Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް31 ސަމިޓު

ކޮޕް31 ގެ މާޔޫސްކުރުވަނިވި ނިމުމާއެކު، ގައުމުތަކުގެ ވެރިންގެ ނުރުހުން އަމާޒުވީ ތެޔޮ އުފައްދާ ގައުމުތަކަށް

23 ނޮވެމްބަރު 2026 | ހޯމަ 07:43

ކޮޕް-31 ބައްދަލުވުން އެއްބަސްވުމަކާ ނުލައި ނިމުމަކަށް އައީ، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމާ މެދު ތެޔޮ އުފައްދާ ގައުމުތަކާއި އެހެން ގައުމުތަކުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން. މި ނިންމުމުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކާއި ވިލާތުގެ އިއްތިހާދުން ވަނީ، ހުށަހެޅި ދެލިކޮޕީ ބަލިކަށިވުމުގެ ސަބަބުން ދުނިޔެ ހޫނުވުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ބޮޑު ހުރަހެއް އެޅިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 ނޮވެމްބަރު 2026 | ހޯމަ 07:43
ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ މޫސުމީ ބަދަލުތަކާ ބެހޭ ކޮޕް31 ސަމިޓާ ދިމާކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ބައިވެރިން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ މޫސުމީ ބަދަލުތަކާ ބެހޭ ކޮޕް31 ސަމިޓާ ދިމާކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ބައިވެރިން | އޭޕީ

އެކުވެރި ދައުލަތްތަކުގެ (އދ) މޫސުމީ ބަދަލުތަކާ ބެހޭ އަހަރީ ބައްދަލުވުން ކަމަށްވާ ކޮޕް-31، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާނެ އޮނިގަނޑަކާމެދު އެއްބަސްވުމަކަށް ނާދެވި ނިމުމަކަށް އައުމާއެކު ދުނިޔޭގެ ލީޑަރުންނާއި ނާޒުކު ގައުމުތަކުގެ ނުރުހުމާއި ފާޑުކިޔުންތައް އިތުރުވެއްޖެ އެވެ. މި ނާކާމިޔާބީއާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވަނީ "އިންތިހާއަށް މާޔޫސްވެވަޑައިގެންނެވި ކަން" ފާޅުކުރައްވައި، ބޮޑެތި ތެޔޮ ކުންފުނިތަކުގެ ނުފޫޒަށް ފާޑުވިދާޅުވެފަ އެވެ.

ކޮޕް-31 ގެ ރިޔާސަތު ބަލަހައްޓާ ތުރުކީވިލާތާއި އޮސްޓްރޭލިއާއިން އާދީއްތަ ދުވަހު ހުށަހެޅި ފަހުގެ އެއްބަސްވުމުގެ ދެލިކޮޕީއަކީ ދުނިޔެ ހޫނުވުން ހުއްޓުވުމަށް މާ ބަލިކަށި ދެލިކޮޕީއެއް ކަމަށް ގިނަ ގައުމުތަކަކުންނާއި މަޝްވަރާކުރާ ބްލޮކްތަކުން ވަނީ ބުނެފަ އެވެ. މި ދެލިކޮޕީ ފާސްވި ނަމަ، 2015 ވަނަ އަހަރުގެ ޕެރިސް އެއްބަސްވުމުގެ ދަށުން ގައުމުތަކުން ހިފަހައްޓަން މަސައްކަތްކުރި 1.5 ޑިގްރީ ސެލްސިއަސްގެ މިންގަނޑަށްވުރެ ދުނިޔެ ހޫނުވުން މައްޗަށް ދާނެކަމަށް ފުރަތަމަ ފަހަރަށް ރަސްމީކޮށް އިއުތިރާފުވެވުނީހެވެ.

Advertisement - worldAdvertisement

ތެލާއި ގޭސް އުފައްދާ މައި ގައުމުތަކުން ފަހުގެ ލިޔުމުގައި 'ފޮސިލް ފިއުލް' ނުވަތަ ބިމުއަޑިން ނަގާ ތެލާއި ގޭހުގެ ވާހަކަ ހިމެނުމާ ދެކޮޅު ހެދުމުން، ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް ވާހަކަތައް ދިގުލައިގެން ދިޔަ އެވެ. ހަމަމިއާއެކު، މުރާޖާކުރި ފަހުގެ ދެލިކޮޕީގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ފަގީރު ގައުމުތަކަށް އެހީވުމަށް ކަނޑައަޅާފައި އޮތް 120 ބިލިޔަން އެމެރިކާ ޑޮލަރުގެ އަމާޒު ވެސް ވަނީ އުނިކޮށްފަ އެވެ. މިއީ، 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ބައްދަލުވުމަށްފަހު، އދ. ގެ އަހަރީ މޫސުމީ ވާހަކަތައް އެއްބަސްވުމަކަށް ނާދެވި ނިމުނު ފުރަތަމަ ފަހަރެވެ.

އދ. ގެ ވެރިޔާގެ ނުރުހުމާއި ވިލާތުގެ ގައުމުތަކުގެ ހަރުކަށި ރައްދު

ބައްދަލުވުން ނާކާމިޔާބުވުމާ ގުޅިގެން ގުތެރޭޝް ވިދާޅުވީ، މުހިންމު ނަތީޖާއަކާ މެދު އިއްތިފާގު ނުވެވި ކޮޕް-31 ނިމުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށެވެ. "މޫސުމީ ކާރިސާގެ ނުރައްކަލާ އެއްވަރަށް ސަރުކާރުތަކުން ތެދުވާނެ ކަމަށް އުންމީދުކުރި އެންމެންގެ މާޔޫސްކަމުގައި އަޅުގަނޑު ވެސް ބައިވެރިވަން،" ގުތެރޭޝް ވިދާޅުވި އެވެ. މޫސުމީ ފިޔަވަޅުތަކަށް ހުރަސްއަޅައި، ސައިންޓިފިކް ހެކިތައް އޮޅުވައިލައި، ސިޔާސަތުތައް ލަސްކޮށް، އަމިއްލަ ފައިދާއަށް އިސްކަންދޭ ކަމަށް ވިދާޅުވެ، ބާރުގަދަ ފޮސިލް ފިއުލް މަސްލަހަތުތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ވިލާތުގެ އިއްތިހާދުގެ (އީޔޫ) ވަފުދުން ބުނީ، މޫސުމީ ބަދަލުތަކުގެ މައިގަނޑު ސަބަބު ކަމަށްވާ ފޮސިލް ފިއުލްގެ ވާހަކަ ހިމެނިފައި ނުވާ އެއްބަސްވުމަކަށް ތާއީދު ނުކުރާނެ ކަމަށެވެ. "އަޅުގަނޑުމެން ފަހަތަށް ޖެހިގެން މަޝްވަރާކުރާކަށް އެއްބަހެއް ނުވާނަން. އަދި، ފޮސިލް ފިއުލްއަށް ހިމާޔަތްދޭ ކޮޕް ބައްދަލުވުމެއް ބަލައެއް ނުގަންނާނަން،" އެ ވަފުދުން ބުންޏެވެ. އެ އިއްތިހާދުގެ ތަރުޖަމާނަކު ވިދާޅުވީ، ހުށަހެޅި ދެލިކޮޕީން ކުރިމަތިވެފައިވާ މޫސުމީ ކުއްލި ނުރައްކަލަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށެވެ.

ޑެންމާކުގެ މޫސުމާ ބެހޭ ވަޒީރު ސަމީރާ ނަވާ ވިދާޅުވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ މާލީ އެހީގެ މާއްދާތައް ގަބޫލުކުރަން ވިލާތުގެ އިއްތިހާދު ތައްޔާރަށް އޮތް ނަމަވެސް، އެ ލިޔުން އެކަށީގެންވާ ވަރަށް ފުރިހަމަ ނޫން ކަމަށެވެ. "މިއީ، ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމާ ގުޅޭ ކަމެއް. މިއީ، ފޮސިލް ފިއުލްގެ ވާހަކަ ނެތުމުގެ މައްސަލަ. އަދި، ސައިންސްގެ މައްޗަށް ބިނާކޮށް ބޭނުންކޮށްފައިވާ އިބާރާތްތައް ބަލިކަށިވުމުގެ މައްސަލަ،" ނަވާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ އިސް ނެގޯޝިއޭޓަރު ކޭޓް ހިއުސް ވިދާޅުވީ، އެ ދެލިކޮޕީގެ ސަބަބުން ސައިންސްގެ ރޮނގުން ދުނިޔެ ފަހަތަށް ސޮއްސައިލާފައިވާ ކަމަށާއި، މޫސުމީ ކާރިސާގެ ބޮޑުމިނާއި އަވަސް ފިޔަވަޅު އަޅަންޖެހޭ މިންވަރު އޭގައި ބަލައިގަނެފައި ނުވާ ކަމަށެވެ. "އޭގެ ބަދަލުގައި އެ ލިޔުމުގައި އޮންނަންޖެހޭނީ މޫސުމީ ފިޔަވަޅުތަކަށް އޮތް ހަރުދަނާ، ގުޅިފައިވާ އަޒުމު،" ހިއުސް ވިދާޅުވި އެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ނާޒުކު ގައުމުތަކާއި އެފްރިކާގެ ކަންބޮޑުވުން

ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ 44 ގައުމު ހިމެނޭ ގްރޫޕުން ބުނީ، އެ ގައުމުތަކުގެ އިސްކަންދޭ ކަންކަމަށް އިޖާބަދޭނެ ހަރުދަނާ ނަތީޖާއެއް އެ ދެލިކޮޕީން ފެންނަން ނެތް ކަމަށެވެ. "ފަހަތަށް ޖެހޭ މަންޒަރު ބަލާކަށް އަޅުގަނޑުމެންނަކަށް ކެތެއް ނުކުރެވޭނެ،" އެ ގުރޫޕުން ބުންޏެވެ. ވިހަ މާއްދާއެއް ކަމަށްވާ 'ކާބަން' ޖައްވަށް ބޭރުކުރުމުގައި އެންމެ ކުޑަ ހިއްސާއެއް އޮތް ނަމަވެސް މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ މި ގްރޫޕުގައި 1 ބިލިޔަނަށްވުރެ ގިނަ މީހުން ތަމްސީލުކުރެ އެވެ. އޭގެ ތެރޭގައި ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތައް ކަމަށްވާ ޓުވާލޫއާއި ކިރިބާތީގެ އިތުރުން ބަންގްލަދޭޝް، ނޭޕާލް އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ފަދަ ގައުމުތައް ހިމެނެ އެވެ.

މާޝަލް އައިލެންޑްސްގެ ވަފުދުން ބުނީ، ހުރިހާ ފަރާތަކުން ވެސް އެ ގައުމު މާޔޫސްކޮށްލާފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ހުށަހެޅީ ދުނިޔެ ހޫނުވާ މިންވަރު އިތުރުވުމާ ދެކޮޅަށް އެޅޭނެ އެންމެ ދެރަ ހައްލު، އެއީ ތެލާއި ގޭސް އިތުރުކުރުމަށް މަގުފަހިވާ ޖަވާބެއް. ދޮގު ހައްލުތަކެއް ގަބޫލުކުރަން އަޅުގަނޑުމެންނަށް މަޖުބޫރެއް ނުކުރެވޭނެ،" އެ ވަފުދުން ބުންޏެވެ. މިއާއެކު، ފޮސިލް ފިއުލްގެ މަސްލަހަތަށް ޓަކައި އަމިއްލަ މުސްތަގުބަލު ގުރުބާން ނުކުރާނެ ކަމަށާއި، ގައުމުގެ ސަލާމަތާއި މުސްތަގުބަލަށް ނުރައްކާވާ ފަދަ ނަތީޖާއެއް ބަލައިނުގަންނާނެ ކަމަށްވެސް މާޝަލް އައިލެންޑްސްއިން ބުންޏެވެ.

ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ވަނުއާޓޫގެ ވަފުދުން ބުނީ، އެ ލިޔުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ސައިންސް ލާޒިމުކުރާ މިންވަރަށްވުރެ އަދި ނާޒުކު މުޖުތަމައުތަކަށް ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ މާ ދަށް ލިޔުމެއް ކަމަށެވެ. ފޮސިލް ފިއުލްއާ މެދު އެ ލިޔުން "ހަނު" އޮތުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް އެ ވަފުދުން ސިފަކުރި އެވެ.

ކެންޔާގެ ވަފުދުން ޝަކުވާކުރީ، އެއްބަސްވުމުގައި އެފްރިކާގެ ވާހަކަ ހާއްސަކޮށް ބަޔާންކޮށްފައި ނުވާތީއާއި "އެފްރިކާގެ ހާއްސަ ބޭނުންތަކާއި ހާލަތްތަކަށް" ރިއާޔަތްކޮށްފައި ނުވާތީ އެވެ. "ވިހަ ގޭސް މަދުކުރުމުގައި އިސްނެގި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އިސްނަގަންޖެހޭނެ،" ކެންޔާގެ ވަފުދުން ބުންޏެވެ. ހަމަމިއާއެކު، ޕެރިސް އެއްބަސްވުމުން އެއްކިބާވުމަށް ބައެއް މިސްރާބުތައް ގެންގުޅެފައިވާތީ ޢިރާޤުގެ ވަފުދުން ވަނީ އެ ކަމާ މެދު "ފުން ކަންބޮޑުވުން" ފާޅުކޮށްފަ އެވެ.

ތެޔޮ އުފައްދާ ގައުމުތަކުގެ ދިފާއާއި ރިޔާސަތުގެ ބަސް

ރަޝިއާގެ މަންދޫބު ސަރްގެއި ކޮނޮނުޗެންކޯ ވަކާލާތުކުރެއްވީ، ތެލާއި ގޭސް ސަޕްލައި މަދުކޮށްފި ނަމަ، އޭގެ ސަބަބުން އިތުރަށް ތަޣައްޔަރުވާ ބާވަތްތަކުގެ ތެލަށް މީހުން ބަދަލުވެ، ހަކަތައިގެ ފަގީރުކަން ކުރިމަތިވާނެ ކަމަށެވެ. "އަދި، އޭގެ ވޭން އެންމެ ފުރަތަމަ ތަހައްމަލު ކުރަންޖެހޭނީ އެންމެ ފަގީރުން. އެ ސަބަބަށް ޓަކައި، ފޮސިލް ފިއުލްއާ ބެހޭ އެއްވެސް އިބާރާތަކަށް އަޅުގަނޑުމެންނަކަށް އެއްބަހެއް ނުވެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސަޢުދީ ޢަރަބިއްޔާގެ ވަފުދުން ބުނީ، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް "ހުރިހާ ހައްލުތަކެއް މޭޒުމަތީގައި އޮންނަންޖެހޭ" ކަމަށް އެ ގައުމުން ގަބޫލުކުރާ ކަމަށާއި، "ހަރުދަނާ ހައްލުތަކެއް" ބާކީކުރުމަކީ އެއްވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ކޮޕް-31 ގެ ރައީސް އަދި ތުރުކީވިލާތުގެ ތިމާވެށްޓާއި، އުމްރާނީ ތަރައްގީއާއި މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު މުރާތު ކުރޫމް ވިދާޅުވީ، ރިޔާސަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށެވެ. "އެންމެ ލަފުޒެއް ނުވަތަ އިބާރާތަކަށް ޓަކައި ގޮތް ދޫނުކޮށް ހިފަހައްޓައިގެން، މި ކަމުން ނަތީޖާއަކަށް އުންމީދުކުރާ ދުނިޔޭގެ ރައްޔިތުންނަށް ގެއްލުން ދީގެން ނުވާނެ. އެއްވެސް ނަތީޖާއެއް ނުނިކުންނަ މަޝްވަރާތަކަކަށް ދިއުމަކުން އެއްވެސް މީހަކަށް ފައިދާއެއް ނެތް،" ކުރޫމް ވިދާޅުވި އެވެ. މިއާއެކު، ދެން އައު ދެލިކޮޕީއެއް ނޯންނާނެ ކަމަށާއި، އިއްތިފާގު ނެތް މާހައުލެއްގައި އައު ލިޔުމެއްގެ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެ، މިހާރު ހުރި ނިންމުންތައް ތަންފީޒުކުރައްވާނެ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ކޮޕް-31 ގެ މަޝްވަރާތަކުގެ ރައީސް އަދި އޮސްޓްރޭލިއާގެ މޫސުމީ ބަދަލުތަކާއި ހަކަތައާ ބެހޭ ވަޒީރު ކްރިސް ބޮވެން، މަޝްވަރާތައް ރޫޅިގެން ދިއުމަކީ "ވަރަށް މާޔޫސްކުރުވަނިވި" ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. މި ގޮތުން، މި ބައްދަލުވުމުގައި ސާފު ހަކަތައިގެ ވާހަކަ ކިޔައިދިން ގިނަ ހަރަކާތްތަކެއް ހިނގައި، ކަރަންޓު ބޭނުންކުރުމުގެ ވައުދުގައި 90 އަށްވުރެ ގިނަ ގައުމުން ސޮއިކުރުން ފަދަ ރަނގަޅު ވައުދުތަކެއް ވެވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. "އެ ހުރިހާ ކަމަކީ ރަނގަޅު މަސައްކަތްތަކެއް ނަމަވެސް، މޫސުމީ ފިޔަވަޅުތަކަށް ބަލާއިރު އެވަރަކުން ނުފުދޭ،" ބޮވެން ވިދާޅުވި އެވެ. "އެންމެ ފާޅުކަން ބޮޑު މައްސަލައަކީ ފޮސިލް ފިއުލްއާ ދުރަށް ދިއުން. ބައެއް ފަރާތްތަކުން އެ ވާހަކަ ކޮންމެހެން ހިމަނަން ބާރުއެޅިއިރު، އަނެއްބައި ފަރާތްތަކުން ބުނީ އެ ވާހަކަ ހިމަނައިފި ނަމަ ވީޓޯކުރާނެ ކަމަށް."

މަސްދަރު: އަލް ޖަޒީރާ

ކޮޕް31އެންޓޯނިއޯ ގުޓަރޭޒްޕެރިސް އެގްރީމަންޓްކްލައިމެޓް ޗޭންޖްފޮސިލް ފިއުލް

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

3

ޚަރަދު ކުޑަ، ސާދާ ލީޑަރެއް: މެކްސިކޯގެ ރައީސާ ކްލޯޑިއާ ޝައިންބައުމްއަށް ދުނިޔޭގެ ސަމާލުކަން!

4

ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!

5

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2026

ކޮޕް31 މޫސުމީ ސަމިޓް - ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބީއަކާއެކު ނިންމާލައިފި

23 ނޮވެމްބަރު 2026
ކޮޕް31 މޫސުމީ ސަމިޓް - ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބީއަކާއެކު ނިންމާލައިފި
21 ނޮވެމްބަރު 2026

ރަސްގެފާނު ޗާލްސް ތިންވަނަ ކޮޕް31 ގައި މޫސުމީ އިލްތިޒާމްތައް އަމަލީކުރަން ގޮވާލައްވައިފި

21 ނޮވެމްބަރު 2026
ރަސްގެފާނު ޗާލްސް ތިންވަނަ ކޮޕް31 ގައި މޫސުމީ އިލްތިޒާމްތައް އަމަލީކުރަން ގޮވާލައްވައިފި
16 ނޮވެމްބަރު 2026

ކޮޕް31 ސަމިޓް: ދުނިޔޭގެ މުސްތަގުބަލާ މެދު ނުރައްކާތެރި އިންޒާރުތަކެއް ދިން ނަމަވެސް ބޮޑެތި ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރިވެވަޑައެއް ނުގެންނެވި

16 ނޮވެމްބަރު 2026
ކޮޕް31 ސަމިޓް: ދުނިޔޭގެ މުސްތަގުބަލާ މެދު ނުރައްކާތެރި އިންޒާރުތަކެއް ދިން ނަމަވެސް ބޮޑެތި ގައުމުތަކުގެ ވެރިން ސަމިޓްގައި ބައިވެރިވެވަޑައެއް ނުގެންނެވި
14 ނޮވެމްބަރު 2026

މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 ނޮވެމްބަރު 2026
މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
10 ނޮވެމްބަރު 2026

ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

10 ނޮވެމްބަރު 2026
ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
05 ނޮވެމްބަރު 2026

ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުން: ނައިބު ރައީސް

05 ނޮވެމްބަރު 2026
ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު ވުނަކުރުން: ނައިބު ރައީސް
01 ނޮވެމްބަރު 2026

އޮކްޓޫބަރުގައި އެކަނި 173 މަރު: ހަތަރު ވައްތަރެއްގެ ޑެންގީ ވައިރަސް ފެތުރެމުންދާއިރު ބަންގްލަދޭޝްގެ ހަސްފަތާލުތަކަށް ބާރުބޮޑުވެއްޖެ

01 ނޮވެމްބަރު 2026
އޮކްޓޫބަރުގައި އެކަނި 173 މަރު: ހަތަރު ވައްތަރެއްގެ ޑެންގީ ވައިރަސް ފެތުރެމުންދާއިރު ބަންގްލަދޭޝްގެ ހަސްފަތާލުތަކަށް ބާރުބޮޑުވެއްޖެ
31 އޮކްޓޯބަރު 2026

ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އައި.އެލް.އޯ އިން ބުނެފި

31 އޮކްޓޯބަރު 2026
ހޫނުގަދަވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވަޒީފާތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް އައި.އެލް.އޯ އިން ބުނެފި
23 އޮކްޓޯބަރު 2026

ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ނޭޕާލަށް އދ. އިން 20 މިލިޔަން ޑޮލަރު ދެނީ

23 އޮކްޓޯބަރު 2026
ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ނޭޕާލަށް އދ. އިން 20 މިލިޔަން ޑޮލަރު ދެނީ
23 އޮކްޓޯބަރު 2026

އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް

23 އޮކްޓޯބަރު 2026
އެލް-ނީނޯގެ ބާރުގަދަވެ ކުރިއަށް އޮތް އިރުވައި މޫސުމުގައި ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށް ލަފާކުރެވޭ: މެޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް