އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ރޯވެ 24 މީހުން މަރުވެއްޖެ
23 ނޮވެމްބަރު 2026 | ހޯމަ 07:36އިންޑޮނޭޝިއާގެ ފެކްޓްރީއެއްގައި ހިނގި މި ހާދިސާ ދިމާވީ އެއާކޮންޑިޝަނެއް ޝޯޓްވުމުގެ ސަބަބުން ކަމަށް ބެލެވޭއިރު، އިމާރާތަށް ލިބުނު ބޮޑެތި ގެއްލުންތަކާ ހުރެ މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި. އަލިފާނުގެ ހޫނުމިން ގަދަވުމުން މަރުވި މީހުން ދެނެގަތުމަށް ޑީއެންއޭ ޓެސްޓު ހަދަން ޖެހިފައިވާއިރު، މި މައްސަލައިގައި ފެކްޓްރީގެ ސީއީއޯ ހާޒިރުކުރުމަށްވެސް ވަނީ ނިންމާފައި

އިންޑޮނޭޝިއާގެ ބަންޓެން ޕްރޮވިންސްގެ ސެރަންގް ރީޖެންސީގައި ހުންނަ ސިކަންޑޭގެ ޕީޓީ ފޮނޫސާ އަގުންގް މުލިއާ ފެކްޓްރީ ބޭރުގައި، މަރުވެފައިވާ މީހުންގެ ހަށިތައް އަޅާފައިވާ ކޮތަޅުތަކުގެ ކައިރިއަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ޖަމާވެފައި | ރޮއިޓަރސް
އިންޑޮނޭޝިއާގެ މެޓާ އުފައްދާ ފެކްޓްރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 24 މީހުން މަރުވެފައިވާކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފި އެވެ. މި ހާދިސާގައި ގެއްލުނު ކަމަށް ބެލެވޭ 30 އެއްހާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ ކުރަމުންނެވެ.
މަސައްކަތްތެރިންގެ ކަންކަމާ ގުޅޭ ރައީސްގެ އެޑްވައިޒަރު ސައީދު އިގްބާލް ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިބްތިދާއީ ރިޕޯޓްތަކުން އެނގޭ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެއާކޮންޑިޝަނެއް ޝޯޓް ސާކިޓް ވުމުގެ ސަބަބުންނެވެ.
އަދި މި މައްސަލައާ ގުޅިގެން އެ ފެކްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހާޒިރުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި ފަސްވި ވަގުތެއްގައި، ވެސްޓް ޖާވާ ޕްރޮވިންސްގެ ސެރަންގް ރީޖެންސީގެ ސިކާންޑޭގައި ހުންނަ "ޕީޓީ ފޮނޫސާ އަގުންގް މުލިއާ" ފެކްޓްރީގަ އެވެ.
ބަންޓެން ޕްރޮވިންސްގެ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ އަލް އަމްރާދު ވިދާޅުވީ، ހޯމަ ދުވަހުވެސް މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އިމާރާތުގެ ބައެއް ތަންތަނުގައި އަދިވެސް އަލިފާނުގެ އަސަރު ހުރުމާއި، އިމާރާތުގެ އޮނިގަނޑު ބަލިކަށިވެ ވެއްޓިދާނެ ފަދަ ހާލަތެއްގައި އޮތުމުން ސަލާމަތްކުރާ ފަރާތްތަކަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށެވެ.
އޭނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވި ގޮތުގައި، މިހާތަނަށް 29 މީހަކު ސަލާމަތްކުރެވިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ސަލާމަތްކުރާ ފަރާތްތަކުން މިހާތަނަށް 24 މީހެއްގެ ހަށިގަނޑު ވަނީ ނެރެފަ އެވެ.
އެ ފެކްޓްރީގެ މައި ކުންފުނި ކަމަށްވާ "ޕީޓީ ޔުނައިޓެޑް ފެމިލީ ފުޑް" ގެ ސީއީއޯ ސްޓީވަން އާވިން ވިޖަޔާ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހޮނިހިރު ދުވަހުގެ ޝިފްޓުގައި އެ ފެކްޓްރީގައި ގާތްގަނޑަކަށް 300 އެއްހާ މީހުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.
ފުލުހުންގެ ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަން އޮފިޝަލް ވަހްޔޫ ހިދާޔަތީ ދްވީ ޕަލޫޕީ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަލިފާނުގެ ހޫނުމިން ގަދަވުމުގެ ސަބަބުން، ފެނިފައިވާ ހަށިގަނޑުތަކަކީ ކާކުކަން ބަލައިގެން ދެނެގަތުމަށް ނުކުޅެދިފައިވާ ކަމަށެވެ. އެހެންކަމުން، ގެއްލިފައިވާ މަސައްކަތްތެރިންގެ އާއިލާގެ މެންބަރުންގެ ޑީއެންއޭ ސާމްޕަލާއި މަސައްކަތްތެރިން ބޭނުންކުރި އަމިއްލަ ތަކެތި އެއްކުރާނެ ކަމަށާއި، މި މަސައްކަތަށް ދެ ހަފުތާއާއި ތިން ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދީއްތަ ދުވަހު އިންޓަނެޓުގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ވެރިރަށް ޖަކާޓާއާ އިންވެގެން އޮންނަ މި ފެކްޓްރީން ބޮޑެތި އަލިފާންގަނޑުތަކާއި ކަޅު ދުންތައް އަރަމުންދިޔަ އެވެ. ތިން ބުރީގެ އެ އިމާރާތުގެ އެތެރެއިން ނަގާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، އަލިފާނުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތަނުގައި ހުރި މެޝިނަރީތަކާއި ސާމާނުތައް ވަނީ އަނދައި އަޅިއަށް ވެފައެވެ.
ފާއިތުވި އަހަރުތަކުގައި އިންޑޮނޭޝިއާގައި މީހުން މަރުވާ ފަދަ ނުރައްކާތެރި އަލިފާނުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 22 މީހުން މަރުވިއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރު ސުލަވެސީ އައިލެންޑުގައި ހުންނަ ނިކަލް ޕްރޮސެސިން ޕްލާންޓެއްގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި މަދުވެގެން 13 މީހުން މަރުވެފައިވެ އެވެ.











