އެމްއޭސީއެލްގެ ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ނިންމައިފި
6 ނޮވެމްބަރު 2026 | ހުކުރު 07:34އެމްއޭސީއެލްގެ އާމްދަނީ 9.32 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިން ލިބުނު 4.84 ބިލިއަން ރުފިޔާ. އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނިންމާފައިވާ ވަސީލަތްތަކާއެކު ކުންފުނީގެ މުދަލުގެ އަގު 22.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ވަނީ ނިންމާފައި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް | ސޯޝަލް މީޑިއާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ނިންމާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ސޮއިކުރައްވައި ނޮވެމްބަރު 2، 2026 ގައި ނެރުއްވި މި ރިޕޯޓުގައިވާ ގޮތުން، އެމްއޭސީއެލްއަށް 2025 ވަނަ މާލީ އަހަރު ސާފު ފައިދާގެ ގޮތުގައި 1.46 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2024 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 1.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
އެގޮތުން، ވޭތުވެދިޔަ އަހަރު އެމްއޭސީއެލްގެ އާމްދަނީ ވަނީ 9.32 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 8.51 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 9.5 އިންސައްތައިގެ އިތުރުވުމެކެވެ.
ކުންފުނީގެ އާމްދަނީގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެޔޮ ވިއްކައިގެންނެވެ. އެގޮތުން ތެލުގެ ވިޔަފާރިން 4.84 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޑިއުޓީ ފްރީ ފިހާރަތަކުން 809.7 މިލިއަން ރުފިޔާ އަދި ގްރައުންޑް ހޭންޑްލިންގެ ޚިދުމަތްތަކުން 673.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން އެއާޕޯޓްގެ އެކި ޚިދުމަތްތަކުން ލިބުނު ޓްރެފިކް ރެވެނިއުގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފަ އެވެ. ކުންފުނީގެ ހިންގުމުގެ ފައިދާ ނުވަތަ އޮޕަރޭޓިން ޕްރޮފިޓް ވެސް ވަނީ 1.57 ބިލިއަން ރުފިޔާއިން 1.90 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ނިމުނުއިރު އެމްއޭސީއެލްގެ މިލްކިއްޔާތުގައިވާ މުދަލާއި އިމާރާތްތަކުގެ އަގު ވަނީ 22.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2024 ވަނަ އަހަރުގެ 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މި ބަދަލު އައިސްފައިވަނީ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނިންމާފައިވާ ގިނަ ވަސީލަތްތަކެއް ކުންފުނީގެ ރައުސްމާލުގެ ތެރެއަށް ބަދަލުކުރުމާ ގުޅިގެންނެވެ. އެގޮތުން އަހަރުގެ ތެރޭގައި 11.4 ބިލިއަން ރުފިޔާގެ މަސައްކަތް ވަނީ ކެޕިޓަލް ވޯކް-އިން-ޕްރޮގްރެސް އިން ދާއިމީ މުދަލުގެ ގޮތުގައި ބަދަލުކޮށްފަ އެވެ. މީގެ ތެރޭގައި އައު އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތްތައް ހިމެނެ އެވެ.
އެމްއޭސީއެލްގެ ދަރަންޏަށް ބަލާއިރު، 2025 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ޖުމްލަ ލޯނުތަކާއި ދަރަނީގެ މިންވަރު ހުރީ 16.6 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ސަރުކާރު މެދުވެރިކޮށް ނަގާފައިވާ ލޯނުތަކެވެ. އެގޮތުން ޗައިނާ އެގްޒިމް ބޭންކާއި ސައުދީ ފަންޑާއި އަބޫދާބީ ފަންޑު އަދި އޯޕެކް ފަންޑުން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުން ވެސް ކުންފުނިން ވަނީ ލޯނު ނަގާފަ އެވެ. ކުންފުނީގެ ޖުމްލަ މުދަލުގެ އަގު 39.6 ބިލިއަން ރުފިޔާއަށް އަރާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 5.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އޮޑިޓް ރިޕޯޓުގައި ކުންފުނީގެ ހިންގުމާ ގުޅޭ މުހިންމު ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުންފުނީގެ ކަރަންޓް ލައިބިލިޓީސް ނުވަތަ އަހަރެއްގެ ތެރޭގައި ދައްކަންޖެހޭ ދަރަނި، ކުންފުނީގެ އަތުގައި ހުރި ނަގުދު ފައިސާއަށްވުރެ 4.86 ބިލިއަން ރުފިޔާ އިތުރުކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ކުންފުނީގެ ހިންގުމުން ލިބޭ ފައިދާއާއި ސަރުކާރުގެ އެހީތެރިކަމާއެކު ކުންފުނި ހިންގުމުގައި ދަތިތަކެއް ނެތް ކަމަށް ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފައިވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ވަނީ ނިންމާފަ އެވެ.
މި އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ދެއްވާފައިވަނީ "އަންކޮލިފައިޑް އޮޕީނިއަން" އެކެވެ. މާނައަކީ ކުންފުނީގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކާ އެއްގޮތަށް، ކުންފުނީގެ މާލީ ހާލަތު ސައްހަކޮށް ހާމަވާނެ ފަދަ ގޮތަކަށެވެ. އޮޑިޓްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކުންފުނީގެ މުދަލާއި ކުރިއަށްދާ މަޝްރޫއުތަކުގެ އަގު ވަޒަންކޮށްފައިވާ ގޮތަށެވެ. އެމްއޭސީއެލްގެ ދަށުން ހިންގާ ސަބްސިޑިއަރީ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް އިން-ފްލައިޓް ކޭޓަރިން، މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސަރވިސަސް، ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ އަދި މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ހިމެނެ އެވެ.










