ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް
12 ނޮވެމްބަރު 2026 | ބުރާސްފަތި 04:26ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އީރާނާއި ޢުމާނުން އެއްބަސްވެފައިވާއިރު، ސަރަހައްދީ ހަމަޖެހުމަށް ޓަކައި އީރާނުން ވަނީ އެމެރިކާއަށް ހަތް ޝަރުތެއް ހުށަހަޅާފައި. މީގެ އިތުރުން ޔަމަނުގެ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު އޮތްކަން ހާމަކުރައްވައި، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވަނީ އެމެރިކާއިން އައު ހަމަލާތަކެއް ދީފާނެތީ އެ ކަމުގެ އިންޒާރު ދެއްވާފައި


އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ސުލްހައިގެ މަޝްވަރާތަކުގައި ތެހެރާން ތަމްސީލު ކުރައްވާ މުޙައްމަދު ބާޤިރު ޤާލީބާފް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަލް ޖަޒީރާ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ކުރިން ހުރްމުޒް ކަނޑުއޮޅި އޮތް ހާލަތަށް "ދުވަހަކު ވެސް އެނބުރި ނުދާނެ" ކަމަށް، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ސުލްހައިގެ މަޝްވަރާތަކުގެ އެންމެ އިސް މަންދޫބު މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ޝާއިޢުކުރި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން، އަށް މަސް ދުވަސް ވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތެހެރާނުން ހުށަހެޅި ހަތް ނުކުތާގެ ހުށަހެޅުމުގެ ދަށުން، މި މުހިންމު ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި ޢުމާނުން އެއްބަސްވުމަކަށް އައިސްފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.
"އެ ތަނުގައި 'މިނިވަން ކަނޑުގެ ސަރަހައްދެއް' ނޯންނާނެ، އަދި، ކަނޑުގެ ޤާނޫނާ ބެހޭ 1982 ވަނަ އަހަރުގެ [އދ. ގެ] މުއާހަދާ އެ ކަނޑުއޮޅިއަކަށް ނުހިނގާނެ. ހުރްމުޒް ކަނޑުއޮޅީގެ އުސޫލުތައް ހިނގާނީ އެ ކަނޑުއޮޅިއާ އިންވެގެން އޮންނަ އައްސޭރިފަށުގެ ދެ ޤައުމުގެ ޤާނޫނުތަކުގެ ދަށުން،" ޤާލީބާފް ވިދާޅުވި އެވެ.
ސުލްހައިގެ މަޝްވަރާތަކަށް އީރާނުގެ ހަތް ޝަރުތު
ޤަޠަރުގެ މެދުވެރިވެގެން ތެހެރާނުން އެމެރިކާއަށް ސާފު ޖަވާބެއް ދީފައިވާ ކަމަށާއި، އޭގައި ސުލްހައިގެ މަޝްވަރާތަކަށް އީރާނުން ކަނޑައަޅާ ހަތް ޝަރުތު ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. މި ގޮތުން، އެ ހުށަހެޅުންތަކަށް އެމެރިކާގެ ރަސްމީ ޖަވާބަކަށް އީރާނުން އިންތިޒާރު ކުރަމުންދާ ކަމަށް ޤާލީބާފް ވިދާޅުވި އެވެ. "ބޯޅަ މިހާރު އޮތީ އެމެރިކާގެ ކޯޓުގައި،" އޭނާ ވިދާޅުވި އެވެ.
އީރާނުގެ ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހިސާރާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމާއި، ހުރިހާ މައިދާންތަކެއްގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، ހަނގުރާމަ ނިމުމަކަށް އައިސްފައިވާ ކަން ސާފުކޮށް އިޢުލާނުކުރުން ހިމެނޭ ކަމަށް އޭނާ ބަޔާންކުރެއްވި އެވެ.
މި ހުށަހެޅުންތަކަކީ ޖޫން މަހު ސޮއިކުރި އިސްލާމްއާބާދު ފަހުމުނާމާގައި ހިމެނޭ ކަންކަން ކަމަށާއި، އެމެރިކާއާއެކު މަޝްވަރާތަކަށް ވަނުމުގެ ކުރިން އެ ކަންކަން ތަންފީޒުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޤާލީބާފް ވިދާޅުވި އެވެ.
"އިތުރު ހައްދުފަހަނައަޅާފައިވާ ޝަރުތުތަކެއް ކުރިމަތިނުކޮށް، އަދި އިތުބާރު ގެއްލޭ ފަދަ އަމަލުތަކެއް ނުހިންގައި، އެއްބަސްވެވިފައިވާ ކަންކަމުގެ ތެރޭގައި އެމެރިކާ ހިފެހެއްޓިއްޖެ ނަމަ، ތަބީއީ ގޮތުން އެއްބަސްވުމަކަށް އާދެވިދާނެ،" ޤާލީބާފް ވިދާޅުވި އެވެ. "އެއްބަސްވުމަކަށް އައުމަށް އޮތް ހުރަހަކީ އެމެރިކާއަށް އަޅުގަނޑުމެން ކުރާ އިތުބާރު ނެތުން."
ހަނގުރާމަ އަލުން ފެށުމާ ގުޅޭ އިންޒާރު
ރަޝިއާގެ ވެރިރަށް މޮސްކޯއަށް ކުރެއްވި ދަތުރުފުޅެއްގައި، ތެހެރާނާއެކު ސީދާ މަޝްވަރާތައް ބޭއްވުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް އެމެރިކާގެ އޮފިޝަލުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ އަރިހުން އެދިވަޑައިގެންނެވި ކަން ވެސް ޤާލީބާފް ހާމަކުރެއްވި އެވެ.
ހަމަމިއާއެކު، އީރާނާ ދެކޮޅަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފާނެތީ، އެ ކަމާ ދެކޮޅަށް އޭނާ އިންޒާރުދެއްވި އެވެ. އެ ފަދަ ހަމަލާތަކެއް ދީފި ނަމަ، ޖަނަވަރީ މަހު މަގާމާ ހަވާލުވާ އައު ކޮންގްރެސްގެ ސިޔާސީ ފިއްތުންތަކާއި އިތުރު ނާކާމިޔާބީއަކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ކަމަށް ޤާލީބާފް ވިދާޅުވި އެވެ.
"ހަނގުރާމައެއް ނެތް އަދި ސުލްހައެއް ވެސް ނެތް" ފަދަ ހާލަތުން އަރައިގަތުމަށް އީރާނުން އަޒުމު ކަނޑައަޅާފައިވާ ކަމަށާއި، އަސްކަރީ ގާބިލުކަން ހިމެނޭހެން ދެމެހެއްޓެނިވި ދިފާޢީ ރައްކާތެރިކަމުގެ ގާބިލުކަމެއް ގާއިމުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަމަނުގެ މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުން
ސަޢުދީ ޢަރަބިއްޔާގެ އެހީތެރިކަން ލިބޭ ޔަމަނުގެ ޤާނޫނީ ސަރުކާރުގެ ސިފައިންނާއި، ޔަމަނުގެ އަންޞާރުﷲ ގެ ނަމުން މަޝްހޫރު ހަތިޔާރުއެޅި ޖަމާޢަތް ކަމަށްވާ ހޫޘީންނާ ދެމެދު ޔަމަނުގައި މިހާރު ހިނގަމުންދާ ހަނގުރާމައަށް "އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ" ކަމަށް ޤާލީބާފް ވިދާޅުވި އެވެ.
"ޔަމަނުގެ ސަރުކާރާއި ސަޢުދީ ޢަރަބިއްޔާއިން ވެސް އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ ދެ ފަރާތުގެ ދެމެދުގައި އޮތް ހަމަނުޖެހުން ހައްލުކުރުމަށް އަޅުގަނޑުމެން ކަށަވަރުން ވެސް އެހީތެރިކަން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.
ސަޢުދީ ޢަރަބިއްޔާއަށް ދިން ސިލްސިލާ ހަމަލާތަކަކަށްފަހު، އޮކްޓޫބަރު މަހު ވެސް ސަޢުދީ ޢަރަބިއްޔާއާއި ޔަމަނުގެ ހޫޘީ ޖަމާޢަތާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް އީރާނުން ވަނީ ހުށަހަޅާފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











