ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
26 އޮކްޓޯބަރު 2026 | ހޯމަ 10:35ށ. ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ރަށުގެ ޕެޓްރޯލް ޝެޑާއި ގެއެއް އެއްކޮށް އަނދައި، އިތުރު ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. މި ހާދިސާގައި ދުމުގެ އަސަރުކުރި ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، ފުލުހުންގެ ޚާއްސަ ޓީމަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން


ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ | އެންޑީއެމްއޭ
ށ.ފުނަދޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:15 ގަ އެވެ. އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނީ މެންދުރު 12:05 ގަ އެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެންނެވެ.
މި ހާދިސާއާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެންޑީއެމްއޭއިން ބުނީ، ގެއްލުން ލިބުނު 1 ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި ކެއިންބުއިމުގެ އިންތިޒާމު 5 ދުވަހުގެ މުއްދަތަށް ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ވެސް ފަރުވާދީފައިވެ އެވެ.
މި އަލިފާނުގެ ހާދިސާގައި އެއް ގެއަށް އަލިފާނުގެ އަސަރުކޮށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. ފުނަދޫގައި އަމިއްލަ ވިޔަފާރިއަކުން ހަމައެކަނި އޮޕަރޭޓްކުރާ "ފަތްމިނި" ނަމަކަށް ކިޔާ ޕެޓްރޯލް ޝެޑް ވެސް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.
މިހާތަނަށް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ. އަދި މިިހާދިސާ ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމަކުން އިތުރަށް ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.











