ނަތަންޔާހޫ ހިމެނޭ މައްސަލައިގައި އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކާ ގުޅިގެން ފުޅާ ތަހުގީގަކަށް އެދިއްޖެ
25 އޮކްޓޯބަރު 2026 | އާދީއްތަ 08:43ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިއްލާގެ ބައިވެރިންނަށް އިސްރާއީލުން ކުރި އަނިޔާތަކުގެ ތަފްސީލުތައް ކޯޓަށް ހުށަހަޅާފައިވާއިރު، މި ޖަރީމާތަކުގައި ބައިވެރިވި ތުރުކީވިލާތުގެ ރައްޔިތުން ތަހުގީގުކުރުމަށް އިސްތަންބޫލް ކޯޓުން ވަނީ އަމުރުކޮށްފައި. މީގެއިތުރުން، ޣައްޒާގައި ހިންގާ ނަސްލުހޭދުކުރުމުގެ އަމަލުތަކާ ގުޅޭ ބައިނަލްއަގުވާމީ ރިޕޯޓުތައް ހޯދުމަށާއި، އިސްރާއީލުގެ އިސްވެރިންނާ ދެކޮޅަށް އާ ދައުވާއެއް ތައްޔާރުކުރުމަށް ވެސް ޕްރޮސެކިއުޓަރުންނަށް ވަނީ އަންގާފައި


ޣައްޒާއަށް އެހީގެ ސާމާނާއެކު ދަތުރު ކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ އުޅަނދަކަށް ޔަހޫދީ އިސްރާާއީލުގެ ސިފައިން އަރައިގަނެ، އޭގައި ތިބި އެކްޓިވިސްޓުން ހައްޔަރުކުރާ މަންޒަރުތައް | އަނަދޮލު އޭޖެންސީ
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބައިވެރިން އިސްރާއީލުގެ ބަންދުގައި ތިބިއިރު، އެ މީހުންނަށް އަނިޔާކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ތުރުކީވިލާތުގެ ރައްޔިތުންގެ މައްސަލަ ތަހުގީގުކުރުމަށް އިސްތަންބޫލުގެ ކޯޓަކުން ޕްރޮސެކިއުޓަރުންނަށް އަމުރުކޮށްފި އެވެ. މި އަމުރު ނެރުނީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ހިމެނޭ ގޮތަށް 35 ދައުވާލިބޭ ފަރާތަކާ ދެކޮޅަށް ކުރިއަށްދާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގަ އެވެ.
އިސްތަންބޫލުގެ 11 ވަނަ ހައި ކްރިމިނަލް ކޯޓުން ނިންމީ، އިސްރާއީލުގެ ބަންދުގައި ހިންގި އަނިޔާތަކުގައި ބައިވެރިވި ކަމަށް ޝަކުވާ ހުށަހެޅި ފަރާތްތަކުން ފާހަގަކޮށްފައިވާ ތުރުކީވިލާތުގެ ރައްޔިތުންގެ ވަނަވަރު ދެނެގަނެ، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓަރުންނަށް ފޮނުވުމަށެވެ. މީގެއިތުރުން، މި މައްސަލައިގައި ދައުވާލިބޭ 35 މީހަކާ ދެކޮޅަށް މިހާރު ވެސް ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރުތަކާއި އިންޓަޕޯލް ރެޑް ނޯޓިސްގެ އެދުންތައް ދެމިއޮންނާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. މި މައްސަލައަކީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ގްލޯބަލް ސުމޫދު ފްލޮޓިއްލާ، އިސްރާއީލުން ހަތިޔާރުއެޅި ސިފައިން ފޮނުވައިގެން ހުއްޓުވި ހާދިސާއާ ގުޅިގެން ކުރިއަށްދާ މައްސަލައެކެވެ.
ފްލޮޓިއްލާގެ ބައިވެރިން ތަހައްމަލުކުރި އަނިޔާތަކުގެ ތަފްސީލު
ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަމުން، މި މައްސަލައިގައި ޝަކުވާ ހުށަހެޅި ޑޮކްޓަރެއް ކަމަށްވާ އޮސްމާން ޗެތިންކާޔާ ބުނީ، އޭނާ އެ ފްލޮޓިއްލާގައި ބައިވެރިވީ ޣައްޒާގެ ފަލަސްތީނު ރައްޔިތުންނަށް ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ކަމަށެވެ. އެ މީހުންގެ އުޅަނދުން ފަސް ނުވަތަ ހަ ފޮށީގެ ބޭސްފަރުވާގެ ސާމާނު އިސްރާއީލުގެ ސިފައިން އަތުލައިގަތް ކަމަށާއި، އިސްރާއީލުގެ އަޝްދޫދު ބަނދަރުގައި ބައިވެރިންނަށް އަނިޔާކުރި ކަމަށް އޭނާ ބުންޏެވެ. ހަމަމިއާއެކު، ދައުވާލިބޭ ފަރާތްތަކާ ދެކޮޅަށް މައްސަލަ ކުރިއަށްގެންދަން ބޭނުންވާ ކަމަށް ޗެތިންކާޔާ ބުންޏެވެ.
ޝަކުވާ ހުށަހެޅި އަނެއް ބައިވެރިޔާ ކަމަށްވާ ޒައިނެޕް ތެކޯޖަކް ބުނީ، ދެ ފަހަރެއްގެ މަތިން އޭނާގެ އަންނައުނު ބާލުވައި ބަލައިފާސްކުރި ކަމަށާއި، ބޮލުގައި އަޅާފައިއޮތް ބުރުގާ ނަގަން ދެކޮޅު ހެދުމުން އިސްރާއީލުގެ ސިފައިންނާ ދެމެދު ކުރިމަތިލުމެއް ހިނގި ކަމަށެވެ. "އަޅުގަނޑުގެ ބުރުގާގެ ބަދަލުގައި އެ މީހުން ދިން ހެދުން ލައްވައިގެން، ވީޑިއޯ ރެކޯޑުކޮށް އަޅުގަނޑަށް މަލާމާތްކުރި،" ކޯޓުގައި ތެކޯޖަކް ބުންޏެވެ.
އޭނާ ހައްޔަރުކުރި ސިފައިންގެ މީހުންގެ ތެރެއިން އެކަކީ ތުރުކީވިލާތުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޔޮޒްގާތަށް ނިސްބަތްވާ މީހެއް ކަމަށް އެ ސިފައިންގެ މީހާ ބުނެފައިވާ ކަމަށް ތެކޯޖަކް ބުންޏެވެ. "އަޅުގަނޑުމެންގެ ޒާތީ ތަކެތި އެ މީހުން އަތުލި. އޭގެ ތެރެއިން އެއްވެސް އެއްޗެއް އަނބުރާ ނުލިބޭ. އަޅުގަނޑުމެންގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް ވަރަށް ބޮޑަށް އަރައިގަތް. އަޅުގަނޑު މި މައްސަލައިގައި ޝަކުވާ ހުށަހަޅަން،" ތެކޯޖަކް ބުންޏެވެ.
ހެކިބަސް ދެއްވަމުން ތުރުކީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ސެމާ ސިލްކިން އުން ވިދާޅުވީ، ހައްޔަރުކުރުމަށްފަހު އޭނާއާއި ގާތްގަނޑަކަށް 80 ބައިވެރިން ބަންދުކޮށްފައި ބެއިތިއްބީ ވައިދައުރުވުން ދަށް ކޮޓަރިއެއްގައި ކަމަށެވެ. އެ މީހުން ޤުރުއާން ކިޔަވަން ތިއްބައި އިސްރާއީލުގެ ސިފައިންގެ މީހަކު އިސްލާމްދީނަށް ފުރައްސާރަކުރި ކަމަށް އުން ވިދާޅުވި އެވެ. ބަންދުގައި ތިބި މީހުންނަށް ނިދުމުގެ ފުރުސަތު ނުދީ، ބަހުގެ ހަމަލާތަކާއި ނަފްސާނީ ގޮތުން އަނިޔާކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ބަންދުކޮށްފައި ތިބި ތަނުގައި ލޯ މަރައިލުމުގެ ހުއްދައެއް ވެސް ނުދޭ. ނިދުން އޮތީ މަނާކޮށްފައި،" އޭނާ ވިދާޅުވި އެވެ. ޖެހިގެން އައި ދުވަހު އެ ތަނަށް އައި ފުލުހުން، ޢިބްރީ ބަހުން ތުރުކީވިލާތަށާއި ބަންދުގައި ތިބި މީހުންނަށް ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަކުރި ކަމަށް އުން ވިދާޅުވި އެވެ.
ޣައްޒާގައި ހިންގި ޖަރީމާތައް މައްސަލައިގެ ތެރެއަށް އިތުރުކުރުމުގެ ގޮވައިލުން
މި ޝަރީއަތުގެ މަރުހަލާއަކީ ތާރީޚީ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، އިސްތަންބޫލް 2 ނަންބަރު ބާ އެސޯސިއޭޝަންގެ ރައީސް ރިޒާ ސަކާ ވަނީ މި މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ އިތުރު ހެކިތައް ހިމެނުމަށް ގޮވައިލައްވާފަ އެވެ. މި ގޮތުން، ޣައްޒާގައި ނަސްލުހޭދުކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން (އައިސީޖޭ) ނެރެފައިވާ ވަގުތީ އަމުރުތަކަށް އޭނާ އަލިއަޅުއްވާލެއްވި އެވެ. އައިސީޖޭގެ ކަމާގުޅޭ ލިޔެކިޔުންތަކުގެ ކޮޕީތަކާއި، ޣައްޒާގައި ނަސްލުހޭދުކުރުމުގެ ތުހުމަތުތަކާ ގުޅޭގޮތުން އދ. އިން އެކުލަވައިލާފައިވާ ރިޕޯޓު ހޯދުމަށް ސަކާ އެދިވަޑައިގެންނެވި އެވެ. ހަމަމިއާއެކު، ނަތަންޔާހޫއާއި ދައުވާލިބޭ އެހެން ފަރާތްތަކާ ދެކޮޅަށް ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރުތަކާއި ރެޑް ނޯޓިސްތަކުގެ ވާހަކަ ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގައި ނަސްލުހޭދުކުރުމާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި، އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުމުގެ ތުހުމަތުތައް ހިމެނޭ ކަމަށް ވަކީލު ޔާސިން ޝާމްލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ވަކީލުން ވަނީ ހެކީގެ ގޮތުގައި އަށް ވޮލިއުމްގެ ލިޔެކިޔުން ހުށަހަޅާފައި ކަމަށާއި، އޭގެ ތެރެއިން ފަސް ވޮލިއުމަކީ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތަކާ ގުޅޭ ހެކިތައް ކަމަށެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި އުދުވާނަށް ވަކި ދައުވާއެއް އުފެއްދުން
ކޯޓުގެ ވަގުތީ ނިންމުމުގައި ފާހަގަކޮށްފައި ވަނީ، މިހާރު ހުށަހެޅިފައިވާ ދައުވާ ލިޔުމުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައި ވަނީ ގްލޯބަލް ސުމޫދު ފްލޮޓިއްލާއާ ދެކޮޅަށް ހިންގި އަމަލުތައް ކަމަށާއި، ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ތުހުމަތުތައް ހުށަހަޅާފައި ވަނީ ނުސީދާކޮށް އަދި އާންމު މާނައެއްގައި ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، ނަސްލުހޭދުކުރުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތަހުގީގުތައް ހިންގޭނީ ތުރުކީވިލާތުގެ އިންސާފާ ބެހޭ ވަޒީރުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.
ދައުވާ ލިޔުމުގައި ބަޔާންކޮށްފައިވާ ހަގީގީ ކަންކަމުގެ މައްޗަށް ކޯޓުތައް ބިނާވާންޖެހޭނެ ކަމަށް ބަޔާންކުރާ އުސޫލަށް ރިއާޔަތްކޮށް، އާ ދައުވާ ލިޔުމެއް ތައްޔާރުކުރުމާ ގުޅޭގޮތުން ޕްރޮސެކިއުޓަރުންނަށް ރަސްމީކޮށް އެދުމަށް ބެންޗުން އަމުރުކުރި އެވެ. އެ އެދުމުގައި ވަނީ، ފްލޮޓިއްލާއާ ގުޅުންހުރި ކަންކަމުގެ އިތުރުން ވަކިން، ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތައް ސާފުކޮށް ބަޔާންކޮށް، އެ ކަންކަން ސާބިތުކުރުމަށް ހުރި ހެކިތަކާ ގުޅުވައިދިނުމަށެވެ. އަދި އެ މަރުހަލާގައި، އިސްތަންބޫލް 2 ނަންބަރު ބާ އެސޯސިއޭޝަނާއި އިންޓަނޭޝަނަލް ޖޫރިސްޓްސް ޔޫނިއަނުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ.
މުދަލުގެ ތަހުގީގާއި ބައިނަލްއަގުވާމީ ލިޔެކިޔުންތައް ހޯދުމުގެ އަމުރު
ދައުވާލިބޭ 35 ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަމުގައި ތުރުކީވިލާތުގައި ދައުރުވާ ނުވަތަ ދައުރުނުވާ މުދަލެއް ހުރިތޯ ބެލުމަށް ވެސް ފަނޑިޔާރުންގެ ބެންޗުން އަމުރުކުރި އެވެ. އަދި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި (އައިސީސީ) މި ފަރާތްތަކާ ގުޅޭގޮތުން ހިނގަމުންދާ މައްސަލަތަކުގެ ލިޔެކިޔުންތައް ހޯދުމަށް އިންސާފާ ބެހޭ ވުޒާރާ މެދުވެރިކޮށް އެދުމަށް ވެސް ކޯޓުން ވަނީ އަންގާފަ އެވެ. މީގެއިތުރުން، ޣައްޒާގައި ހިންގި ނަސްލުހޭދުކުރުމުގެ ތުހުމަތުތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ އދ. ގެ ރިޕޯޓު އެ ވުޒާރާ މެދުވެރިކޮށް ހޯދުމަށް ވެސް ކޯޓުން އަމުރުކުރި އެވެ.
ޝަކުވާ ހުށަހެޅި ފަރާތްތަކާއި، އިސްތަންބޫލް 2 ނަންބަރު ބާ އެސޯސިއޭޝަނާއި، އިންސާނީ ހައްގުތަކާ ބެހޭ އިދާރާއާއި، އިންޓަނޭޝަނަލް ޖޫރިސްޓްސް ޔޫނިއަން އަދި އެސޯސިއޭޝަން އޮފް ލޯޔާސް އޮފް ދި އާތު ހިމެނޭހެން ބައެއް ޖަމުއިއްޔާތަކުން ޝަރީއަތުގެ މަރުހަލާގައި ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުންތައް ކޯޓުން ވަނީ ބަލައިގަނެފަ އެވެ.
މި މައްސަލައިގެ އަޑުއެހުން ދެން އޮންނާނީ 2027 މާރިޗު 30 ގަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











