އިންޑޮނީޝިޔާގައި އަލިފާން ރޯވި ފެރީއަކުން 460 މީހުން ސަލާމަތްކޮށްފި
21 އޮކްޓޯބަރު 2026 | ބުދަ 04:58އިންޑޮނޭޝިޔާގެ މެރާކް ބެސާރު ކައިރިން ދަތުރުކުރި ފެރީއެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، 18 އުޅަނދެއްގެ އެހީތެރިކަމާއެކު އޭގައި ތިބި 460 މީހުން ސަލާމަތްކޮށްފި. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، މިއީ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާ އެ ސަރަހައްދުގެ އެންމެ ބާރުބޮޑު އެއް ފެރީ ރޫޓެއް


އިންޑޮނޭޝިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގި ފެރީއަކުން ސަލާމަތް ކޮށްފައިވާ ބައެއް ފަސިންޖަރުން | އަނަދޮލު އޭޖެންސީ
އިންޑޮނީޝިޔާގެ ޖާވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ފަސިންޖަރުން އުފުލާ ފެރީއެއްގައި އަންގާރަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައި، އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ސަލާމަތީ އޮޕަރޭޝަނަކަށް ފަހު، އޭގައި ތިބި 460 ފަސިންޖަރުންނާއި ފަޅުވެރިން ސަލާމަތްކޮށްފި އެވެ.
ޖުމުލަ 420 ފަސިންޖަރުންނާއި 40 ފަޅުވެރިންނާއެކު ދަތުރުކުރި 'ކޭއެމްޕީ ބަޓުމަންޑީ' ނަމަކަށް ކިޔާ މި ފެރީގައި އަލިފާން ރޯވީ ބަންޓެން ޕްރޮވިންސްގެ މެރާކް ބެސާރު ޖަޒީރާ ކައިރިން ކަމަށް، ރެސްކިއު އޮފިޝަލުންނާ ހަވާލާދީ އެ ޤައުމުގެ ނޫހަކުން ރިޕޯޓުކޮށްފައިވެ އެވެ. މީހުން ސަލާމަތްކުރުމަށާއި އަލިފާން ނިއްވުމުގެ އޮޕަރޭޝަނުގައި ރެސްކިއު ބޯޓުފަހަރާއި، ޓަގުބޯޓުތަކާއި، ޕެޓްރޯލް ކުރާ އުޅަނދުތަކުގެ އިތުރުން މަސްދޯނިފަހަރު ހިމެނޭހެން ޖުމްލަ 18 އުޅަނދަކާއި އެހީތެރިވާ ޔުނިޓުތައް ހަރަކާތްތެރިވި އެވެ.
އެ އުޅަނދުން ބޯކޮށް ކަޅު ދުން އަރަމުންދިޔަ މަންޒަރާއި، ބިރުވެރިކަމެއްގެ ތެރޭގައި ތިބި ފަސިންޖަރުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ މަންޒަރު، އެ ޤައުމުގެ މީޑިއާތަކުން ދައްކާފައިވާ ވީޑިއޯތަކުން ފެނެ އެވެ. ފެރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.
މެރާކްއަކީ ސުންދާ ކަނޑުއޮޅި ހުރަސްކޮށް ޖާވާއާއި ސުމާތުރާގެ ރަށްތައް ގުޅުވައިދޭ މައި ފެރީ ބަނދަރަކަށްވާއިރު، މިއީ އިންޑޮނީޝިޔާގެ އެންމެ ބާރުބޮޑު އެއް ފެރީ ރޫޓެވެ. 17،000 އަށް ވުރެ ގިނަ ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވިގެންވާ އިންޑޮނީޝިޔާއަކީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. މި ގޮތުން، ނިމިދިޔަ މަހު ޖާވާ ކަނޑަށް ފެރީއެއް ބަންޑުން ޖަހާލި ހާދިސާގައި 80 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











