ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި
23 ނޮވެމްބަރު 2026 | ހޯމަ 05:20ފާއިތުވި ހަފުތާގައި ރަޝިއާއިން ޔޫކްރެއިނަށް ދިން ވަރުގަދަ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހަކަތަ ފޯރުކޮށްދޭ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހަމަލާތަކުން ދިފާއުވުމަށް ބޭނުންވާ 'ޕެޓްރިއަޓް' މިސައިލްތައް ފޯރުކޮށްދިނުމުގެ ހުއްދަ އެމެރިކާއިން އަވަސްކުރުމަށް ރައީސް ޒެލެންސްކީ ވަނީ ގޮވާލައްވާފައި

ޔޫކްރެއިންގެ ލްވީވްގައި ހުންނަ އިމާރާތަކަށް ރަޝިއާގެ މިސައިލެއް އަރާ ވަގުތު ބޮޑު ގޮވުމެއް ގޮވާ މަންޒަރު އެއްގަމު އުޅަނދެއްގެ ޑޭޝްކޭމް ކެމެރާއަށް ރެކޯޑުކުރެވިފައި | އެކްސް
ރަޝިއާއިން ޔޫކްރެއިންގެ 20 ސަރަހައްދަކަށް ހަފުތާއެއް ވަންދެން ދިން ވަރުގަދަ ހަމަލާތަކަށް ފަހު، އެންމެ ފަހުން ދިން ހަމަލާތަކުގައި ވެރިރަށް ކީވް ކައިރިން ހަ މީހުންނާއި ޒަޕޮރީޜިއާއިން އެކަކު މަރުވުމާ ގުޅިގެން، 'ޕެޓްރިއަޓް' މަރުކާގެ އިންޓަސެޕްޓަރ މިސައިލްތައް ފޯރުކޮށްދިނުމުގެ ހުއްދަ އަވަހަށް ދިނުމަށް ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ އެމެރިކާއަށް ގޮވާލައްވައިފި އެވެ.
ނޮވެންބަރު 22 ވީ އާދީއްތަ ދުވަހު ޒެލެންސްކީ ވިދާޅުވީ، ފާއިތުވި ހަފުތާގެ ތެރޭގައި ރަޝިއާއިން ޔޫކްރެއިނަށް ގާތްގަނޑަކަށް 2,700 ޑްރޯނާއި، 1,460 'ގައިޑެޑް އޭރިއަލް' ބޮމުގެ އިތުރުން އެކި ބާވަތްތަކުގެ 165 މިސައިލް ފޮނުވާލާފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި އުތުރު ކޮރެއާއިން ފޯރުކޮށްދީފައިވާ މިސައިލްތައް ވެސް ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ފަދަ ހާލަތެއްގައި، ޔޫކްރެއިނަށް އެންޓި-ބެލިސްޓިކް ނިޒާމުތައް ފޯރުކޮށްދިނުން ލަސްވަމުންދާ ސަބަބު ވިސްނައިގަތުމަކީ ޚާއްސަ ގޮތެއްގައި އުނދަގޫ ކަމެއް،" ޒެލެންސްކީ ވިދާޅުވި އެވެ.
ބެލިސްޓިކް މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމުގެ ގާބިލުކަން ލިބިފައިވާ އެމެރިކާގައި އުފައްދާ 'ޕެޓްރިއަޓް' މަރުކާގެ އިންޓަސެޕްޓަރ މިސައިލްތަކުގެ ދަތިކަން ޔޫކްރެއިނަށް ވަނީ ކުރިމަތިވެފަ އެވެ. ކީވަށް އެމެރިކާގެ ހަތިޔާރު ގަތުމަށް ފަންޑުކުރުމަށް ހުޅަނގުގެ ދިފާއީ އިއްތިހާދުން (ނޭޓޯ) ވިލަރެސްކުރާ ޕުރޮގުރާމެއްގެ ދަށުން، ޔޫކްރެއިންގެ ބައިވެރިން އެ މިސައިލްތަކަށް މިހާރު ވެސް ފައިސާ ދައްކާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ނަމަވެސް، އެ ތަކެތި ފޮނުވުމަށް އަދިވެސް ވަނީ ވޮޝިންގޓަންގެ ރަސްމީ ހުއްދައަށް މަޑުކުރަން ޖެހިފަ އެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް
ރަޝިއާއިން އެންމެ ފަހުން ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަމާޒުވީ ކީވްގެ އުތުރުން އޮންނަ ދައިމަރް އަވަށުގެ ފަސް ބުރީގެ އެޕާޓްމަންޓް އިމާރާތަކަށެވެ. މި ހަމަލާގައި އެ އިމާރާތުގެ ބައެއް ވަނީ ބިމާ ހަމަވެފަ އެވެ.
ރަޝިއާގެ އިންޓަފެކްސް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީހުން ސަލާމަތްކުރާ ޓީމުތަކުން ފަހުން ވަނީ ތިން މީހެއްގެ ހަށިގަނޑު އެ ތަނުން ހޯދާފަ އެވެ. ހަމަމިއާއެކު، ދެ ކުޑަކުދިން ހިމެނޭހެން ގެއްލިފައިވާ 10 މީހުން ހޯދުމުގެ މަސައްކަތް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ ކުރަމުންނެވެ.
އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކީވްގެ ހުޅަނގު ދެކުނުން އޮންނަ ވިޝްނޭވޭ ސިޓީގެ ކާބޯތަކެތި ވިއްކާ ފިހާރައަކަށް ރަޝިއާގެ ޑްރޯނެއް އަމާޒުވެ ދެ މީހުން މަރުވެ، އަށް މީހުން ޒަޚަމުވެފައިވާ ކަމަށް ގަވަރުނަރު ޓީމޫރް ޓްކަޗެންކޯ ވިދާޅުވި އެވެ. މީގެ އިތުރުން، ކީވް ސަރަހައްދުގައި އޮންނަ ބީލާ ޓްސަރކްވާ ސިޓީގައި އާންމުން ދިރިއުޅޭ ގެއަކަށް ދިން ހަމަލާއެއްގައި އެ ގޭގައި އަލިފާން ރޯވެ އިތުރު މީހަކު މަރުވެފައިވާ ކަން ވެސް އޭނާ ހާމަކުރެއްވި އެވެ.
"މުޅި ދުނިޔެ މި ކަމަށް ލޯމަރާލައިގެން ތިބުން ހުއްޓާލަން ޖެހޭ. މި ޓެރަރިޒަމް ކުށްވެރިކޮށް، ރަޝިއާ ޖަވާބުދާރީކުރުވައި، ކުށެއް ނެތް ޔޫކްރެއިންގެ ރައްޔިތުން މެރުން ހުއްޓުވުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްކަޗެންކޯ ވިދާޅުވި އެވެ.
ހަމަމިއާއެކު، ރޭގަނޑުގެ ވަގުތުގައި ޒަޕޮރީޜިއާއަށް ރަޝިއާއިން ދިން ބޮމުގެ ހަމަލާތަކެއްގައި ފިރިހެނަކު މަރުވެފައިވާ ކަމަށް، ޒަޕޮރީޜިއާ ސަރަހައްދުގެ އަސްކަރީ އިދާރާގެ ވަގުތީ ވެރިޔާ މިޚައިލޯ ސެމީކިން ވިދާޅުވި އެވެ.
މުދާ އުފުލާ ބޯޓަކަށާއި ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިން ކަމަށް މޮސްކޯއިން ބުނުން
ރޭގަނޑުގެ ވަގުތުގައި ކަޅު ކަނޑުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ އޮދެއްސާގެ އިރުއުތުރުން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަކަށް ރަޝިއާގެ ސިފައިން ހަމަލާދީފައިވާ ކަމަށް ރަޝިއާގެ ދިފާޢީ ވުޒާރާއިން އާދީއްތަ ދުވަހު ބުންޏެވެ. ޔޫކްރެއިންގެ ހަތިޔާރު އުފައްދާ ކާރުޚާނާތަކަށް ކަރަންޓު ފޯރުކޮށްދޭ ޒަޕޮރީޜިއާގެ ޕްރަވޮބެރެޒްނާ އިންޖީނުގެއަށް ރަޝިއާގެ ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން، ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި، ކަރަންޓު ސަބްސްޓޭޝަންތަކަކަށާއި، 'އެމްކޭއެމް ޓެލެކޮމް' އިން ހިންގާ ޑޭޓާ ސެންޓަރަކަށް އިތުރު ހަމަލާތަކެއް ދީފައިވާ ކަމަށް އެ ވުޒާރާއިން ރިޕޯޓުކުރި އެވެ.
ހަނގުރާމައިގެ މައިދާނުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ރަޝިއާގެ ދިފާޢީ ވުޒާރާއިން ދައުވާކުރި ގޮތުގައި، ޔޫކްރެއިންގެ އިރުއުތުރުގެ ޚާރްކީވް ސަރަހައްދުގައި އޮންނަ ސޮސްނޯވީ ބީރް އަވަށް ރަޝިއާ ސިފައިން ވަނީ ހިފާފަ އެވެ. އަދި، ޔޫކްރެއިންގެ އައްސޭރިފަށުގެ ދިފާއުގައި ބޭނުންކުރާ 'ނެޕްޓިއުން' މަރުކާގެ މިސައިލް ނިޒާމުގެ ލޯންޗަރެއް ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއަށް ޚިދުމަތްދޭ ހަކަތައާއި ދަތުރުފަތުރުގެ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް ރަޝިއާއިން ބުނި ނަމަވެސް، އެ ޤައުމުގެ މި ދައުވާތަކުގެ ސައްހަކަން މިނިވަން ފަރާތްތަކުން ކަށަވަރުކުރެވިފައެއް ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ











