ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައިނުވާއިރު އިދާރާގެ ހިސާބުތަކާއި ހުށަހެޅި ހިސާބު ދިމާ ނުވޭ: އޮޑިޓް ރިޕޯޓު
21 ސެޕްޓެމްބަރު 2026 | ހޯމަ 06:58ތ. ވިލުފުށީ ކައުންސިލުން ގާނޫނީ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު، ފަހުން ހުށަހެޅި ހިސާބުތަކާއި "ވިޔަ މޮޑިއުލް" ގެ ރެކޯޑުތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރިކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. އެގޮތުން އާމްދަނީ އާއި ހަރަދުގެ ހިސާބުތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ފަރަގު ހުރުމުން، މާލީ ނިޒާމު ހަރުދަނާކޮށް ސައްހަ މައުލޫމާތު ހިމެނޭހެން ރިޕޯޓުތައް ތައްޔާރުކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައި


ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލުފުށީ ކައުންސިލާ ބައްދަލުކުރެއްވުން | ރައީސް އޮފީސް
ތ. ވިލުފުށީ ކައުންސިލުގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަހަޅާފައި ނުވާކަމަށާއި ފަހުން ހުށަހަޅާފައިވާ މާލީ ބަޔާންތަކާއި އިދާރާގެ ހިސާބުތަކާ ދެމެދު ފަރަގުތަކެއް ހުރި ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ހާމަކޮށްފައިވާ ތ. ވިލުފުށީ ކައުންސިލުގެ އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ، ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، އެ ގާނޫނުގެ ދަށުން ކަނޑައަޅާ މާލީ ޒިންމާދާރުވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި، މާލީ ހިސާބުތަކާ އިދާރާގައި ހިނގި ކަންތައްތަކުގެ ރިޕޯޓު ހިމަނައިގެން އަހަރީ ރިޕޯޓެއް، އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އެ ރިޕޯޓު ތައްޔާރުކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާއި ބެހޭ ސަރކިއުލާ އިން ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ އޮނިގަނޑާ އެއްގޮތަށް ކަމަށް ވެސް އޮޑިޓް އޮފީހުގެ ރިޕޯޓުގައިވެ އެވެ.
އެ އޮފީހުން ބުނީ، އެހެން ނަމަވެސް، ވިލުފުށީ ކައުންސިލުގެ އިދާރާ އިން 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ތައްޔާރުކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާންތައް އޮޑިޓުކުރުމަށް އެ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އޮޑިޓްގެ ފީލްޑް މަރުހަލާގައި މާލީ ބަޔާން އޮޑިޓަރުންނާ ހިއްސާ ކޮށްފައިވީ ނަމަވެސް، ކައުންސިލް އިދާރާ އިން ހިއްސާކޮށްފައިވާ މާލީ ބަޔާންތަކުގެ ތެރޭގައި ހިމެނޭ "ފާސް ކުރެވުނު ބަޖެޓާއި، އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި އާމްދަނީ އަދި ޚަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކާ ވިޔަ މޮޑިއުލް އިން އާމްދަނީ އަދި ޚަރަދުގެ ގޮތުގައި ދައްކާ އަދަދުތަކުގައި ފަރަގު ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން ލިބުނު ފައިސާގެ ފަރަގުގެ ގޮތުގައި 811،302 ރުފިޔާ އަދި ކުރެވުނު ޚަރަދުގެ ޖުމްލައިގެ ފަރަގުގެ ގޮތުގައި 2،402 ރުފިޔާ ފާހަގަ ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
މިކަން އިސްލާހު ކުރުމަށް ލަފާދީ އެ އޮފީހުން ބުނީ، ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ކަނޑައަޅާފައިވާ އޮނިގަނޑާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން، ލޯކަލް ކައުންސިލްތަކުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާފައިވާ ގޮތަށް "ވިޔަ މޮޑިއުލް" ގައި ކައުންސިލްގެ އިދާރާގެ މާލީ މުއާމަލާތްތަކާ މާލީ ކަންކަމާ ގުޅޭ މައުލޫމާތު ގަވާއިދުން ފުރިހަމަކޮށް، އަދާހަމަކޮށް ބެލެހެއްޓުމާއި އެ ރެކޯޑުތަކަށް ބިނާކޮށް މާލީ ބަޔާން ތައްޔާރުކުރުމާއި، މާލީ ބަޔާންތައް ހުށަހެޅުމުގެ ކުރިން އެ މާލީ ބަޔާންތަކަކީ އިދާރާ އަށް ލިބުނު ފައިސާ އާއި ކުރެވުނު ހޭދައާއި، މާލީ އަހަރު ނިމުނުއިރު ބާކީ ހުރި ފައިސާ ފުރިހަމައަށް ތެދުވެރިކަމާއެކު ހަގީގަތާ އެއްގޮތަށް ދައްކުވައިދޭ މާލީ ބަޔާންތަކެއް ކަން ކަށަވަރުކުރުމަށް ވެސް އެ އޮފީހުން ވަނީ އެ ކައުންސިލަށް އަންގާފަ އެވެ.











