ހަރަދުތައް ބޮޑުވެ، ދައުލަތުގެ ބަޖެޓުގައި 3.83 ބިލިއަން ރުފިޔާގެ ޑެފިސިޓެއް!
17 ނޮވެމްބަރު 2026 | އަންގާރަ 10:04މި އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިތުރުވެ 3.83 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އުފެދިފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި ސަބްސިޑީ އަދި ތައުލީމީ ދާއިރާއަށް. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު މިހާރު ވަނީ 101.66 ބިލިއަން ރުފިޔާއަށް އަރާފައި


ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ރައީސް އޮފީސް
ދައުލަތުގެ ބަޖެޓުން މިހާތަނަށް 3.83 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ނުވަތަ ދަރަނި އުފެދިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ނެރުނު ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައި 3.43 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 13.40 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އިދާރީ ހިންގުމުގެ ހަރަދުތަކަށް 20.86 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިދިޔަ ހަފުތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް އިތުރުވެފައިވަނީ ސަބްސިޑީގެ ގޮތުގައި ދޫކުރި ފައިސާއިންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސަބްސިޑީއަށް މިހާތަނަށް 4.59 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ދައުލަތުގެ އިދާރާތަކުން ބަޖެޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން 4.8 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވެ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުންނެވެ. އެއީ 3.60 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 3.11 ބިލިއަން ރުފިޔާ އަދި ފުލުހުންގެ ހިދުމަތުން 2.40 ބިލިއަން ރުފިޔާ ވަނީ ބޭނުންކޮށްފަ އެވެ.
ދައުލަތުގެ ދަރަނީގެ ހާލަތަށް ބަލާއިރު، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ ޖުމްލަ އަދަދު ވަނީ 101.66 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރަށް ދޫކޮށްފައިވާ ޓްރެޜަރީ ބިލްތަކާއި ބޮންޑުތަކެވެ. އެގޮތުން އެމްވީއާރު ޓްރެޜަރީ ބިލްގެ ގޮތުގައި 42.98 ބިލިއަން ރުފިޔާ އަދި އެމްވީއާރު ޓްރެޜަރީ ބޮންޑުގެ ގޮތުގައި 33.32 ބިލިއަން ރުފިޔާ ހިމެނެ އެވެ. ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ ބޮންޑުގެ އަދަދަކީ 1.54 ބިލިއަން ރުފިޔާ އެވެ.
ހަމައެއާއެކު، މި އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 35.98 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި މުއްދަތުގައި ދައުލަތުން ކުރި ޖުމްލަ ހަރަދުގެ މިންވަރު ވަނީ 39.81 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކަ އެވެ.
އެހެންކަމުން، ދައުލަތުގެ ބަޖެޓުން މިހާތަނަށް 3.83 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ނުވަތަ ދަރަނި އުފެދިފައިވާކަން އެ މިނިސްޓްރީގެ ރިޕޯޓުން އެނގެ އެވެ.
މީގެ އިތުރުން، މިއަހަރުގެ ބަޖެޓުން މިހާތަނަށް ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 5.47 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 5.38 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދޭ އެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖުމްލަ 64.20 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 40.37 ބިލިއަން ރުފިޔާ އެވެ. ފައިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، 9 އޭޕްރީލް 2026 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހަރަދުތައް ބަޖެޓު ތާވަލުތަކުން އުނިކޮށް، ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ބައެއް ވުޒާރާތަކަށް އައި ބަދަލުތަކާ ގުޅިގެން ބަޖެޓު ބޭނުންކުރާ ގޮތަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން އެ މިނިސްޓްރީން ބަޔާންކުރެ އެވެ.











