ލީބިޔާ އަނެއްކާ ވެސް ބޭރުގެ ހަނގުރާމައެއްގެ މައިދާނަކަށް ބަދަލުވަނީތަ؟
25 ނޮވެމްބަރު 2026 | ބުދަ 09:00ލީބިޔާގައި ހަރަކާތްތެރިވާ ރަޝިއާގެ އުޅަނދުތަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކުގެ ޒިންމާ އެ ގައުމުން އުފުލުމާ ގުޅިގެން، ލީބިޔާގެ މަސްރަހު ވަނީ ނުތަނަވަސްވެފައި. މި ހަމަލާތަކުގެ ސަބަބުން ލީބިޔާގެ ސުލްހައިގެ މަޝްވަރާތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތް ނަމަވެސް، މިއީ ޔޫކްރެއިނުން އަމިއްލައަށް ހިންގި އަމަލެއް ކަމަށް ބެލެވޭތީ ސިޔާސީ ހައްލަކަށް ކުރާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މާހިރުން ލަފާކުރޭ


ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ ކޯވެޓް މަރުކާގެ މަނަވަރަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން އެ އުޅަނދު ބަނދަރުގެ ތެރެއަށް ފެތިފައިވާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯއެއް | އޭޕީ
ލީބިޔާގައި ރަޝިއާގެ ނުފޫޒު ކުޑަކުރުމުގެ ގޮތުން، ޓްރިޕޮލީގައި އޮންނަ ސަރުކާރުން (ޖަވަރމަންޓް އޮފް ނޭޝަނަލް ޔުނިޓީ: ޖީއެންޔޫ) ވަނީ ތުރުކީވިލާތް ފަދަ ގައުމުތަކާއެކު ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށްފަ އެވެ. ހަމަމިއާއެކު، ފާއިތުވި އަހަރުތަކުގައި ޖީއެންޔޫއިން ވަނީ ޔޫކްރެއިނަށް ވަރަށް ބޮޑަށް ތާއީދުކުރާ ސިޔާސަތެއް ގެންގުޅެފަ އެވެ.
2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތުމުން ޖީއެންޔޫއިން އެ ކަން ކުށްވެރިކުރި އެވެ. އަދި، އެ އަހަރުގެ ފަހުކޮޅު އެކުވެރި ދައުލަތްތަކުގެ (އދ) އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިއާ ސަސްޕެންޑް ކުރުމަށް ނެގި ވޯޓުގައި އެ ކަމަށް ތާއީދުކޮށް ވޯޓު ދިން ހަމައެކަނި ޢަރަބި ގައުމަކީ ވެސް ލީބިޔާ އެވެ.
2023 ވަނަ އަހަރު ބޮޑުވަޒީރު ޢަބްދުލްޙާދިމު ދުބައިބާ ޓްރިޕޮލީގައި ޔޫކްރެއިންގެ ސަފާރާއެއް ހުޅުވުމަށް މަސައްކަތް ކުރައްވައި، އަސްކަރީ އެއްބާރުލުމާ ބެހޭ މަޝްވަރާތައް ފެށްޓެވުމުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވި އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޔޫކްރެއިންގެ ސިފައިން ވަނީ ޖިއެންޔޫގެ ފައުޖުތަކަށް ތަމްރީނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.
އެފްރިކާގައި ހުރި ރަޝިއާގެ މަސްލަހަތުތަކަށް ހަމަލާދިނުމަށް ޔޫކްރެއިނުން ޖީއެންޔޫގެ ފައުޖުތަކަށް ހަތިޔާރު ފޯރުކޮށްދީ، ހުޅަނގު ލީބިޔާގައި ހަރަކާތްތެރިވާ ކަމަށް ރަޝިއާއިން އަބަދުވެސް ތުހުމަތު ކުރެ އެވެ. ފާއިތުވި މަސްތަކުގައި ލީބިޔާގެ އައްސޭރިފަށުން ބޭރުގައި ރަޝިއާއާ ގުޅުންހުރި އުޅަނދުތަކަށް ދިން ޑްރޯން ހަމަލާތަކުގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށް ޝައްކު ކުރެވުނު ނަމަވެސް، އާދީއްތަ ދުވަހުގެ ހަމަލާގެ ޒިންމާ ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ އުފުއްލެވުމުން އެ ކަމުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް ވަނީ ސާފުވެފަ އެވެ.
"ހުޅަނގު އުތުރު ލީބިޔާގައި ޔޫކްރެއިން އޮތީ ގަވަރމަންޓް އޮފް ނޭޝަނަލް ޔުނިޓީއާއެކު ވެފައިވާ ސިއްރު އަދި ހަނި އަސްކަރީ އެއްބަސްވުމެއްގެ ދަށުގައި. އޭގެ މައިގަނޑު ބޭނުމަކީ މެޑިޓެރޭނިއަން ކަނޑުގައި ދަތުރުކުރާ ރަޝިއާގެ އުޅަނދުތަކަށާއި އަސްކަރީ ލޮޖިސްޓިކްސްއަށް ދުރު ރާސްތާ ޑްރޯން ހަމަލާތައް ދިނުމަށް އެހީތެރިވުން،" މަސްރަހުގެ ދާރިސެއް ކަމަށްވާ ރުސްލާން ޓްރެޑް ވިދާޅުވި އެވެ.
މެޑިޓެރޭނިއަން ކަނޑުގައި ޔޫކްރެއިނުން ދިން ކަމަށް ޝައްކުކުރެވޭ ހަމަލާތަކުގެ ތެރޭގައި، ސެޕްޓެންބަރު މަހު ކްރޭތޭއާއި ލީބިޔާއާ ދެމެދު ރަޝިއާގެ އާގުބޯޓެއް ކަމަށްވާ 'ލޭޑީ މާރިއާ' އަށް ދިން ޑްރޯން ހަމަލާއާއި، ޑިސެންބަރު މަހު މޯލްޓާއާއި ލީބިޔާއާ ދެމެދު ރަޝިއާގެ ގޭސް އުފުލާ ބޯޓެއް ކަމަށްވާ 'އާކްޓިކް މެޓަގޭޒް' ގައި އަލިފާން ރޯވި ހަމަލާ ހިމެނެ އެވެ. ނަމަވެސް، އާދީއްތަ ދުވަހުގެ ހަމަލާ ދިނީ ލީބިޔާގެ ބިމުން ކަމެއް އަދި ސާފެއް ނުވެ އެވެ.
ލީބިޔާގެ ސުލްހައިގެ މަޝްވަރާތަކަށް އޮތް އުންމީދު
2014 ވަނަ އަހަރުން ފެށިގެން ޖީއެންޔޫއަށް ތާއީދުކުރާ ގުރޫޕުތަކާއި ޚަލީފާ ހަފްތާރުގެ އެލްއެންއޭއާ ދެމެދު ހިނގި ވަރުގަދަ ހަނގުރާމައިގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އިރުމައްޗާއި ހުޅަނގުގެ އިދާރާތައް އެއްގަލަކަށް އެރުވުމަށް ކުރި މަސައްކަތްތައް މީގެ ކުރިން ވަނީ ތަކުރާރުކޮށް ނާކާމިޔާބުވެފަ އެވެ.
ނަމަވެސް، 2025 ވަނަ އަހަރުން ފެށިގެން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ކުރި މަސައްކަތްތަކާއެކު މަޑުމަޑުން ކުރިއެރުންތަކެއް ލިބި، ގައުމުގެ ސިޔާސީ، އަސްކަރީ އަދި އިގުތިސާދީ މުއައްސަސާތައް އެއްކޮށްލުމުގެ އޮނިގަނޑެއް ވަނީ އެކުލަވައިލާފަ އެވެ.
މި ގޮތުން، އެޕްރީލު މަހު ލީބިޔާއިން ވަނީ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެއްބައިވަންތަ ގައުމީ ބަޖެޓެއް ފާސްކޮށްފަ އެވެ. މި ނިންމުމަށް އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، މިޞްރު، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ޤަޠަރު، ސަޢުދީ ޢަރަބިއްޔާ، ތުރުކީވިލާތް، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނޭހެން 10 ގައުމަކުން ވަނީ ގުޅިފައިވާ ބަޔާނެއްގައި މަރުހަބާ ކިޔާފަ އެވެ.
އެޕްރީލު 22 ވަނަ ދުވަހު ރަޝިއާއިން ނެރުނު ބަޔާނެއްގައި ވެސް މި ކަމަށް މަރުހަބާ ކިޔާފައިވެ އެވެ. ނަމަވެސް، ލީބިޔާގެ މުސްތަގުބަލު ބައްޓަންކުރުމުގައި "ބޭރުގެ ފަރާތްތަކުގެ" ބައިވެރިވުން އޮތުމާ މެދު ރަޝިއާއިން ވަނީ އިންޒާރު ދީފަ އެވެ.
އ.ދ. މެދުވެރިވެގެން އޮގަސްޓު 30 ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެއް ސަރުކާރެއްގެ ދަށުން ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، މި ކަމަށް ދެ ފަރާތުން އިޚުލާސްތެރިވާނެ މިންވަރާ މެދު އަދިވެސް ސުވާލުތަކެއް އެބަހުއްޓެވެ.
މި އޮނިގަނޑަކީ ފާއިތުވި އަހަރުތަކުގައި ދެ ވާދަވެރިންގެ މެދުގައި ސިޔާސީ ހައްލަކަށް ވާސިލުވުމަށް ހުޅުވުނު އެންމެ ސާފު ދޮރު ކަމަށް ދޯހާގައި ހުންނަ ސެންޓަރ ފޯ ކޮންފްލިކްޓް އެންޑް ހިއުމަނިޓޭރިއަން ސްޓަޑީޒްގެ ސީނިއާ ރިސަރޗް ފެލޯ ސެންސަމް މިލްޓަން ވިދާޅުވި އެވެ.
"ހަފްތާރާއި ދުބައިބާގެ ކޭންޕްތަކުން މިހާރު ވަނީ ލީބިޔާގެ ތެލުގެ މުއްސަނދިކަން ބަހާނެ ގޮތަކާ މެދު ބާޒާރުކުރުމުގެ ބަދަލުގައި، ވެރިކަމުގެ ބާރު ހިއްސާކުރާނެ ގޮތަކާ މެދު މަޝްވަރާކުރަން ފަށާފައި. އާދީއްތަ ދުވަހުގެ ހަމަލާތަކުގެ ސަބަބުން އެކަނި މި މަޝްވަރާތައް ހުއްޓުމަކަށް އަންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" މިލްޓަން ވިދާޅުވި އެވެ.
ޔޫކްރެއިން ސަރުކާރުން އަމިއްލައަށް އިސްނަގައިގެން ދިން މި ހަމަލާގެ ސަބަބުން ސިޔާސީ މަރުހަލާއަށް ބުރުލެއް އެރުމަކީ ދުރު ކަމެއް ކަމަށް ލީބިޔާގެ ސިޔާސީ އަދި ސަލާމަތީ ދާރިސެއް ކަމަށްވާ އުސާމާ ކުއްބާރު ވެސް ގަބޫލުކުރައްވަ އެވެ.
"އެ ބޯޓުތައް ފުރީ ޓްރިޕޮލީން ކަމަށް ވީ ނަމަވެސް، އެއީ ގައުމުގެ ހުޅަނގުގެ ސިފައިންނަށް ތަމްރީނު ދިނުމަށް މައިގަނޑު ގޮތެއްގައި ތިބި ޔޫކްރެއިންގެ އަސްކަރިއްޔާގެ ސިފައިން އަމިއްލައަށް ހިންގި އަމަލެއް. އެހެންކަމުން، ދެ ފަރާތުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަސައްކަތްތަކަށް އޭގެ އަސަރެއް ނުކުރާނެ،" ކުއްބާރު ވިދާޅުވި އެވެ.
ކުރިއަށް އޮތީ ކޮން ގޮތެއް؟
ދެ ފަރާތުން ވެސް މި ހަމަލާ ކުށްވެރިކުރުމަކީ، ލީބިޔާގައި ފައިތިލަ ސާބިތުކުރުމަށް ޔޫކްރެއިނުން ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ދާރިސުން ވިދާޅުވި އެވެ.
"ރަޝިއާ ދައުލަތާއި ހަފްތާރުގެ އާއިލާއަށް ވެސް ބަދަލުހިފުމަށް މަޖުބޫރުވާނެ، ކޮންމެވެސް ގޮތަކުން. އެއީ ފަސޭހަ ކަމަކަށް ވާނެއެކޭ އަޅުގަނޑު ނުދަންނަވަން، ނަމަވެސް އެ ޕްރެޝަރު އޮންނާނެ. ސަބަބަކީ ހިނގައިދިޔަ ކަމަކީ ދެ ފަރާތަށް ވެސް ލިބުނު ބޮޑު ލަދުވެތިކަމަކަށް ވާތީ،" އެހެން ދާރިސެއް ކަމަށްވާ ހަރްޝާވީ ވިދާޅުވި އެވެ. "އެހެންކަމުން، ޔޫކްރެއިނުން ސިއްރު އޮޕަރޭޝަންތަކުގެ ބަދަލުގައި ރަޝިއާ ދައުލަތުގެ ބައިތަކަށް ފާޅުގައި ހަމަލާދޭން ފެށުމުން، ހުރިހާ ބާވަތެއްގެ ނުރައްކާތެރި ފުރުސަތުތަކެއް ހުޅުވިގެންދޭ."
މިއާއެކު، އަލުން ހަމަނުޖެހުމެއް ފެށިދާނެ ކަމުގެ ބިރު އަބަދުވެސް އޮންނަ ލީބިޔާގެ ނާޒުކު ސުލްހައިގެ މަސައްކަތްތަކަށް ވެސް މި ކަމުގެ އަސަރުކޮށްފާނެ އެވެ. "އެއީ ވާނެ ކަމެކޭ އަޅުގަނޑު ނުބުނަން، ނަމަވެސް އެ ފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު މިހާރު ތަސައްވުރު ކުރެވޭ،" ހަރްޝާވީ ވިދާޅުވި އެވެ.
ލީބިޔާގެ ދެ އިދާރާއިން ވެސް ބުނަމުން ދަނީ ރަޝިއާއާއި ޔޫކްރެއިންގެ ބޭރު ހަނގުރާމައެއް ލީބިޔާގެ އައްސޭރިއަށް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.
އ.ދ. ގެ އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ދައުރު އަދާކުރާ ރިޔާސީ މަޖިލީހުގެ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މޫސާ އަލް-ކޯނީ ވަނީ މި ހަމަލާއަކީ "ނިރުބަވެރި" އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި، މި ކަން ކުރި ފަރާތްތަކާ ދެކޮޅަށް ގާނޫނީ އަދި ހާރިޖީ ފިޔަވަޅު އަޅުއްވާނެ ކަމަށާއި، އޭގެ ތެރޭގައި މި މައްސަލަ އ.ދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާއެކު، ލީބިޔާގައި ޔޫކްރެއިނުން އަދާކުރާ ދައުރު ހަނިކުރުމަށް ދެ ފަރާތުން ވެސް ޔޫކްރެއިނަށް އިތުރު ޕްރެޝަރު ކުރިމަތިކުރާނެ އެވެ. "މި ހަމަލާއަކީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުމެއްގެ ގޮތުގައި ދެއްކުމަކީ ދެ ފަރާތުގެ ވެސް މަސްލަހަތު އޮތް ކަމެއް. ދެން ފެނިގެންދާނީ ސީދާ ގައުމުން ބޭރުކޮށްލުމަށްވުރެ ބޮޑަށް، ޔޫކްރެއިންގެ ހަރަކާތްތައް ފެންނަ މިންވަރާއި އެ ފަރާތުގެ ކޮންޓުރޯލު ކުޑަކުރުން،" ޓްރެޑް ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











