ބުރުނީ ކައުންސިލުން 2024 ވަނަ އަހަރު ފާސްކުރި ބަޖެޓާއި، ރިވައިޒްޑް ބަޖެޓުގެ އަދަދުތައް ކައުންސިލްގެ ހިސާބުތަކާ ދިމައެއް ނުވޭ: އޮޑިޓް
6 ނޮވެމްބަރު 2026 | ހުކުރު 13:34ތ. ބުރުނީ ކައުންސިލުން "ވިޔަ" މޮޑިއުލްގައި ހިސާބުތައް ރެކޯޑުކުރުމުގައި ހެދި ގޯހަކުން، މާލީ ބަޔާނުގެ އަދަދުތަކާއި ކައުންސިލްގެ ހިސާބުތަކާ ދިމާނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. އެހެންކަމުން، ބަޖެޓުގެ އަދަދުތައް ސިސްޓަމަށް ރަނގަޅަށް އެންޓަރކޮށް، މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ ކައުންސިލަށް އަންގާފައި


ރައީސުލްޖުމްހޫރިއްޔާ، ތ. ބުރުނީ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނާ ބައްދަލުކުރެއްވުން | ރައީސް އޮފީސް
ތ. ބުރުނީ ކައުންސިލުން 2024 ވަނަ އަހަރު ފާސްކުރި ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ ރިވައިޒްޑް ބަޖެޓުގެ އާމްދަނީ އާއި ޚަރަދު އަދަދުތައް ކައުންސިލްގެ ހިސާބުތަކާ ދިމާނުވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން އާންމުކޮށްފައިވާ ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ ކައުންސިލް އިދާރާގެ ފާސްކުރެވުނު ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ރިވައިޒްޑް ބަޖެޓުގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކާއި، ކައުންސިލްގެ ހިސާބުތަކަށް ބިނާކޮށް އޮޑިޓުން ތައްޔާރުކުރި ރިވައިޒްޑް ބަޖެޓުގެ އަދަދުތަކާ ދެމެދު ތަފާތުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
އެ އޮފީހުން ބުނީ މި ފަރަގު އުފެދެން ދިމާވެފައިވަނީ ކައުންސިލުން ފާސްކޮށްފައިވާ އަސްލު ބަޖެޓުގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި އަދަދުތަކެއް "ވިޔަ" މޮޑިއުލްގައި ހިމަނައި، އެ އަދަދުތައް ހިމެނޭހެން މާލީ ބަޔާނުގައި ރިވައިޒްޑް ބަޖެޓު ހުށަހަޅާފައިވުމުން ކަމަށެވެ. ނަމަވެސް "ވިޔަ" މޮޑިއުލްގައި ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ރެކޯޑުކޮށްފައިވާ އަދަދުތަކަކީ ކައުންސިލުން ފާސްކޮށްފައިވާ އަދަދުތަކެއް ނޫން ކަމާއި، އެ އަދަދުތައް އެގޮތަށް ހިމެނިފައި ވަނީ، ހިސާބުތައް ބެލެހެއްޓުމުގައި ދިމާވެފައިވާ ކުށަކުންކަން އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ.
އެކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ބުނީ ކައުންސިލް އިދާރާގެ ހިސާބުތައް ބަލަހައްޓާ ސިސްޓަމްގައި ބަޖެޓް އަދަދުތައް ރަނގަޅަށް ހިމެނުމަށް އަންގާ ކަމަށެވެ. އެގޮތުން ފާސްކުރި ބަޖެޓުގެ ގޮތުގައި އަދި ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ވިޔަ މޮޑިއުލްގައި ހިމެނެނީ ކައުންސިލުން ފާސްކުރި ބަޖެޓް އަދި ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރާ ހާލަތުގައި ފާސްކުރާ ބަޖެޓްގެ އަދަދުތައް އެކަނިކަން ކަށަވަރު ކުރުމަށް އަންގާ ކަމަށާއި މާލީ ބަޔާން ތައްޔާރުކުރުމުގައި މާލީ ބަޔާނުގައި ހިމަނާ އަދަދުތަކަކީ ތަނުގެ ހިސާބުތަކާ އެއްގޮތް ސައްހަ އަދަދުތަކެއް ކަން ޔަގީން ކުރުމަށް ވެސް އެ އޮފީހުން ވަނީ އަންގާފަ އެވެ.











