ބިންހިއްކުމުގެ މަޝްރޫއުތައް ހިންގަން އުފެއްދި ކުންފުނިން 1.05 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް އެއްވެސް އާމްދަނީ އެއް ނުލިބޭ!
7 ނޮވެމްބަރު 2026 | ހޮނިހިރު 03:32އެމްއޭސީއެލްގެ ސަބްސިޑިއަރީ ކުންފުނި، ޕެނިންސިއުލާ އިންފްރާސްޓްރަކްޗަރއަށް 2025 ވަނަ އަހަރު އާމްދަނީއެއް ނުލިބި 31،000 ރުފިޔާގެ ގެއްލުންވި ނަމަވެސް، މައި ކުންފުނީގެ އެހީތެރިކަމާއެކު މާލީ ގޮތުން ދަތިކަމެއް ނެތްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. މިލްކިއްޔާތުގައި 115.47 މިލިއަން ރުފިޔާ ހުރި މި ކުންފުންޏަކީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފަދަ ބޮޑެތި މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުންޏެއް


އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި: އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްއިން އަމިއްލަ ކުންފުންޏެއް ވަނީ އުފައްދާފައި | އެމްއޭސީއެލް
ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ހިންގަން އުފެއްދި ޕެނިންސިއުލާ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑަށް 2025 ވަނަ އަހަރުގެ އޮކްޓޫބަރު 8 އިން އެ އަހަރުގެ ނިޔަލަށް އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އެ ކުންފުނީގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
2026 ނޮވެމްބަރު 2 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި މި ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި ކުންފުންޏަށް އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. ކުންފުންޏަށް ލިބުނު ގެއްލުމަކީ އިދާރީ ހިންގުމުގެ ޚަރަދުތަކުގެ ގޮތުގައި ހޭދަވި 31،000 ރުފިޔާ އެވެ. މީގެ ސަބަބުން ހިއްސާއަކަށް ޖެހޭ ގެއްލުމުގެ މިންވަރު ހުރީ 0.27 ރުފިޔާގަ އެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ މުޅި މިލްކިއްޔާތުގެ އަގަކީ 115.47 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ އެހެނިހެން ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ ގޮތުގައި ހުރި 115.47 މިލިއަން ރުފިޔާ އެވެ. ކުންފުނީގެ އިކުއިޓީގެ ގޮތުގައި 11.37 މިލިއަން ރުފިޔާ ހުރިއިރު، މީގެ ތެރޭގައި ހިމެނެނީ ދޫކޮށްފައިވާ ހިއްސާގެ ގޮތުގައި ހުރި 11.40 މިލިއަން ރުފިޔާއާއި ގެއްލުމުގެ ގޮތުގައި އުނިކުރެވުނު 31،000 ރުފިޔާ އެވެ. އަދި ކުންފުނިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ގޮތުގައި 104.10 މިލިއަން ރުފިޔާ ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޕެނިންސިއުލާ އިންފްރާސްޓްރަކްޗަރ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސައްތަ އިންސައްތަ ހިއްސާ އޮންނަ ސަބްސިޑިއަރީ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، އިމާރާތް ކުރުމުގެ އިތުރުން ރިއަލް އެސްޓޭޓްގެ މަސައްކަތްތައް ކުރުމަށެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ވަނީ އެކި މަޝްރޫއުތަކަށް 1.05 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. ނަމަވެސް މި ޚަރަދުތަކަކީ އެމްއޭސީއެލްގެ ފަރާތުން ކުރި މަސައްކަތްތަކަކަށް ވާތީ، މި ފައިސާ ވަނީ އެމްއޭސީއެލް އަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އުނިކޮށްފަ އެވެ.
ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވަނީ، ކުންފުންޏަށް ގެއްލުންވަމުން ދިޔަ ނަމަވެސް، މައި ކުންފުނި އެމްއޭސީއެލްގެ މާލީ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޮތުމުން ކުންފުނި ހިންގުމުގައި ދަތިތަކެއް ނެތް ކަމަށެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދުތަކާއި ދަރަނިތައް އަދާކުރުމަށް ބޭނުންވާ ފައިސާ އެމްއޭސީއެލް އިން ފޯރުކޮށްދޭނެކަމުގެ ލިޔުމުން ދީފައިވާ ޔަގީންކަމަށް ރިޕޯޓުގައި ރިއާޔަތްކޮށްފައިވެ އެވެ. ހަމައެއާއެކު، ކުންފުނީގެ ރައުސްމާލުގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ހިއްސާ ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް ދޫކޮށްފައިވަނީ 113،985 ހިއްސާ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މި އޮޑިޓް ރިޕޯޓަކީ ބައިނަލްއަގުވާމީ މާލީ ރިޕޯޓިންގ މިންގަނޑުތަކާ (އައިއެފްއާރުއެސް) އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށާއި، ކުންފުނީގެ މާލީ ހާލަތު ސައްހަކޮށް އަންގައިދޭ ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. ކުންފުނީގެ މާލީ ހިސާބުތަކުގައި ސޮއިކުރައްވާފައިވަނީ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އާއި ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން އެމްއޭސީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު އަސަދު ހާޝިމު އެވެ. މި މުއްދަތުގެ ތެރޭގައި ކުންފުނިން އެއްވެސް ޑިވިޑެންޑެއް ބަހަން ނިންމާފައެއް ނުވެ އެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރު ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް މި ކުންފުންޏަށް ހަވާލުކޮށްފަ އެވެ. އަދި އަމަލީ މަސައްކަތް ފަށާ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެ އެވެ.











