ޖަރުމަނުވިލާތުގެ ފައްޅިތަކުގައި 800 އަށްވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާ!
26 ނޮވެމްބަރު 2026 | ބުރާސްފަތި 06:31ޖަރުމަނުގެ ޓްރިއާ ޔުނިވަރސިޓީން ކުރި ދިރާސާއަކުން ހާމަވިގޮތުގައި، ފައްޅީގެ އިސްވެރިންނަށް އޮތް އިތުބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށްފަހު އެކަންކަން ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައި. މި މައްސަލަތައް ފޮރުވުމުގައި ފައްޅީގެ ބައެއް އިސްވެރިން ކުށްވެރިންނަށް ހިމާޔަތް ދީފައިވާކަން ފާހަގަކުރެވޭއިރު، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ޖަމިއްޔާތަކުން ދަނީ ބާރުއަޅަމުން

![ޖަރުމަނުވިލާތުގެ ބަރްލިންގައި ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާރާއެއްގެ ބައިވެރިންތަކެއް [ފައިލް]](https://dyncz33htw1ec.cloudfront.net/posts/8488a555-7b85-48a2-95d5-55a2339ab9e6.webp)
ޖަރުމަނުވިލާތުގެ ބަރްލިންގައި ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާރާއެއްގެ ބައިވެރިންތަކެއް [ފައިލް] | އިމާގޯ
ޖަރުމަނުވިލާތުގެ ނަޞާރާ ދީނުގެ ކެތޮލިކް މަޒުހަބުގެ ފައްޅިތައް ހުންނަ 'ޑަޔޯސީސް އޮފް ޓްރިއާ' ސަރަހައްދުގައި 1946 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު، ފާދިރީންނާއި ފައްޅީގެ އެހެން އިސްވެރިންގެ ފަރާތުން ގާތްގަނޑަކަށް 800 ކުޑަކުދިންނާއި ޒުވާނުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަން އައު ދިރާސާއަކުން ބުދަ ދުވަހު ހާމަވެއްޖެ އެވެ.
ޔުނިވަރސިޓީ އޮފް ޓްރިއާގެ ދާރިސުން ކުރި މި ތަހުގީގުގައި، ޖިންސީ ގޯނާކުރި ކަމަށް ޝައްކުކުރެވޭ އަދި ކުށް ސާބިތުވެފައިވާ 250 އަށްވުރެ ގިނަ މީހުން ދެނެގަނެފައިވާ ކަމަށް ތަޖުރިބާކާރުން ބުންޏެވެ. މި އަދަދުގައި ހިމެނެނީ ހަމައެކަނި ރަސްމީކޮށް ރިޕޯޓުކުރެވި، އެނގިފައިވާ މައްސަލަތައް ކަމަށާއި، ބިރުން ނުވަތަ ލަދުން ހިމޭނުން ތިބި ރިޕޯޓުނުކުރާ އަނިޔާ ލިބުނު މީހުންގެ އަދަދު އަދިވެސް ނޭނގޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ޖިންސީ ގޯނާގެ ގިނަ އަމަލުތައް ހިންގާފައި ވަނީ ފާދިރީން ދިރިއުޅޭ ގެތަކުގައާއި، ފައްޅިތަކުގައާއި، ފައްޅީގެ ޚާއްސަ ކޮޓަރިތަކުގެ އިތުރުން ފައްޅިން ހިންގާ ދަނާލުތަކާއި ބޯޑިންގ ސްކޫލްތަކުގައި ކަމަށް ދިރާސާއިން ހާމަވެ އެވެ. މީގެ އިތުރުން، ބައެއް ފާދިރީން ކުޑަކުދިންނާ ގާތްވުމަށް ޓަކައި އެ ކުދިންގެ ކުށްތަކަށް މައާފުކޮށްދިނުމުގެ ނަމުގައި އެ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ވެސް ދިރާސާއިން ހާމަވެ އެވެ. އަދި، އަނިޔާ ލިބުނު ކުދިންގެ އަމިއްލަ ގޭގޭގައި ވެސް މި ފަދަ 20 ހާދިސާއެއް ހިނގާފައިވާ ކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ނަޞާރާ ދީނުގެ ކެތޮލިކް މަޒުހަބުގެ މުޖުތަމައުތަކުގައި ފާދިރީންނަށް އޮންނަ ބޮޑު އިތުބާރާއި، އާއިލީ ގާތް ގުޅުންތަކުގެ ސަބަބުން، ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ ދެއްކުމަށް ކުޑަކުދިންނަށް ވަރަށް ބޮޑަށް ދަތިވި އެވެ. ހަމަމިއާއެކު، އަނިޔާ ލިބުނު ގިނަ ކުދިންނަށް އެ ކުދިންގެ އަމިއްލަ އާއިލާތަކުގެ ފަރާތުން ވެސް ހިމޭނުން ތިބުމަށް ފިއްތުންތައް ކުރިމަތިކުރުވި ކަމަށާއި، އޭގެ ސަބަބުން އެތައް އަހަރެއް ވަންދެން މި އަނިޔާތައް ސިއްރުވެފައި އޮތުމަށް މަގުފަހިވި ކަމަށް ދާރިސުން ފާހަގަކުރި އެވެ.
ފައްޅީގެ ބައެއް އިސްވެރިން މި މައްސަލަތަކުގެ ޒިންމާއިން ރެކި، ކުށްވެރިން ހިމާޔަތްކުރުމަށް މަސައްކަތްކޮށްފައިވާ ކަން ވެސް މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.
މި ފައިނަލް ރިޕޯޓުން ހާމަވަނީ ފައްޅީގެ އޮފިޝަލުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، މައްސަލަތައް ފޮރުވުމުގައި އަދާކުރި ދައުރު ކަމަށް، އަނިޔާ ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'މިސްބިޓް' އިން ބުންޏެވެ. މިއާއެކު، 2021 ވަނަ އަހަރުގެ ފަހުން ވެސް ޖިންސީ ގޯނާގެ އަމަލުތައް މެދުނުކެނޑި ހިނގަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. އަދި، އަނިޔާ ލިބުނު ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުމަށާއި، ޒިންމާވާންޖެހޭ ފަރާތްތައް ހަގީގީ މާނައިގައި ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ









