22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފި
24 އޮކްޓޯބަރު 2026 | ހޮނިހިރު 08:01އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓްކުރި އިތުރު މައްސަލަތަކެއް ފުލުހުން ވަނީ ފާހަގަކޮށްފައި. މި ސީރިއަސް މައްސަލަ ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރުމަށްޓަކައި މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ފޮނުވައިގެން ފުލުހުން ދަނީ މަސައްކަތް ކުރަމުން


ޖިންސީ އަނިޔާގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތައް ދައްކައިދޭ ފޮޓޯއެއް | ގެޓީ އިމޭޖަސް
އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް ދިވެހި 9 ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.
މި މައްސަލައިގެ ތަހުގީގު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ވަނީ އެ ރަށަށް ފޮނުވާފަ އެވެ.









