މިހާރު ވެސް ގާނޫނު ހަދާ މަޖިލިސް އޮތީ އަލައްބާރުގެ ދަށުގައި، ހުރިހާ މިނިސްޓަރުން ތިއްބެވީ އީގަލް ހިލްސްގެ ދަށުގައި: އަލީ ހުސެއިން
8 ނޮވެމްބަރު 2026 | އާދީއްތަ 03:08ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނަ ފަދަ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ. ބޭރުގެ ނުފޫޒުގަދަ ކުންފުނިތަކުގެ ދަށުވެ، ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމަކީ ގައުމުގެ މިނިވަންކަމާއި އިސްލާމީ އައިޑެންޓިޓީއަށް އޮތް ބޮޑު ނުރައްކަލެއްކަން އޭނާ ފާހަގަކުރެއްވި


"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް މިހާރުވެސް އޮތީ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ދަށުގައި ކަމަށާއި ހުރިހާ މިނިސްޓަރުން ވެސް ތިއްބެވީ އެ ކުންފުނީގެ ދަށުގައި ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް އުނި ކަމެއް އަންނަ ކަމަށް ވާނަމަ އެކަމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބުނާ ކަމަށެވެ.
ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ އުނިކަމަކީ، ނުވަތަ މި ސަރަހައްދަށް އަންނަން އުޅޭ ބޮޑު ބަދަލަކީ މި ދިވެހި ފަސްގަނޑުގައި، މި ދިވެހި ގައުމުގައި ޣައިރު ދީންތަކުގެ މީހުންނަށް ވަޒަންވެރިކަން ދިނުން ކަމަށާއި ދުވަސްކޮޅެއް ފަހުން އެމީހުން ވަޒަންވެރިވުމާ ގުޅިގެން ލިބޭ އެތައް ބައިވަރު ހައްގުތަކެއް ފެންނާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު ވެސް، އަޅުގަނޑުމެންގެ ގާނޫނު ހަދާ މަޖިލިސް އެއޮތީ ހަމަ ސީދާ އަލައްބާރުގެ ދަށުގައި. މިއަދު ހުރިހާ މިނިސްޓަރުން އެތިބީ އީގަލް ހިލްސްގެ ދަށުގައި. އެހެންވީމާ މި ހުރިހާ ކަމެއް އަދި ވާން މި އުޅެނީ. ސޮއިކުރުމުގެ ކުރީން ވެސް އެމީހުން އެ ތިބީ ހަގީގަތުގައި ބޮޑެތި ކުންފުނީގެ ދަށުގައި. އިޒްރޭލް ނުވަތަ ޒަޔަނިސްޓުގެ ދަށުވެފައި. މިހާރު ވެސް އެ ތިބީއަލީ ހުސެއިން
އެހެންކަމުން އެމީހުންނަށް މިތަނުގެ ވަޒަންވެރިކަން ލިބުމުން އެ އަންނަނީ ވަރަށް ބޮޑު ބަދަލެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ވަކި ސަރަހައްދެއްގައި ބޭރު ދީންތަކުގެ އަހުލުވެރިން އުޅެން ފެށުމާއެކު ހުރިހާ ކަމެއް ވެސް ބަދަލުވެގެންދާ މަންޒަރު ފެންނާނެ ކަމަށެވެ.
މިހާރު ވެސް އޭގެ މިސާލުތައް ފެންނަމުންދާކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ މިއީ ހަގީގަތުގައި އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ބޮޑެތި ކަންކަން ކަމަށެވެ. މިއަދު އެ ފެންނަ މަންޒަރުތަކުން މިކަން ކުރިއަށް ގެންގޮސްފިނަމަ ރާއްޖޭގައި އާންމުވެގެން ދާނެ މަންޒަރުތައް ފެންނަ އިރު މިކަމާ ދެކޮޅުވާން ޖެހެނީ އެހެންވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.











