މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
14 ނޮވެމްބަރު 2026 | ހޮނިހިރު 08:21މޫސުމީ ބަދަލުތަކާ ބެހޭ އދ.ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޮނިހިރު ދުވަހު ރާއްޖެއަށް ވަނީ ވަޑައިގެންފައި. މި ދަތުރުފުޅުގައި ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން އިތުރުކުރުމަށް ގޮވާލައްވައި، ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ އިސްވެރިންނާ މަޝްވަރާކުރައްވާފައިވޭ


ކޮޕް31ގެ ރަސްމިއްޔާތުގެ ތެރެއިން. މި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަނީ ރާއްޖެ ވަޑައިގެންފައި | ރައީސް އޮފީސް
މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، ބައިނަލްއަގުވާމީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ތުރުކީވިލާތުގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ. ގެ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ހޮނިހިރު ދުވަހު އެވެ.
"ޓްވާރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިއާރުގެ ދަށުން ނޮވެމްބަރު 10 ގައި ފެށި މި ސަމިޓުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށް ވެސް ގޮވާލައްވާފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައި، އެ ގައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަގުވާމީ އެހީތެރިކަން އިތުރުކުރުމަށް ރައީސް ބާރުއެޅުއްވި އެވެ.
މީގެއިތުރުން، ރައީސްގެ އަނބިކަނބަލުން ސާޖިދާ ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފަ އެވެ.
އެކަމަނާގެ ވާހަކަފުޅުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި، އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވި އެވެ.
ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭއްވި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ހޯދުމާއި، އަދި ރަށްފުށު ސަރަހައްދުތައް މޫސުމީ ގެއްލުންތަކަށް ހޭނުވުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.











