ޖޫންމަހުގެ ނިޔަލަށް 34 ބިލިއަން ޚަރަދުކޮށްފި، ހުސްވި އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު!
30 ޖުލައި 2026 | ބުރާސްފަތި 12:04މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 22.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ. ބަޖެޓު 1.3 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައިވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 20.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތަކަށް ޖޫން މަހުގެ ނިޔަލަށް ހޭދަކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާ

މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު | ފިނޭންސް މިނިސްޓްރީ
ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 34.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 19 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 44.5 އިންސައްތައިގެ ބޮޑު އިތުރުވުމެއްކަން ފާހަގަ ކުރެވިއްޖެ އެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކުރި ރިޕޯޓުން ދައްކާގޮތުގައި، ޚަރަދުތަކުގެ ތެރެއިން ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 20.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށެވެ.
މާލީ ހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު އޮތީ 1.3 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި 34.2 ބިލިއަން ރުފިޔާ ބޭނުންކޮށްފައިވާއިރު، މީގެ ތެރޭގައި ލޯނު އަދާކުރުމަށް ކުރި 9.2 ބިލިއަން ރުފިޔާގެ ހޭދަވެސް ހިމެނެ އެވެ.
ޖޫން މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.3 އިންސައްތައިގެ އިތުރުވުމެކެވެ. ޖޫން މަހު އެކަނިވެސް ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ.
އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 17.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 9.6 ބިލިއަން ރުފިޔާ އާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު 3.5 ބިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ފީތަކާއި ކުލީގެ ގޮތުގައި ލިބުނު ފައިސާ ހިމެނެ އެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތަކަށް ޖޫން މަހުގެ ނިޔަލަށް 2.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ތައުލީމީ އަދި ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީއަށެވެ. ވަކިވަކި އިދާރާތަކުގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ސަލާމަތީ ބާރުތަކަށެވެ.
ޖުލައި 30 ގައި ނެރުނު ރިޕޯޓާބެހޭ ގޮތުން ފައިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މި ހިސާބުތަކަކީ 22 ޖުލައި 2026 އާ ހަމައަށް ރިކޯޑުކުރެވިފައިވާ މައުލޫމާތުތަކެވެ. އަދި ހިސާބުތައް ދިމާކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.









