން ކައިރީގައި އޮތް އެހެން އާގުބޯޓަކަށް ބަދަލުކޮށް ސަލާމަތްކޮށްފި އެވެ. ސަލާމަތްކުރެވުނު ފަޅުވެރިން ސީދާ ރަޝިއާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިންލެންޑްގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ދެ ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައި ވަނީ ރަޝިއާގެ ހަތިޔާރުއެޅި ބާރުތަކާ ގުޅުން އޮންނަ 'ސްޕާޓާ 2' ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކަށެވެ. ފިންލެންޑްގެ ދެކުނުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ލޮވީސާގެ ބޭރުގައި އެ ބޯޓު މިހާރު ނަގިލިލާފައި އޮތްއިރު، ކަނޑުމަތީގައި އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

Advertisement - worldAdvertisement

'ސްޕާޓާ 2' ގައި ރޯވެފައިވާ އަލިފާން ނިއްވައި، ބޯޓު ފިނިކުރުމުގެ އޮޕަރޭޝަން ހިންގަމުން ދަނީ ފިންލެންޑްގެ ބޯޑަރު ގާޑުގެ ރެސްކިއު ޔުނިޓުތަކާއި، އުޅަނދުތަކާއި، މަތިންދާބޯޓެއްގެ އިތުރުން ހެލިކޮޕްޓަރުތައް ބޭނުންކޮށްގެންނެވެ. މި މަސައްކަތުގައި ފިންލެންޑްގެ މަދަނީ ދެ ރެސްކިއު ޓަގު ބޯޓަކާއި އެސްޓޯނިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ވެސް ދަނީ ބައިވެރިވަމުންނެވެ.

"ބޯޑަރު ގާޑުގެ އެދުމުގެ މަތިން، ރަޝިއާގެ ރެސްކިއު އުޅަނދެއް ކަމަށްވާ 'މުރްމަން' ވެސް ދަނީ މީހުން ސަލާމަތްކުރުމުގެ މި އޮޕަރޭޝަންގައި ބައިވެރިވަމުން،" ފިންލެންޑްގެ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފިންލެންޑްގެ ދިފާޢީ ވަޒީރު އަންޓީ ހައްކާނެން އެ ޤައުމުގެ ނޫހެއް ކަމަށްވާ 'ހެލްސިންގިން ސަނޮމަޓް' އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ނޮވެންބަރު 21 ވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި 'ސްޕާޓާ 2' ފިންލެންޑްގެ ކަނޑުގެ ސަރަހައްދުން ބޭރަށް ކަފުޖަހައިގެން ގެންދާނެ ކަމަށެވެ.

ހަމަލާ ހިނގައިދިޔަ ގޮތާއި ވައިގެ ސަރަހައްދަށް ވަނުމުގެ މައްސަލަ

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮތް ރަޝިއާގެ އުޅަނދަކަށް ޑްރޯން ހަމަލާއެއް އަމާޒުވި ކަން ފިންލެންޑްގެ ސިފައިންނަށް ފާހަގަކުރެވުނު ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުންޏެވެ. ފުރަތަމަ ލިބުނު ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ހަމަލާގައި ބޯޓަށް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. މި ހާދިސާއާ ގުޅިގެން ފިންލެންޑްގެ ބޯޑަރު ގާޑުގެ ޔުނިޓުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވިއިރު، ފިންލެންޑްގެ މަތިންދާބޯޓަކުން ނަގާފައިވާ ފޮޓޯއަކުން ބޯޓުގެ ފަހަތުކޮޅުން އަލިފާންގަނޑު ފަޅައިގެން ގޮސް، ބޯ ކަޅު ދުން އަރަމުންދާ މަންޒަރު ފެނެ އެވެ.

މި ހަމަލާ ދީފައި ވަނީ ލޮވީސާގެ އައްސޭރިފަށާ ދިމާލުން، ގޮގްލެންޑް ޖަޒީރާގެ ހުޅަނގުން އޮންނަ ސަރަހައްދެއްގަ އެވެ. މިއާއެކު، ފިންލެންޑުން ވަނީ އެ ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުގައި ވައިގެ ދަތުރުފަތުރާއި ކަނޑުދަތުރުފަތުރަށް ވަގުތީ ހުރަސްތަކެއް އަޅާފަ އެވެ. މި ހާދިސާއަށްފަހު ރަޝިއާގެ ހެލިކޮޕްޓަރެއް ވަނީ ފިންލެންޑްގެ ވައިގެ ސަރަހައްދުގެ ތެރެއަށް 4 ކިލޯމީޓަރު އަށްވުރެ އެތެރެއަށް ޤަވާއިދާ ޚިލާފަށް ވަދެފަ އެވެ.

"ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ބެލެވޭ މި ހާދިސާއަކީ ފިންލެންޑް ކަނޑުއޮޅީގައި ގެއްލުން ލިބިފައިވާ މުދާ އުފުލާ ބޯޓު ސަލާމަތްކުރުމުގެ ނުވަތަ އެ ބޯޓު މޮނިޓަރުކުރުމުގެ އޮޕަރޭޝަންތަކާ ގުޅުންހުރި ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެއް. ދިފާޢީ ބާރުތަކާއި ބޯޑަރު ގާޑުން ދަނީ އެހެނިހެން އިދާރާތަކާ ގުޅިގެން މި ހާލަތު ބަލަހައްޓަމުން،" ދިފާޢީ ވަޒީރު ހައްކާނެން ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފިންލެންޑްގެ ދިފާޢީ ބާރުތަކުން ބުނީ، މި ހަމަލާ ދީފައި ވަނީ ޔޫކްރެއިނުން ކަމަށް ބެލެވޭ ކަމަށެވެ. "ހަނގުރާމައިގެ އަސަރު އަހަރެމެންގެ އަވައްޓެރި ސަރަހައްދަށް މިދަނީ ފޯރަމުން. ރަޝިއާގެ ވިޔަފާރި އުޅަނދަކަށް ޑްރޯން ހަމަލާއެއް އަމާޒުވި ފިންލެންޑް ކަނޑުއޮޅީގެ ހާލަތު ފިންލެންޑްގެ އިދާރާތަކުން ދަނީ ބަލަހައްޓަމުން. އުދުވާނީ ހަމަލާދޭ ފަރާތާ ދެކޮޅަށް ރައްދު ހަމަލާ ދިނުމުގެ ހައްޤު ޔޫކްރެއިނަށް ލިބިގެންވޭ،" ފިންލެންޑުގެ ބޮޑުވަޒީރު ޕެޓެރީ އޯޕޯ ވިދާޅުވި އެވެ.

'ސްޕާޓާ 2' އަކީ ކޮން ބޯޓެއް؟

ފިންލެންޑްގެ ބޯޑަރު ގާޑުން ބުނީ، 'ސްޕާޓާ 2' އަކީ ރަޝިއާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ބޯޓެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އުޅަނދެއް ކަމަށެވެ. އުޅަނދުފަހަރުގެ މަޢުލޫމާތު ގެނެސްދޭ 'ވެސަލްފައިންޑަރ' ވެބްސައިޓުގައިވާ ގޮތުން، މިއީ 2000 ވަނަ އަހަރު ބަނދެފައިވާ، ރަޝިއާގައި ރަޖިސްޓަރީ ކޮށްފައިވާ 'ރޯލް-އޮން/ރޯލް-އޮފް' މަރުކާގެ އާގުބޯޓެކެވެ.

"މި ވަގުތާ ހަމައަށް ބޯޓުގައި ހުރީ ކޮން ބާވަތެއްގެ މުދަލެއްކަން ކަށަވަރުކުރެވިފައެއް ނެތް. ނަމަވެސް، އޭގައި އަސްކަރީ ސާމާނު ހުރެދާނެ ކަމުގެ ފުރުޞަތު ދޮގެއް ނުކުރެވޭ،" ފިންލެންޑްގެ ބޯޑަރު ގާޑުގެ ކޮމާންޑަރު އިލްޔާ އިލްޖިން ވިދާޅުވި އެވެ.

ރަޝިއާގެ ލެނިންގްރާދް ސަރަހައްދުގެ ގަވަރުނަރު އެލެގްޒެންދަރ ދްރޮޒްދެންކޯ ހޮނިހިރު ދުވަހުގެ ކުރީކޮޅު ވިދާޅުވީ، ބޯޓަށް ލިބުނު ގެއްލުންތައް އަދި އެއްކޮށް ވަޒަންކުރެވިފައި ނުވާ ކަމަށެވެ.

"ރަޝިއާ ފެޑެރޭޝަންގެ ބޯޑަރާ ތިން ނޯޓިކަލް މޭލު ދުރުން، ކަލިނިންގްރާދަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަކަށް ދެ ޑްރޯން ބޭނުންކޮށްގެން ވަނީ ހަމަލާދީފައި،" ހަމަލާ ދިންތާ ކުޑައިރުކޮޅެއް ފަހުން ދްރޮޒްދެންކޯ ވިދާޅުވި އެވެ. ހަމަމިއާއެކު، ރަޝިއާގެ ވަކިން އޮންނަ ސަރަހައްދެއް ކަމަށްވާ ކަލިނިންގްރާދްގެ ގަވަރުނަރު އެލެކްސޭ ބެސްޕްރޮޒްވަނީޚް ވިދާޅުވީ، އެ ސަރަހައްދަށް ބޭނުންވާ މުދަލާއި ސަޕްލައިއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އެއްވެސް އާގުބޯޓަކަށް ހަމަލާދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ނުރައްކަލަކީ، ބޯޓުން ތެޔޮ ލީކުވުމުން ނުވަތަ ބޯޓު ފެތުމުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމެވެ. މިއީ، ބޯލްޓިކް ކަނޑުގެ ޤައުމުތަކުން ނުހަނު ބޮޑު އިސްކަމެއް ދީގެން ބަލާ ކަމެކެވެ. ރިސްކް އިންޓެލިޖެންސްގެ ސީނިއަރ އެޑްވައިޒަރު އަދި ފިންލެންޑްގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ރޮބިން ހެގްބްލޮމް ފާހަގަކުރެއްވި ގޮތުގައި، ރަޝިއާއިން ހިންގާ 'ޝެޑޯ ފްލީޓް' ނުވަތަ ސިއްރު އުޅަނދުފަހަރުގެ ތެރޭގައި ހިމެނޭ ބައެއް ޓޭންކަރުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން މި ނުރައްކާ އިތުރަށް ބޮޑުވެ އެވެ.

"މި ހާދިސާއާ ގުޅިގެން ފިންލެންޑްގެ ބޯޑަރު ގާޑުން ނެރުނު ބަޔާންތަކުގައި ވެސް ތިމާވެށްޓަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ވަނީ ބާރުއަޅާފައި. ނަސީބަކުން މި ވަގުތު ފިންލެންޑް ކަނޑުއޮޅީގައި އަދި ގަނޑުފެން ގަނޑުވެފައެއް ނެތް. ގަނޑުފެން ހުރިނަމަ، ތެޔޮ ލީކުވެގެން ސާފުކުރުމުގެ މަސައްކަތެއް ކުރަންޖެހިއްޖެ ހާލަތެއްގައި އެ ކަމަށް ބޮޑެތި ހުރަސްތަކެއް އެޅުނީސް،" ހެގްބްލޮމް ވިދާޅުވި އެވެ.

ކާރޫބާރު ބޮޑު ދަތުރުފަތުރުގެ މަގުތަކަށް އޮތް ނުރައްކާ

ބޯލްޓިކް ކަނޑުގެ ހަނި އަދި ތިލަ ސަރަހައްދަކީ ދުނިޔޭގައި ވެސް އެންމެ ބާރުބޮޑުކޮށް އާގުބޯޓުފަހަރު ދަތުރުކުރާ އެއް މަގެވެ. މި ގޮތުން، ފިންލެންޑްގެ ވެރިރަށް ހެލްސިންކީއާއި އެސްޓޯނިއާގެ ވެރިރަށް ޓާލިންއާ ދެމެދު އޮންނަ ފެރީ ރޫޓުން އެކަނި ވެސް މިދިޔަ އަހަރު 7.5 މިލިޔަން ފަސިންޖަރުން ދަތުރުކޮށްފައިވެ އެވެ. މީގެ އިތުރުން، ބޯލްޓިކް ސަރަހައްދުގެ ބަނދަރުތަކާއި ވެރިރަށްތައް ގުޅުވައިދޭ ފަސިންޖަރު ފެރީތަކާއި، މުދާ އުފުލާ ބޯޓުތަކުގެ އިތުރުން އަސްކަރީ އުޅަނދުތަކުގެ ސަބަބުން މި ކުޑަ ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރުގެ ތޮއްޖެހުން ނުހަނު ބޮޑެވެ.

އެހެންކަމުން، ރަޝިއާގެ އުޅަނދުތަކަށް ހަމަލާދިނުމަށް ޔޫކްރެއިނުން ކަނޑުގެ ނުވަތަ ވައިގެ ޑްރޯން ބޭނުންކުރާނަމަ، އާންމު މަދަނީ އުޅަނދުފަހަރަށް އޭގެ ނުރައްކާ ފޯރުމުގެ ފުރުޞަތު އެބައޮތެވެ.

"އާންމު އުޅަނދުފަހަރަށް ގެއްލުން ލިބުމުގެ ނުރައްކާ އަބަދުވެސް އޮންނާނެ ކަން ކަށަވަރު. ނަމަވެސް، މިހާތަނަށް ފެންނަ ފެނުމުގައި އެ ފަދަ ނުރައްކާތައް ކުޑަކުރުމަށް ޔޫކްރެއިނުން ގިނަ ފިޔަވަޅުތަކެއް އަޅާކަން ފާހަގަކުރެވޭ. މިސާލަކަށް، 'ސްޕާޓާ 2' ވެސް ދެނެގަނެ ހަމަލާދީފައި ވަނީ ރަޝިއާގެ ކަނޑުގެ ސަރަހައްދާ މަދު ކިލޯމީޓަރުކޮޅެއްގެ ދުރުން،" ހެގްބްލޮމް އިތުރަށް ވިދާޅުވި އެވެ.

ނޮވެންބަރު މަހުގެ ކުރީކޮޅު ވެސް ފިންލެންޑް ކަނޑުއޮޅީގައި އޮތް ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާއެއް ފާހަގަކުރެވުނު ކަމަށް ފިންލެންޑްގެ ސިފައިން ބުނެފައިވާއިރު، އެ ހަމަލާގެ ޒިންމާ ޔޫކްރެއިނުން ވަނީ އުފުލާފަ އެވެ. އެ ހާދިސާއަށްފަހު، އެ ސަރަހައްދުގައި ހަމަލާތައް ދިނުމާ ގުޅޭގޮތުން ހެލްސިންކީން ވަނީ ކީވްއާއެކު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މީގެ ކުރިން ރަޝިއާގެ ކޯވެޓް މަނަވަރަށް ދިން ހަމަލާގައި ވެސް ކަން ހިނގާފައި ވަނީ ހަމަ އެ ބީދައިން. ރިޕޯޓުތައް ބުނާ ގޮތުން، އެހެން ދިހަވަރަކަށް އާގުބޯޓުގެ ތެރެއިން ޔޫކްރެއިނުން ވަނީ ސީދާ އެ މަނަވަރު ފާހަގަކޮށް ހަމަލާ އަމާޒުކޮށްފައި. 'ސްޕާޓާ 2' އަށް ވެސް ހަމަލާދީފައި ވަނީ ރަޝިއާއާ ގުޅުންހުރި އާންމު ވިޔަފާރި އުޅަނދެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާއި، ސީދާ އެ ބޯޓަށް އަމާޒުކޮށްގެން ކަމަށް ބެލެވޭ ކަށަވަރު ނުކުރެވޭ އިޝާރާތްތަކެއް އެބަހުރި،" ހެގްބްލޮމް ވިދާޅުވި އެވެ.

ޔޫކްރެއިނާއި ރަޝިއާގެ ހަނގުރާމަ ފެށުނީއްސުރެ ދެ ޤައުމުން ވެސް ދަނީ އެއް ބަޔަކު އަނެއް ބައެއްގެ އާގުބޯޓުފަހަރަށް ހަމަލާދެމުންނެވެ. ނަމަވެސް، މި ފަދަ ގިނަ ހަމަލާތައް މިހާތަނަށް ހިނގާފައި ވަނީ ކަޅު ކަނޑުގެ ސަރަހައްދުގަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ފިންލޭންޑްރަޝިޔާޔޫކްރެއިންބޯލްޓިކް ކަނޑުރަޝިޔާ-ޔޫކްރެއިން

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

5

ޖީއެސްޓީ ސިޔާސަތަށް ސަރުކާރުން ބަދަލު ގެންނަން ޖެހުނީ ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން: ޚަލީލް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2026

ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް

19 ނޮވެމްބަރު 2026
ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް
17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
14 ނޮވެމްބަރު 2026

ރަޝިއާގެ މަނަވަރަކަށް ޔޫކްރެއިންގެ ޑްރޯން ހަމަލާއެއް، ގެއްލުމުގެ ތަފުސީލެއް ނޭނގޭ!

14 ނޮވެމްބަރު 2026
ރަޝިއާގެ މަނަވަރަކަށް ޔޫކްރެއިންގެ ޑްރޯން ހަމަލާއެއް، ގެއްލުމުގެ ތަފުސީލެއް ނޭނގޭ!
14 ނޮވެމްބަރު 2026

އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ

14 ނޮވެމްބަރު 2026
އަބޫ ދާބީ މަޝްވަރާތަކަށްފަހު ރަޝިއާއާއި ޔޫކްރެއިނުން ބަދަލުކުރި ހަމަލާތަކުގައި 10 މީހުން މަރުވެއްޖެ
13 ނޮވެމްބަރު 2026

ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި

13 ނޮވެމްބަރު 2026
ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި
12 ނޮވެމްބަރު 2026

ސުލްހައިގެ އުންމީދުތަކަށް ހިޔަނިއެޅި، ރަޝިއާއާއި ޔޫކްރެއިންގެ ވެރިރަށްތަކަށް ވަރުގަދަ ހަމަލާތަކެއް

12 ނޮވެމްބަރު 2026
ސުލްހައިގެ އުންމީދުތަކަށް ހިޔަނިއެޅި، ރަޝިއާއާއި ޔޫކްރެއިންގެ ވެރިރަށްތަކަށް ވަރުގަދަ ހަމަލާތަކެއް
11 ނޮވެމްބަރު 2026

ރަޝިއާގެ ތެޔޮ ކާރުޚާނާތަކަށާއި ބަނދަރުތަކަށް ޑްރޯން ހަމަލާތަކެއް، ލެޓްވިއާއާއި ލިތުއޭނިއާގެ ވައިގެ ސަރަހައްދު ރައްކާތެރިކުރަން ނޭޓޯ ނުކުމެއްޖެ

11 ނޮވެމްބަރު 2026
ރަޝިއާގެ ތެޔޮ ކާރުޚާނާތަކަށާއި ބަނދަރުތަކަށް ޑްރޯން ހަމަލާތަކެއް، ލެޓްވިއާއާއި ލިތުއޭނިއާގެ ވައިގެ ސަރަހައްދު ރައްކާތެރިކުރަން ނޭޓޯ ނުކުމެއްޖެ
10 ނޮވެމްބަރު 2026

ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!

10 ނޮވެމްބަރު 2026
ވިލާތުގެ ބާރުތައް އެއްފަރާތްކޮށް ޔޫކްރެއިނާއި ރަޝިއާ އަބޫދާބީގެ މޭޒުދޮށަށް!
10 ނޮވެމްބަރު 2026

ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ

10 ނޮވެމްބަރު 2026
ބީއެމްއެލްއިން ރަޝިޔާ ފަތުރުވެރިންގެ ފައިސާ ބަލައި ނުގަންނަ މައްސަލައެއް ފެންމަތިވެއްޖެ
09 ނޮވެމްބަރު 2026

ރަޝިއާގެ ހަމަލާތަކުން ޔޫކްރެއިން އަނދިރިކަމަށް، ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރަން ޒެލެންސްކީ ގޮވާލައްވައިފި

09 ނޮވެމްބަރު 2026
ރަޝިއާގެ ހަމަލާތަކުން ޔޫކްރެއިން އަނދިރިކަމަށް، ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރަން ޒެލެންސްކީ ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް