އޮސްޓްރޭލިޔާގެ ކުޑަކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް، ޖިންސީ ގޯނާ ރެކޯޑު މިންވަރަކަށް!
14 އޮކްޓޯބަރު 2026 | ބުދަ 05:28އޮސްޓްރޭލިޔާގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ މައްސަލަތައް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބޮޑުތަނުން އިތުރުވެފައިވާކަން ދިރާސާއަކުން ހާމަވެއްޖެ. މި ކަން މެދުވެރިވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ކޮވިޑަށްފަހު ކުރިމަތިވި މާލީ ދަތިތަކާއި އިންޓަނެޓްގެ ނުފޫޒު ހިމެނޭއިރު، މިއީ މި ފަދަ އަނިޔާތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލިބުނު އިންޒާރެއް ކަމަށް ދާރިސުން ފާހަގަކުރޭ


ކުޑަކުދިންތަކެއް ޔުނިފޯމު އަޅައިގެން މަދަރުސާއަކަށް ދަނީ | އައިސްޓޮކް
އޮސްޓްރޭލިޔާގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި އާއިލީ އަނިޔާގެ މައްސަލަތައް ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އަދި އެންމެ ބޮޑަށް އިތުރުވެފައި ވަނީ ފާއިތުވި ތިން އަހަރާއި ފަސް އަހަރާ ދެމެދުގައި ކަމަށް، އަންގާރަ ދުވަހު އާންމުކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ. ޖޭއޭއެމްއޭ ނެޓްވޯކް އޯޕަންގައި އާންމުކޮށްފައިވާ ސިޑްނީ ޔުނިވާސިޓީގެ މި ދިރާސާގައި، 2014 އިން 2024 އަށް މުޅި ޤައުމުގައި ރިކޯޑުކުރެވިފައިވާ ޖިންސީ ގޯނާއާއި، އާއިލީ އަދި ގެވެށި އަނިޔާއާއި، ހަސްފަތާލުތަކުގައި އެނދުމަތިކުރެވުނު ކުދިންނާއި، ކުޑަކުދިން ރައްކާތެރިކުރުމުގެ މައްސަލަތަކުގެ ޑޭޓާ ދިރާސާކޮށްފައިވެ އެވެ.
އުމުރުން 10 އަހަރާއި 17 އަހަރާ ދެމެދުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރާ ނިސްބަތް ފާއިތުވި ދިހަ އަހަރުގެ ތެރޭގައި %60 އިތުރުވެފައިވާއިރު، 2021 ވަނަ އަހަރުގެ ފަހުން އަހަރަކު %15.7 ގެ ބާރުމިނެއްގައި މައްސަލަތައް ވަނީ އިތުރުވެފައި ކަމަށް ދިރާސާއިން ދައްކަ އެވެ. އަދި، އުމުރުން 10 އަހަރާއި 17 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް އަނިޔާކުރާ ނިސްބަތް ފާއިތުވި ދިހަ އަހަރުގެ ތެރޭގައި %51 އިތުރުވެފައިވާއިރު، އުމުރުން 9 އަހަރުން ދަށުގެ އަންހެން ކުދިންނަށް އަނިޔާކުރާ ނިސްބަތް %32 އިތުރުވެފައިވެ އެވެ. އާއިލީ އަދި ގެވެށި އަނިޔާއާ ގުޅުންހުރި މައްސަލަތައް ވެސް އިތުރުވެފައިވާއިރު، 2020 ވަނަ އަހަރާ ހިސާބުން ފެށިގެން މި ފަދަ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ތަފާތު އުމުރުފުރާތަކުގެ މެދުގައި އަހަރަކު %8 އާއި %20 އާ ދެމެދުގެ މިންވަރަކަށް މި މައްސަލަތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މި ތަފާސްހިސާބުތަކަކީ ކުޑަކުދިންނަށް ކުރާ އާއިލީ އަދި ޖިންސީ އަނިޔާއާ ދެކޮޅަށް ސަރުކާރުތަކާއި ކަމާބެހޭ ފަރާތްތަކުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލިބުނު އިންޒާރެއް ކަމަށް ދެކެންޖެހޭނެ ކަމަށް މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ލޫސީ ގްރުމިޓް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ތިބީ ވަރަށް ނާޒުކު ފައްތަރެއްގައި. ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޖިންސީ ގޯނާއާއި އާއިލީ އަދި ގެވެށި އަނިޔާ ވަނީ އިތުރުވެފައި. ނަމަވެސް، އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކީ އެންމެ ހަލުވިކަމާއެކު މި މައްސަލަތައް އިތުރުވެފައި ވަނީ ފާއިތުވި ތިން އަހަރާއި ފަސް އަހަރާ ދެމެދުގައި ކަން،" އޭނާ ވިދާޅުވި އެވެ.
މި ކަން މެދުވެރިވާން ދިމާވި އެތައް ސަބަބުތަކެއް ދާރިސުން ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި އާމްދަނީގެ ފަރަގު ބޮޑުވުމާއި، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި މާލީ ދަތިތަކާއި، އިންޓަނެޓުގައި ޖިންސީ މިންގަނޑުތަކަށް އަންނަމުންދާ ބަދަލުތަކާއި، އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ހުރި ފަރަގުތައް ހިމެނެ އެވެ. މީގެ އިތުރުން، ބަލިމަޑުކަމަށްފަހު ކުރިމަތިވި މާލީ ދަތިތަކަކީ ވެސް މި ކަމަށް މަގުފަހިކުރި ސަބަބެއް ކަމަށް ދާރިސުން ފާހަގަކުރައްވާފައިވާއިރު، 2021 ވަނަ އަހަރުގެ މާރިޗު މަހު އޮސްޓްރޭލިޔާގެ ޖޮބްކީޕަރ މުސާރައިގެ ސަބްސިޑީ ޕްރޮގްރާމް ފަދަ ސަރުކާރުގެ އިގުތިސާދީ އެހީތައް ކަނޑާލުން މި ކަމުގެ ތެރޭގައި ހިމެނޭ ކަމަށް އެ ފަރާތްތަކުން ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











